މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
9 މެއި 2022 - 17:40
ތިން ޤައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ކަޒަކިސްތާން، ބޫޓާން، އަދި ބްރެޒިލްގެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް މިއަދު އަރުއްވައިފި.
މިއަދު މެންދުރު ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުތަކުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ސަފީރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެބޭފުޅުންނަށް ތަހުނިޔާ ވިދާޅުވި.
21 މިލިއަން ރުފިޔާގެ ޑުރަގް މައްސަލައިގާ ދެ މީހަކު ހައްޔަރަށް
ރާއްޖެ އައި ފަސިންޖަރެއްގެ އަތުން 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި.
ފުލުހުން މައުލޫމާތުދެއްވަނީ މި މައްސަލައާއި ގުޅިގެން ބިދޭސީ ފިރިހެނަކާއި ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް..
ހިޔާ ފްލެޓްގެ ދެ ޓަވަރެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފި
އެޗްޑީސީ އިން މައުލޫމާތުދެއްވާ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުގެ ޓަވަރ 13 އަދި 14 ގައި ވަނީ ކެމެރާ ހަރުކޮށްފައި.
އެޗްޑީސީން ބުނީ، 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަމުން ދާނެ ކަމަށާއި، ހުށަހަޅާ މައްސަލަތަކާއި ދިމާވާ ހާދިސާތައް ބަލާނެ ކަމަށް.
ވިސާނެތި ކަޒަކްސްތާނަށް ދެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ވިސާނެތި 39 ދުވަހަށް ކަޒަކްސްތާނަށް ދެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފި.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފާ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް، ކަޒަކްސްތާނުގެ ފަރާތުން ސޮއިކުރެއްވީ ކަޒަކްސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ނޫރްލާން ޝަލްގަސްބަޔޭވް.
ގައްދޫ ބަނދަރު ތަަރައްގީ ކުރުމުގެ މަޝްރޫއު ފަށަން ސައިޓް މޮބިލައިޒްކޮށްފި
ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ.
މި މަޝްރޫޢުގެ ދަށުން 23،017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 320 މީޓަރުގެ ސްކައުރިންގ އޭޕްރަންއެއް ހެދުމާއި، 1،600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، 26 މީޓަރު ދިގުމިނުގެ 2 މީޓަރު ފުޅާމިނުގެ ބްރިޖެއް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ.
މި މަޝްރޫޢަކީ 38.4 މިލިއަން ރުފިޔާގެ މަޝްރޫޢެއް.