މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

11 މެއި 2022 - 16:59

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ހދ.ވައިކަރަދޫ، ގްރީންވިލާ އަލްއުސްތާޛު މުޙައްމަދު ނިޔާޒް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

advertisement

އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

ކުރެންދޫ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

ޅ. ކުރެންދޫ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީއެވެ. މިމްސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ސަޢުދުﷲ ޙީލްމީއެވެ.

ދިވެހިބަހުގެ ރަދީފް އެޕްލިކޭޝަން އިފްތިތާހުކޮށްފި

ދިވެހިބަހުގެ އެކަޑަމީން ފޯނުތަކަށް ބޭނުންކުރެވޭގޮތަށް 36597 ލަފްޒާއެކު ފަރުމާކުރި ދިވެހި ބަހުގެ ރަދީފް އެޕްލިކޭޝަން އިފްތިތާހުކޮށްފިއެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ މި އެޕަކީ ދިވެހި ބަސްފޮތް ފަސޭހަކާއެކު ބޭނުން ކުރެވި އޭގޭ މަންފާ ގިނަބަޔަކަށް ކުރާނެހެން ފަހިކުރެވުނު މަގެއްކަމަށެވެ. މިފަދަ އެޕެއް ތައާރަފް ކޮށްދެއްވީތީ އެކަމަނާ ވަނީ މި އެޕްލިކޭޝަން ފަރުމާކުރި މޯލްޑިވްސް ކޮމްޕިއުޓާ ސޮސައިޓީގެ ރައީސް އަޙްމަދު ނަދީމަށް ޝުކުރުއަދާކޮށްފައެވެ.

މ. ދިއްގަރު ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ދެބައިކުޅަ އެއްބައި ނިމިއްޖެ

‬⁩ މ. ދިއްގަރު ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 384 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 121.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ތަމްރީނުކުރުމަށް އަމިއްލަ 5 ފަރާތަކާއި ހަވާލުކޮށްފި

ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން އިތުރު 35 ކޯހަކުން 1400 ދަރިވަރުން ތަމްރީނު ކުރުމަށް އަމިއްލަ 5 ފަރާތަކާއި ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ ވަބާއިން އަރައިގަތުމަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެންދިޔަ ކަމަށާއި ކޮވިޑާއި ގުޅިގެން ރާއްޖޭގައި މަސައްކަތްކުރަމުންދާ ހުނަރުވެރި ވަރަށް ގިނަ ފަރާތްތައް އަމިއްލަ ވަޒީފާ ދޫކޮށް އަމިއްލަ ގައުމަށް ދިއުން އެއީ ގައުމަށް ދިމާވި އެއް ގޮންޖެހުން ކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0