ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަ ދައްކަން އުނދަގޫވަނީ ކީއްވެ؟
11 ޖޫން 2022 - 13:25
ކޮންމެ އަހަރެއްގެވެސް ޖޫން މަސް ފާހަގަކުރަނީ ފިރެހެނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މަހުގެ ގޮތުގައެވެ. ވަކިން ޙާއްސަކޮށް ފިރެހެނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ފޯކަސްކޮށް ވަކި މަހެއް ފާހަގަކުރަނީވެސް މިކަމުގެ މުހިންމުކަން އަންގައިދީ އާންމުން މިކަމަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައެވެ.
ނަމަވެސް މިއީ ހަމައެކަނި ވަކި މަހެއްގައި ދައްކާލައިގެން ފުއްދާލެވޭނެ ކަމެއްނޫނެވެ. ކޮންމެ މަހަކީވެސް އަދި ކޮންމެ ދުވަހަކީވެސް ފިރެހެނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ވާހަކަ ދައްކާ ދުވަހަކަށް ހަދަންޖެހެއެވެ.
އާންމުގޮތެއްގައި ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަދައްކާއިރު ބޮޑަށް ފޯކަސް ކުރެވެނީ އަންހެނުންނަށެވެ. ފިރެހެނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ނަފްސާނީގޮތުން އެމީހުންނަށް ދިމާވާ ވާހަކަތައް މުޖްތަމައުގައި ދައްކާ މިންވަރު މަދެވެ. މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ކަންތައްތައް ކުރިމަތިވެފައިވާ ފިރެހެނުންނަށް މުޖްތަމައުއަށް ނިކުމެ މި ވާހަކަދެއްކުން ވެފައިވަނީ ލަދުވެތި ނުވަތަ ކުރަން އުނދަގޫ ކަމަކަށެވެ. އޭގެސަބަބުން އެހީތެރިކަމަށް އެދޭ ފިރެހެނުންގެ އަދަދުވެސް އަންހެނުންނާއި އަޅާބަލާއިރު މަދެވެ.
ފިރިހެނުންނާއި ފިރިހެން ކުދިންނާ މެދު މުޖުތަމައު ދެކޭ ގޮތް
މުޖްތަމައުގެ ގިނަ ބަޔަކަށް ވިސްނިފައި އޮންނަނީ ފިރެހެނުން ނުވަތަ ފިރެހެން ކުދިންނަކީ ހިތްވަރު ގަދަ ބަޔަކަށް ވާންޖެހޭނެކަމަށެވެ. ކަމެއް ދިމާވުމުން ރޮއެ ހިތާމަކުރުމަކީ ފިރެހެން ވަންތަނޫން އަންހެން ކަމެއްގެ ގޮތުގައި މުޖްތަމައު ދެކޭމިންވަރު އިތުރެވެ. ނަމަވެސް ފުރާވަރުގެ ފިރެހެން ކުދިންނާއި އަދި މުޅި މުޖްތަމައުއަށްވެސް އަންގާލަދޭންވީ މިއީ އަންހެން ކަމެއްނޫންކަމަށެވެ. ދެރަވެ ހިތާމަވެރި ކަމެއް ދިމާވެއްޖެނަމަ ފިރެހެނެއްވިއަސް އަދި އަންހެނެއްވިއަސް ރޮއެ ހިތާމަކުރުމަކީ އިންސާނާގެ ތަބީއަތުގައިވާ ކަމެއްކަމަށެވެ. ސްކޫލްގެ މާހައުލުގައިވެސް ކުދިންނަށް ދަސްކޮށްދޭންވީ މިކަމެވެ.
ނޭޝަނަލް ރަންއަވޭ ސޭފްލައިންއިން މިއަހަރުގެ ފެބްރުއަރީ މަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންމެ 10 ފިރެހެނަކުން 1 ފިރެހެނަކު ދުވާލެއްގެ މައްޗަށް އެންޒައިޓީ ނުވަތަ ޑިޕްރެޝަންއާއި ކުރިމަތިލާންޖެހެއެވެ. %60 ފިރެހެނުން އެމީހުންގެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުވާ ކަމަކާއި ކުރިމަތިލާންޖެހެއެވެ. މިއީ އެވްރެޖްކޮށް އަންހެނުންނަށްވުރެ ނިސްބަތުން އިތުރު އަދަދެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ނަފްސާނީ އެކިއެކި ކަންތައްތަކާއި ހެދި އަހަރެއްގެ މައްޗަށް %75 ފިރެހެނުން އަމިއްލައަށް މަރުވެއެވެ.
މިއީ އާދައިގެ ގޮތަކަށް ބެލުމަށްވުރެ ބޮޑަށް ސީރިއަސްކަމެއްގެ ގޮތުގައި ބަލަންޖެހެއެވެ. އެންމެ ކައިރިން ބަލާލިނަމަވެސް އާއިލާގެ ތެރެއިންނާއި އަދި ބައިވެރިޔާގެ ފަރާތުންވެސް ފިރެހެނުންނަށް ނަފްސާނީ ގިނަ ކަންތައްތަކަކާއި ކުރިމަތިލާންޖެހެއެވެ. މިކަންތައްތައް މުޖްތަމައު ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ފިރެހެންވަންތަ ކަމަކީ ކޮބައިކަން މުޖްތަމައު ދެކޭގޮތް ވަރަށް ބޮޑަށްވެސް ބަދަލުވާންޖެހެއެވެ. ފިރެހެންވަންތަވުމަކީ ނަފްސާނީ މައްސަލަތަކާއި ޑިޕްރެޝަން ދިމާނުވާނެކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ.
ފިރެހެނުންނަކީވެސް އަންހެނުން ފަދައިން ދެރަވުމާއި މާޔޫސްވުން ކުރިމަތިވާނެ ބައެއްކަން ދަންނަންޖެހެއެވެ. އެހެންކަމުން އާއިލާގެ ތެރެއިންނާއި އަދި ރަހުމަތްތެރިންގެ ތެރެއިންވެސް ޖުމްލަކޮށް މުޅި މުޖްތަމައުވެސް ފިރެހެނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ހޭލުންތެރިވާންޖެހެއެވެ. މިއީ ހަމައެކަނި ކޮންމެ އަހަރެއްގެ އެންމެ މަހެއްގައި ދައްކާލާ ވާހަކައަކަށް ހެދުމުގެ ބަދަލުގައި އަބަދުވެސް ދައްކާ ވާހަކައަކަށް ހަދަންޖެހެއެވެ. އަދި މިކަމުގައި އެހީތެރިކަން ބޭނުންވާ ފިރެހެނުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ.