މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
5 މެއި 2022 - 17:05
ރޯދަމަހު އެންމެ ގިނައީ ވައްކަމުގެ މައްސަލަ
ފުލުހުންގެ ތަފާސްހިސާބުން ދައްކާގޮތުގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ.
އޭޕްރީލް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ މަހުގެ ތެރޭގައި ޖުމްލަ 890 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. މީގެތެރޭގައި ވައްކަމުގެ 286 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
އދ.ގައި ބޭއްވި ފަތުރުވެރިކަމުގެ ބަހުސްގައި ރާއްޖޭގެ ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާޙު
ފަތުރުވެރިކަމާ ގުޅޭގޮތުން އދ.ގެ ޢާންމު މަޖިލީހުގައި ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ރައީސް އަދި ރާއްޖޭގެ ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާހް ތަޤްރީރު ކުރައްވައިފި
މި ބަހުސްގައި ޖަނާހް ވަނީ ޢިމާރާތްކުރުމުގެ ސިނާއަތުގައި ޓެކްނޮލޮޖީ އިސްކުރުމާއި، ވޭސްޓް މަދުކުރުމަށް ގޮވާލައްވާފައި.
އިތުރު 19 ރަށަކަށް އެމްބިއުލާންސް ފޮނުވަނީ
ސިއްޙީ ކުއްލި ޙާލަތުގައި ދެވޭ ފަރުވާގެ ޚިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު-19 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
މި މަޝްރޫއުގެ ދަށުން 96 އެމްބިއުލާންސް ރާއްޖެ ގެނައުމަށް މިނިސްޓްރީން ވަނީ އެސްޓީއޯއާ ޙަވާލުކޮށްފައި.
ޤައުމުތައް އާރާސްތުކުރުމަށް ފަތުރުވެރިކަމުގެ ބޭނުންކުރެވިދާނެ: ނައިބު ރައީސް
ކޯވިޑާ ގުޅިގެން ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމުގައި ފަތުރުވެރިކަން މުހިއްމު ވަޞީލަތެއްގެ ގޮތުގައި ބޭނުންކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އދ.ގެ މެމްބަރު ޤައުމުތަކުގެ ކިބައިން އެދިވަޑައިގަންނަވައިފި.
މިބަހުސްގައި ތަޤުރީރުކުރައްވަމުން ނައިބު ރައީސް ފައިސަލް ނަސީމްވަނީ ކޯވިޑުން އަރައިގަތުމަށް ރާއްޖޭގެ ސަރުކާރާއި ވިޔަފާރިވެރިން ގުޅިގެން ކުރެއްވި މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައި.
ނަޝީދަށް އިންސާފެއް ނެތް: ނަޝީދުގެ އާއިލާ
ރައީސް މުހައްމަދު ނަޝީދަށް މީގެ އެއް އަހަރު ކުރިން ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އިންސާފު ގާއިމުކުރެވިފައި ނެތް ކަމަށާއި ހަމަލާ ހިންގުމަށް ފައިސާ ހަރަދުކުރި ފަރާތްތައް ހޯދުމަށްޓަކައި ވަރުގަދަ ތަހުގީގެއް އަދިވެސް ހިންގުމަށް އެދޭ ކަމަށް ރައީސް ނަޝީދުގެ އާއިލާ އިން ބުނެފި.
މިބަޔާނުގައި ބުނެފައިވަނީ ހަމަލާ ދިނުމުގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކޮށް ދައުވާ ކުރި ނަމަވެސް ހަމަލާގެ ކުރީގެ ސަފުގައި ފެނިލި މީހުންގެ ފުރަގަހުގައި ތިބި ފަސް ހަނގުރާމަވެރިންނާ މެދު ދައުލަތުގެ އިދާރާތަކުން އަހަންމިއްޔަތު ކަމެއް ދީފައި ނުވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް.