ކެއުމުގައި ޕްރޮޓީން މުހިއްމުވަނީ ކީއްވެ؟
26 މެއި 2022 - 10:12
ދުޅަހެޔޮ ހަށިހެޔޮ މީހަކަށްވުމަށް މަސައްކަތްކުރާ ކޮންމެ މީހަކަށް އެމީހަކުގެ ދިރިއުޅުމުގައި ޕްރޮޓީންއަކީ ކިހާ މުހިއްމު ރޯލެއް އަދާކުރާ އެއްޗެއްކަން އެނގޭނެއެވެ.އެގޮތުން ބަލާއިރު ހަށިގަނޑުގެ ހުރިހާ ޓިޝޫތަކާއި، ސެލްތަކާއި ލޭފަދަ މުހިއްމު ހުރިހާ ދިޔަވަރުތަކެއް ހެދިފައިވަނީ ޕްރޮޓީން އެކުލެވިގެންނެވެ. މީގެ އިތުރުން އެންޒައިމްއާއި ހޯމޯންގެ ގޮތުގައި އުފެދިފައިވާ ޕްރޮޓީންތައް ހަށިގަނޑުގެ އެކި ގުނަވަންތައް ހިންގުމުގެ މަސައްކަތުގައި ހަށިގަނޑުގެ ހުރިހާ ދިމާއެއްގައި ހަރަކާތްތެރިވަމުން ގެންދެއެވެ. އެހެންކަމުން، މިއީ ހަށިގަނޑު ބިނާކުރުމާއި، މަރާމާތުކުރުމާއި މީހާގެ ހެދިބޮޑުވުމަށް ދިރުންހުރި ހުރިހާ އެއްޗަކަށްވެސް އެންމެ މުހިއްމު މާއްދާކަން އެއީ ޝައްކެއްއޮތް ކަމެއްނޫނެކެވެ.
ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންގެ މިންވަރު ބިނާވެފައިވަނީ އެމީހެއްގެ އުމުރާއި، ޖިންސާއި، ސައިޒާއި އެމީހެއް ކެއުމުގައި ބޭނުންކުރެވޭ ކާނާގެ ބާވަތްތަކުގެ މައްޗަށެވެ. އެގޮތުން އެހެން މީހުންނާއި ހިލާފަށް ގަވާއިދުން ކަސްރަތުކުރާ މީހުންނާއި ފުރާވަރަށް އަރަމުން އަންނަ ކުދިންނަށާއި، މާބަނޑު އަންހެނުންނާއި، ކިރުދޭ މައިންނަށް ޕްރޮޓީން އިތުރަށް ބޭނުންވާނެ ކަމީ ހަނދާނުގައި އަބަދުވެސް ބެހެއްޓުން މުހިއްމު ކަމެކެވެ. އެއީ އައު ދިރުތައް އަވަހަށް އިތުރުކުރަން ބޭނުން ޖެހިފައިވާތީއާއި ކަސްރަތުކުރުމުގެ ސަބަބުން ހަށިގަނޑުން އިރައިގެންދާ މަސްތައް އަލުން އިޔާދަ ކުރުމަށާއި، ހަށިގަނޑަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމުގައި ޕްރޮޓީން މުހިންމު ރޯލެއް އަދާކުރާތީއެވެ.
ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ޕައުންޑަކަށް 1.0-0.7 ގްރާމާއި ދެމެދުގެ އަދަދަކަށް ޕްރޮޓީން ބޭނުންވެއެވެ. މާނައަކީ 150 ޕައުންޑް ނުވަތަ 68 ކިލޯ ހުންނަ މީހަކަށް 150-105 ގްރާމްގެ ޕްރޮޓީން ކޮންމެ ދުވަހަކު ބޭނުންވާކަމެވެ. ވީއިރު އެމިންވަރަށް ޕްރޮޓީން ހަށިގަނޑަށް ލިއްބައިދޭ ފަދަ ކާނާކެއުމަކީ މުހިންމުކަމެކެވެ.
ރާއްޖޭގެ ބާޒާރުގައިވެސް ފަސޭހަކަމާއި އެކު ލިބެން ހުންނަ ބާވަތްތަކަށް ބަލާއިރު:
- އެއްގަމު މަހާއި ކަނޑު މަހާއި ފަރުމަހުގެ ބާވަތްތައް: ބިހުގެ ގޮބޮޅިއާއި ހުދުބައި، ސީނު ކުކުޅު، ގެރިމަސް، ކުކުޅު،ޑިންގާ، ފުޓުމަސް. ބޭނުންކުރެވިދާނެއެވެ. (މަދުކުރަންޖެހޭ ބާވަތްތަކުގެތެރޭގައި މާކިއުރީ ގިނައަދަދަކަށް އެކުލެވިގެންވާ ކަންނެލި، ހިބަރުމަސްކަހަލަ މަސްތައް ހިމެނެއެވެ.)
- ކިރާއި ކިރުގެ އުފެއްދުން: ކޮޓޭޖް ޗީޒް އަދި ޔޯގަޓް
- ގޮވާމާއި ފަލަމަޑި: މުގުގެ ބާވަތްތައް، ހިމެރި، ތޮޅިއާއި އޮށުގެ ބާވަތްތައް، މަދުގެ ބާވަތްތައް
މިބައިތަކުގެތެރެއިން އަޅުގަނޑު މެން ކޮންމެ ދުވަހަކު ކެއުމުގައި ކޮންމެވެސް އެކައްޗެއް އެކަށީގެންވާ މިންވަރަށް ބެލުމަށްފަހު ބޭނުން ކޮށް ލުމުން ހަށިގަނޑަށް އެ ދުވަހަކަށް ބޭނުންވާ ޕްރޮޓިން ލިބިގެންދާނެއެވެ.