ދެމަފިރިން ވަރިވާން އުޅޭ ވާހަކަ ދަރިފުޅަށް ބުނެދޭނީ ކިހިނެތް؟
27 ޖޫން 2022 - 13:00
ދެމަފިރިން ވަރިވާން އުޅޭއިރު އެ ކައިވެނީގައި ދަރިން ލިބިފައިވާނަމަ އެންމެ ބޮޑަށް ވިސްނޭނީ ދަރިންނާއި މެދުގައެވެ. މިކަމުގެ ސަބަބުން ދަރިފުޅަށް ލިބިދާނެ ގެއްލުމަކަށް ވަރަށް ބޮޑަށްވެސް ބެލެނިވެރިންނަށް ވިސްނެއެވެ. މަންމައާއި ބައްޕަ ވަރިވުމަކީ ކުއްޖާއަށް ވަރަށް ބޮޑު އަސަރެއް ކުރުވާނެ ކަމެކެވެ. މިކަމުގެ ސަބަބުން ކުއްޖާއަށް ގިނަ އިހްސާސްތަކެއް ކުރެވެއެވެ. ދެރަވެ، ހަދާނެގޮތެއް ނޭންގި، ރުޅިއައިސް، މިފަދަ ތަފާތު އިހްސާސްތަކެއް ދަރިފުޅަށް ކުރެވޭނެއެވެ.
ދެމަފިރިން ވަރިވާކަމުގެ ވާހަކަ ދަރިފުޅަށް ބުނެދޭނީ ކިހިނެތް؟
ދަރިފުޅަށް މިކަން ބުނެދޭނެގޮތް ޕްލޭންކުރޭ
މަންމައާއި ބައްޕައާއި ދެ މީހުން އެއްތަނެއްގައި ތިބެގެން އެއްކޮށް ދަރިފުޅަށް މިވާހަކަ ދެއްކޭނަމަ އެންމެ ރަނގަޅު ގޮތަކީ 2 މީހުން އެއްކޮށް މިވާހަކަ ދަރިފުޅަށް ހިއްސާކުރުމެވެ. މިވާހަކަ ދައްކަން ރަނގަޅު ވަގުތަކާއި ރަނގަޅު ތަނެއް ހޯދާށެވެ. ދަރިފުޅަށް ދޮގުނަހަދާ ތެދުވެރިކަމާއިއެކު ބުނެދޭށެވެ. ދަރިފުޅަށް މިވާހަކަ ބުނެދޭއިރު އޭނާގެ އުމުރަށް ސަމާލުކަންދޭށެވެ. އުމުރާއި އެއްވަރަށް ދަރިފުޅަށް ހޭންޑަލް ކުރެވޭނެ މިންވަރަށް ބުނެދޭށެވެ. ދަރިފުޅު ކުޑަނަމަ އޭނާއަށް ބޭނުންވާނީ މަދު ތަފްސީލެކެވެ. ނަމަވެސް އުމުރު ދޮށިނަމަ ގިނަ ސުވާލުކޮށްފާނެއެވެ.
ދަރިފުޅުދެނެ ލޯބިވާނެކަން ބުނެދީ
މަންމައާއި ބައްޕަ ވަކިވިނަމަވެސް ދެ މީހުންވެސް ދަރިފުޅުދެކެ ލޯބިދާނެކަން ދަރިފުޅަށް ބުނެދޭށެވެ. އަދި ދެ މީހުންނާއި އެކުގައިވެސް ދަރިފުޅަށް ވަގުތު ހޭދަކުރެވޭނެކަން ދަރިފުޅަށް ބުނެދޭށެވެ.
ވަރިވުމުގެ އަސްލަކީ ކުދިން ނޫންކަން ބުނެދީ
ދަރިފުޅު ކުޑަނަމަ ފަހަރުގައި މަންމައާއި ބައްޕަގެ ވަރީގެ އަސްލަކީ ކުއްޖާ ކަމުގައިވެސް ހީވެދާނެއެވެ. ނަމަވެސް ކުއްޖާއަށް ބުނެދޭންވީ މިއީ ކުއްޖާއާއި ގުޅުމެއް ނެތް ކަމެއްކަމަށެވެ. އަދި މިއީ 2 މީހުންގެ ނިންމުމެއްކަމަށާއި އެކަން ބަދަލުކުރުމަށް ދަރިފުޅަށް ކުރެވޭނެ ކަމެއް ނެތްކަންވެސް ބުނެދޭށެވެ.
ދަރިފުޅުގެ އިހްސާސްތައް ބުނެދޭން ވަގުތުދީ
ދަރިފުޅު ވާހަކަދައްކާއިރު ހުރަސްނާޅާ ރަނގަޅަށް ދަރިފުޅު ދައްކާ ވާހަކަ އަޑުއަހާށެވެ. ދަރިފުޅަށް އޭނާގެ އިހްސާސްތައް ބުނެދިނުމަށް އުނދަގޫތަކާއި ކުރިމަތިވުމަކީ ވެދާނެކަމެކެވެ.
ދަރިފުޅަށް ކޮންމެހެން އިނގެންޖެހޭ އެއްޗެއް ނޫނީ ނުބުނޭ
ބޮޑެތި މީހުން ނަގާ ޑިޒިޝަންތަކާއި އަރާރުންތައް ކުއްޖާގެ ކުރިމަތީގައި ނުކުރާށެވެ. އަދި ވަރިވާން އުޅޭއިރު ގާނޫނީ ވަކީލުންނާއި ދައްކާ ވާހަކައާއި އަދި އެހެނިހެންވެސް ކަންކަން ކުއްޖާއަށް އަޑުއިވޭ ހިސާބުގައި ނުކުރާށެވެ.
ވަރިވުމަށްފަހުގައި ދަރިފުޅު ހަމައަކަށް އެޅެންދެން ކަންތައްތައް ކުރާނީ ކިހިނެތް؟
މަންމައާއި ބައްޕައާއި 2 މީހުންނާއި އެކުގައި އުޅުނު ކުއްޖަކަށް ކުއްލިއަކަށް ކޮންމެވެސް އެކަކާއި އެކުގައި އުޅެންޖެހުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. އެހެންކަމުން މިކަން ކުއްޖާއަށް ފަސޭހަކުރުމަށްޓަކައި މަންމައާއި ބައްޕައަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. އޭގެތެރޭގައި:
- ކުއްޖާއަށް ޒިޔާރަތްކުރާނެ ގޮތްތަކާއި ގުޅޭގޮތުން ވާހަކަދައްކާ
- އެއްކުއްޖަކަށްވުރެ ގިނަ ކުދިން ތިބޭނަމަ ހުރިހައި ކުދިންނާއިއެކުގައިވެސް އެއްވަރަކަށް ވަގުތު ހޭދަކުރުން
- ދަރިފުޅު ކައިރީގައި ބައިވެރިޔާއާއި ގުޅޭގޮތުން ގޯސް ވާހަކަ ނުދައްކާ
- ވާހަކަދައްކާ މެދުވެރިއެއްގެ ގޮތުގައި ދަރިފުޅު ނަހަދާ ބައިވެރިޔާއާއި ޑައިރެކްޓްކޮށް ވާހަކަދައްކާ.
- ދަރިފުޅުގެ ސިއްހީ އަދި ސުކޫލް ކަންކަމުގެ ވާހަކަ 2 މީހުން ހިއްސާކުރޭ
ޑޮކްޓަރަކަށް ދައްކާނީ ކިހާ ހިސާބަކުން؟
މަންމައާއި ބައްޕަ ވަރިވުމުގެ ސަބަބުން ދަރިފުޅަށް ގިނަ ސިއްހީ މައްސަލަތަކެއްވެސް ކުރިމަތިވެއެވެ. އެހެންކަމުން ޑޮކްޓަރަކަށް ދަރިފުޅު ދައްކަންވީ ކިހާހިސާބަކުން ހެއްޔެވެ؟ މި އަލާމާތްތައް ފެންނަނަމަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދާށެވެ.
- އެންޒައިޓީ
- ދެރަވެ ޑިޕްރެޝަންއަށް ދިއުން
- ކެއުމަށާއި ނިދުމަށް ބަދަލުއައުން
- ސްކޫލްގެ މަސައްކަތްތަކަށް ސަމާލުކަން ނުދެވުން
- ކުރިން ނޫޅޭގޮތަށް ދަރިފުޅުގެ އުޅުމަށް ބަދަލުއައުން