ފްލޫ ވެކްސިން ހަމަ ޖަހަންވީތަ؟
25 މެއި 2022 - 16:03
އިންފްލުއެންޒާ އަކީ ނޭވާލާ ނިޒާމަށްޖެހޭ ބައްޔެކެވެ. ބަލީގެ ޢަލާމާތް ތަކުގެ ތެރޭގައި ގަދަޔަށް ހުންއައުމާއި، ކަރުތެރެ ކޮންޖެސްޓްވެ ހަލާކުވުން، ގައިގައި ރިއްސުން، ނޭފަތުން ފެން ފޭބުން، ބޮލުގައި ރިއްސުން އަދި ކިނބިހި އެޅުމާއި ބޭރަށް ހިނގުމާއި އެކު ހޮޑުލެވުން ހިމެނެއެވެ. މީގެ ތެރެއިން ހޮޑުލެވުމާއި ބޭރަށް ހިނގުން ޢާންމުކޮށް ފެންނަނީ ކުޑަކުދިންގެ ފަރާތުންނެވެ. އިންފްލުއެންޒާ އަކީ ހުރިހާ ޢުމުރުފުރައެއްގެ މީހުންނަށްވެސް ޖެހޭ ބައްޔެކެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑުވަނީ ކުޑަކުދިންނާއި ދޮށީ ޢުމުރުގެ ބަލި މީހުންނަށެވެ. މިބަލީގެ ވޭނުގައި މީހުން މަރުވާ ނިސްބަތްވެސް ކުޑައެއް ނޫނެވެ. ކޮވިޑް 19 އަށް ވުރެ އިންފްލުއެންޒާ އަކީ ކުޑަކުދިންނަށް މާ ނުރައްކާތެރި ބައްޔެއްކަމަށް ސިއްޚީ ބައެއް މާހިރުން ފާހަގަކުރެއެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ފްލޫ ޖެހިގެން ރިޕޯޓްކުރި މިންވަރު މަދެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ މިއަހަރުގެ ތަފާސް ހިސާބުތަކަށް ބެލުމުން، ވޭތުވެދިޔަ އަހަރުގެ މިދުވަސްވަރާއި އަޅާކިޔާ އިރު މިއަހަރު އޭޕްރީލް މަހު އަރިދަފުސް ރޯގާ، ވައިރަލްހުން، އަދި ބޭރަށް ހިނގުން ޖެހިގެން ރިޕޯރޓް ކޮށްފައިވާ އަދަދު މައްޗަށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ކޮވިޑް 19 އާއި ހެދި އެޅި ފިޔަވަޅުތައް ކަމަށް ބެލެވެއެވެ.
މިވެކްސިން ޖަހަންވީ ކީއްވެ؟
އިންފްލުއެންޒާގެ 4 ސްޓްރެއިން އެއް (A,B,C,D) ފާހަގަކުރެވިފައި ވެއެވެ. އޭގެތެރެއިން ޓައިޕް A އަދި B އަކީ އިންސާނުން ވަރަށް ބޮޑަށް ބަލިކޮށްލާ ދެ ބާވަތެވެ. ކޮންމެ އަހަރެއްގެވެސް މޫސުމީ ފްލޫ ޝޮޓުން ކޮށްދޭ ކަމަކީ މިދެންނެވުނު ދެ ސްޓްރެއިން އިން މީހުން ރައްކާތެރިކޮށް ދިނުމެވެ. އިންފްލުއެންޒާ ޖައްސާ ވައިރަސްތަކުގެ ނުރައްކަލަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ވައިރަސް ދެނެގަތުމަށް ދަތިތަކާއި ކުރިމަތިކުރުވުމެވެ. އިންފްލުއެންޒާ ވައިރަހަކީ އޭގެ ޒާތުގައި ވައިރަހުގެ ބޭރުފުށުގައި އެކުލެވިގެންވާ ޕްރޮޓީން ފަށަލަ އަވަސް އަވަހަށް ބަދަލުވާ ވައިރަހެކެވެ. އޭގެ ސަބަބުން ކުރިން އަދި ބަލިޖެހުނު ކަމުގައި ވިޔަސް އަދި ވެކްސިން ޖަހާފައި ހުރިކަމުގައި ވިޔަސްވެސް ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ބަލި ދެނެގަންނަން އުނދަގޫވެއެވެ. ބަދަލުވަމުންދާ ބަލީގެ ސްޓްރެއިންތަކާއި އެއްހަމައެއްގައި އިންފްލުއެންޒާ ވެކްސިން ބަދަލުވާންޖެހޭ މައިގަނޑު ސަބަބަކީ އެއީއެވެ.
އިންފްލުއެންޒާއަކީ ޢާންމުކޮށް ޖެހޭ މޫސުމީ ރޯގާއަކަށްވެފައި އަދި އިންފްލުއެންޒާގެ ސްޓްރެއިންތަށް އަވަސް އަވަހަށް ދެނެގަނެވޭތީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކޮންމެ އަހަރަކުވެސް ޖެހިގެން އަންނަ އިންފްލުއެންޒާ މޫސުމެއްގައި ފެތުރޭނެކަމަށް ބޮޑަށްބެލެވޭ ވައިރަސް ސްޓްރެއިންއަކާއި ގުޅޭނެ ވެކްސިން ކޮމްޕޮޒިޝަންތަށް ޤައުމުތަކަށް ހުށަހަޅައެވެ. މީގެ ސަބަބުން ދުރާލާއި ފްލޫ ޝޮޓްތައް ޖަހައިގެން ބަލިން ރައްކާތެރިވުމުގެ ފުރުޞަތު ބޮޑުވެއެވެ.
މަސައްކަތްކުރާނީ ކޮންއިރަކު ކިހާ މުއްދަތަކަށް؟
ވިސްނަންވީ އެއްކަމަކީ އަދި ފްލޫ ވެކްސިން ޖެހިޔަސް އެއީ އަދި ހަށިގަނޑަށް ބަލިޖައްސަނީ އެއް ނޫންކަމެވެ. ވެކްސިން މަސައްކަތް ކުރާގޮތަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމުން އިންފްލުއެންޒާއަށް އުފައްދައިދޭ އެންޓީބޮޑީޒްތައް ދުރާލައި އުފައްދައި ދިނުމެވެ. ވެކްސިން ޖެހުމަށްފަހު 2 ހަފްތާ އެއްތެރޭ ބައްޔާއި ގުޅޭ އެންޓިބޮޑީޒްތައް ހަށިގަނޑުގައި އުފައްދައިދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި މިގޮތަށް އުފައްދައިދޭ އެންޓިބޮޑީޒްތައް 8 މަހާއި 11 މަހާއި ދެމެދުގެ މުއްދަތަކަށް ހަށިގަނޑު ބަލިން ރައްކާތެރިކޮށް ދިނުމަށް އެހީވެދެއެވެ. އެހެންކަމަށް ވާނަމަ ހަށިގަނޑުން އެންޓިބޮޑީޒްތައް މަދުވެ ވެކްސިންގެ ރައްކާތެރިކަން ކުޑަވާ މުއްދަތަށް އެޅޭއިރު ޢާންމުކޮށް ރޯގާ ފެތުރޭ މޫސުން އޮންނާނީ ނިމިފައެވެ.
ކިހާ މިންވަރަކަށް ރައްކާތެރިކޮށްދޭތަ؟
ފްލޫ ވެކްސިން ޖަހައިގެން 40% އާއި 60% އަށް ބަލިން ރައްކާތެރިކޮށްދޭ ކަމަށް ސިއްޙީ މާހިރުން ބުނެއެވެ. މީގެ މާނައަކީ ވެކްސިން ޖަހައިގެން ތިބޭ މީހުންގެ 40% އާއި 60% މީހުންނަށް ފްލޫ ޖެހިގެން ހާލުގޯސްވުން ނުވަތަ ފުރާނައަށް ނުރައްކާތެރިވާ ހިސާބަށް ދިއުމުން ރައްކާތެރިކޮށްދޭ ކަމެވެ. މީގެ އިތުރުން ގިނަބަޔަކު ވެކްސިން ޖަހާފައިވާ ތަނެއްގައި ބަލި ފެތުރިގެން ދިއުން ކޮންޓްރޯލްކުރެވި ހައި ރިސްކު މީހުންގެ ރައްކާތެރިކަމަށް މަގުފަހިކޮށްދެއެވެ. ފްލޫ ވެކްސިން ދިނުމުން އެއްގޮތަކަށްވެސް ބަލި ނުޖެހިދާނެކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ވެކްސިންގެ އަސަރާއި ވެކްސިން ހަށިގަނޑުގައި މަސައްކަތްކުރާ މިންވަރު ވަރަށް ބޮޑަށް އެހެނިހެން ކަންކަމަށް ބިނާވެއެވެ. މިސާލަކަށް ޢާންމުކޮށް ދޮށީ ޢުމުރުގެ މީހުންގެ ތެރޭގައި ވެކްސިން މަސައްކަތްކުރާ މިންވަރު ދަށްކަމަށް ދިރާސާތަކަށް ފާހަގަކުރެވިފައެވެ. މީގެ އިތުރުންވެސް ފްލޫ ވެކްސިން އެންމެ އެދެވޭ ގޮތެއްގައި މަސައްކަތްކުރާނީ އޭރަކު އެދައުރުވާ ސްޓްރެއިން އަކާއި އެންމެ އެކަށީގެންވާ ކޮމްޕޮޒިޝަނެއް ހިމެނިފައިވާ ވެކްސިން ޖެހިފައިވާނަމައެވެ.
ސައިޑް އިފެކްޓްތަކަކީ ކޮބާ؟
ފްލޫ ވެކްސިނަކީ އިންސާނުންނަށް ރައްކާތެރި ވެކްސިނެއް ކަމަށް ސިއްޙީ މާހިރުން ބުނެއެވެ. އެހެން ނަމަވެސް އެހެނިހެން ބޭސްފަރުވާއަކާއި އެއްގޮތަށް މިބާވަތުގެ ވެކްސިންތަކުގައިވެސް ސައިޑް އިފެކްޓްސް ހުރެއެވެ. އޭގެތެރޭގައި ހުންއައުން، ބޮލުގައި ރިއްސުން، ބޯއެނބުރުން، ހޮޑުލެވުން، މަސްތަކުގައި ރިއްސުން އަދި ވެކްސިން ޖަހާތަން ހިރުވައި ބިހިނެގުން ފަދަ ކަންކަން ހިމެނެއެވެ. މިބާވަތުގެ ވެކްސިންތަކުގައި ހިމެނޭ ނޮންއެކްޓިވް އެލެމެންޓަކަށް އެލާޖިކްވެ ހަށިގަނޑު ޝޮކަށް ދިއުންފަދަ ކަމެއް ވުމަކީ ވަރަށްވެސް ނާދިރު ކަމެއްކަމަށްވެސް ކަމާއިބެހޭ މާހިރުން ބުނެއެވެ.
ވެކްސިން ޖަހަންވީ ކޮންބައެއް؟
65 އަހަރުން މަތީގެ މީހުންނާއި 5 އަހަރުންގެ ދަށުގެ ކުޑަކުދިންނާއި މާބަނޑު މީހުން އިންފްލުއެންޒާ ވެކްސިން ޖެހުން ވަރަށް ބޮޑަށް އެދެވިގެންވެއެވެ. މާބަނޑު ދުވަސްވަރުގެ ކޮންމެ ހިސާބެއްގައިވެސް މިވެކްސިން ޖެހިދާނެއެވެ. ކުޑަކުދިންނަށް ބަލާއިރު ޢުމުރުން 6 މަހުން ފެށިގެން ފްލޫ ވެކްސިން ޖެހޭނެކަމަށް ސިއްޙީ މާހިރުން ބުނެއެވެ. ރާއްޖޭގައިވެސް ޢުމުރުން 6 މަހުން ފެށިގެން އިންފްލުއެންޒާ ވެކްސިން ޖަހައެވެ. ދިގު މުއްދަތަކަށް ފަރުވާކުރަންޖެހޭ ބައްޔެއް ނުވަތަ ސިއްޙީ މައްސަލައެއް ތަޙައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން ޚާއްސަކޮށް އިންފްލުއެންޒާ ހުށަހެޅި ފުރާނައަށް ނުރައްކާވެދާނެފަދަ ޙާލަތުގައިވާ މީހުންވެސް ސިއްޙީ އެހީތެރިއެއްގެ ލަފަޔާއިއެކު މިވެކްސިން ޖެހުމަކީ މުހިންމު ކަމެކެވެ.