ރިޕޯޓު: ކުދިންނަށް ދޭން ޖެހޭ ވަގުތަކީ ޑޭކެއާ އަކުން ނުވަތަ ޓިއުޝަން ކިލާހަކުން ފުއްދޭނެ އެއްޗެއްތޯއެވެ؟

15 މެއި 2022 - 10:35

މީގެ ކުރީގައި، ގާތްގަނޑަކަށް ދެހާހުގެ ކުރީކޮޅުވެސް ތުއްތު ކުދިން ޓިއުޝަނަށް ގެންދިޔުމަކީ މިހާރާއި އަޅާކިޔާއިރު އެއްގޮތަކަށްވެސް އޮންނަ ކަމެއް ނޫނޭ ވެސް ބުނެވިދާނެއެވެ. ނަމަވެސް މިހާރަކަށް އައިސް މިކަންވަނީ އާއްމުކަމަށް ވެފައެވެ. އުމުރުން 3 އަހަރުގައި ޕްލޭ ސްކޫލަށް ކުދިން ވެއްދުމަށްފަހު، 4 އަހަރުން ފެށިގެން ބައެއް ބެލެނިވެރިން ކުދިން ޓިއުޝަން ކުލާހަށް ފޮނުވަން ފަށައެވެ. ހަލަބޮލި މާލޭގައި، ގުރުއާން ކުލާހާއި ޓިއުޝަން ކުލާހާއި، ކުޅިވަރު ކުލާހަށް ކުދިން ގެންދާ ބެލެނިވެރިން އެކަން އެގޮތަށް ކުރަނީ ކޮންބޭނުމަކު ބާއެވެ؟

ކޮލެޖު ދައިވަރުންނާ އެއްވަރަށް ޕްލޭ ސްކޫލް ކުދިން ބިޒީކޮށްލަން ޖެހޭތަ؟

މިކަމާއި މެދު އަޅުގަނޑު ވާހަކަ ދެއްކި ހުރިހާ ބެލެނިވެރިންވެސް ބުނަނީ ތުއްތު ކުދިން ޓިއުޝަނަށް ގެންދަނީ ކޮންމެހެން ތައުލީމީ ގޮތުން މޮޅު ކުރުމަށް ނޫންކަމަށެވެ. “އޯލެވެލް އަށް ތައްޔާރުވާ ކުދިންނާ އެއްވަރަށް ޕްލޭސްކޫލް، ޔޫކޭޖީ ނުވަތަ ގްރޭޑް އެކެއް ދޭއްގެ ކުދިން ޓިއުޝަން ނަގާކަށް ނުޖެހޭނެ ދޯ؟ އެކަމަކު އަސްލު ގިނަ ބެލެނިވެރިން އެގޮތަށް ކުދިން ތަންތަނަށް ގެންދަނީ ޑޭކެއާ ސެންޓަރުތައް އަގުބޮޑުވެފައި އެތަންތަނަށް އިތުބާރު ނުކުރެވޭތީވެހެން ހީވަނީ” އެއް ބެލެނިވެރިޔަކު އޭނާގެ ހިޔާލު ހިއްސާކުރަމުން ބުންޏެވެ.

advertisement

މާލޭގައި ދިރިއުޅޭ އާބާދީގެ ބޮޑު ބަޔަކީ ދެމަފިރިންވެސް ހެނދުނު ހެނދުނާ މަސައްކަތަށް ދާންޖެހޭ ގޮތަށް ދިރިއުޅުން ރާވައިގެން އުޅޭ އާއިލާތަކެވެ. ލިބޭ އާމްދަނީ އިން ކުއްޔާއި ބިލުތައް ދެއްކުމަށްފަހު ކުދިން ބެލުމުގެ ކަންކަން ހަމަޖެއްސޭނެހާ މާލީ ބާރު ނެތުމުން ދެން އޮންނަ ގޮތަކީ ޓިއުޝަން ކުލާހަކަށް ނުވަތަ ކުޅިވަރު ކުލާހަކަށް ކުއްޖާ ފޮނުވުމެވެ. މިއީ އޭގެ ޒާތުގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ. މައްސަލައަކަށް ވަނީ ބެލެނިވެރިން އިރުއިރުކޮޅުން އޮފީހުން ބޭރަށް ނިކުންނަން ޖެހުމުން އެ ކުރިމަތިވާ ހާސްކަމެވެ. އޮފީހުގެ ވެރިން ހިތްހަމަ ނުޖެހިދާނެތީވެ ޖެހިލުންވެ ހުރެވެސް ބޭރަށް ދާން ޖެހެނީ ގޭގައި ދަރިފުޅު އެކަނި ނުބައިންދަން ވެގެންނެވެ. މިއީ ބެލެނިވެރިންނަށް ނުހަނު ހާސްކަން ކުރިމަތި ކުރުވާ ކަމެކެވެ. ދެން ދިމާވާ އަނެއް ސަބަބަކީ ކުދިން ކިޔެވުން މަތިން ފޫހިވުމެވެ. ސްކޫލުގައި ކިޔެވުމަށް ފަހު އަލުން އެހެން ކުލާހަކަށް ގޮސް ކިޔަވަން ޖެހުނީމާ ކުދިން ވަރުބަލިވެ ކިޔެވުން މަތިން ފޫހިވެ، ކިޔެވުމަކީ ހާސްކަން ބޮޑު ކަމެއްގެ ގޮތުގައި ކުދިންނަށް އިހުސާސް ކުރެވެން ފެށުމެވެ.

އޮފީސްތަކުގައި ޑޭކެއާ ސެންޓަރުތައް ހެދުމަކީ ހައްލެއްތަ؟

އަންހެނުން ބާރުވެރި ކުރުމުގެ ނަމުގައި ބައެއް އޮފީސްތަކުން އޮފީހުގައި ޑޭކެއާ ސެންޓަރު ގާއިމުކުރަން މަސައްކަތް ކުރާ ވާހަކަ ހަބަރުތަކުން ރިޕޯޓުކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިފަދަ ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ. ސުވާލަކީ މިއީ އެންމެ އެދެވޭ ގޮތް ތޯއެވެ؟ ބައެއް މަސައްކަތްތެރިން ދެކޭ ގޮތުގައި މިއީ ވަރަށް ރަނގަޅު އިނިޝިއެޓިވްއެކެވެ. މިގޮތަށް ހެދުމުން ޑޭކެއާ އަށް މަހަކަށް 3900 އާއި 5000 ރުފިޔާ ދައްކަން ނުޖެހި، ކައިރީގައި ކުދިން ފެންނަ ހިސާބުގައި ތިބެ މަސައްކަތްކުރެވޭނެ ގޮތް ހަމަޖެހުމަކީ ވަރަށް ބޮޑު ލުޔެއް ކަމަށް ބައެއް މީހުން ދެކޭ އިރު މިކަމާއި މެދު ބައެއް މީހުން ދެކެނީ މިއީ ރަނގަޅު ގޮތެއް ނޫންކަމުގައެވެ.

“އޮފީހުގައި ޑޭކެއާ ހެދުމަކީ ބޮޑު މައްސަލައެއް. އަހަރެން ދެކޭގޮތުގައި މަސައްކަތު ވަގުތު ކުޑަ ކުރުން މީގަ ހައްލަކީ. ޑޭކެއާ އޮފީހުގަ ހަދައިގެން ކުދިން އޮފީސް މާހައުލުގައި ބޭ ތިއްބީމަ މަސައްކަތަށް ފޯކަސް ކުރަންވެސް އުނދަގޫވާނެ. އަނެއްކާ ކުދިންނަށް ބޭނުންވަނީ މައިންބަފައިންގެ އަންޑިވައިޑެޑް އެޓެންޝަން. ވީމާ އެ ވަގުތު ދެވޭ ކަމަކަށް ނުވާނެ ދޯ އޮފީހުގެ ޑޭކެއާގައި ކުދިން ތިއްބަސް” މިއީ އޮފީހުގައި ޑޭކެއާ ހެދުމާއި ދެކޮޅު މަސައްކަތްތެރިއެއްގެ ހިޔާލެވެ. މިހިޔާލާއި އެއްކޮޅު ގިނަ މީހުން ބުނާގޮތުގައި އޮފީހުގައި ޑޭކެއާ ހެދުމާއި ގޭގައި އޮފީސް ހެދުމާއި މާބޮޑު ތަފާތެއް ނެތެވެ. ނަމަވެސް ގޭގައި ތިބެ މަސައްކަތް ކުރެވޭނެ ގޮތް ސަރުކާރުން ހަމަ ޖައްސައި ނުދެނީ ކީއްވެތޯ އެފަރާތްތަކުން ސުވާލު ކުރެއެވެ. އަދި ދައުލަތުގެ ޑޭކެއާ ނުވަތަ ޕަބްލިކް ޑޭކެއާ ސެންޓަރުތަކަކީ ވެސް މައިންބަފައިން ގިނަ ވަގުތު މަސައްކަތުގައި ބަނދެވުމަށް ހެދޭ ތަންތަން ކަމުގައި ވެއްޖެ ނަމަ ކުދިންނަށް ދެވޭ ވަގުތު މަދުވާނެ ކަމަށްވެސް އެފަރާތްތަކުން ގަބޫލުކުރެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މިކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އޮންނަ ނިޒާމަކީ ބެލެނިވެރިން އޮފީހަށް ދާ ގަޑި އާއި ދަރިވަރުންގެ ސްކޫލު ގަޑިއާއި އެއްވަގުތަކަށް ހަމަޖައްސާ ނިޒާމެކެވެ. މިހެން އޮތުމުން މަސައްކަތަށް ދާ މަގުމަތީގައި ސްކޫލަށް ކުދިން ފޮނުވުމަށްފަހު ބެލެނިވެރިން މަސައްކަތް ނިންމާފައި މެންދުރު ފަހު ގެއަށް ދާނީ ސްކޫލަށް ގޮސް ކުދިން ގޮވައިގެންނެވެ. ނަމަވެސް މާލޭގެ އާބާދީ ބިމާއި ހިދުމަތްތަކާއި ނުބައްދަލުވަރަށް ބޮޑު ވެފައިވާތީ، ސްކޫލުތަކުގައި ދެދަންފަޅިއަށް ކިޔަވައިދިނުމުގެ ސަބަބުން މިފަދަ ނިޒާމެއް ގާއިމުނުކުރެވޭނެއެވެ. ނަމަވެސް މައިންބަފައިންގެ ވަގުތު އެކީ މަސައްކަތަށާއި ކުދިން އެއް ކުލާހުން އަނެއް ކުލާހަށް ގެންދިޔުމުގެ ދަތުރުތަކަށް ހޭދަ ވާ ގޮތަށް ކަންކަން ރޭވިފައި އޮތުމަކީ އިންސާފެއް ތޯއެވެ؟ އެންމެ އިންސާފުވެރި ގޮތަކީ މަސައްކަތްތެރިން މަސައްކަތަށް ހޭދަކުރަން ޖެހޭ ވަގުތު ކުޑަކުރުން ހެއްޔެވެ؟ ކުދިންނަށް ދޭން ޖެހޭ ވަގުތަކީ ޑޭކެއާ އަކުން ނުވަތަ ޓިއުޝަން ކިލާހަކުން ފުއްދޭނެ އެއްޗެއްތޯއެވެ؟

ރިއެކްޝަންސް
1
2
0
0
0
0
0