އެހެންމީހުން “ކޮންޓްރޯލް” ކުރަން ހިތްއެދޭނަމަ އެއީ އަސްލުވެސް ގޯހެއްތަ؟
28 އެޕްރީލް 2022 - 10:18
ގެވެށި ގުޅުންތަކާއި އެހެނިހެން ބައެއް ގުޅުންތަކުގައި ހިމެނޭ އަނެކުން ތިބާގެ މިލްކަކަށް ހަދަން މަސައްކަތް ކުރެވޭ ހެއްޔެވެ؟ ނޫނީ އެހެން އުޅޭ ރަޙްމަތްތެރިއެއް ނުވަތަ ބައިވެރިއެއް ދަންނަމު ހެއްޔެވެ؟ އެބާވަތުގެ މީހުން އަހަރެމެންގެ ތެރޭގައި ގިނައެއް ނޫންހެއްޔެވެ؟ އަނެކާ އާއި އޮންނަ ގުޅުމުގެ ސަބަބުން އޭނާގެ ހުރިހާ ޝުޢޫރަކާއި އިޙްސާސަކާއި މިލްކުކޮށް މުޅި މީހާގެ ދިރިއުޅުން ކޮންޓްރޯލްކުރުމަށް މިފަދަ މީހުން ބޭނުންވެއެވެ. ސަމާލުކަން ތިމާ ނޫން މީހަކަށް ނުދީ އަބަދުމެ ތިމާގެ ކަންކަމުގައި އުޅެން ބައިވެރިޔާ ނޫނީ ރަޙްމަތްތެރިއަކަށް މަޖުބޫރުކުރުވުމުން އޭނަ އަށް އަންނަ ފިއްތުމުގެ ސަބަބުން އެމީހާގެ ނޭވާ ހާސްކޮށްލައެވެ. މިބާވަތުގެ މީހުން ބޭނުންވަނީ އެމީހާ ވަށައިގެން މުޅި ދުނިޔެ އެނބުރޭށެވެ. ގުޅުންތައް ހީނަރުވެ ކެނޑިގެން ނުދަނީސް މިކަމާއިމެދު ވިސްނާލެއްވުން ކީއްތޯއެވެ؟
މިއީ އަސްލު ކިހިނެއް ވާ ކަމެއް ހެއްޔެވެ؟
މީހަކު މިހާ ބޮޑަށް އެމިހާގެ ވަށައިގެންވާ ކަންކަން ‘ހަންމަތަ’ ކުރަން މަސައްކަތް ކުރަން ދިމާވާ ބައިވަރު ސަބަބު ހުރެދާނެއެވެ. އެކަމަކު މައިގަނޑު ގޮތެއްގައި މިހެން ދިމާވަނީ ޕާސަނަލިޓީ ޑިސްއޯޑާސް ނުވަތަ އެންޒައިޓީ ޑިސްއޯޑާސް ހުންނަ މީހުންނަށް ކަމަށް ތަފާތު މަސްދަރުތަކާއި ޙަވާލާދީ ސައިކޮލޮޖިސްޓުންނާއި ވަޞޭހަތްތެރީން ބުނެއެވެ. މިބާވަތުގެ މިޒާޖު ހުންނަ މީހުންނަށް ދިރިއުޅުމުގެ ކަންކަމުގައި ހަމަޖެހި އަމާންކަން އިޙްސާސްކުރެވޭނީ ދިމާވާ އެންމެންނާއި ދިމާވެދާނެ ހުރިހައި ކަމަކާއި ދޭތެރޭ ވިސްނާ ފިކުރުކުރުމަށްފަހު އެކަންކަން އެމީހުން ބޭނުންވާ ގޮތަކަށް ހަމަޖައްސައިގެންނެވެ. އެމީހުންނަށް އިތުބާރުކުރެވޭ މީހަކުވެސް ނުހުންނާނެއެވެ.
މިގޮތަށް ހުރިހާކަމެއް ކޮންޓްރޯލް ކުރަން ބޭނުންވާ މީހުންގެ ތެރޭގައި ކުޑައިރުގެ ‘ޓްރޯމާ’ އަކުން އަރައިނުގަނެވިގެން އުޅޭ މީހުން ގިނަ ކަމަށްވެސް ބެލެވެއެވެ. މީހުނަށް އިތުބާރުކުރުމަކީ އިންސާނީ ތަބީޢީކަމެކެވެ. އެހެންކަމުން އިތުބާރުނުކުރެވޭނީ ހަޔާތުގައި މީހާއަށް ކުރެވޭ ތަޖުރިބާތަކެއްގެ ސަބަބުންކަން ޔަޤީންވެއެވެ. މިސާލަކަށް ޅަފަތުގައި މައިންބަފައިންގެ އަޅާލުން ކުއްޖާއަށް ބޭނުންވާ މިންވަރަށް ނުދެވޭ ކުއްޖަކު މީހަކާ އިނދެ ދަރިއަކު ލިބުމުން އަނބިމީހާއަށް ނުވަތަ މީހާއަށް ދަރިފުޅު މާ މުހިންމުހެން ހީވެ ހަސަދައެއް އުފެދުމަށް މެދުވެރިވެއެވެ. އޮންނަން ނުޖެހޭ ނުތަނަވަސްކަމެއް އެދޭތެރެއަށް ވެރިވެ ގެވެށި އަނިޔާކަމުގައި ބެލެވޭ ކަންކަމާއި ހަމައަށް ހާލަތުފޯރުމަކީ މިފަދަ މީހުންގެ އާއިލާތަކަށް ކުރިމަތިވާ ކަމެކެވެ.
މިފަދަ ކޮންޓްރޯލް ފްރީކް މީހުންގެ ފަރާތުން ފެންނަ އެހެން ކަމެއްގެ މިސާލެއް އަދި ފާހަނގަކޮށްލާނަމެވެ. ބައިވެރިޔާއަށް ފާރަލުމާއި ބައިވެރިޔާ އަޅާ ކޮންމެ ފިޔަވަޅެއްގެ ފަހަތުން ފިޔަވަޅެއް އެޅުމެވެ. ވަޒީފާއަށް ދާ އަންބަކު ނުވަތަ ފިރިއަކު މަސައްކަތްކުރާ ތަނެއްގައި އުޅޭ މީހަކާއި ވާހަކަ ދައްކަންޖެހޭ ކިތަންމެ ފަހަރު އަންނާނެއެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކީ ބައިވަރިޔާ އާއި މައްސަލަ ޖެހޭ ފަހަރަކަށް ވަންޏާ ކޮންމެވެސް އެއްކަމެއް ދޫކޮށްލަން ޖެހޭނެނޫންތޯއެވެ؟ އެކަން ހުއްޓުވޭނީ ދެމީހުންވެސް ގޭގައި ތިބޭނަމަ ތާއެވެ. މިފަދަ ހާލަތްތަކާއި ހެދި އާއިލާއާއި ގާތްމީހުންގެ މެދުގައި ސީރިޔަސް މައްސަލަތައް ޖެހި މީހާ ބާކީވުން ގާތެވެ. އެކަނިވެރިވުމަކީ އެކަމުގެ ސަބަބުން އިތުރު ނަފްސާނީ ބަލިތައް ކުރުވާކަމެއް ކަމުން، ތިމާއަކީ މިފަދައިން ކަންކަން ކުރެވޭ މީހެއް ހެން ހީވާނަމަ ނަފްސާނީ އެހީ ހޯދުން މުހިންމެވެ.
މިބާވަތުގެ މީހުން ދެނެގަންނާނީ ކިހިނެއް؟
ކަންކަން ކުރުމުގައި އެމީހުން ބޭނުންވާ ގޮތް ނޫން ގޮތްގޮތަށް ޢަމަލުކުރަންޏާ ހިތްހަމަނުޖެހި އަޑުގަދަކުރުމާއި ކުޑަ ކުޑަ ޒާތީ ކަންކަމުގައިވެސް ގޮތް ނިންމައި އެގޮތަށް ޢަމަލުކުރުމަށް އަންގާނެއެވެ. އަދިވެސް ފާހަގަ ކުރެވޭނެއެވެ. އެއްވެސް ކަމެއްގައި އެމީހުން ޒިންމާ ނުނަގާނެއެވެ. އެއީ ކިތަންމެ ހާމައަށް ފެންނަން އޮތް ކަމަކަށް ވިޔަސް ހެވެއެވެ. ދެވޭނެ ތަންތަނާއި ނުދެވޭނެ ތަންތަނާއި ބައްދަލު ކުރެވޭނެ މީހުންނާއި ނުކުރެވޭނެ މީހުންނަކީ ކޮބައިކަން އަނެކާއަށް އަންގައި، ރުޅި އިސްކޮށް ކުޑަކުޑަ މައްސަލަތަށް ބޮޑުކޮށްލައިގެން، ކުޑަވެސް މިންވަރަކަށް ގޮތްދޫނުކޮށް އެމީހުންގެ ކޮޅަށް ނިމެންދެން މައްސަލައެއް ކޮޅެއްގައި ނުޖެހުން މިއީ މިފަދަ މީހުންގައިން ފެންނަ ސިފަތަކެވެ.
އެއިން މީހަކާއި އެއްކޮށް ދިރިއުޅޭނަމަ ދިރިއުޅުމުގެ މާލީ ކަންކަމުގެ ހުންގާނުގައި ހުންނަން ބޭނުންވާނީ އޭނައެވެ. ދެމީނުންނަށް ލިބޭ ފައިސާއެއްވެސް ޚަރަދު ކުރެވޭނެ ގޮތާއި ގަނެވޭނެ ތަކެއްޗާއި ނުގަނެވޭނެ ތަކެތި ކަނޑައަޅާނީ އޭނައެވެ. ލިބޭ ފައިސާއަށް ވާއެއް ނުވާއެއް ނާންގާނެއެވެ. ދޮގު ހަދައި އަޞްލު އޮޅުވާލައިގެން ވިޔަސް ދިރިއުޅުމުގެ އެންމެހައި ކަމެއް އެމީހުންގެ ސީދާ ބެލުމުގެދަށުގައި އަބަދުވެސް ބަހައްޓަން އެމީހުން މަސައްކަތްކުރެއެވެ.
ނިކުންނާނެ މައްސަލަތަކަކީ ކޮބާ؟
ދޭދޭ ގުޅުންތައް މިގޮތަށް ކޮންމެވެސް އެއްފަރާތަކުން ކޮންޓްރޯލް ކުރަންއުޅުމުން ހުރިހާ ފަރާތަކަށް ފިއްތުން ކުރިމަތިވެ ގުޅުން ހީނަރުވާން މެދުވެރިވުން ނޫންކަމެއް ނުވެއެވެ. ގެއަށް ވަންނަ ކޮންމެ ގަޑިއަކީ ގޭގައި އިންނަ ބައިވެރިޔާގެ ‘ހޫނު ގޮނޑި’ އަށް އަރައި ‘ރެޕިޑް ފަޔަރ’ ބުރަކަށް އަރަންޖެހޭ ގަޑިއަކަށް ވުމުން ލޯބި ނަފްރަތަށް ބަދަލުވެއެވެ. މިކަމުގައި ވަކި ޖިންސެއް އަނެއް ޖިންސަކަށް ދުލެއް ނުކުރެއެވެ. ޚާއްސަކޮށް ގެވެށި ގުޅުންތަކަކީ އެކަކު އަނެކަކަށް އޮންނަ އިތުބާރެއްގެ މައްޗަށް ހެދި ފޯދޭ ގުޅުންތަކެވެ. މައިންބަފައިންނާއި ދަރީންކަމުގައި ވިޔަސްމެއެވެ.
ކަމަކާއިހެދި މާބޮޑަށް އުނދަގޫވުމުން ހަމަ ކޮންމެ އިންސާނަކަށްވެސް ރުޅި އިސްކުރެވި އަތުންފައިން ގޯސް ހެދޭނެއެވެ. ނުރުހޭ މީހަކާއި ވާހަކައެއް ދައްކާލީތީ އެންމެ ގާތް ރަޙްމަތްތެރިޔާ ފަޟީހަތްވާ ޒާތުގެ ވާހަކަ ހިސާބުގަނޑު އެންމެންނަށް އިޢުލާންކޮށްލާނީ ތޯއެވެ؟ މިއިން ޙާލަތެއްގައި އުފެދޭ ބަދަލު ހިފުމުގެ ރޫޙު އާދަޔާ ޚިލާފަށް ގެއްލުން ބޮޑުވެގެން ދެއެވެ. ކޮންމެ ނަމެއް ކިޔަސް ހަސަދައާއި ފިތުނައިގެ އަލިފާނަކީ މުޖްތަމަޢެއްގެ ހަލާކު ނޫން ކަމަކަށް ނުވާނެއެވެ.
އެންމެ އެދެވޭ ގޮތަކީ ކޮބާ؟
ވާހަކަ ދައްކާށެވެ. އިޙްސާސްތައް އަނެކާއާއި ރީއްޗަށް ޙިއްސާކުރާށެވެ. މިއީ އަހަރެމެންގެ މުޖުތަމައުގައި ވަރަށް ކޮށި ކަމެކޭވެސް ބުނެވިދާނެއެވެ. ތެދައް ކަން ކުރަންވާގޮތަށް ތިމާއަށް ކުރެވޭ އިޙްސާސްތައް ބަންޑުންކޮށްލެވެނީ މަދު މީހަކަށެވެ. ކޮންމެ ގުޅުމެއްގައިވެސް ދެފަރާތް ނޫނީ އެއައްވުރެ އިތުރު ފަރާތްތައް ޙިއްސާވާނެއެވެ. އެއިން ކޮންމެ މީހެއްގެ އިޙްސާސާއި ވާހަކައަކީ ގުޅުން ދެމެހެއްޓުމަށް މުހިންމު އެއްޗެކެވެ. ގުޅުންތަކަށް އިޙްތިރާމް ކުޑަކޮށް ތިމާއާއި ގުޅޭ ހަމަ ކޮންމެ ފަރާތެއް ‘ފެލޭހާތެތްކުރަން’ ނޫޅޭށެވެ. ނަފްސާނީ އެހީތެރިމަކަށް ބޭނުންވާނަމަ ލަދު ކަނޑާލައި އެހީތެރިކަން ހޯދަން ނިކުންނާށެވެ.
ކޮންމެ މީހެއްގެވެސް ހަޔާތުގެ ‘ބޮސް’ އަކީ އެމީހާކަން ވިސްނާށެވެ. އެއްވެސް މީހަކީ ތިމާގެ އަމިއްލަ މިލްކަކަށް ހަދަން އުޅުމަކީ ބޭކާރު ކަމެއްކަން ދަންނާށެވެ. ޗޭނު ޖަހާފައި ބަހައްޓާ ދޫންޏެއް ގާތުގައި ހުރެދާނެއެވެ. އެހެނެއް ކަމަކު ދޫނި އޮޅުވިވަރެއް އެނގޭނީ ޗޭނު ކަނޑާލެވުނީމަތާއެވެ!