ބޭހަށް ސަލާންޖެހުމަށް ނިމުމެއް އެބައޮތްތަ؟
9 ޖޫން 2022 - 13:21
ބޮޑު ބައްޔެއްވާ ކޮންމެ ފަހަރަކު ފުރާނަ އަތް މައްޗަށް ލައިގެން މާލެ ދަތުރުކޮށް އަދި މާލެއިން ނުވެގެން ރާއްޖެއިން ބޭރަށް ދަތުރު ކުރަންޖެހޭ ޖެހުމަކީ ބޮޑު އިޖުތިމާއީ ބޭއިންސާފެކެވެ. އެކަށީގެންވާ ރަނގަޅު ސިއްހީ ފަރުވާ ލިބިގަތުމުގެ މާލީ ތަނަވަސްކަން ނެތިގެން މަރުގެ ތުންފަތްމަތީ މިހިނދުވެސް އެތައް މީހުންނެއް އެބަތިއްބެވެ. މިފަދަ ބަލިތަކަށް ބޭނުންވާ ފަރުވާ އާ ބަލިމީހާއާ ދެމެދު ވާ ހަމައެކަނި ހުރަހަކީ ފައިސާއެވެ.
ބޭސްފަރުވާއެއް ހޯދަން ޖެހޭ ކޮންމެ ފަހަރަކު ފޭސްބުކްގައި ސަލާންޖަހާ، މަޖިލީހުގެ ދާއިރާ މެމްބަރަށް ނުވަތަ ފައިސާވެރިއަކަށް އާދޭސް ކުރަން ބޭނުން އެއްވެސް އިންސާނަކު ނޫޅޭނެ ކަން ޔަގީނެވެ.
ބޭހަށް ސަލާންޖެހުމަށް ނިމުމެއް އެބައޮތްތަ؟
އަހަރެމެންގެ ތެރޭގައި ފަގީރުކަން ތަހައްމަލުކުރަން ޖެހިފައިވާ މީހުންގެ ތެރެއިން 60% އަކީ ސިއްހީ ސަބަބުތަކާހުރެ ފަގީރުކަމަށް ހުށަހެޅިފައިވާ މީހުންނެވެ.
އާސަންދަ ތައާރަފްވުމުގެ ކުރިން މީހުން ބޭހަށް ފައިސާހަމަކުރަނީ މޮނީޓަރުފޮތަކާއި ޑޮކްޓަރުގެ ބޭސް ސިޓީ ހިފައިގެން ފައިސާވެރިންގެ ގޭގެއަށް ހިނގަމުންނެވެ. މި ސަގާފަތް ނައްތާލުމަށާއި ހިލޭ ބޭސްފަރުވާ ފޯރުކޮށްދިނުމަށްޓަކައި ދައުލަތުން ގާއިމުކުރި ނިޒާމަކީ އާސަންދަ ނިޒާމެވެ.
އެހެނެއް ކަމަކު ބޭސްފަރުވާއަށް ސަލާންޖެހުމުގެ ސަގާފަތަށް ބަދަލެއް ނާދެއެވެ. ބަދަލުވީ ބޭހުގެ އަގުތަކާ ސިއްހީ ފަރުވާގެ އަގުތަކެވެ. ބޮޑުވެގެން ދިޔައީ ވިޔަފާރިވެރިންގެ ފައިދާއެވެ. އުފުލިގެން ދިޔަ އަގުތައް ކޮންޓްރޯލްކޮށް ވިޔަފާރިވެރިން މި ނިޒާމުގެ ތެރެއިން ނަގަމުން އަންނަ ނާޖާއިޒު ފައިދާ އަދިއަދަށް ވެސް ހުއްޓުވިފައެއް ނެތެވެ. މިކަމުގެ ސަބަބުން ދެން ބޮޑުވީ ދައުލަތުގެ ހަރަދެވެ.އިސްރާފުވަމުން ދަނީ ރައްޔިތުންގެ ބައިތުލްމާލެވެ.
ހުރިހާ ހިދުމަތެއް މާލެއަށް ޖަމާކޮށްފައި އޮންނަ މަރުކަޒީ ނިޒާމުގެ ސަބަބުން ބޭހަށް މާލެ އަށް އަންނަންޖެހޭ ރަށްރަށުގެ މީހުންނަށް ކުރިމަތިވާ މައްސަލަތަކަށް ނުވަތަ މާލެ އަންނަންޖެހޭ ޖެހުމަށް އާސަންދައިގެ ދަށުން ހައްލު ގެނެވިފައެއް ނެތެވެ.
އަވަސްފަރުވާ އަށް މާލެ ފުރަންޖެހޭ ބަލިމީހުންނަށް ސީ އެމްބިއުލަންސް ހަމަޖެއްސުމާއި ފްލައިޓުން ޖާގަ ހަމަޖެއްސުންފަދަ ކަންކަން ލަސްވުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. ސިއްހީ ފަރުވާއަށްޓަކައި ދަރަނިވެރިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ބޭހާ ހަމައަށް ނުވަތަ ފަރުވާ އާ ހަމައަށް ކުރަންޖެހޭ ދަތުރަށް ވެސް އަރަންޖެހެނީ ސަލާމް ޖަހަމުންނެވެ. އެއަށްފަހު ފަރުވާ ލިބިގަނެ ނިމެންދެން ވެސް ޖެހެނީ މާލޭގައި ނަމަ ސަލާން ޖަހާށެވެ. ނުވަތަ ދަރަނިވެރިވާށެވެ.
އައިޖީއެމްއެޗް ޑޮކްޓަރުންގެ އަމިއްލަ ކްލިނިކުތައް
އައިޖީއެމްއެޗް އިން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ލިބުން ދަތިވާހަކަ އަކީ އާއްމު ވާހަކައެކެވެ. ދައުލަތުގެ ސިއްހީ ނިޒާމު ބަލިކަށިކަމުން ބަލިމީހުންނަށް މަޖުބޫރުވަނީ ޕްރައިވެޓް ކްލިނިކުތަކުން ބޭސްފަރުވާ ހޯދުމަށެވެ. މިއީ އާއްމުންނަށް އަތްފޯރާ ހިސާބުގައި ހިދުމަތް ލިބޭ ތަންތަނެއް ނޫނެވެ. ނަމަވެސް ސަރުކާރު ހޮސްޕިޓަލްތަކުގައި ބަލި މީހުން ބަލާ ޑޮކްޓަރުން ބަލިމީހުން ގާތު މިވެނި ކްލިނިކަކަށް އަންނާށޭ ބުނާ ކަމީ ސީރިއަސް މައްސަލައެކެވެ. އާސަންދަ ނިޒާމާއި އެކު މާލޭގައި ގިނަވެގެން އައި ގިނަ ޕްރައިވެޓް ކްލިނިކުތަކަކީ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ހިއްސާ އޮންނަ ތަންތަނެވެ. އެހެން ކަމުން ޑޮކްޓަރުން އެމީހުންގެ ކްލިނިކުތަކަށް ބަލި މީހުން ރިފަރ ކުރެއެވެ. އަދި ފޮލޯ އަޕަށް އެ ކްލިނިކުތަކަށް އައުމަށް ބުނެއެވެ. ތިމާ އަށް ފަރުވާ ކުރާ މީހާއަށް ދައްކަންޏާ ބަލި މީހާއަށް މަޖުބޫރު ވަނީ ޕްރައިވެޓް ކްލިނިކަށް ދެއްކުމަށެވެ. މިގޮތަށް ކްލިނިކުތަކަށް ދެވޭނެ ފައިސާ ނެތް މީހެއް ނަމަ އެމީހެއްގެ ބޭސްފަރުވާގެ ކަންކަން ދިގުލައިގެން ގޮސް ބަލި އިތުރަށް ބޮޑުވެ، އަތުން އެތަކެއް ފައިސާއެއް ހޭދަވެއެވެ. މިއީ ބޮޑު ބޭއިންސާފެކެވެ. ދައުލަތުގެ ސިއްހީ ނިޒާމުގެ ތެރެއިން ބަލިމީހާއަށް ފަރުވާ ލިބެންޖެހެއެވެ. އަތުގައި އޮންނަ ފައިސާކޮޅު ކްލިނިކުތަކަށް ދޭންޖެހޭ ނިޒާމަކީ ވަކިބައެއްގެ ފައިދާއަށް ދަމަހައްޓާ ނިޒާމެއް ނޫންތޯއެވެ.
ޑޮކްޓަރުން އެހެން ކްލިނިކުތަކުގައި ފަރުވާ ދެނީ އާމްދަނީ އިތުރުކުރުމުގެ ގޮތުންނެވެ. ސުވާލަކީ މިކަމަށް އޮތް ހައްލަކީ ކޮބައިތޯއެވެ. ޑޮކްޓަރުންނެއް ކަމަކު ގިނަ ވަގުތު މަސައްކަތް ކުރުމަކީ މެޑިކަލް މެލްޕްރެކްޓިސް އަށް މަގުފަހިވެ ވަރުބަލިކަމުގެ ސަބަބުން ގޯސް ހެދިދާނެ މީހުންނެވެ. ވަރުބަލިކަންމަތީ ޑޮކްޓަރުން ބަލިމީހުންނަށް އެޓެންޑްވުމުގެ ސަބަބުން އޮޕަރޭޝަންކުރުމުގެ ތެރޭގައާއި ވިއްސުމުގެ ތެރޭގައި ގޯސް ހެދިފައިވެސް އެބަހުރިމެއެވެ. އެކިތަންތަނުގައި ބަލިމީހުން ބަލަން ގިނަ ވަގުތު ތިބޭ ޑޮކްޓަރުން ފަރުވާކުޑަ ކަން ވެސް ބަލިމީހުން ފާހަނގަ ކުރެއެވެ. ދައުލަތުގެ ހޮސްޕިޓަލުން ޑޮކްޓަރުންނަށް ދޭ މުސާރަ ކުޑަ ވުމުގެ އަގު ރައްޔިތުން ހިތި ގޮތަކަށް ދައްކަން ޖެހުމުގެ ބަދަލުގައި ދައުލަތުގެ ބަޖެޓުން ޑޮކްޓަރުންނަށް ރަނގަޅު މުސާރަ ދިނުމަށްފަހު، މަސްލަހަތު ފުށުއަރާ ގޮތަށް އަމިއްލަ ކްލިނިކުތަކުގައި ބަލިމީހުން ބެލުން މަނާކުރެވިދާނެއެވެ. އޭރުން މިހާރު ދުވާލަކު 8 މީހުން ބަލާ ޑޮކްޓަރުން އެ އަދަދު އިތުރުކޮށް ގިނަ ބަލިމީހުން ބަލާނެއެވެ. ނަމަވެސް މިއީ މައްސަލައިގެ އެއްކޮޅެވެ.
ސިއްހީ ނިޒާމުގައި އެތަކެއް މައްސަލަތަކެއް އެބަހުއްޓެވެ. ބަލި މީހުންނަށް އަވަހަށް ރަނގަޅު ފަރުވާ ދެވޭނޭ ގޮތްތަކެއް ގާއިމުކުރަން އަބަދުވެސް ދައުލަތުން މަސައްކަތްކުރާ ކަމަށް ބުނެއެވެ. ނަމަވެސް މާލޭގެ ހޮސްޕިޓަލުތައް ކިތަންމެ ރަނގަޅު ކުރިއަސްވެސް ރާއްޖެތެރޭގެ ސިއްހީ ނިޒާމު ފޫ ވެއްޓިފައި އޮތުމުގެ ސަބަބުން މާލޭގެ ހޮސްޕިޓަލުތަކަށް ކުރާ ބާރު ކުޑައެއް ނުކުރެވެއެވެ. ބަލިމީޙުން ގިނަވެ ނިޒާމަށް އޮބިނޯވެ އަތުން އެތައް ކަމެއް ދޫވެއެވެ. ސިއްހީ ނިޒާމު ހަރުދަނާ ކުރެވޭނީ ރާއްޖެތެރޭގެ ސިއްހީ ނިޒާމު ވެސް ހަރުދަނާކޮށްގެންނެވެ. އެއްކޮޅަށް އެކަނި ހަރަދު ކުރީމާ އަނެއް ކޮޅު ވާނީ ނިކަމެއްޗެވެ.