އިސްކޮޅުން ކުރު މީހުންނަށް ހަކުރު ބަލީގެ ޓައިޕް2 ޖެހުން ގާތްކަން އިނގޭތަ؟
22 ޖޫން 2022 - 11:50
ޑައިބިޓަލޯޖިއާ ޖާނަލްގައި އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން އިސްކޮޅުން ކުރު މީހުންނަކީ ޓައިޕް 2 ޑައިބެޓީޒް ޖެހުމުގެ ފުރުސަތު، އިސްކޮޅުން ދިގު މީހުންނަށް ވުރެ ބޮޑު ބައެކެވެ.
ދިރާސާގައި ވަނީ ފިރިހެނުންގެ ތެރެއިން އިސްކޮޅުން 5 ފޫޓް 6 އިންޗި އާއި 5 ފޫޓް 11 އިންޗި އަށް ވުރެ ދިގު މީހުންނާއި އަންހެނުންގެ ތެރެއިން އިސްކޮޅުން 5 ފޫޓް 2 އިންޗި އާއި 5 ފޫޓް 6 އިންޗި ހުރި މީހުންގެ އުމުރާއި އުނަގަނޑުގެ ސައިޒާއި ފައިގެ ދިގުމިނާއި އެ މީހުންގެ ތައުލީމީ ފެންވަރު ފަދަ ކަންކަން ކިރައިގެން ވަޒަންކުރާ ނަމަ އިސްކޮޅާއި ހަކުރުބައްޔާ ގުޅުންހުރިކަން ހާމަކޮށްދޭ ކަމަށް ބުނެފަ އެވެ. އެގޮތުން އިސްކޮޅުން ކުރު މީހުންނަށް ހަކުރުބަލީގެ ބިރުބޮޑުކަން ފާހަގަކުރެވިފައިވެ އެވެ.
އެގޮތުން ކަނޑައެޅި އިސްކޮޅުތަކަށް ބަލާއިރު ދެ ޖިންސްގެ މީހުންގެ އިސްކޮޅުގެ ތަފާތަށް އަންނަ ކޮންމެ ތިން އިންޗިއެއްގެ ތަފާތާ އެކު، އިސްކޮޅުން ކުރު މީހުންނަށް ހަކުރުބަލީގެ ބިރު 30 ޕަސަންޓް ބޮޑު ކަމަށް ދިރާސާ އިން ދައްކަ އެވެ.
ދިރާސާގައި ބުނިގޮތުގައި އިސްކޮޅުން ދިގު މީހުންނަށް ޓައިޕް 2 ޑައިބެޓީޒް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެނީ އެ މީހުންގެ އިސްކޮޅާ އެކު މޭގައި ޖަހާ ފެޓް ދަށްވުމާއި ކޮލެސްޓްރޯލް ލެވެލް އިސްކޮޅުން ކުރު މީހުންނަށް ވުރެ ދަށްވުމުގެ ސަބަބުންނެވެ. ހަމަމިއާ އެކު އިސްކޮޅުން ކުރު މީހުންނަށް އޮތް އަނެއް ބިރަކީ ލިވާގެ ފެޓް ކޮންޓެންޓާ އެކު ހިތުގެ މައްސަލަތައް ވެސް ކުރިތިމަތިވުމުގެ ފުރުސަތު ބޮޑުވުމެވެ.
އިސްކޮޅުން ކުރުވުމާއި ހަކުރުބައްޔާ ހުރި ގުޅުމާ ބެހޭ ގޮތުން އަދިވެސް އިތުރު ހޯދުންތަކެއް ހޯދަން ޖެހެކަމަށް މި ރިޕޯޓްގައި ވަނީ ބުނެފައެވެ. އެގޮތުން ހަކުރުބަލި ޖެހުމާއި އާދަޔާހިލާފަށް ފަލަވުމަކީ އާއިލީ ގޮތުން އިސްކޮޅުން ކުރު މީހުންނަށް ވާރުތަކުރާ ކަމެއްތޯ ދެނެގަތުމަށް އިތުރު ދިރާސާތަކެއް ހަދަން ޖެހޭ ކަމަށް ވަނީ ބަޔާންކޮށްފައެވެ.