2030 ވަނަ އަހަރު އަންނަން ވާއިރަށް އުމުރާއި ނުގުޅޭ މިންވަރަށް “އޮބީސް” ކުދިންގެ ޢަދަދު 250 މިލިއަނުން މައްޗަށް!
18 ޖޫން 2022 - 14:31
ޅަފުރާގައި އާދަޔާ ޚިލާފަށް ފަލަކޮށް ތިބޭ ކުޑަކުދިންގެ މައްސަލަ މުޅި ދުނިޔޭގައި މިފަހަކަށް އައިސް ވަރަށް ބޮޑުވަމުން އަންނަ މައްސަލައެކެވެ. ޖަންކް ފުޑް ޢާންމުވެފައިވާ މިޒަމާނުގައި ޤައުމުތަކަށް ފަރުވާލެއްނެތި ދޫކުރުވިފައިވާ އެއް ދިމާލަކީ އެޤައުމުތަކުގެ ކުރިމަގު އެބަޔަކަށް ޑިޕެންޑްވާ މިހާރުގެ ކުޑަކުދިންނެވެ. ކުޑައިރު އަބީސްކޮށް ތިބޭ ކުދިންގެ މެޖޯރިޓީ ކުދިން ބޮޑުވުމުންވެސް ތިބޭނީ އާދަޔާ ޚިލާފަށް ފަލަކޮށް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމަށް ވާނަމަ ޓައިޕް 2 ޑައިބީޓީޒް، ލޭމައްޗަށް ދިއުން އަދި ހިތުގެ މައްސަލަތައް އަހަރެމެންގެ ތެރޭގައި އިންތިހާއަށް ގިނަވެ ޒުވާން ޢުމުރުގައި މަރުވާ މީހުންވެސް ގިނަވާނެއެވެ.
ވޯލްޑް އަބީސަޓީ ފެޑަރޭޝަނުގެ ދިރާސާތަކުން ދައްކާ ގޮތުގައި އެއް އަހަރުން އަނެއް އަހަރަށް ކުދިން ފަލަވެ ބަރުވާ މިންވަރު އަންނަނީ ހީނުކުރާ ވަރަށް އިތުރުވަމުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެތިން އަހަރެއްތެރޭ އުމުރާއި ނުގުޅޭ މިންވަރަކަށް ފަލަ ކުދިން އެންމެ ގިނަވާނީ އުމުރުން ފަސް އަހަރާއި 19 އަހަރާއި ދެމެދުގައި އެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޖެހޭ ބަލިތައް އިތުރުވެ، 4-5 މިލިއަން ކުދިންނަށް ހަކުރު ބަލީގެ ވައްތަރެއް ކަމަށްވާ ޓައިޕް ޓޫ ޑައިބީޓީޒް ޖެހިދާނެކަމަށް ބެލެވޭ ކަމަށާއި، 30 ހަކަށް މިލިއަނަށްވުރެ ގިނަ ކުދިންނަށް ލޭމައްޗަށް ދިއުން ފަދަ ކަންކަން ކުރިމަތިވެ ގާތްގަނޑަކަށް 40 މިލިއަން ކުދިންގެ ފުރަ މޭގައި ފެޓް އުފެދޭވަރު އިތުރުވަމުން ދާނެ ކަމަށް ބެލެވޭކަމަށްވެސް އެފަރާތުގެ ދިރާސާތަކުން ހާމަވެފައިވެއެވެ.
މިޢަދަދުތަކަކީ އިންސާނީ ނަޞްލަށް ކުރިމަތިވާން އޮތް ބޮޑު ގޮންޖެހުމެއްގެ ކޮޅުމަތި އަންގައިދޭ އިންޒާރުގެ ރަނގަބީލެކެވެ. ކުޑަކުދިން ޖަންކް ފުޑާއި ދުރުކޮށް އެކުދިންނަށް ހަރަކާތްތެރި ދިރިއުޅުމެއް ހޯދާދިނުމަކީ ކަމާއިބެހޭ އިދާރާތަކާއި ފަރުދީ ލެވެލްގައި އެކުދިންގެ މައިންބަފައިންނާއި މުޖްތަމަޢުގެވެސް ޒިންމާއެކެވެ.
މިހާރަކަށް އައިސް މިމައްސަލަ އިތުރުވަނީ ކީއްވެ؟
ހަރަކާތްތެރިކަން ކުޑަވުމެވެ. ތައްޔާރީ، ލުއި، އަވަސް ކާނާ ކާންދެވޭލެއް ގިނަވުމެވެ. ހަކުރު ހިމެނޭ ތަފާތު ކޭންޑީތަކާއި، މެޓަޔާއި އަދިވެސް އެހެނިހެން ސިއްޙަތަށް ގެއްލުންހުރި ޢާދަތަކަށް ކުދިން ދޫކޮށްލެވިފައިވުމެވެ. ރޭގަނޑުގެ ބޮޑުބައި ހޭލާ ހޭދަކުރުމާއި ހެނދުނުގެ ނާސްތާއާއި މެދު އަޅާނުލެވުމަކީވެސް ފަލަވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމަށް ޗައިނާގައި ކުރެވުނު ދިރާސާއަކުން ޔަޤީންކުރެވިފައި ވެއެވެ. ކުދިންގެ ދިރިއުޅުމުގައި ހައްދުތަކާއި އިންތައް ކަނޑައަޅަން ޖެހެނީ އެހެން މީހުން ހިމެނޭގޮތަށް ކުދިންކުރާ ގޯސް ޢަމަލުތަކަށް އެކަނި ބިނާކުރެވިގެނެއް ނޫނެވެ. ކުދިންގެ ނަފްސަށް އަހަރތުތަކެއް ފަހުންވިޔަސް ގެއްލުން ލިބޭ ކަންކަމާއި މެދުގައިވެސް ބެލެނިވެރިން ފުންކޮށް ވިސްނާލަންޖެހެއެވެ.
ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާލިޔަސް ފެންނަނީ ސްކްރީންތަކަށް ގެއްލި ޖަންކް ފުޑަށް ދެވިހިފާފައިވާ ޒުވާން ޖީލެކެވެ. ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ބާވަތްބާވަތުގެ ސްޓްރީމިން މަންސަތަކާއި މީސް މީޑިއާގެ އެކި މަންސަތަކުގައި ދުވާލުގެ ބޮޑުބައި ހޭދަކުރާއިރު ސިއްޙަތަށް ފައިދާހުރި އެއްޗެއް ކާނެ ވަގުތެއްވެސް ނުވެއެވެ. އޯޑަރުކޮށް ކޮށްލައިގެން ފަސޭހައިން ލިބޭ ޖަންކް ފުޑް ޚާއްސަކޮށް ގްރޭޓާ މާލެ އޭރިއާގައި ވަރަށް މަޤުބޫލެވެ. މައިންބަފައިން އޮފީހުގެ ކަންކަމާއި އެހެނިހެން ކަންކަމުގައި އަވަދިނެތި އުޅޭއިރު އެއީ އެންމެ ކަންވީނިއަންޓް އޮޕްޝަންތާއެވެ. ދަރިން ގެއިން ނުނިކުމެ އެހެން ކުދިންނާއި އެކު ސަކަރާތް ނުޖަހާ އަޑުގަދަ ނުކޮށް ތިބޭކަމަކީ ލައްކަ ބޮޑު ކާމިޔާބެއް ނޫންހެއްޔެވެ؟ އަހަރެމެންނަށް އަބަދުވެސް ވިސްނެނީ ވަގުތު ފާއިތުވުމުންނެވެ.
ޢާންމު ވަބާއަކަށްވެ ގިނަބައެއް ނެތިދިއުމުގެ ކުރިން މިކަމާއިމެދު ވިސްނަންވެއްޖެ.
ދުޅަހެޔޮ ސިއްޙަތެއްގެ ވެރި ޒުވާން ޖީލެއް އުފެދިގެން އައުމަކީ އިންސާނީ ނަޞްލަށްވެސް އޭގެ ފައިދާތަކެއް ކުރާނެ ކަމެކެވެ. ސިއްޙީގޮތުން ވާރުތަވެ ޖީލުތަކަށް ދެމިގެންދާ ބަލިމަޑުކަމުން އިންސާނުން ސަލާމަތްކަން ހޯދަންޖެހެއެވެ. ގިނަ މީހުންނަށް އެނގޭނެ ފަދައިން ބަލިތަކުގެ ފަރުވާ އާއި ސިއްޙީ ދާއިރާގެ ޓެކްނޮލޮޖީތައް އުފެއްދުމުގައި ގިނަ އަހަރުތަކެއް ހޭދަވެއެވެ. އަހަރެމެންނާއި ހަމައަށް ވާރުތަވެފައިވާ ބަލިތަކަށް ފަރުވާއެއް ހޯދޭއިރު އަހަރެމެންގެ އުޅުމާއި މާޙައުލުގެ ސަބަބުން މުޅިން އާ ސިއްޙީ މައްސަލަތަކަށް ކޭޓާކުރަން ސިއްޙީ ދާއިރާއަށް މިއޮންނަނީ ލަސްވެފައެވެ. ސިއްޙަތަށް ގެއްލުންހުރި މިންވަރަށް އާދަޔާ ޚިލާފަށް ފަލަވުމަކީ އެންމޮ ބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައި އޮތް ސިއްޙީ މައްސަލަކަމަށް ދުނިޔޭގެ ސިއްޙަތާއިބެހޭ ޖަމްޢިއްޔާއިން ޤަބޫލުކުރެއެވެ. އެޖަމްޢިއްޔާއިން އަބީސަޓީ އާއި ދެކޮޅަށް ކަނޑައަޅާފައިވާ ޓާގެޓްތަކަށް ވާޞިލުވާނެކަމަށް ބެލެވޭ ޤައުމުތައް 10 އަކަށްވުރެ ދަށެވެ. އެހެންކަމަށް ވާނަމަ ކުރިއަށް އޮތް 10 ވަރަކަށް އަހަރުތެރޭ ދުނިޔޭގެ ގިނަ ޤައުމުތަކުގެ ސިއްޙީ ދާއިރާއަށް އޮބި އޮންނަވަރުގެ ކަމަކަށް މިކަމެއް ނުވާނެއެވެ.
ސިއްޙަތަށް ސަމާލުކަންދޭ މައިންބަފައިންގެ އިންފްލުއެންސް ދަރިންނަށް ވަރަށް ބޮޑަށް އޮންނާނެކަމަށް ދިރާސާތައް ބުނެއެވެ. އެހެންކަމަށް ވާނަމަ ދަރިންގެ ޅައުމުރުގައި މައިންބަފައިން ދައްކައިދޭ ނަމޫނާއަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ފުރަތަމަ ބިންގަލަށް ނޫނީ ނުވެއެވެ. އެހިސާބުން ނިންމާލައިގެން ވާކަށް ނެތެވެ. ދައުލަތުގެ ޕޮލިސީތައް ހެދިގެން ދާއިރުގައިވެސް މިމައްސަލައަށް އަލި އަޅުވާލެވެން އެބަޖެހެއެވެ. ކުޑަކުދިންގެ ސިއްޙަތަށް ސަމާލުކަން ދިނުމަށް ސަރުކާރުތަކުން މަސައްކަތްކުރާ މިންވަރު ކުޑައެވެ. ނޫނީ އެއްގޮތަކަށްވެސް ނުކުރެވެއެވެ. އެހެން އެކަން ވާންޖެހެނީ ފަހަރުގައި ސަރުކާރުތައް ނަގަހައްޓައި ފަންޑްކޮށްދޭން ތިބޭ ވިޔަފާރިވެރިން ރުއްސުން ޕްރައޮރިޓައިޒް ކުރެވިފައިވާތީކަމަށް ވެދާނެއެވެ.