ރިޕޯޓު: ފަތުރުވެރިކަމުގެ ދާއިރާ މުވައްޒަފުންގެ ތުނބުޅި
3 މެއި 2022 - 15:07
ގަދީމީ ޒަމާނުގައި ފިރިހެނުން ތުބުޅި ބާލައި އުޅުނީ ހޫނުގަދަ މާހައުލުގައި ދިގު ތުނބުޅީގައި ފަސޭހައިން އުކުނާއި ފަންގަލް އިންފެކްޝަން އުފެދޭތީވެ، އެކަމުން ސަލާމަތްވުމަށާއި ގަދަ ހޫނުގެ ސަބަބުން ދާހިއްލުމުން ގައިގައި ނުބައިވަސް ހިފިޔަނުދިނުމަށްޓަކައެވެ. ފައިސާ ހުރިއްޔާ ތުބުޅި އޮމާންނުކޮށް އެއްވެސް ފިރިހެނެއް އެޒަމާނުގައި ނޫޅެއެވެ. އެހެން ކަމުން ތުބުޅި ދިގުކޮށް ތިބޭ މީހުންނަކީ ނުތާހިރު، ފަގީރު، ކަންނެތް ބައެއްގެ ގޮތުގައި ބެލެވެންފެށުނެވެ. މި ގަބޫލުކުރުންތަކަށް ބިނާކޮށް، އޮމާންކޮށް ތުނބުޅި ބާލާފައި ތިބޭ ފިރިހެނުންނަކީ ފައިސާވެރި ހައިބަތުހުރި ސާފުތާހިރު ފިރިހެނުން ކަމުގައި އޭރުގެ މުޖުތަމައުތަކުން ދެކެންފެށިއެވެ.
މިގަބޫލުކުރުންތައް ޔޫރަޕާއި މިޑިލް އީސްޓް އަދި އޭޝިއާގެ ގައުމުތަކަށް ފެތުރިގެން ދިޔައީ އޭގެ ފަހުން އައި އެއްހާސް އަހަރުތެރޭގައެވެ. ބައެއް ހިސާބުތަކުގެ މީހުން ތުބުޅި ރީތިކޮށް ކޮށައި ގެންގުޅުނުއިރު، އަނެއްބައި ހިސާބުތަކުގެ މީހުން ތުބުޅި އެކީ އޮމާންކޮށް ބާލައި އުޅުނެވެ. އެޒަމާނުންފެށިގެން މިއަދާއި ހަމައަށްވެސް އެކި ހިސާބުތަކަށް ނިސްބަތްވާ މީހުން އެކި ސަބަބުތަކަށްޓަކައި ނުވަތަ ގަބޫލުކުރާ ވަކި ހަމަތަކެއްގެ ސަބަބުން ތުބުޅި ބާލައި ނުވަތަ ދިގުކޮށް ހަދައެވެ.
ޓޫރިޒަމް އިންޑަސްޓްރީ
ތާރީހީގޮތުން ބަލާއިރު، ތުނބުޅި ބެހެއްޓުމާއި ބޭލުމާއި މެދު މީހުން ދެކޭގޮތާއި ގަބޫލުކުރާ ގަބޫލުކުރުންތަކަކީ ސާފުތާހިރުކަމާއި ގުޅިފައިވާ ކަމެއްކަން ހާމަވެއެވެ. އޭރުގެ ތަނާއި ހާލަތަށް ބިނާކޮށް މީހުން ގަބޫލުކުރި ހަމަތަކާއި އުސޫލުތައް ދުނިޔެ ބަދަލުވެ ޒަމާން ބަދަލުވީއިރުވެސް އަދިވެސް (ތުނބުޅި ބޭލުމާއި މެދު) ބަދަލު ނުވެ އެބަހުއްޓެވެ. ހާއްސަކޮށް ޓޫރިޒަމް ފަދަ ސާވިސް ސިނާއަތްތަކުގެ މަސައްކަތްތެރިންގެ ޔުނިފޯމުގެ ބައެއްގެ ގޮތުން ތުނބުޅި ބާލައި އޮމާން ކުރުމަކީ މިހާރުވެސް ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އޮންނަ އާއްމު ޕްރެކްޓިސްއެވެ.
ކޮންމެ އަހަރެއްގެ މޭ ޑޭ ނުވަތަ މަސައްކަތްތެރިންގެ ދުވަހު ޓޫރިޒަމް ދާއިރާގެ މުވައްޒަފުން އަޑު އުފުލާ ކަންކަމުގެ ތެރޭގައި ހިމެނޭ، އެކަމަކު ކަމާއި ބެހޭ ފަރާތްތަކުން އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދޭ އެއް ވާހަކައަކީ ވެސް މިއީ އެވެ. މުވައްޒަފުންގެ ތުނބުޅި މަތިމަހުގެ މައްސަލައެވެ. މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހުވެސް މަސައްކަތްތެރިންވަނީ ތުނބުޅި ބެހެއްޓުމުގެ ހައްގު ލިބެންޖެހޭކަމަށް ބުނެ އަޑުއުފުލާފައެވެ. ގާނޫނު އަސާސީ ގައި ކޮންމެ ދިވެއްސަކުވެސް މުސްލިމަކަށް ވާން ޖެހޭނެކަމަށް ބުނެފައިވާއިރު، ތުނބުޅި ބެހެއްޓުމުގެ އިހްތިޔާރު ލިބިފައި އޮތުމަކީ މުސްލިމުންގެ އަގީދާ ޕްރެކްޓިސް ކުރުމަށް ބޭނުންވާ އަސާސީ މިނިވަންކަމެއްގެ ގޮތުގައި، ހިޔާލުފާޅު ކުރި ބައެއް މަސައްކަތްތެރިން ފާހަނގަކޮށްފައިވެއެވެ.
ތުނބުޅި މަތިމަސް ބެހެއްޓުމުގެ ހުއްދަ ސިފައިންނާއި ފުލުހުންނަށް ދީފައިވަނީ 2013 ވަނަ އަހަރުގައެވެ. އޭރުގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ވިދާޅުވެފައިވަނީ މިގޮތަށް އުސޫލު ބަދަލު ކުރީ ދީނީ އަދި އިންސާނީ ހައްގުތަކުގެ މައްޗަށް ބިނާކޮށްކަމަށެވެ. މި ހަމައާއި އުސޫލުގެ ދަށުން، ޓޫރިޒަމްގެ މަސައްކަތްތެރިންނަށް ވެސް ތުނބުޅި ކުރުކޮށް ބެހެއްޓުމުގެ ހުއްދަ ލިބުމަކީ ވެދާނެ ކަމެއްބާއެވެ؟ ޓޫރިޒަމްގެ މުވައްޒަފުންގެ ތުނބުޅި ބާލަން މަޖުބޫރު ކުރަނީ ވަޒީފާދޭފަރާތުންނެވެ. ސަލާމަތީ ބާރުތަކުގެ މުވައްޒަފުންގެ ވަޒީފާދޭ ފަރާތަކީ ސަރުކާރު ކަމުން، އެ މުވައްޒަފުންނާ ގުޅޭ ގަވާއިދުތައް ސަރުކާރަށް ފަސޭހައިން ބަދަލުކުރެވުނަސް، ޓޫރިޒަމް އިންޑަސްޓްރީ އިން އަމިއްލައަށް ގެންގުޅޭ ތުނބުޅީގެ ގަވާއިދު ބަދަލުކުރުމަށް ސަރުކާރުން މަސައްކަތްކޮށްފާނެތޯ މިއީ އުފެދޭ ސުވާލެކެވެ.
ތުނބުޅި ބެހެއްޓުމާއި ދެކޮޅު ރިޒޯޓު މެނޭޖަރެއްގެ ބަސް
މި އުސޫލާއި މެދު އަޅުގަނޑު ވާހަކަ ދެއްކި ފަސްތަރީގެ ރިޒޯޓެއްގެ ޖީއެމް ވިދާޅުވީ ތުނބުޅީގެ މައްސަލައިގައި ވަރަށް ގިނަ ފަހަރު ރިޒޯޓު މެނޭޖްމަންޓުން މަޝްވަރާކޮށްފި ކަމަށާއި ކޮންމެ ފަހަރަކުވެސް އެކަމަށް ހުއްދަ ނުދޭން ނިންމަނީ މުވައްޒަފުންގެ ގްރޫމިން ސްޓެންޑާޑް ރިޒޯޓުން ހިތްހަމަޖެހޭ ފެންވަރަށް ނުހުންނާތީ ކަމަށެވެ. އެގޮތުން ތުބުޅި ނުކޮށުމާއި، ސާފުކޮށް ނުބެލެއްޓުމަކީ އެންމެ ބޮޑު ކޮންސާން ކަމަށާއި އެހާ ގިނަ މުވައްޒަފުންގެ ހައިޖިން ކޮންމެދުވަހަކު ޗެކް ކުރުމަކީ ދަތިކަމަކަށްވާނެތީ ގްރޫމިން ޕޮލިސީ ބަދަލުކުރެވެން އަދި ނެތީ ކަމަށެވެ. ނަމަވެސް ބައެއް ރިޒޯޓުތަކުގައި މިހާރު މުވައްޒަފުންނަށް ތުބުޅި ކުރުކޮށް ބެހެއްޓުމުގެ ހުއްދަ ދޭކަން ފާހަނގަކުރަމުން އޭނާ ބުނީ އެ ތަންތަނުގައިވެސް ތުނބުޅި ދިގުކުރެވޭ ވަކި ދިގުމިނަކާއި ވަކި އުސޫލުތަކެއް ހުންނަކަމަށެވެ. އެގޮތުން އޭނާ ބުނީ އެއްވެސް މުވައްޒަފަކަށް އެކިދުވަހު އެކި ގޮތަށް ތުބުޅި ބެހެއްޓުމުގެ ހުއްދަ އެއްވެސް ރިޒޯޓަކުން ނުދޭކަމަށެވެ.
ރިޒޯޓު މުވައްޒަފެއްގެ ބަސް
ގާނޫނު އަސާސީ އާއި ވަޒީފާއާއި ބެހޭ ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތަކުގެ ތެރެއިން ބައެއް ހައްގުތަކުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ވަނީ ފެށުނީއްސުރެންވެސް އިސްތިސްނާކޮށްފައެވެ. ގާނޫނު އަސާސީ އާއި ފުށުއަރާ ގޮތަށް، ނުވަތަ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ހައްގެއް ގާނޫނަކުން ހަނިކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވީ ހިނދުވެސް، ގާނޫނު އަސާސީ އިން ހުރިހާ ރައްޔިތުންނަށް ލިބިދޭ ހަޅުތާލުކުރުމުގެ ހައްގަކީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ގާނޫނަކުން ހަނިކޮށްފައިވާ ހައްގެއްކަން ފާހަނގަކުރެވެއެވެ.
މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ފަރާތަކުން މިކަމާއިމެދު ވާހަކައްދައްކަމުން ބުނެފައިވަނީ ޓޫރިޒަމް ސިނާއަތަކީ “ދޮން މީހުން” އުފާކޮށްދީގެން އާމްދަނީ ހޯދާ ސިނާއަތެއް ކަމުން، މެޑީވިއަލް ޒަމާނުގައި ދޮން މީހުން ގަބޫލުކުރަންފެށި ގަބޫލުކުރުމެއްގެ މައްޗަށް ބިނާކޮށް އަދިވެސް މި ދާއިރާގެ މަސައްކަތްތެރިންނަށް ޖެހިފައިވަނީ އިންސާނީ ހަމަ ބުއްދި ގަބޫލުކުރާ ހަމައެއް ނެތެއް ކަމަކު ތުނބުޅި ބާލައި އޮމާންކުރުމަށް ކަމަށާއި މިއީ މިހާރު ރިވައިސް ކުރަންޖެހޭ ޕޮލިސީއެއް ކަމަށެވެ.
ތުނބުޅި އާއި ސާފުތާހިރުކަމާއި ގުޅުވައިގެން ދައްކާ ވާހަކަތަކުގެ ތެރޭގައި، ކާއެއްޗެހީގެ ތެރެއަށް ތުނބުޅިން އިސްތަށި ވެއްޓުމުގެ ފުރުސަތު އޮންނަކަމަށް ބުނާއިރު މުވައްޒަފުންގެ އަތުންނާއި، ބޮލުން އަދި ބުމައިންވެސް އިސްތަށި ވެއްޓުމުގެ ފުރުސަތު އޮންނަ އިރު އަތާއި ބޮލާއި ބުމަ ބާލަން ނާންގަނީ ކީއްވެތޯ ސުވާލު އުފައްދަމުން އޭނާ ބުނީ، މިއީ ސާފުތާހިރުކަމާއި ގުޅުން އޮތް ކަމެއް ކަމަށް އޭނާ ގަބޫލު ނުކުރާކަމަށެވެ. އަދި ރިޒޯޓުތަކުން މިކަމާއި ހައިޖިން އާއި ގުޅުވަން މަސައްކަތްކުރި ނަމަވެސް އަސްލު ސަބަބަކީ އެއީ ނޫން ކަމަށާއި، އޭނާ ގަބޫލުކުރާގޮތުގައި ތުނބުޅި ބަހައްޓަން ހުއްދަނުދެނީ ޔޫރަޕްގެ ދޮން މީހުންގެ ހުރި ބޯދާ ގަބޫލުކުރުންތަކާއި އެއްގޮތަށް ރިޒޯޓު މުވައްޒަފުންގެ މޫނުމަތި ބެހެއްޓުމަށްޓަކައި ކަމަށް އޭނާ ގަބޫލުކުރެއެވެ.
“ސައިކޮލޮޖިކަލީ އެމީހުން ކޮންޑިޝަންވެފަ މިތިބެނީ ތުނބުޅިއަކީ ހާއްސަކޮށް އަހަރެމެންގެ ހަމުގެ ކުލަ ހުންނަ މީހުން ތުނބުޅި ބެހެއްޓީމަ އެމީހުންނަށް ގަބޫލުކުރެވެނީ އަހަރެމެން މިއީ ނުސާފުބައެއް ކަމަށް. އެހެންވީމަ ކާއެއްޗިއްސަށް އިސްތަށި އެޅިދާނެތީއެއް ނޫން. ދޮން މީހުން އޮފެންޑު ވެދާނެތީ” ފަސްތަރީގެ ރިޒޯޓެއްގެ ރިޒަވޭޝަން މުވައްޒަފު އޭނާގެ ހިތްހަމަ ނުޖެހުން ފާޅުކުރަމުން ވާހަކަ ނިންމާލަމުން ބުނީ ރިޒޯޓުތަކުގެ ހުރިހާ މުވައްޒަފުންނަކީ ކާބޯތަކެތީގެ ދާއިރާގެ މުވައްޒަފުން ނޫން ކަމަށާއި، ބެކް އޮފީސް މަސައްކަތްތެރިންވެސް ތުބުޅި ބާލަން ޖެހޭ އުސޫލު އޮންނަ އޮތުމަކީ މިކަމުގެ ހެއްކެއް ކަމަށެވެ.
މޫދުކުޅިވަރުގެ މުވައްޒަފުން އަދި ސާފަރުންނާއި ޑައިވަރުންނަކީ ވެސް ފަތުރުވެރިންނަށް ޑައިރެކްޓް ހިދުމަތްދޭ މުވައްޒަފުންނެވެ. ނަމަވެސް އާއްމުކޮށް ތިންވަނަ ފަރާތަކަށް ކޮންޓްރެކްޓް ކޮށްގެން ހިންގާ ޑާއިވް ސެންޓަރުތަކާއި ވޯޓާސްޕޯޓްސް ސެންޓަރުތަކުގެ މުވައްޒަފުންނަށް ބޮލުގެ އިސްތަށި ދިގުކުރުމާއި ތުބުޅި ދިގުކުރުން ހުއްދަ ރިޒޯޓުތައް މިހާރު ރާއްޖޭގައި ކޮންމެވެސް ވަރަކަށް އެބަހުއްޓެވެ. ނަމަވެސް ބައެއް ރިޒޯޓުތަކުގައި މޫދުކުޅިވަރާއި ޑައިވިންގައި އުޅޭ މަސައްކަތްތެރިންނަށްވެސް ތުބުޅިއާއި ބޯ ދިގުކުރުން ހުއްދައެއް ނޫނެވެ.
ގިނަ ރިޒޯޓުތަކުގައި މި އުސޫލު ދެމެހެއްޓިނަމަވެސް މި އުސޫލު ބަދަލުކޮށް މުވައްޒަފުންނަށް ތުބުޅި ކުރުކޮށް ބެހެއްޓުމުގެ ހުއްދަ ދީފައިވާ ރިޒޯޓުތައް މިހާރު ރާއްޖޭގައި އެބަހުއްޓެވެ. ޑަބްލިއު މޯލްޑިވްސްގެ މުވައްޒަފަކު ބުނީ މެނޭޖްމަންޓުން މިހާރުވަނީ ތުބުޅި ބެހެއްޓުމުގެ ހުއްދަ ހުރިހާ މުވައްޒަފުންނަށް ދީފައި ކަމަށެވެ. އަދި ގަވާއިދުން ގްރޫމިން މިންގަނޑަށް މުވައްޒަފުން ތުބުޅި ކޮށައި ސާފުކުރޭތޯ ބަލައި ޗެކް ކުރާކަމަށެވެ. މިހާތަނަށް އެއްވެސް ފަތުރުވެރިއެއްގެ ޝަކުވާ މިކަމާއިމެދު އައިސްފައިވޭތޯ އެހުމުން އޭނާ ބުނީ ގެސްޓުން އެއްވެސް ޝަކުވާއެއް ނުކުރާކަމަށެވެ.
ތުނބުޅީގެ އޮމާންކުރުމުގެ ހަރުކަށި އުސޫލު މަޑުމަޑުން ބަދަލުވެދާނެތަ؟
މިކަމާއި މެދު ލަކްސް މޯލްޑިވްސްގެ ސީނިއާ ޑައިރެކްޓަރ އޮފް ޓެލެންޓް އެންޑް ކަލްޗަރ ބުނީ ލަކްސް އަކީ އިންޓަނޭޝަނަލް ބްރޭންޑެއް ކަމަށާއި، އެ ރިޒޯޓުގެ ޕޮލިސީ އައި.އެލް.އޯ ސްޓެންޑާޑަށް ފެތޭ ޕޮލިސީއެއް ކަމަށެވެ. ނަމަވެސް މަސައްކަތްތެރިންގެ ޑިމާންޑާ އެއްގޮތަށް، މުވައްޒަފުންގެ ތުނބުޅި ބޭލުމަށް ވަޒީފާދޭ ފަރާތަށް މަޖުބޫރު ނުކުރެވޭނޭ ގޮތަށް ސަރުކާރުން އުސޫލެއް ހަދައިފިނަމަ އެ އުސޫލަކާއި އެއްގޮތަށް އަމަލުކުރާނެ ކަމަށެވެ.
ތުބުޅި ބެހެއްޓުމުގެ ހައްގާއި ގުޅިގެން އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ ތުނބުޅި ބޭލުމަށް މީހަކަށް މަޖުބޫރުނުކުރެވޭނެ ދެ ހާލަތެއް ކަނޑައަޅާފައެވެ. އެއީ މީހެއްގެ މަދަނީ ހައްގެއް އުނި ވާ ހާލަތާއި އުފުލަން ނުޖެހޭވަރުގެ ބޮޑު ގެއްލުމެއް މީހާއަށް ކުރިމަތިކުރުވާ ހާލަތެވެ. އެހެންކަމުން، ތުބުޅި ބޭލުމަކީ އެމީހާ ދީނީގޮތުން ގަބޫލުކުރާ ހަމައާއި އުސޫލާއި ފުށުއަރާ ކަމަކަށްވާ ހާލަތުގައި އެމީހާގެ ތުނބުޅި ބޭލުމަށް އެންގުން ވާނީ މަދަނީ އިންސާނީ ހައްގަކަށް އަރައިގަތުން ކަމުގައެވެ. ދެވަނަ ހާލަތުގެ މިސާލަކީ، މުވައްޒަފެއްގެ ހަމުގެ ބައްޔެއްގެ ސަބަބުން ކޮންމެ ދުވަހަކު ތުބުޅި ބޭލުމަކީ ސިއްހީގޮތުން ގެއްލުންވާ ކަމެއް ނަމަ އެ މުވައްޒަފަކަށް ތުބުޅި ބޭލުމަށް ނުއެންގޭނެއެވެ.
މަސައްކަތްތެރިން ބޭނުންވަނީ ހަމައެއް ލަމައެއް ނެތި ތުނބުޅި މަތިމަސް އެކި މިންވަރަށް އެކި ސްޓައިލްތަކަށް ދިގުކުރާކަށް ނޫން ކަން މަސައްކަތްތެރިންގެ ވާހަކަތަކުން ހާމަވެއެވެ. އެހެން ކަމުން ސިފައިންނާއި ފުލުހުންނަށް ވެސް 2 ސެންޓިމީޓަރަށް ވުރެ ދިގު ނުވާނޭހެން ތުނބުޅި މަތިމަސް ބެހެއްޓުމުގެ ހުއްދަ އޮންނަ އުސޫލުގެ މަތިން ޓޫރިޒަމްގެ މުވައްޒަފުންނަށްވެސް މިހައްގު ހޯދައިނުދެވޭނެ ގާބިލު އުޒުރުވެރި އެބައޮތްކަމަށް ގަބޫލުކުރެވޭތޯއެވެ؟