ރުޅި އަންނަނީ ކީއްވެގެން؟

14 މެއި 2022 - 10:55

ރުޅީގެ އިޙްސާސްތައް ކުރެވެން ފަށަނީ ދިރިއުޅުމުގައި މެދުވެރިވާ ޙާލަތެއް ނުވަތަ ކަމެއް ސިކުނޑިއަށް ނަގައިގަނެވޭ ގޮތަކުންނެވެ. އެކުރެވުނު އިޙްސާސެއްގެ މައްޗަށް ރުޅީގެ ޢަމަލުތައް އަހަރެމެން ބަހައްޓަމުއެވެ. ރުޅި އައިސް ރުޅީގެ އިޙްސާސް ހަށިގަނޑަށް ގަދަވެގަތުމުގައި މެދުވެރިވާ ޢާންމު ކަންކަމަށް ބަލަމާ ހިނގާށެވެ.

  • އަނިޔާގެ ޝިކާރައަކަށްވުން ނުވަތަ އެއިޙްސާސްކުރެވުން
  • ގޮތްހުސްވެ ބާރެއްނެތް ކަމުގެ އިޙްސާސްކުރެވުމުން
  • ތިމަންނާއާއި ދޭތެރޭ އިންސާފުން ޢަމަލު ނުކުރެވޭކަން އިޙްސާސްވުމުން
  • ތިމާގެ މުދަލަށާއި ނަފްސަށް ހައްޤު ހުރުމަތް ކަނޑާލެވުމުން

ޢާންމުކޮށް އެންމެންގެ ސިކުނޑިއަށް ކަންކަން ނަގައިގަނެވޭ ގޮތް ހުރިހާ ފަހަރެއްގައި އެއްގޮތް ނުވެދާނެއެވެ. އެހެންކަމުން ބައެއް މީހުން ވަރަށް ރުޅި ގަދަވެދާނެ ޙާލަތަކީ ދެންތިބޭ ބަޔަކު އެހާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނެގުމުގެ ފުރުޞަތު ކުޑަ ޙާލަތަކަށް ވުންވެސް އެކަށީގެންވެއެވެ. މިހެންވާން ޖެހެނީ ކޮންމެ މީހަކުވެސް އެމީހަކާއި ކުރިމަތިވާ ކަންކަން ނުވަތަ ބުނެވޭ ބަހެއްވިޔަސް ތަރުޖަމާކުރަނީ އެމީހާގެ ދުނިޔަވީ ޙަޔާތުގެ ތަޖުރިބާތަކުގެ މައްޗަށް ކަމަށް ވާތީއެވެ. އުޅެބޮޑުވި މާޙައުލާއި، ތަރުބިއްޔަތުވެފައިވާ ގޮތާއި، ކުރިންކޮށްފައި ހުރި ތަޖުރިބާތަކާއި އަދި އެމީހާގެ ހަޔާތުގައި ހިނގަމުންދާ ކަންކަމުން ލިބިދެވޭ ތަޖުރިބާއަކީވެސް ކަންކަމާއި ދިމާވުމުން މީހާ އެއަށް ރިއެކްޓް ކުރާނެ ގޮތް ސިކުނޑިއަށް ވިސްނައިދޭ ފެކްޓާ ތަކެވެ.

advertisement

ރުޅި އައުމަށް މެދުވެރިކުރާ ސަބަބުތަކުގެ ދެކޮޅު ހޯދާ!

ރުޅި އައުމާއެކު ޢަމަލު ކުރަންވީ ގޮތްތަށް ދެނެގަންނަން މިހާރު ވަރަށް ފަސޭހައެވެ. މައްސަލައަކީ ކިތަންމެ ރޯފިލާފައި ހުއްޓަސް ރުޅި ކޮންޓްރޯލް ނުކުރެވި ހައްދުތަކާއި އިންތައް ފަހަނައަޅާ މީހުން ގިނަކަމެވެ. އަވަހަށް ރުޅި އަންނަނަމަ އެ ރުޅި ކޮންޓްރޯލް ކުރަން އެމީހެއްގެ މިންވަރުން މަސައްކަތްކުރުމަކީ ވަރަށް މުހިއްމު ކަމަކެވެ.

އެހެންކަމުން ރުޅި ކޮންޓްރޯލް ކުރުމުގައި އެންމެ ފުރަތަމަ ބަލަންވީ ތިމާ ރުޅިއައުމަށް މެދުވެރި ކުރުވާ ސަބަބުތައް މެދުވެރިވަނީ ކިހިނެއް ކޮންގޮތަކުން ތޯއެވެ؟ ކުރަންވީ ކަމަކީ ރުޅި އަންނަ ސަބަބުތަކުގެ އަޞްލު ހޯދައި ދެނެގަތުމެވެ. އާދައިގެ މިސާލެކެވެ. ފުރާވަރުގައި ކުރެވުނު ހިތި ތަޖުރިބާއެއްގެ މައްޗަށް އެކުގައި އުޅޭ މީހުން ހަރުކުރާ ވަނަމެއް އަހަރުތަކެއް ފަހުންވެސް މީހަކަށް ނިސްބަތް ކުރެވޭ ޙާލަތެއްގައި ރުޅީގެ ޢަމަލުތަކަށް މީހާ ހުށަހެޅިދާނެއެވެ. ވަގުތު ހޯދައިގެން ރުޅި އައުމަށް މެދުވެރިކުރުވާ ސަބަބުތަކުގެ އަޞްލު ހޯދައި މިކަމާއި ކުރިމަތިލާން ދަސްކުރަން ޖެހެނީ މިހެންވެއެވެ.

ތަރުބިއްޔަތާއި ރުޅި..

ތުއްތު އިރުން ފެށިގެން ފުރާފުރިހަމަވުމާއި ހަމައަށް ދަރިންނަށް ދެވޭ ތަރުބިއްޔަކީ ރުޅީގެ މިއިޙްސާސްތައް އުތުރިއަރަން ފެށުމުން އެމީހާގެ ޢަމަލުތަކާއި ބުނެވޭ ބަސްތައް ބެހެއްޓޭ ހައްދު ކަނޑައަޅައިދޭ އެއް މަސްދަރެވެ. ކަންކަމާއި ޝަކުވާކޮށް ރޮއި ހެދުމަކީ ފިރިހެނުން ކުރާކަމެއް ނޫނޭ ބުނާތީ އިވޭހެއްޔެވެ؟ އެމިންގަނޑުގައި ތަރުބިއްޔަތު ކުރެވޭ ފިރިހެނަކު އަމިއްލައަށް ކަންކަމާއި ކުރިމަތިލާންޖެހުމުން ކަން ދިމާވާނެގޮތް އަންދާޒާކޮށްލަން ހިނގާށެވެ. ސްޓްރެސްވެ އޭނަގެ އިޙްސާސްތައް ސިކުނޑީގައި ރައްކާކުރަމުން ގޮސް ހައްދު ފަހަނައެޅުމުން ރުޅި އިސްކުރެވޭ ޙާލަތެއްގައި އަތުން ފައިން ހެދޭ ގޯސްތައް ކޮންޓްރޯލް ކުރެވޭނެ އެއްގޮތެއްވެސް ނޯންނާނެއެވެ. މިފަދަ ޙާލަތުގައި ރުޅި އިސްކުރާ މީހާއާއި އަނެކުންގެ ފުރާނައަށްވެސް ގެއްލުންވުމުގެ ފުރުޞަތު ބޮޑެވެ.

ރުޅިއައުމުން ހަރުކަށި ޢަމަލުތަކަށް އަރައިގަންނަ ތަން ތުއްތު އިރު ފެނި ތަޖުރިބާކުރެވޭ ކުދިން ބޮޑުވެ ކަންކަމާއި ކުރިމަތިލާއިރު ހަރުކަށިކަން އިސްކުރަނީ ކީއްވެހެއްޔެވެ؟ އެއީ ވެސް ހަމަ ތަރުބިއްޔަތުގެ ބައެއް ނޫންތޯއެވެ؟ ކުޑައިރުގެ އެތަޖުރިބާ ގަސްތަކާއި ނުލައި އެމީހެއްގެ ހަޔާތަށް އެޕްލައި ކޮށްލެވެނީއެވެ. މިއީ ހަމަ ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް އެކަމަކާއި މެދު ފިކުރު ހިންގާލުން ބުއްދިވެރި ކަމެކެވެ.  

ރުޅިއާއި ޙަޔާތުގެ އިއްޔެއާއި މިއަދުގެ ދައުރު

ހަޔާތުގެ ކުރީކޮޅު ހަނގާ ނުވަތަ ގަނާގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރޭގައި ރުޅިގަދަ މީހުން ނިސްބަތުން ގިނަކަމަށް ތަޖުރިބާކާރުން ބުނެއެވެ. ސަބަބަކަށް ވަނީ އެފަދަ ދަނޑިވަޅުތަކުގައި އުފެދޭ ޝުޢޫރުތަކާއި ޖަޒުބާތުތައް ރަނގަޅުގޮތުގައި ބޭރުކޮށްނުލެވުމެވެ. ކުރިން ދިމާވެފައި ހުންނަ މިބާވަތުގެ ބޮޑެތި ކަންކަމާއި ގުޅިގެން އުފެދޭ ޖަޒުބާތުތަކުގެ ‘ފަތިފުށް’ ދެނެގަތުމުން ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި ފިކުރުބޮޑުވުމެއް ނެތި އިތުބާރާއި އެކު ކުރިމަތިލާން ދަސްވާނެއެވެ.

މިފަހަކަށް އައިސް ގިނަބަޔަކު ދިރިއުޅުމުގެ ނަމުގައި ގަނަތެޅޭތަން ފެނެއެވެ. ޚާއްސަކޮށް މާލޭގައި ދިރިއުޅޭ މީހުންނަށް ބަލަމާ ހިނގާށެވެ. ނިސްބަތުން ގިނަބަޔަކު އަބަދުވެސް ސްޓްރެސްވެ ތެޅިފޮޅޭކަން ފާހަގަކުރެވެއެވެ. މިފަދަ މީހުންނަށް އޮންނަ ވަޒީފާގެ ސްޓްރެސް އާއި ގޭތެރޭގެ ކަންކަމުގެ ފިކުރުތަކާއި ދަރިންގެ ކަންކަމާއި އެހެނިހެންވެސް ކަންކަން ގިނަކަމުން ބޯގޮވައި ރުންކުރު ބަޔަކަށް މިމީހުން ހަދާލައެވެ. މިގޮތަށް ކުރިމަތިވާ ދިރިއުޅުމުގެ ސްޓްރެސްތައް މައިތިރި ނުކުރެވޭ ނަމަ ނަފްސުގެ މައްޗަށް ރުޅީގެ އިޙްސާސްތަކާއި ޖަޒުބާތުތައް ގަދަވެގަނެ މީހާގެ ނަފްސާނީ ދުޅަހެޔޮކަން ނައްތާލައި ދުނިޔެއިން މޮޔަކޮށްލައެވެ. ދިރިއުޅުމަށް ހަމަޖެހުން ގެނެސް، ފަހަރަކު ކަމަކާއި ކުރިމަތިލައި ނަފްސު ކޮންޓްރޯލްކުރުން މުހިންމުވަނީ ތިމާއަށާއި އަދި ތިމާއާއި ގުޅިފައިވާ އެންމެންގެ ދިރިއުޅުމަށް އޭގެއިން ކޮށްފާނެ ނޭދެވޭ އަސަރުތަކުން މިންޖުވުމަށާއި ނަފްސާނީ ދުޅަހެޔޮކަމަކީ އަގުނުކުރެވޭ ފަދަ ނިޢުމަތަކަށް ވުމާއިވެސް އެކުގައެވެ.

ރިއެކްޝަންސް
0
0
2
5
0
2
0