ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް އަމިއްލަ ފަރުދުންނަށް، ޖަމްއިއްޔާތަކަށް، އަދި ދައުލަތަށް ކުރެވިދާނެ ކަންކަން
9 މެއި 2022 - 15:31
ހަކުރު ބައްޔާއި ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ޑައިބީޓީޒް ފެޑެރޭޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔޭގައި މިހާރު ޢުމުރުން 20 އަހަރާއި 79 އަހަރާއި ދެމެދުގެ ގާތްގަނޑަކަށް 10 އިންސައްތައަކީ ހަކުރު ބަލީގެ ވޭން އެކި މިންވަރަށް ތަޙައްމަލު ކުރަމުންދާ މީހުންނެވެ.
އޭގެ މާނައަކީ އެޢުމުރުގެ 537 މިލިއަން މީހުންނަކީ ހަކުރު ބަލިޖެހިފައިވާ މީހުންނެވެ. އައި.ޑީ.އެފް އިން އަންދާޒާ ކުރަނީ 2045 ވަނަ އަހަރު އަންނަން ވާއިރަށް އެޢަދަދު 783 މިލިއަނަށް އަރާނެކަމަށެވެ. ރާއްޖޭގައި ހަކުރުބަލީގެ 40 ހާހެއްހާ މީހުން އުޅޭނެކަމަށްވެސް އެފަރާތުން އަންދާޒާކުރެއެވެ. އެހެންކަމުން މިއީ ދަޢުލަތުގެ ސިޔާސަތުތައް ކަނޑައަޅާ ވުޒާރާތަކުންނާއި ވަކިވަކި ފަރުދުން ވިސްނަންޖެހިފައިވާ ސިއްޙީ މައްސަލައެކެވެ.
ރާއްޖޭގެ ޑައެޓީޝަނުން މައުލޫމާތުދެއްވާ ގޮތުގައި ޒުވާނުންނާއި ކުޑަކުދިންގެ ތެރޭގައިވެސް ހަކުރުބަލި މިހާރު ދަނީ އާއްމުވަމުންނެވެ.
2019 ވަނަ އަހަރު ދުނިޔޭގައި 9 ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ހަކުރު ބައްޔާއި ސީދާ ގުޅުންހުރި ސިއްޙީ މައްސަލަތަކުގައި ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ބުނެއެވެ. ރާއްޖޭގައި މަރުވާ އާބާދީގެ 85 އިންސައްތަ މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައެވެ. އޭގެތެރޭގައި ހަކުރު ބައްޔާއި އެބަލީގެ ސަބަބުން ދެން ޖެހޭ އިތުރު ބަލިތައް ހިމެނެއެވެ.
ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމަކަށް ވީހިނދު، ބަލިޖެހިފައިވާ މީހުންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށް ދިނުމާއި، ބަލިޖެހޭ މިންވަރު މަދުކުރުމާއި އަދިވެސް ހަކުރުބަލީގެ ރިސްކު އޮތް ފަރާތްތައް ބަލިޖެހުމުގެ ކުރިން ބަލިން ސަލާމަތްކުރުމަށް ކުރެވޭނެ ކަންކަން އެބަހުއްޓެވެ.
ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާ؟
އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންކަން
- ހަށިގަނޑާއި ގުޅޭގޮތަށް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބޭނުންވާ މިންވަރަށް ބަރުދަން ހިފެހެއްޓުން
- ކޮންމެ ދުވަހަކުވެސް މަދުވެގެން ބައިގަޑިއެއް ހާއިރުގެ ކަސްރަތުކުރުން
- ކެއުމުގައި މޭވާއާއި ތަރުކާރީގެ ބާވަތްތަށް ހިމެނުމާއި ހަކުރާއި ސަރުބީ ހިމެނޭ ކާނާ ވީހާވެސް މަދުކުރުން
- މަސްތުވާތަކެތި ބޭނުންކުރުމާއި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުން
- ދޭތެރެދޭތެރެއިން ހަކުރު ޓެސްޓްކުރުން
ޖަމްޢިއްޔާ ޖަމާޢަތްތަކަށް ކުރެވިދާނެ ކަންކަން
- ކަސްރަތުކުރާނެ މައިޒާންތައް ހެދުމާއި މައިޒާންތައް ވީހާވެސް ގިނަބަޔަކަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
- ހަކުރު ބައްލީގެ ސަބަބުން ދިމާވާ ސިއްޙީ މައްސަލަތަކާއި ހަކުރު ބައްޔާއި ގުޅޭގޮތުން މުޖްތަމަޢު ހޭލުންތެރިކުރުވުން
- ހަކުރު ބައްޔާއި ގުޅޭގޮތުން އަޑުއުފުލާ ފަރާތްތަށް ދެނެގަތުމާއި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
- ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ފައިދާހުރި ކާނާ އާއި ކަސްރަތުގެ ހުރި މުހިންމުކަން މުޖްތަމަޢަށް ބުނެދިނުން
ދައުލަތުން ކުރެވިދާނެ ކަންކަން
- ހަކުރު ބައްޔަކީ ޤައުމުގެ ކުރިއެރުމަށް އޮތް ގޮންޖެހުމެއްކަން ބަލައިގަތުން
- މީޑިއާތަކާއި ސަރުކާރުގެ ވަޞީލަތްތަށް ބޭނުންކޮށްގެން ޢާންމުކޮށް ހުރިހާ ރައްޔިތުން ހޭލުންތެރި ކުރުވުން
- ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބާރުއަޅާ ސިޔާސަތުތައް ހަދައި ތަންފީޒުކުރުން
- ސިއްޙަތަށް ގެއްލުންހުރި ތައްޔާރީ ކާނާ އެތެރެކޮށް ވިއްކުމަށް ހަރުކަށި ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން
- ބަލީގެ ބޭސްފަރުވާ (ޓެސްޓު ކުރުމާއި ބޭސް ހިމެނޭގޮތަށް) ރާއްޖޭގެ ހުރިހާ ހިސާބަކުން ދަތިކަމަކާއި ނުލައި ލިބޭނެގޮތް ފަހިކޮށްދީ ހަމަޖައްސައިދިނުން.
- ސިއްޙަތަށް ފައިދާހުރި ތަކެތީގެ އަގު އަތްފޯރާފަށުގައި ލިބޭނެ ނިޒާމެއް ގާއިމުކުރުން
- ކަނޑައެޅިގެން ސިއްޙަތަށް ގެއްލުންހުރި ތައްޔާރީ ކާނާ ދައުލަތުން ހިންގާ ހަރަކާތްތަކުގައި އިޝްތިހާރު ކުރުން ހުއްޓާލުން
- ޕްރިވެންޓިވް ހެލްތް ކެއާގެ ދަށުން ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ފަރުދީގޮތުން ކުރަންޖެހޭ ކަންކަމަށް މަގު ފަހި ވާނޭފަދަ ގޮތްތަކަށް ސިޔާސަތުތައް ބައްޓަންކުރުން.
ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލަވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ބެލެވޭ ގޮތުގައި ހަކުރު ބަލި ޖެހިފައި އެކަން ދެނެނުގަނެވި، ބަލީގެ އެއްވެސް އަލާމާތެއް ފާހަގަނުކުރެވި ހުރުމަކީވެސް ގިނައިން ދިމާވާ ކަމެކެވެ.
މިބަލީގެ ސަބަބުން ގުރުދާއަށާއި، ލޮލަށާއި، ނާރުތަކަށާއި، ފަޔަށާއި އަދި ގައިގެ ހަންގަނޑަށް ދިމާވާ މައްސަލަތައް ހިމެނެއެވެ. އަދި ކުދި ކުދި ފާރުކޮޅު ފަސޭހަ ނުވުމާއި އިންފެކްޝަންތައް ފަސޭހައިން ފެތުރި އޯގަން ފެއިލްވުން ފަދަ ސީރިއަސް ހާލަތްތަކަށް ވެސް މިބަލީގެ ސަބަބުން މީހާ ހުށަހެޅިގެން ދެއެވެ. އެހެންކަމުން ތުއްތު އިރުންފެށިގެންވެސް ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްގެން ކެއިންބުއިން ވަރަށް މުހިންމެވެ.