އަލަށް މަންމައިންނަށްވާ މީހުންނަށް މިކަންކަން އިނގުން މުހިންމު
11 ޖޫން 2022 - 11:19
މުޅިން އަލަށް ދަރިއަކު ލިބުމަކީ ކޮންމެ ދެމަފިރިއަކަށްވެސް ވަރަށް އުފާވެރި އިހްސާސްތަކެއް ކުރުވާނެކަމެކެވެ. މިއީ ބައެއް މީހުން ހާސްވެ ނުތަނަވަސްވެސް ކުރުވާ ކަމެކެވެ. މުޅިން އަލަށް މަޔަކަށްވާން އުޅޭއިރު ކަންތައްތައް ކުރަންވީ ގޮތާއި އަމަލުކުރަންވީ ގޮތް ނޭންގިދާނެތީ ބައެއް މީހުން ބިރުގައެވެ. އެހެންކަމުން ކުއްޖާ އުފަންވުމުގެ ކުރިން އިންޓަނެޓާއި އަދި އެކިއެކި ފޮތްތައް މެދުވެރިކޮށް އެކަމާއި ގުޅޭ މައުލޫމާތުވެސް ހޯދައެވެ. މައުލޫމާތު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ އަލަތު ދަރިފުޅު ލިބި އެކަމުގައި އުޅެން ފެށުމުން ކަންކަން ކުރަންވީގޮތް އެނގި ދަސްެވެގެންދާނެކަމެވެ.
އަލަތު ދަރިފުޅު ލިބުމާއިއެކު ކަންތައްތައް ބައްޓަން ކުރަންވީ ގޮތް:
އަލަށް ދަރިއަކު ލިބުމަކީ ކުރިންވެސް ބުނިހެން ހިތްނުތަނަވަސްވެ ހާސްވާނެކަމެވެ. ނަމަވެސް ހަމަޖެހިލާށެވެ. ދަރިފުޅު އުފަންވުމަށްފަހު މަންމައާއި އަދި ދަރިފުޅަށްވެސް އެންމެ ރަނގަޅު ގޮތައް ހުރިހައި ކަމެއްވެސް ބައްޓަންވެގެން އަންނާނެެއެވެ. ފުރަަތަމަ ގާތުން ދިނުމަކީވެސް އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް ކޮންމެ ދުވަހަކު މިކަން ކުރަން ފެށުމުގެ ސަބަބުން މިކަމަށް ހޭނު ފަހުން މިއީ ކުރާހިތްވާ ކަމަކަށް ވެގެންދާނެއެވެ.
ދަރިފުޅު ލިބި ކުއްޖާ ބޮޑުވެގެން އަންނަތަން ބެލުމަކީ ވަރަށް އުފާވެރި ކަމެކެވެ. ކުއްޖާގެ ކޮންމެ ހަރަކާތަކުން ބެލެނިވެރިޔާއަށް އުފާވެރިކަން ލިބެއެވެ. ނަމަވެސް އަލަށް ދަރިން ލިބިގެން އުޅޭ މަންމައިން އެހެންމީހުންގެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެެކެވެ. ދަރިފުޅުގެ ކަންތަކުގައާއި އަދި އަމިއްލަ ކަންކަމުގައިވެސް އާއިލާގެ އެހީތެރިކަން ހޯދާށެވެ.
ގާތުންދިނުން
ގާތުންދޭ މަންމައިންނަށް މިއީ ވަރަށް ރަނގަޅު އެޑްވައިސްއަަކަށްވާނެއެވެ. ދަރިފުޅަށް ގާތުން ދިނުމުގެ ކުރިން ފާހަނާއަށް ދާންވެފައިވާނަމަ ފާހަނާއަށް ދާށެވެ. އެއަށްފަހު ފޯނު އަތުގައި ޖެހޭ ހިސާބެއްގައި ބާވާށެވެ. އެއިރުން ނިދިޖެހުން ފަދަ ކަންކަމުން ސަލާމަތްވާނެއެވެ. ނުވަތަ ކިޔާލާހިތްވާ ކަހަލަ ފޮތެއްވެސް ކައިރީގައި ބޭއްވިދާނެއެވެ.
ކަރުހިތްކުން ފިލުވުމަށްޓަކައި ކޮންމެވެސް ކަހަލަ ބުއިމެއްވެސް ކައިރީގައި ބަހައްޓާށެވެ. ކިރުތައްޓެއް ކަހަލަ ބުއިމެއްވެސް ބޭނުންކުރެވިދާނެއެވެ. ނުވަތަ ބަނޑުހައި ހޫނުކަން ފިލުވާލުމަށް ކާހިތްވާކަހަލަ ސްނެކްއެއްވެސް ގާތުންދޭގަޑީގައި ކައިރީގައި ބެހެއްޓިދާނެއެވެ. ތިޔައީ އަލަށް ބައްްޕައަކަށް ވެފައިވާ ފަރާތެއްނަމަ ގާތުންދޭގަޑީގައި ބައިވެރިޔާއަށް އެހީތެރިވެދޭށެވެ. އެއީ އަލަށް މަންމައަކަށް ވެގެންއުޅޭ މަންމައިންނަށް ފިރިމީހާގެ އަޅާލުމާއި ސަޕޯޓް ވަރަށް މުހިންމު ވާނެއެވެ.
ނިދުން
އަލަށް މަންމައިންނަށް ވެގެންއުޅޭ ފަރާތްތަކަށް ހަމަނިދި ނުލިބުމަކީ ދިމާވާނެ އެންމެ ބޮޑު އެއް މައްސަލައެވެ. ބައެއް މީހުން ބުނާގޮތުންނަމަ ދަރިއަކު ލިބުމަށްފަހު ހަމަނިދި ލިބޭނީ އެކުދިން ބޮޑުވުމުންނެވެ. ޙާއްސަކޮށް މަސައްކަތްކުރާ މަންމައެއްނަމަ ނިދި ލިބޭ މިންވަރު މަދުވެއެވެ. އެހެންކަމުން ދަރިފުޅުގެ ކަންކަމުގައި އާއިލާއާއި ބައިވެރިޔާގެ އެހީތެރިކަން ހޯދިދާނެއެވެ. އޮފީހުންއައިސް ދަރިފުޅަށް ގާތުންދޭންޖެހޭނަމަ ގާތުން ނެގުމަށްފަހު އާއިލާގެ ކޮންމެވެސް މީހަކަށް ހަވާލުކޮށްލެވިދާނެއެވެ. އެއިރުންވެސް ކުޑަކޮށް ނިދާލާ އަރާމުކޮށްލުމަށް ވަގުތު ލިބޭނެއެވެ.
ދަރިފުޅު ނިދާ ވަގުތުގައި ނިދާލުމަކީވެސް ދުވާލުގެ ވަގުތުގައި މަންމައަށް ކޮންމެވެސް ވަރަކަށް ނިދި ލިބޭނެކަމެކެވެ. ބައެއް މީހުން ބުނާގޮތުންނަމަ ތުއްތު ދަރިފުޅު ނިދާފައި އޮންނަ ވަގުތުގައި ގޭތެރޭގެ އަޑުތައް ވަރަށް މަޑުކުރަންޖެހެއެވެ. ނަމަވެސް މިއީ ކުންހީއެކެވެ. މަންމަގެ ބަނޑުގައި ދަރިފުޅު އޮންނައިރު ދަރިފުޅަށް ގަދަ އަޑުތައް އިވެއެވެ. އެހެންކަމުން އުފަންވުމަށްފަހުގައިވެސް ދަރިފުޅު ނިދާފައި އޮންނަވަގުތު އަޑުތައް ކޮންމެހެން މަޑުކުރާކަށްނުޖެހެއެވެ. އޭގެބަދަލުގައި ގޭތެރޭގައި ކުރަންޖެހޭ މަސައްކަތެއް އޮތްނަމަ އެކަމެެއް ކޮށްލެވިދާނެއެވެ. އެއީ ގޭތެރެ ސާފުކުރުން ކަމަށްވިއަސް ނުވަތަ ތަށިތައް ދޮވުންކަމަށްވުންވިއަސްއެވެ. އަޑުގަދަ ތަންތަނުގައި ނިދަން ދަރިފުޅަށް ދަސްކޮށްދިނުމަކީ ދަރިފުޅު ބޮޑުވެގެން އަންނައިރުވެސް ކުއްޖާއަށް ވަރަށް މުހިންމު ކަމެކެވެ.
ބަރުދަނާއިމެދު ހާސްނުވޭ
އަލަށް ވިހައިގެން އުޅޭ މީހުންނަށް ބަރުދަން އިތުރުވެ ފަލަވުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ނަމަވެސް ބަރުދަނާއިމެދު ހާސްނުވާށެވެ. ތިމާގެ ސިއްހަތާއި ދަރިފުޅުގެ ސިއްހަތު ރަނގަޅުނަމަ ކޮންމެހެން ފަލަވީކަމުގައިވިއަސް ބަރުދަނާއިމެދު ހާސްވުމަކީ ބޭކާރުކަމެކެވެ. އެއީ އެންމެ މުހިންމު ކަމަކީ 2 މައިންގެ ސިއްހަތު ރަނގަޅަށް ހުރުމެވެ.
ދަރިފުޅު ވަކި ވަރަކަށް ބޮޑުވުމުން ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރެވޭނެއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ވިހެއުމަށްފަހު ފަލަވާން ގާތްގަނޑަކަށް 40 ހަފްތާ ނަގައެވެ. އެހެންކަމުން ހިކެން މަސައްކަތް ކުރާއިރު ވަގުތުން ނަތީޖާ ނުފެނުނު ނަމަވެސް ހާސްވެ ކަންބޮޑުނުވާށެވެ. ނަތީޖާ ފެންނަން ދުވަސްނަގާނެއެވެ.