މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
24 މެއި 2022 - 18:19
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މަންދޫބު ރައީސްގެ އަނބިކަނބަލުންނާ ބައްދައްލު ކުރައްވައިފި
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ( ޑަބްލިއު.އެޗް.އޯ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑޮކްޓަރ ނާޒްނީން އަންވަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ޑަބްލިއު.އެޗް.އޯގެ މަންދޫބާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި މި އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ސައުތް އީސްޓް އޭޝިޔާގެ ރީޖަނަލް އޮފީހުން އިންތިޒާމްކޮށްގެން “ވީ ދަ ޕީޕަލް އެންޑް އަވަރ ޕްލެނެޓް: ހެލްތީ، ރެސިލިއެންޓް، ސަސްޓެއިނަބަލް” ގެ ނަމުގައި ވަރޗުއަލްކޮށް ބޭއްވެވި ހައި-ލެވެލް ޕެނަލް ޑިސްކަޝަންއަށް ފުރުޞަތު ދެއްވާފައިވާތީ އެކަމަނާ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
ހއ. ބާރަށުގެ ބަނދަރު އަލުން ފުންކުރުމުގެ ބޮޑުބައި ނިމިއްޖެ
ހއ. ބާރަށް ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބަރ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ.
މި މަޝްރޫޢުގެ ދަށުން، 28،101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 12.17 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމް ވިލިމާލެ ޕޮލިހުގައި ކުރިއަށް ގެންގޮސްފި
ވިލިމާލެ ޕޮލިހާއި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެން “ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިންގ ފޮރ ސަރވިސް ޕްރޮވައިޑާސް” ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިމަހުގެ 22 އިން 23 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ނަފްސާނީ ފުރަތަމަ އެހީ ބޭނުންވާ މީހުން ދެނެގަންނާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ނަފްސާނީ ފުރަތަމަ އެހީ ދިނުމުގެ އާންމު ހުނަރުތައް ބައިވެރިނަށް ދަސްކޮށްދީފައިވެއެވެ.
ރާއްޖެއިން މީގެކުރިން ނުފެންނަ ވައިޓް ސްޓޯކް ފެނިއްޖެ
ރާއްޖެއިން މިހާތަނަށް ނުފެންނަ ވައިޓް ސްޓޯކް ނަމަކަށް ކިޔާ ދޫންޏެށް ފެނިފައިވާކަމަށް އެންވައިރަމަންޓް ޕްރޮޓަކްޝަން އޭޖެންސީއިން މައުލޫމާތު ދެއްވައިފިއެވެ.
މި ދޫނި ފެނުނީ ލ.އަތޮޅު ހިތަދޫއިން، މި އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.
ގޮތް ނޭނގޭ މަރުތަކުގައި މިހާރު ޕޯސްޓްމޯޓަމް ހެދޭނެ
ގޮތްނޭނގޭ މަރުތަކުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި، މަރުވެފައިވާ މީހާގެ ޕޯސްޓް-މޯޓަމް ފުލުހުންނަށް ހެދޭގޮތަށް ޤަވާއިދު އެކުލަވާލާ އަމަލުކުރަން ފަށައިފިއެވެ.