ރާއްޖޭގެ މައި ދޮރާށި، ވީއައިއޭގެ ޒަމާނީ އާ ޓާމިނަލް ދައްކާލައިފި

21 އެޕްރީލް 2022 - 13:00

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޒަމާނީ އާ ޓާމިނަލް ނިމުމުން ހުންނާނެ ގޮތުގެ ތްރީޑީ ކުރެހުންތަކެއް ދައްކާލައިފިއެވެ.

ވީއައިއޭގެ ފޭސްބުކް ޕޭޖުން އާންމުކޮށްފައިވާ އެ ކުރެހުންތަކުގެ ފޮޓޯ ފިޔަވާ އިތުރު އެއްވެސް މައުލުމާތެއް ހާމަނުކުރެ އެވެ.

advertisement

ފޮޓޯތަކުން ފެންނަނީ ޓާމިނަލްގެ ކުރިމަތިން ހުދު ކުލައިގެ ވިދިވިދިގެން އަންނަ ރާޅުބާނިތަކެކެވެ. ބޭރުން ފެންނަ ފާރުތައް ހަދާފައި ހުންނަނީ ހުދު ކުލައިން, ހުކުރު މިސްކިތުގައި ފެންނަން ހުންނަ ހިރިގަލުގެ ކުރެހުންތައް އަސްލަކަށް ބަލައިގެންނެވެ. އަދި ޓާމިނަލް ވަށައިގެން ބިއްލޫރި ޖަހާފައި ހުންނަ އިރު, ގުދުރަތީ އަލި އެތެރެއަށް ވަންނާނެއެވެ.

އެއާޕޯޓުގެ ހުޅަނގު ދެކުނު ފަރާތުން އަލަށް ހިއްކި 73,000 އަކަ މީޓަރުގެ ބިމުގައި ހަދާ ޒަމާނީ ޓާމިނަލަކީ ސައުދީ އަރަބިއްޔާގެ ބިން ލާދިން ގުރޫޕާ ހަވާލުކޮށްގެން ހަދާ ތަނެކެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ 16 މެއި 2016ގަ އެވެ.

އޭރު ރާވާފައި އޮތީ 2018 ވަނަ އަހަރު ނިންމައި, 2019ގައި ބޭނުންކުރާ ގޮތަށެވެ. ފަހުން އެ ޓާމިނަލް ނިންމަން ކަނޑައެޅީ މިއަހަރުގެ ނިޔަލަށެވެ. ނަމަވެސް މި ސަރުކާރު އައިފަހުން, މަޝްރޫއު ކޮންމެވެސް ވަރަކަށް މަޑުޖެހިފައި އޮތުމަށްފަހު, ޑިޒައިނަށް ބަދަލުގެނެސް މަސައްކަތް އަލުން ފަށައިގަތީ 2019ގައެވެ.

އެމްސީއެލް އިން ބުނީ އާ ޓާމިނަލްގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށެވެ. އަދި މިހާރު ކޮންކްރޯޓު މަސައްކަތް އެއްކޮށް ނިންމާލައިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ޕްރީޕެބް މެޓީރިއަލް އިން ހަދާފައިވާ ދަގަނޑު ސްޓްރަކްޗާތައް ރޭވުމުގެ މަސައްކަތް ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

އާ ޓަމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޓާމިނަލެކެވެ. އަދި އާ ޓާމިނަލުން އެއްފަހަރާ 3000 މީހުންނަށް ހިދުމަތް ދެވޭނެއެވެ.

ރިއެކްޝަންސް
1
0
0
0
0
0
0