މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
12 ޖޫން 2022 - 19:33
ރައީސުލްޖުމުހޫރިއްޔާ ހދ. ނެއްލައިދޫ ކައުންސިލާ ބައްދަލުކުރައްވައިފި
ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު، ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލު ކުރެއްވުމުގައި ނެއްލައިދޫ ކައުންސިލުން ވަނީ، ސަރުކާރުން އުތުރުގެ އަތޮޅުތަކުގައި ޤާއިމްކުރި ހައި ސްޕީޑް ފެރީގެ ޚިދުމަތާއި އެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން މިހާރު ލިބޭ ފެރީގެ ޚިދުމަތަކީ ފެންވަރު ރަނގަޅު އަދި ރައްޔިތުން ބަލައިގެންފައިވާ ޚިދުމަތެއްކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
ހިޔާ އެޗް 13 ވަނަ ޓަވަރުގައި “އެޗް 13 ކެފޭ” ނަމުގައި ކެފޭއެއް
ހިޔާ އެޗް 13 ވަނަ ޓަވަރުގައި ގްރީން ފްލައިގެ ފަރާތުން “ އެޗް 13 ކެފޭ “ ނަމުގައި ކެފޭއެއް ވަނީހުޅުވާފައި ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ. ލުއިފަސޭހަކަމާއި އެކު އާންމުންނަށް ހިދުމަތްތައް ލިބިގެންދާނެ ސަރަޙައްދަކަށް މިސަރަހައްދު ހެދުމަށް އެޗްޑީސީއިން ދަަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ވިދާޅުވި އެވެ.
ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ ބޮޑުބައި ނިމިއްޖެ
ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72.65 އިންސައްތަ ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށްވެސް ވިދާޅުވި އެވެ.
މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ބްރޯޑްކާސްޓް އެވޯޑަށް ކުރިމަތިލުމަށް މުއްދަތު އިތުރުކޮށްފި
“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022″އަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
މިއެވޯޑަކީ ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ ދައުރުގެ އަގުވަޒަންކޮށް، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދިނުމަށް ނިންމާފައިވާ އެވޯޑެކެވެ.
އިމާމުންނާއި ޚަޠީބުން ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފަށާނަން: މިނިސްޓަރ
އިމާމުންނާއި ޚަޠީބުންނަކީ ޤާބިލް ބަޔަކަށް ހެދުމަށްޓަކައި އިތުރު ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ލަސްތަކެއްނުވެ ފަށާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުންނާއި ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުންނެވެ.