މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
6 ޖޫން 2022 - 17:53
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލައް ސިޓީއަށް ކުރެއްވި 2 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުވައްމުލައް ސިޓީއަށް ކުރެއްވި 2 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ، މާލެ ވަޑައިގެންފިއެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ހިންގި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން އިއްޔެ ހަވީރު ފުވައްމުލަށް ސިޓީ އެއަރޕޯޓުން ފެށިގެން ތުނޑީ ސަރަޙައްދާއި ހަމައަށް ބޭއްވި ބައިސްކަލް ބުރުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަކުރުމަށް ރޭ އެ ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައެވެ. އެ މަނިކުފާނުގެ ދަތުރުފުޅުގައި ވަނީ ފުވައްމުލައް ސިޓީ ޓޭބަލް ޓެނިސް ސެންޓަރު ހުޅުއްވައިދެއްވާފައެވެ. މިއީ މިފަދަ ސެންޓަރެއް މާލެ ނޫން ރަށެއްގައި ޤާއިމްކުރެވުނު ފުރަތަމަ ފަހަރެވެ.
ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފި
ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް މުޙައްމަދު އަންސަރެވެ.
އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކުރުން ސަރުކާރުން ކުށްވެރިކުރައްވައިފި
އިސްލާމް ދީނާއި، ކީރިތި ރަސޫލާއަށް ފުރައްސާކޮށް ހިންގާ އެއްވެސް ޢަމަލަކީ ބަލައި ގަނެވޭނެ ޢަމަލެއް ނޫންކަމަށް ވިދާޅުވެ، އެފަދަ ޢަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ނޮޅިވަރަންފަރު ސްކޫލްގެ އައު ކްލާސްރޫމް ރަސްމީކޮށް ހަވާލުކޮށްފި
ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ހދ. ނޮޅިވަރަންފަރު ސްކޫލްގައި އަލަށް ޤާއިމްކޮށްފައިވާ 4 ކްލާސްރޫމް ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ވިނަރެސް” މޮކްއަޕް އެޕާޓްމަންޓްތައް އާންމުންނަށް ދައްކާލައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރެވެމުންދާ ”ވިނަރެސް” ހައުސިންގ މަޝްރޫއުގެ މަޢުލޫމާތު ސެޝަންތަކާއި މޮކްއަޕް އެޕާޓްމަންޓް ދެއްކުމަށް އާންމުކޮށް ހުޅުވާލައިފި އެވެ.