ކައުންސިލުތަކަށް އާމްދަނީ ހޯދަން ރުއްގަސް އިންދައިގެން ވިއްކުން ކިހިނެތްވާނެ؟
21 ޖޫން 2022 - 10:58
2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް 9447 ރުއްގަސް ރަށްރަށުން ބޭރުކުރުމުގެ ހުއްދަ އީޕީއޭ އިން ދީފައިވާ ކަމަށް އީޕީއޭ އިން ހާމަކޮށްފިއެވެ. މިއީ އީޕީއޭގެ ހުއްދަ ހޯދައިގެން ރަށްރަށުން ރުއްގަސް ބޭރު ކޮށްފައިވާ އަދަދެވެ. އީޕީގެ ހުއްދަ ނުހޯދާވެސް ރަށްރަށުން ރުއްގަސް އުފުރައި ބޭރުކޮށް ވިއްކައެވެ. އީޕީއޭގެ ހުއްދަ ހޯދަން ޖެހެނީ ގާނޫނުގައި ބުނާ އަދަދަށް ވުރެ ގިނައިން ރުއްގަސް ބޭރުކުރާނަމައެވެ. އެއީ 50 ނުވަތަ އެއަށްވުރެން މަދު ނަމަ ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ. 50 އާއި 200 އާއި ދެމެދުގެ އަދަދަކަށް ނަމަ އީޕީއޭގެ ހުއްދަ ހޯދައިގެންނެވެ.
އެހެން ކަމުން މި 9447 ރުއްގަހުގެ ތެރޭގައި ކައުންސިލުތަކުން ހުއްދަ ދީގެން އުފުރައި ބޭރުކޮށް ފައިވާ ރުއްގަސް ނުހިމެނެއެވެ. އަދި އެކި މަޝްރޫއުތައް ހިންގުމަށް ބިން ސާފުކުރުމުގެ ނަމުގައި އީ.އައި.އޭ ހަދައިގެން ރަށްރަށުން އުފުރައި ބޭރުކޮށްފަވާ ރުއްގަސްވެސް މީގެ ތެރޭގައި ނުހިމެނެއެވެ.
ރުއްގަސް މިވަނީ ސިނާއީ ފެންވަރެއްގައި ފަތުރުވެރިކަމަށް ތަރައްގީކުރާ ރަށްތަކަށް ބޭނުންވެފައެވެ. ފަޅުތަކާއި ފަރުތައް ހިއްކައިގެން ހަދަމުން އަންނަ ރަށްރަށުގައި އިންދުމަށްޓަކައި ހެދި ބޮޑުވެފައި ހުންނަ ރުއްގަސްގަހާއި ނުފޯދޭ ޅަ ރުއްގަސްވެސް ގަތުމަށް ރިޒޯޓުތަކުން ބޭނުންވެއެވެ. މިއީ ކައުންސިލުތަކަށް އާމްދަނީ ހޯދުމަށްޓަކައި ކުރެވިދާނެ މަސައްކަތެއް ނޫންތޯއެވެ؟ ބައެއް ރިޒޯޓުތަކުން ރުކެއް ގަންނަ ރޭޓަކީ 300 ޑޮލަރެވެ. 2 އަހަރާއި 3 އަހަރާއި ދޭތެރޭގެ މުއްދަތެއްގައި ފޯދޭ ޒާތުގެ ރުއްވެސް ރާއްޖޭގެ ދަނޑުވެރިން ވިއްކައެވެ. އެހެންކަމުން ރަށުގައި ބިމާއި ފަހާއި މަސައްކަތްތެރިން ތިބި އިރު މިއީ އަތުން މާބޮޑު ހޭދައެއް ނުކޮށް ކައުންސިލަށް އާމްދަނީ ހޯދުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. އޭރުން ރަށުގައި އިހުއްސުރެން ހުރި ރުއްގަސް ވިއްކާކަށް ނުޖެހެނޭ ނޫންތޯއެވެ؟ އަދި ވިއްކާ ކޮންމެ ރުއްގަހަކަށް ގާނޫނުގައި ބުނާ 4 ރުއްގަސް އިންދާނަމަ އަޅުގަނޑުމެންގެ ރަށްތައް ކިހާ ފެހިވެފައި ހިތްފަސޭހަވާނެތޯއެވެ؟ ހާއްސަކޮށް ރުކަކީ އޭގެއިން ކުރުނބާ، ގަބުޅި، ކާށި އަދި ރުކުރަލާއި ފަން ވިއްކައިގެން ވެސް އާމްދަނީ ހޯދޭ ގަހެއް ކަމުން މިއީ ރަށްރަށުގެ ކައުންސިލުތަކަށް އާމްދަނީ ހޯދައި އަދި ރަށްތައް ފެހި ކުރުމަށްޓަކައި ކުރަން ކިހާ ރަނގަޅު ކަމެއްތޯއެވެ؟