މީހުން ގިނަވުމުން ހިތްއަވަސްވޭތަ؟ ހަދާނީ ކިހިނެއް؟
20 ޖޫން 2022 - 12:22
މީހުން ގިނަވުމުން ބިރުގަނެ ހާސްވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ހާލަތެކެވެ. މިހެން މިކަން ވުމުގެ ސަބަބުން އެމީހުން މީހުން އެއްވެ ގިނަވާ ތަންތަނަށް ނުދާންވެސް މަސައްކަތްކުރެއެވެ.
މީހުން ގިނަވުމަކީ ބައެއް ފަހަރު އަހަރެމެންނަށް ކުރީބައިގައި ޕްރިޑިކްޓް ކުރެވޭ ކަމެއްނޫނެވެ. ފަހަރުގައި ގެއަށް ބޭނުންވާ ތަކެތި ގަންނަން ޝޮޕިންއަށް ގޮސް އުޅެނިކޮށްވެސް ފިހާރަތެރޭގައި މީހުން ގިނަވެދާނެއެވެ. ނުވަތަ މަގުމަތީގައި ހިނގާފައި ދަނިކޮށްވެސް މީހުން ގިނަވެދާނެއެވެ. މިގޮތައް މީހުން ގިނަވުމުން ބިރުގަންނަ މީހުންނަށް މީހުން ގިނަވުމުން ޕެނިކް އެޓޭކް އައުމަކީވެސް ވަރަށް ގާތްކަމެކެވެ. މީހުން ގިނަވުމުން ބިރުގަންނަމަ މިއީ ސޯސިއަލް ފޯބިއާއެކެވެ.
މީހުން ގިނަވެ ބިރުގަތުމުގެ އަލާމާތްތަކަކީ ކޮބާ؟
މީހުން ގިނަވެގެން ބިރުގަންނަ ނަމަ ފެންނާނީ އެންޒައިޓީގައިވެސް ފެންނަ އަލާމާތްތަކެވެ. އޭގެތެރެއިން ބައެއް އަލާމާތްތަކުގެ ތެރޭގައި:
- ތުރުތުޅުއެޅުން
- ބްލަޑް ޕްރެޝަރ މަތިވުން
- ހިތުގެ ތެޅުން އަވަސްވުން
- މެއަށް ތަދުވުން
- ނޭވާލާން އުނދގޫވުން
ކުރިންވެސް ބުނިހެން މިގޮތައް މީހުން ގިނަވެ ހާސްވާ މީހުން ގެއިން ބޭރަށް ދިއުމަށް ޖެހިލުންވެއެވެ. މީހުން ގިނަވެއްޖެނަމަ މިފަދަ މީހުންނަަށް ޕެނިކް އެޓޭކްވެސް އާދެއެވެ. އަދި މިފަދަ ޕެނިކް އެޓޭކްތައް 1 ގަޑިއިރަށްވުރެ ދިގުދެމިގެންވެސް ހިނގައިދާނެއެވެ.
މިކަމުގެ ހައްލަކީ ކޮބާ؟
މީހުން ގިނަވުމުގެ ސަބަބުން ހާސްވެ ބިރުގަތުމަކީ ކުރިންވެސް ބުނިހެން އެންޑައިޒީ ޑިސްއޯޑަރއެކެވެ. މިއީ ފަރުވާއާއިއެކު ރަނގަޅު ކުރެވޭނެކަމެކެވެ. މިކަމަށް ހައްލެއް ހޯދުމަށް އަމިއްލައަށްވެސް ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ. އޭގެތެރޭގައި:
ފުންކޮށް ނޭވާލުން
މީހުން ގިނަވެ ހާސްވާނަމަ ފުންކޮށް ނޭވާލުމަކީ އަމިއްލަ ނަފްސް ކާމް ކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. ފުންކޮށް ނޭވާލުމަކީ ހަށިގަނޑަށް ހަމަޖެހުމަށް ކުރެވޭ ކަމެކެވެ. މީގެ ސަބަބުން މީހާ ހަމަޖެހިގެންދާނެއެވެ.
މަޑުމަޑުން އެކަމާ ކުރިމަތިލުން
މީހުން ގިނަ ތަންތަނަށް ދާން ބިރުގަނެ ހާސްވާނަަމަ މަޑުމަޑުން އެކަން ކުރެވިދާނެއެވެ. ފުރަތަމަ އެފަދަ ތަންތަނަށް ދާނީ މަދުން މަދު ވަގުތުކޮޅަކަށެވެ.
އެހީތެރިވެދޭ ބަޔަކު ގެންގުޅޭ
އެންޒައިޓީގެ ސަބަބުން މީހާ ވަރަށް ބޮޑަށްވެސް އައިސޮލޭޓް ވެއެވެ. ނަމަވެސް މިފަދަ މީހުންގެ ވަރުގަދަ ސަޕޯޓް ސިސްޓަމެއް އޮންނަަނަމަ މިކަމުން އަރައިގަންނަން ފަސޭހަވެގެންދެއެވެ. އެގޮތުން ކައިރީގައި ގެންގުޅޭ ރަހުމަތްތެރިންނާއި އާއިލާއަކީ ތިބާއަށް ސަޕޯޓްކުރާ ބަޔަކަށް ވާންވާނެއެވެ.
ތެރަޕީ ނެގުން
އެއްވެސް ގޮތަކަށް މިކަމަށް އަލި މަގެން ނުފެންނަނަމަ ތެރަޕީ ނެގިދާނެއެވެ. ތަޖުރިބާކާރު ފަރާތެއްގެ އެހީއާއިއެކު ކުރިއަށްދިއުމަކީ އެކަމުން އަރައިގަންނަން ލިބޭ އިތުރު ހިތްވަރަކަށް ވާނެއެވެ.