ދަރިންދެކެ ލޯބިވާކަން ފަސޭހައިން އަންގާލަދޭނެ 11 ގޮތެއް

4 ޖޫން 2022 - 12:34

ދަރިން ދެކެ ވާލޯތްބާއި އަޅާލުން ތަޞައްވަރު ކުރެވޭނެ ސިފަތަކަކީ އެކުދިންގެ ގޮތުގައި އެކުދިން ޤަބޫލުކުރުމާއި، ދިރިއުޅުމުގައި ޤާއިމްކޮށްދެވޭ ހަމަޖެހުމާއި އަދި ޚާއްސަކޮށް އެކުދިންނަށް ދެވޭ އަޅާލުމާއި ލޯތްބެވެ. ކޮންމެ މައެއް އަދި ބަފައެއްވެސް ދަރިންދެކެ ލޯބިވާނެކަން ޔަޤީނެވެ. އެކަމަކު ލޯބިވާކަން އަންގައިދީ އެލޯބި ދައްކައި ދިނުމަކީ ބައެއް ދިވެހީންނަށް އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ.

މައިންބަފައިންގެ ލޯބި އިޙުސާސް ކުރެވުމަކީ އެކުދިންގެ ހަޔާތުގެ ކޮންމެ ދިމާލަކުންވެސް ހަމަޖެހުމާއި ފަސޭހަ ގެނެސްދޭ ކަމެކެވެ. މިގޮތަށް ދަރިންދެކެ ލޯބިވާކަން އިޙުސާސްކޮށްދޭން ކުރެވިދާނެ ކުދިކުދި ކަންކަން ހުރެއެވެ. ރައްކާތެރިކަމާއި ލޯބި ލިބިގެން ބޮޑުވާ ކުދިން، ކުދިންގެ ގޮތުގައި ބޮޑުވާން ފުރުޞަތު ލިބޭނެ ކަމަށާއި އެކުދިންނަކީ ކަންކަން ދަސްކުރާހިތްވާ އުފެއްދުންތެރި ކުދިންނަށް ވެގެންދާނެ ކަމަށް ތަޖުރިބާކާރު ސައިކޯތެރަޕިސްޓެއް ކަމަށްވާ އޭމީ މޯރިން ބުނެއެވެ.

advertisement

ކުދިންގެ އަޑުއަހާށެވެ.

އެންމެ ފުރަތަމަވެސް ދަރިން ދައްކާ ވާހަކަ އަޑުއަހާށެވެ. އެކުދިންނަކީ މައިންބަފައިންނަށް މުހިންމު ބައެއްކަން އަންގައިދޭނެ އެންމެ މޮޅު އެއްގޮތަކީ އެއީއެވެ. “އިލެކްޓްރޯނިކް އާލާތްތައް ބަހައްޓާފައި ދަރިފުޅު ދައްކާ ވާހަކަތައް ޝައުޤާއިއެކު އަޑުއަހާކަން އަންގައިދޭށެވެ. ދިރިއުޅުމުގެ ކަންކަމާއި މެދު ކުދިންގެ ޚިޔާލު ހޯދައި އެކުދިން ކަންކަމާއިމެދު ދެކޭގޮތް ބަލައިގަންނަކަން ކުދިންނަށް އަންގައިދޭށެވެ.” މޯރިން ފާހަގަކުރިއެވެ.

އެކުގައި ކުޅެ މަޖާކޮށްލާށެވެ.

ކޮންމެ ކަމަކީ އެއްޗެއް ދަސްކޮށްދީ ކިޔައިދޭން ކުރާ ކަމަކަށް ނަހަދާށެވެ. “ގޭމްތައް ކުޅެ މަޖާކޮށްލާ އެކުދިންގެ ދުނިޔެއަށް ވަދެލާށެވެ. ރާވައިގެން ނޫނަސް ކުދިންނާއި އެކު ވަގުތުކޮޅެއް ހޭދަކުރާށެވެ. އޭރުން މައިންބަފައިންނާއި އެކުދިންނާއި ދޭތެރޭ އޮންނަ ގުޅުން ބަދަހިވެ، ކުދިންނާއި އެކު ހޭދަކުރާ ވަގުތަކީ މައިންބަފައިން އިސްކަންދޭ މުހިންމު ވަގުތުތަކެއްކަން އެކުދިންނަށް އެނގޭނެއެވެ.” މޯރިން އިތުރަށް ފާހަގަކޮށްފައިވެއެވެ.

ލޯބިން ގިނަގިނައިން ބައްދާލާށެވެ.

ލޯބިވެޔޭ ބުނެލުން މުހިންމު ވާގޮތަށް، ބޮސްދިނުމާއި، ބައްދާލުމާއި، ފިރުމާލަދިނުން ފަދަ ކަންކަމަކީވެސް ދަރިންނާއި މައިންބަފައިންނާއި މެދު އޮންނަ ލޯބި ބަދަހިވުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދޭ ކަންކަމެވެ. ސައިކޯތެރަޕިސްޓެއް އަދި ސެލްފެކެއަރ ކޯޗެއް ކަމަށްވާ ޕެގް ސޭޑީ މިކަމާއި ގުޅޭގޮތުން ބުނެފައިވެއެވެ. “ޚާއްސަކޮށް ފުރާވަރުގެ ކުދިންނަކީ އަމިއްލައަށް ދުވެފައި އައިސް ބައްދާނުލިޔަސް ބޮޑެތި މީހުން ފަދައިން އެކުދިންވެސް ލޯބިން ބައްދާލުމަށް އެދޭނެއެވެ. ފުރުޞަތު ލިބުމުން އުނދަގޫ ނުވާނެހެން ކޮންމެ ދުވަހަކުވެސް ދަރިފުޅު ގައިގައި ބައްދާލަން ވާނެއެވެ.”

އެހެނިހެން ކުދިކުދި ކަންކަންވެސް ކޮށްލާށެވެ.

އަބަދު ލޯބިން މައްލަވަކޮށް ނޫޅުނަސް އެކުދިން ބަލައިގަންނަކަން އަންގައިދެވިދާނެ ކުދިކުދި ކަންކަންވެސް ހުރެއެވެ. އޭމީ މޯރިން ބުނާގޮތުންނަމަ އެހެން މީހުންގެ ކުރިމަތީގައި ދަރިންގެ އަގު ހިފެހެއްޓުމާއި، ތަޢުރީފުކުރުމާއި، އެޕްރިޝީއޭޓްކޮށްލަން އަތްވެސް ހަމަ ޖަހާލަންވީއެވެ. މީގެ އިތުރުން ލަންޗް ބޮކްސްތަކަށް ކުޑަ ނޯޓްކޮޅެއްވެސް ވައްޓާލެވިދާނެއެވެ. މިގޮތަށް ޢަމަލުކުރުމުން މައިންބަފައިންގެ ހިތުތެރޭގައި އޮންނަ ލޯބި ކުދިންނަށް ހާމަވެގެން ދާނެއެވެ.

ވަކި ޚާއްސަ ރޫޓިންއެއް ހަދާށެވެ.

މިއީކީ އަގުބޮޑު މޮޅުކަމަށް ވާކަށް ނުޖެހެއެވެ. “މިސާލަކަށް ނިދަން އޯށޯންނަމުން ބުނެލާ މަޖާ ވާހަކައެއް ނުވަތަ ކޮށްލާ ކަމަކަށް ވެދާނެއެވެ. ނޫނީ ކޮންމެ ކުއްޖަކަށް ޚާއްސަކޮށް ހަފްތާގެ ކޮންމެވެސް އެއްދުވަހަކު އެކުއްޖަކު ބޭނުންވާ ޚާއްސަ އެއްޗެއް ކައްކާވެސް ލެވިދާނެއެވެ. އެކުރާ ކަމެއް އެއީ ކޮންމެ ކުއްޖަކަށްވެސް ޚާއްސަކޮށްކުރެވޭ އާދައަކަށް ހަދާށެވެ.” މިގޮތަށް ހެދިދާނެ ރޫޓީންއަކާއި ގުޅޭގޮތުން ޕެގް ސޭޑީ ބުންޏެވެ.

ޢާއިލީ ނިންމުންތަކުގައި ދަރިންގެ ބައިވެރިވުން ހޯދާށެވެ.

ކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަމުގައިވެސް ކުދިންގެ ޚިޔާލު ހޯދާލުން ރަނގަޅެވެ. މިސާލަކަށް ގެބަދަލުވުމަށް ނުވަތަ ޑިނާރ އެއް ނަގާލަން ދާންވީ ކޮން ރެސްޓޯރަންޓްއަކަށްތޯ އަހާލުމުން ޢާއިލީ ނިންމުންތަކުގައި އެކުދިންގެ ބައިވެރިވުން އޮންނަކަން އެކުދިންނަށް ޤަބޫލުކުރެވޭނެއެވެ. “ކުދިންގެ ޚިޔާލު މިގޮތަށް ހޯދުމުން ޢާއިލީ ނިސްބަތް އޮތްކަމާއި ރައްކާތެރިކަންވެސް ކުދިންނަށް އިޙްސާސްކުރެވެއެވެ.” ޕެގް ސޭޑީ ފާހަގަކުރިއެވެ.

ގޭތެރޭގައި ސްޓްރަކްޗާއެއް ބާއްވާށެވެ.

ކުދިންގެ ނިދާގަޑިއާއި، ކާ ގަޑިއާއި، ހޭލާ ގަޑީގެ އިތުރުން ފިލާވަޅުހަދާ ގަޑި އަދި ކުޅޭގަޑި އަތުރާލައި ރާވަލައިގެން ގެންގުޅުމުން ކުދިންގެ ކުރިއެރުމަށް ބޮޑު ބާރަކަށް ވާނެކަމަށް ޢާއިލީ ގުޅުންތަކާއި ބެހޭ ސައިކޯތެރަޕިސްޓެއް ކަމަށްވާ ޑރ. ފްރޭން ވޯލްފިޝް ފާހަގަކުރެއެވެ. “ދަރިންގެ ހަޔާތުގައި ސްޓެބިލިޓީ އޮންނަ މިންވަރާއި ދިރިއުޅުމުގެ ކަންކަން އަތުރާލެވިފައިވާ ގޮތުން ލޯތްބާއި ރައްކާތެރިކަން ދަރިންނަށް އިޙުސާސްކުރެވެއެވެ. މީގެއިތުރުން ފިކުރުބޮޑުވުމާއި ހާސްވުމުން ދަރިން ސަލާމަތްކޮށްދެއެވެ.” ވޯލްފިޝް އިތުރަށް ބުންޏެވެ.

ދަރިންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރާށެވެ.

އެއްކުއްޖަކަށް ވުރެ ގިނައިން ކުދިންތިބޭނަމަ ކޮންމެ ކުއްޖަކަށްވެސް ލޯތްބާއި އަޅާލުން ލިބޭކަން އިޙުސާސްކުރުވަން ހަދާނީ ކިހިނެއް ހެއްޔެވެ؟

ފުރަތަމަ ކޮންމެ ކުއްޖަކީވެސް ވަކި މިޒާޖެއްގެ ވަކި ފަރުދެއްކަން ދެނެގަންނާށެވެ. އެއްކުޖައްކު ކުރާ ކަންކަމާއި އެކުއްޖާގެ އިންޓްރެސްޓްސް ދެން ތިބޭ ކުދިންގެ އިންޓްރެސްޓްސް ތަކާއި ތަފާތުވެދާނެއެވެ. އެކަމަށް އިޙްތިރާމްކުރާށެވެ. އަޅާކިޔުން ހުއްޓާލާށެވެ. މޯރިން ބުނާގޮތުން މިސާލަކަށް އެކި ކުދިން ތަފާތު ކުޅިވަރުތައް ކުޅެން ޝައުޤުވެރިކަން ހުއްޓަސް އެކަމަށް އިޙްތިރާމްކޮށް ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭށެވެ. އެކަމަކީ މައިންބަފައިންނާއި ކޮންމެހެން ގުޅުމެއް ނެތް ކަމަކަށް ވިޔަސްމެއެވެ.

ދެވަނަ ކަމަކަށް ކޮންމެ ކުއްޖަކާއި އެކުގައި ވަކިން ވަޤުތުކޮޅެއް ހޭދަކުރާށެވެ. ކޮންމެ ކުއްޖަކުވެސް މައިންބަފައިންގެ ކުރިމަތީގައި އެންމެ މުހިންމު ކުއްޖާއަށް ވާން ބޭނުންވާނެކަމަށް ޑރ. ވޯލްފިޝް ބުނެއެވެ. ކޮންމެ ކުއްޖަކާއިއެކު ވަކިން 10 އެއް ނޫނީ 15 މިނިޓް ކޮންމެ ދުވަހަކުވެސް ހޭދަކޮށްލާށެވެ. އަދި އެފަދަ ވަގުތުތަކުގައި ކުއްޖާއަށް އެކަނި ސަމާލުކަން ދޭން އާދަކުރާށެވެ.

އާއިލީ ގުޅުންތަކުގައި ނަމޫނާ ދައްކާށެވެ.

ޚާއްސަކޮށް ކުދިންގެ ޅައުމުރުގައި މިއީ އެހާ ސިގްނިފިކެންޓް ކަމަކަށް ގިނަ މައިންބަފައިން ނުދެކެއެވެ. އެކަމަކު އެއީ ކުރެވޭ ކުށްހީ އެކެވެ. އެކުދިންގެ ވަށައިގެން ހިނގާހާ ގުޅުމަކީވެސް އެކުދިނަށް އަޅާލުމާއި ލޯބިދިނުމުގައި ދައުރެއްވާ ކަމެކެވެ. މައިންބަފައިން އެކަކު އަނެކަކާއި މުއާމަލާތުކުރާ ގޮތަކީ އާއިލީ ގުޅުން ދަސްކުރުމުގައި ކުދިން ބަލާނެ ނަމޫނާއެކެވެ. “މައިންބަފައިން އެކަކު އަނެކަކަށް ލޯތްބާއި އަޅާލުން ދޭނަމަ ކުދިންވެސް އެކަން ދަސްކުރާނެއެވެ.” މޯރިން ފާހަގަކުރިއެވެ. ދިރިއުޅުމުގައި ދަރިންނަށް ނަމޫނާއަކަށް ވާންޖެހެނީ ދަރިން އެންމެ ފުރަތަމެވސް އެދުރުވަނީ ގޭތެރެއިންކަމަށް ވުމުންނެވެ.

މާއްދީ ތަކެއްޗަކީ ލޯތްބާއި އެއްފަދަ އެއްޗެއް ނޫނެވެ.

މިއީ ހަޤީޤަތެވެ. ކުދިންނަށް ލިބިދޭ ޕްރެޒެންޓްތަކާއި ފާޑުފާޑުގެ އަގު ބޮޑު ހަދިޔާތަކަށް ވުރެ މައިންބަފައިން ދަރިންނާއި އެކު ހޭދަކުރާ ވަގުތު މާމުހިންމެވެ. މޯރިން ބުނާގޮތުން މިހަޤީޤަތް އެންމެ ފަސޭހައިން ޤަބޫލުކުރެވޭނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޅައުމުރާއިމެދު އަމިއްލައަށް ވިސްނާލުމުންނެވެ. ޅައިރު ލިބޭ އުފަންދުވަހުގެ ހަދިޔާއަކަށް ވުރެ މައިންބަފައިންނާއި އެކުގައި ހޭދަކުރެވުނު މަޖާ ވަގުތުތައް މާފަސޭހައިން ހަނދާނަށް އަންނާނެއެވެ. އެހެންކަމުން ދަރިންނާއި އެކުގައި ވުމަށް ބޭނުންވާ ހަނދާންތަކަކީ ކޮންކަހަލަ ހަނދާންތަކެއްތޯ ވިސްނާލަންޖެހެއެވެ.

ގޯހެއް ހެދުނަސް އެހީތެރިކަން ފޯރުކޮށްދޭށެވެ.

އެކްރޮން ޗިލްޑްރެންސް ހޮސްޕިޓަލުގެ ޕީޑިއެޓްރިކް ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ލައުރާ ގެރަކްގެ ޚިޔާލަކީ، ދަރިއަކު ގޯހެއް ހެދުމުން ޒިންމާ ނަގަން ދަސްކޮށްދީ، ހެދޭ ގޯހަށް ޒިންމާ ނެގުމުން އެކަމެއް ބަލައިގަތުމާއި އެކު ދެން އެފަދަ ގޯހެއް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން އެކުއްޖަކުގެ ޚިޔާލު ހުރި ނެތްގޮތް ހޯދުމަށް މަޝްވަރާކުރުމެވެ. “މީގެއިން ދަރިންނަށް ލިބޭނެ މެސެޖަކީ އެމީހުންވެސް އެހެން މީހުން ފަދައިން ޕާފެކްޓް ނުވާނެކަން. އެކަމަކު އަދި ގޯހެއް ހެދުނަސް ތިމާޔަށް އެކަން ރަނގަޅުކުރުމަށް ފުރުޞަތު އޮތް ކަމަށާއި، ތިމަންނާ އެކަމަށް ކުޅަދާނަވެގެންވާ ކަމަށާއި އަދި މައިންބަފައިން ތިމަންނާއަށް އިތުބާރުކުރާކަން އެކުދިން ޔަޤީންކުރާނެއެވެ.” މީގެ ސަބަބުން އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރުވެސް ބޮޑުވާނެއެވެ.

ރިއެކްޝަންސް
18
66
1
2
0
1
2