މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

5 ޖޫން 2022 - 18:30

ތިމާވެށި ޙިމާޔަތްކުރުމަށް އެންމެހައި ދިވެހިންގެ ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ތިމާވެށި ޙިމާޔަތްކުރުމަށް ދިވެހިންގެ ފެންވަރުގައި ކުރެވެން ހުރިކަންކަން ކުރުމުގައި އެންމެހައި ދިވެހިން ބައިވެރިވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. މިކަމަށް އެމަނިކުފާނު ގޮވާލައްވާފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައެވެ.

މި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިބިމުގެ ވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، މިބިންމަތީގައި އިންސާނީ ދިރުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ވިދާޅުވެފައެވެ. އެގޮތުން، ދިވެހީންގެ ޢަމަލުތަކުން ކަނޑުތައް ތަޣައްޔަރު ނުކުރުމާއި، ގޮނޑުދޮށްތަކާއި ފަރުތައް ހަލާކު ނުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދިނުމާއި، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ދިރިއުޅުމުގެ ބޭނުންތަކަށްޓަކައި، މާޙައުލީ ނިޒާމަށް ގެއްލުން ނުދިނުމާއި ގަސްތައް ކަނޑައި ހުސްނުކުރުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

advertisement

ރައީސުލްޖުމްހޫރިއްޔާ، ކ. ތުލުސްދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެއަތޮޅު ތުލުސްދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ތުލުސްދޫ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތަކުގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރައްވާފައި ވަނީ މިހާރު ބަޖެޓުގައި ހިމަނާފައިވާ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ލަސްވުމުން ދިމާވެފައިވާ މައްސަލަތަކެވެ.

ކ. ގިރިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމާލައިފި

ކ. ގިރިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ އަގަކީ 3.18 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން، އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމާއި، 268 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 46 މީޓަރުގެ ސަރަޙައްދެއްގެ ނެރު ބޭރު ތޮށިލުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީއިން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ސްޓެލްކޯ ސްޓާފް ފްލެޓްތަކަށް ކުންފުނީގެ ހަރަދުގައި ކަރަންޓުލަނީ

ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްޓެލްކޯ ހިޔާގެ 2 ޓަވަރަށް އެކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނ. މާފަރު، ކ. ކާށިދޫ ، ހިންމަފުށި އަދި ތ. ހިރިލަންދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައިފިއެވެ.

އެ އޮޕަރޭޝަންތަކުގެ ތެރެއިން، ކާށިދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށު ގެ އެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 46 ސެލޯފިންކޮޅު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0