މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

2 ޖޫން 2022 - 18:28

ރައީސް އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ބާއްވާ ޙަފްލާއެއް މިރޭ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަދި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. މިކަމާ ގުޅިގެން ބާއްވާ ޙަފްލާ އޮންނާނީ، މިރޭ 8.30 ގައި ސޯޝަލް ސެންޓަރުގައެވެ. މިރޭގެ ޙަފްލާގައި، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދާއިމީ ވަޒީފާގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ އެރުއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު، މީގެކުރިން ރަސްމީ ސިފައެއްގައި ވަޒަންކުރެވިފައެއް ނެތެވެ. އެހެން ނަމަވެސް، 11 ނޮވެންބަރު 1968 ގައި އެ އޮފީސް ރަސްމީކޮށް އުފެދުނު ހިސާބުން ފެށިގެން އެ އޮފީހަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު އެތައް ބޭފުޅުންނެއް ޚިދުމަތްކޮށްދެއްވާފައިވާއިރު، އެ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީ، މިފަދަ ފިލައެއް އެރުވުމަށް ނިންމެވީއެވެ.

advertisement

ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިއަށް

ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް 01 ޖޫން 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންދެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. އަދި ބަންޑް ވޯލް އެޅުމުގެ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފައި ކަމަށްވެސް ވިދާޅުވި އެވެ.

މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކުމާއި، 1238 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 186.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

42 ކިލޯގެ މަސްތުވާތީގެ މައްސަލާގައި ދަޢުވާ ނުކުރަން ޕީޖީ އިން ނިންމައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 42 ކިލޯގެ މަސްތުވާތަކެތި ގެއެއްގެ ތެރޭގައި ވަޅުލާފައި ހުއްޓާ ހޯދާފައި މައްސަލާގައި ދަޢުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ ފަރާތްތަކަށް ޖުވެނައިލް ޖަސްޓިސް ތަމްރީނު ޕްރޮގްރާމެއް

ގާނޫނާ ޚިލާފް އަމަލްތައް ކުރާ ކުދިން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށާއި އެފަދަ އަމަލުތައް ކުރުމުގެ ފުރުސަތު އޮތް ކުދިން އެކަމުން ސަލާމަތް ކުރުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ޖުވެނައިލް ޖަސްޓިސް ތަމްރީނު ޕްރޮގްރާމެއް ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް ޑީ.ޖޭ.ޖޭއިން ބާއްވައިފިއެވެ.

މިއީ ޑީ.ޖޭ.ޖޭއިން މިއަހަރު ކުރިއަށް ގެންދިޔަ މިފަދަ ތިންވަނަ ޓްރެނިން ޕްރޮގްރާމެވެ.

ޑީ.ޖޭ.ޖޭއިން އިސް ނަގައިގެން ފަސް ދުވަހުގެ މުއްދަތަކަށް ޝީ ބިލްޑިންގްގައި ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ ފަސް މުވައްސަސާއަކުން އަށާވީސް ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ގއ. ވިލިނގިލީގައި 50 ހައުސިންގ ޔުނިޓު އަޅަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ގއ.ވިލިނގިލީގައި 50 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ޕްލޭނިންގ މިނިސްޓްރީން ހަވާލު ކޮށްފި އެވެ. 48،164،794.10 ރުފިޔާ އަށް މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0