ރޭގަނޑު ނުނިދޭ، ސަބަބަކީ ކޮބާ؟
1 ޖޫން 2022 - 15:42
ހަށިގަނޑު ރަނގަޅަށް މަސައްކަތް ކުރުމަށް ހަމަނިދި އިންސާނާގެ ހަށިގަނޑަށް ބޭނުންވެއެވެ. ނަމަވެސް ހަށިގަނޑަށް ބޭނުންވަނީ ކިހާ މިންވަރެއްގެ ނިންޖެއްތޯ ނުވަތަ އެ ނިދި ހަމަކުރަން ކަންތައް ކުރަންވީ ކިހިނެތްތޯ ބައެއް މީހުންނަށް ސުވާލު އުފެދިދާނެއެވެ. މި އާޓިކަލްގައި މި ބަލާލަނީ މިކަންކަމަށެވެ.
ނިދި މުހިންމު ވަނީ ކީތްވެ؟
ރޭގަނޑުގެ ވަގުތުގައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ރޭގަނޑު ނިދުމުން އިންސާނާގެ ހަށިގަނޑު ހީލްވުމަށް އެހީތެރިވެދެއެވެ. ނިންޖަކީ އިންސާނާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް މުހިންމު އެއްޗެކެވެ. އަދި މިއީ ދުވަހުގެ މަސައްކަތައް މީހާގެ ހަށިގަނޑު ތައްޔާރުވެސް ކޮށްދޭ ކަމެކެވެ.
ރޭގަނޑު ހަމަ ނިދި ނުލިބޭނަމަ އެކަމުގެ އަސަރު ދުވާލުގެ މަސައްކަތްތަކަށް ކުރެއެވެ. އެގޮތުން މީހާ ނެގިމަޑުވެ، ވަރުބަލިވެ އެއްވެސް ކަމެއް ކުރުމަށް މޫޑު ނެތިފައި އިނދެވެއެވެ. ހަފްތާއަކަށް މީހާއަށް ހަމަ ނިދި ނުލިބި ހިނގައްޖެނަމަ އެކަމުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ނިދި ނައުމަށް ދިމާވާ ސަބަބުތަކަކީ ކޮބާ؟
އާންމު ދިރިއުޅުމުގައި ކުރާ ނުވަތަ ކުރެވޭ ކަންތައްތަކުގެ ސަބަބުން ހަމަ ނިދި ނުލިބުމަށް މަގުފަހިވެއެވެ. އޭގެތެރޭގައި ހިމެނެނީ:
- ގިނަވަގުތު މަސައްކަތުގައި އުޅުން
- މާގިނައިން ކެފެއިން އެކުލެވޭ ބުއިންތައް ބުއިން
- ނިދި ދުރުވާފަދަ ބައެއް ބޭސްތައް ކެއުން
- ގައިގެ ތަނަކަށް ތަދުވުން ނުވަތަ ރިއްސުން
- އެހެނިހެން ސިއްހީ މައްސަލައަކާއިހުރެ
ހަމަ ނިދި ހޯދުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:
ރޭގަނޑުގެ ހަމަ ނިދި ހޯދުމަށް އަމިއްލައަށް ކޮށްލެވިދާނެ ކަންތައްތައްވެސް އެބަހުއްޓެވެ. އޭގެތެރޭގައި
- ނިދަން ދާނެ ވަގުތެއް ކަނޑައަޅައި ކޮންމެ ރެއަކުވެސް އެގަޑީގައި ނިދަން އޮށޯތުން
- ދުވާލުގެ ވަގުތުތަކުގައި ނުނިދުން
- ނިދަން އަމިއްލަ ހަށިގަނޑަށް ވަގުތު ދިނުން – ނިދާ ވަގުތަކީ ނިދަން ހާއްސަކުރާ ވަގުތަކަށް ހެދުން.
- ވަރުބަލިކަމުގެ އިހްސާސްވުމުން އެނދަށް އެރުން.
- ނިދަން އޮށޯންނަމުން ފޯނު ނިއްވާލުން. އެހެންނޫންނަމަ ހަމަ ނިދި ޖެހޭއިރަށް ފޯނު ތިބާގެ ނިދި ހަލާކުކޮށްލާނެއެވެ.
- ކަސްރަތުކުރުން
- ރަނގަޅު ކާނާ ކެއުން
- ހެލްތް ޗެކްއަޕްއެއް ހަދާލުން. ހަށިގަނޑުގައި ހުންނަ ބައެއް ތަދުތަކުގެ ސަބަބުންވެސް ހަމަ ނިދި ބައެއްފަހަރު ނުލިބެއެވެ.
- ފިނި މާހައުލެއް ނިދަން އިހްތިޔާރުކުރުން.
ކިތަންމެ އާދައިގެ ކަމެއްކަމަށް ހީވިނަމަވެސް ރޭގަނޑު ނުނިދި ގިނަ ދުވަސްވާނަމަ އެއީ ބައްޔަކަށް ވެދާނެއެވެ. އެހެންކަމުން ކަމާބެހޭ މާހިރެއްގެ އެހީތެރިކަން ހޯދަން ވާނެއެވެ.