އުންމީދީ ޒުވާން ދަނޑުވެރިޔާގެ ވާހަކަ
18 މެއި 2022 - 13:49
“2015 ވަނަ އަހަރު ރިޒޯޓަށް ފުރަތަމަ ދިޔައީވެސް ދަނޑުވެރިކަން ހިތުލައިގެން. ރިޒޯޓަށް ގޮސް އާމްދަނީ ހޯދައިގެން ރަށުގަ ފުރަތަމަ ހުޅުވީ ކުޅިވަރާ ގުޅޭ ސާމާނު ވިއްކާ ފިހާރައެއް. 2018 ވަނަ އަހަރު ރަށަށް ބަދަލުވެ ދަނޑުވެރިކަން ކުރަން ވިސްނާފަ ހިތައް އެރީ އާމްދަނީ ލިބޭނެ އަދި އިތުރު ސޯސް އެއް ވެސް ހޯދުން މުހިންމޭ. އެހެންވެ ރަށުގެ ފެނަކަ އޮފީހުގެ ވަޒީފާ ފެށީ. މިހުރިހާ ކަމެއްވެސް ކުރީ ދަނޑުވެރިކަމަށް ބޭނުންވާ ފައިސާ އެއްކުރުމަށްޓަކައި”
ނަމަވެސް މިހާރު ދަނޑުވެރިކަމަށް ބަރޯސާ ވެވޭ ހިސާބަށް މަސައްކަތް ގޮސްފައިވާތީ ރަމްޒީ ހުރީ ވަޒީފާ ދޫކޮށް، ހަމަ އެކަނި ދަނޑުވެރިކަމަށް ހުސްވެގެން ހުރި 37 އަހަރުގެ އަބްދުﷲ ރަމްޒީ އޭނާގެ މަސައްކަތް ފެށި ގޮތް ކިޔައިދިނީ އޭނާގެ ޑްރެގަންފްރުޓް ދަނޑުގައެވެ.
“ދަނޑުވެރިކަމަކީ ބިމެއް އެކަނި އޮވެގެން ކުރެވޭނެ ކަމެއް ނޫން. ހަމަ ގޮސް ކަތިވަޅި ހިފައިގެން ދަނޑަށް ވަނަކަސް އަދި މިކަމެއް ނުކުރެވޭނެ. މިކަމަކީ ފައިސާ ހަރަދުކޮށްގެން ނޫނީ ރަނގަޅު އާމްދަނީ އެއް ލިބޭނެ ކަމެއް ނޫން. ވަރަށް ޕޮޓެންޝަލް ހުރި ކަމެއް. އެކަމަކު އިންވެސްޓް ކުރަން ޖެހޭނެ މިކަން ރަނގަޅަށް ސަސްޓެއިނަބަލް ގޮތަކަށް ކުރަންޏާ”
ދަނޑުވެރިކަން ފަށައި ނަފާ ލިބެން ފެށުން
ސ. މީދޫގެ މި ޒުވާން ދަނޑުވެރިޔާ ދަނޑުވެރިކަން ފެށި އިރު ވިސްނީ ރާއްޖޭގައި ނުހައްދާ އާ ބާވަތެއް ހެއްދުމަށެވެ. އެހެންކަމުން ވަރަށް ގިނަ ދިރާސާ ކުރުމަށް ފަހު، މިކަން ކުރަން ވީ ގޮތް ދަސްކޮށްގެން ރަމްޒީ އިންދީ 300 އެއްހާ ޑްރެގަންފްރުޓް ގަހެވެ.
“މީގެ ގަހެއްގެ އުމުރަކީ 100 އަހަރު. އަހަރަކު 4 ފަހަރު މޭވާ ލިބޭ. ކޮންމެ ގަހަކުން 21 މޭވާ ވަރު އެވްރެޖްކޮށް ލިބޭ. މިހާރު ލިބޭ ހުރިހާ މޭވާއެއްވެސް ވިއްކަނީ ހަމަ މިރަށަށް. މިހާރުވެސް ގަހުގައި ހުރި މޭވާތައް ހުރީ އެކި މީހުން ބޭނުންވެގެން ރިޒާވްކޮށްފައި. އަޅުގަނޑު ފުރުޓެއް ވިއްކަނީ 100 ރުފިޔާއަށް. އާއްމުކޮށް 600 ގްރާމު ހުރޭ ހުރިހާ ފުރުޓެއްގަވެސް”
މާލެއިން ޑްރެގަން ފުރުޓް ވިއްކާ އަގަކީ މޭވާއަކަށް 225 ރުފިޔާއެވެ. ރަމްޒީ އޭނާގެ މޭވާ ދަނޑަށް އެއްވެސް ބޭހެއް ބޭނުން ނުކުރެއެވެ. ޑްރެގަން ފްރުޓްގެ އިތުރުން އޮޓޯޕޮޓް ފާމްގައި ކިއުކަންބާ އާއި މެލަންވެސް އޭނާ ހައްދައެވެ.
“މިހާރުވެސް އޮޓޯ ޕޮޓް ގައި 500 ކިއުކަމްބާ ގަސް އެބަ ގެންގުޅެން. މި ދަނޑުގައި އަޅުގަނޑުމެން ދަނޑުވެރިކަން މިކުރަނީ ރަށުގެ އެންޖީއޯ އަކުން ކުއްޔަށް ނަގައިގެން. ކޮންމެ ދެ މަހަކުން 2.5 ޓަނު ކިއުކަމްބާ އެބަ ނެރެވޭ ބާޒާރަށް. ކިއުކަމްބާގެ އިތުރުން އޮޓޯ ޕޮޓް ސިސްޓަމްގައި އަޅުގަނޑުމެން އެކި ވައްތަރުގެ މެލަން ވެސް ހައްދަން. އަދި ޑްރެގަންފުރުޓު ދަނޑުގައި ޕެޝަން ފުރުޓް ވެސް ހައްދަން. މިރަށުގެ ކެފޭ ރެސްޓޯރަންޓުތަކަށް މޭވާ ސަޕްލައިވެސް ކޮށްދެން”
މަސައްކަތް ފުޅާ ކުރަން ކުރަމުން އަންނަ މަސައްކަތް
“ކުންފުންޏެއް އުފައްދައި 60 ހާސް އަކަފޫޓުގެ ބިމެއް ސާފުކޮށް ތައްޔާރުކޮށްފައި އެބައޮތް. މަސައްކަތަށް ބޭނުންވާ ގްރީން ހައުސް ޑިޒައިންކޮށް ނިމިފައި ހުރީ. ލޭބާވެސް ރެޑީ. އެކަމަކު ފައިނޭންސް ނުލިބިގެން މަޑު މިކުރަނީ. އަޅުގަނޑުމެން މީގެ ހަމަސް ކުރިން އެސްޑީއެފްސީ އަށް ވާނީ ލޯނު ހޯދަން ޕްރޮޕޯސަލް ހުށައަޅާފައި. މިލޯނު ލިބިއްޖެ ނަމަ މުޅި އައްޑު އަށް ބޭނުންވާ މިންވަރަށް ކިއުކަންބާ އަޅުގަނޑުމެންގެ ދަނޑުތަކުން އުފެއްދޭނެ. ކޮންމެ ދެ ހަފްތާއަކު ޓަނެއް އުފެއްދޭނެ”
އިންޓަވިއު ނިންމާލަމުން ޒުވާން ދަނޑުވެރިޔާ ބުނީ ގޭގޭގަ ބެކްޔާޑް ގައިވެސް ފަސޭހައިން މޭވާ އާއި ތަރުކާރީ ބޭހާ ނުލައި ހެއްދޭނެ ގޮތް ފަހި ކުރުމަށް އޮޓޯ ޕޮޓް ސިސްޓަމް އުފެއްދި ފަރާތުން މަސައްކަތް ކުރާކަމަށާއި، ބެކްޔާޑް ގައި ގަސް އިންދަން ބޭނުންވާ ފަރާތްތަކަށް އެކަމުގައި އޭނާ އެހީތެރިވާނެ ކަމަށެވެ.
“މިއީ އޯގަނިކް މޭވާ އާއި ތަރުކާރީ އަކީ މިހާރު ދުނިޔޭގަ އެންމެ އަގުބޮޑު ކާނާ. އަޅުގަނޑުމެންގެ ގޯތީގައި ވެސް އެބައޮތް ހޯމް ޔޫސް އަށް ފުދޭ ވަރަށް މޭވާ އާއި ތަރުކާރީ އިންދެން. އޮޓޯ ޕޮޓް އިންވެންޓް ކުރި ފަރާތުން މިހާރު މަސައްކަތްކުރަމުން އެބަދޭ ބެކްޔާޑްތަކަށް ހާއްސަކޮށްގެން ވެސް އޮޓޯ ޕޮޓް ސިސްޓަމް މެނުފެކްޗަރ ކުރަން. މީގެ ސަބަބުން ބޭހާއި ކެމިކަލްތައް ބޭނުން ނުކޮށް ފަސޭހަ ކަމާއި އެކު މޭވާއާއި ތަރުކާރީ ހެއްދުމަށް އެންމެނަށް ވެސް ފަސޭހަވެގެންދާނެ”
ޓުވިޓާގައި މަޝްހޫރު “ޒުވާން ދަނޑުވެރިޔާ” ކުރަމުން މިއަންނަ މަސައްކަތަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ކަށަވަރުކަމާއި ގުޅިފައިވާ މުހިންމު މަސައްކަތެކެވެ. ރަމްޒީގެ ދަނޑުގައި އޭނާ ހައްދާ ޑްރެގަންފުރުޓް، ގަހުން ބިނދެލައިގެން ވަގުތުން ރަހަ ބަލާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. ހަގީގަތުގައިވެސް އެ މޭވާގެ ރަހަ ވަރަށް މީރުވެފައި ތާޒާއެވެ.