ތިންހާސް ގެވަޅު އިސްސާފުވެރިމާއެކު ސަރުކާރުން ބަހާނެކަމާމެދު ކަންބޮޑުވުން

29 ޖޫން 2022 - 10:43

ސަރުކާރުގެ ސިޔާސަތުގެ ތެރެއިން، ސަރުކާރަށް ފެންނަ މަދު މީހަކަށް އެތަށް ބިލިއަން ރުފިޔާގެ ބިން ހިލޭ ބަހާލުމުގެ މަސްރޫއެއް ސަރުކާރުން އިއުލާންކުރުމާއެކު، މިކަން އިންސާފުވެރިކަމާއެކު ކުރިއަށްދާނެކަމުގެ އަޑު ވަނީ ގަދަވެފައެވެ. ރިޔާސީ އިންތިހާބަށް ސަރުކާރަށް މާލޭގެ ރައްޔިތުންގެ ވޯޓު ހޯދުމަށް ކުރާކަމެއްގޮތުގައި އެއްބަޔަކު ސިފަކުރާއިރު، އަނެއް ބަޔަކު ބުނަމުންދަނީ މިކަމަކީ ސަރުކާރުގެ ގާތް އެތަށް ބަޔަކަށް ހިލޭ އެތަށް ބިލިއަން ރުފިޔާގެ ގެދޮރު ބަހާލަން ހިންގާ ޖަރީމާއެއް ގޮތުގައެވެ.

މާލޭގެ ރަށްވެހިން މަގުމަތިކުރުވީ ހަމަ ރާއްޖެތެރެ ފަޅުކުރަން ސިޔާސަތުތަށް ރާވަމުން އަންނަ ދިވެހި ދައުލަތުގެ އެކި ސަރުކާރުތަކުންނެވެ. މިއީ ޕޮލިސީ ޑްރިވެން ނުވަތަ ސިޔާސަތުތަކުން ކަނޑައަޅައިގެން ކުރާ ކަމެކެވެ.

2008 ވަނަ އަހަރު އައު ގާނޫނު އަސާސީ ލިބި އައު ފެށުމަކުން ފެށިތާ ސާދަ އަހަރުވެއްޖެއެވެ. ނަޝީދުގެ ސަރުކާރާއި ވަހީދުގެ ސަރުކާރާއި ޔާމީނުގެ ސަރުކާރު އަދި މިހާރު ހިނގަމުންދާ އިބްރާހިމް މުހައްމަދު ސާލިގެ ވެރިކަމުގައި ވެސް ކުރަމުން މިއަންނަނީ އެއް ކަމެކެވެ. ދައްކާ ވާހަކަތަފާތެވެ.

ރާއްޖެތެރެއާއި މާލޭގެ ބިން ހަމަހަމައެއް ނޫން

ރަށްވެހި ފަތިސް، ޖަޒީރާ ރާއްޖެ ފަދަ ބަސްބަހަކީ ރާއްޖެތެރޭމީހާގެ ވޯޓަށް ބޭނުންކުރާ މާކެޓިން ޓެގް ލައިންތަކެވެ. މިކަން އެނގެނީ ބަޖެޓަށް ބަލާލުމުންނެވެ. ކޮންމެ ސަރުކާރަކުންވެސް ދައުލަތުގެ ހުރިހާ ސަރަހައްދަކުން ލިބޭ ޓެކްސް ފައިސާ އަދި ބަޖެޓުން ހޭދަކުރާ ބޮޑު މަޝްރޫއުތައް ހިންގަނީ މާލެ ސަރަހައްދުގައެވެ.

މިހާރު އޮންނަ އުސޫލަކީ ކޮންމެ ރަށަކުންވެސް އެރަށެއްގެ ރަށްވެހިންނަށް ދިރިއުޅުމުގެ ބޭނުމަށް ހިލޭ ގޯތި ދިނުމެވެ. މާލޭ މީހުންނަށް ރާއްޖެތެރެއިން ގޯތި ނުލިބޭ ކަމަކީ ބޮޑު ބޭއިންސާފެކެވެ. ހިދުމަތެއް ނެތް ރަށަކުން ގޯއްޗެއް ބޭނުންވާނެތޯ ނޫންތޯ އެއީ އަދި އެހެން ވާހަކައެކެވެ. ނަމަވެސް އެންމެނަށްވެސް ފްރީޑަމް އޮފް މޫވްމެންޓް ކަށަވަރުކަމާއެކު ލިބެން ޖެހެއެވެ.

އެމީހަކު ބޭނުންތާކު ވަޒަންވެރިވުމުގެ ހައްގު އެމީހަކަށް ލިބިދެވޭނީ ރަށްރަށުން ގޯތި ދިނުމުގައި މިހާރު އަމަލުކުރާ އުސޫލު ބަދަލުކޮށްގެންނެވެ. ނަމަވެސް ފާހަގަ ކުރަންޖެހޭ ނުކުތާއަކީ މާލެއިން މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމާއި ރާއްޖެތެރެއިން އެރަށުގެ މީހުންނަށް ހިލޭ ގޯތި ދިނުމާއި މިއީ ހަމަހަމަ ކޮށް މިނެކިރޭނެ ދެކަމެއް ނޫންކަމެވެ.

އދ. ގެ މިންގަނޑުން އެޑެކުއޭޓް ހައުސިން ކަމުގައި ބަލަނީ ހަމަ އެކަނި ހަތަރު ބިއްގަނޑާއި ފުރާޅަކަށް ނޫނެވެ. ގެދޮރު ހުންނަ ތަނުން އަސާސީ ހިދުމަތްތަކާއި ވަޒީފާ ނުލިބޭނަމަ އެބަޔަކަށް ގެދޮރު ދެވުނީ ކަމުގައި ނުބެލެވެއެވެ. އެހެން ކަމުން ރާއްޖެތެރޭމީހާގެ ގެއެއް ރަށުގައި ހުރުން ނުވަތަ ގެވަޅެއް ލިބިފައި އޮންނަ އޮތުމާއި މާލޭ ސަރަހައްދުން ގެވަޅެއް ލިބުމާއި ތަފާތެވެ. މާލޭ ސަރަހައްދުގެ ގެވަޅަކީ އަހަރެއްގެ މައްޗަށް އެތަށް މިލިއަން ރުފިޔާ ހޯދޭނެ މުދަލެކެވެ. އަދި ބޭންކުތަކުން މާލެ ސަރަހައްދުގެ ގެދޮރު އިމާރާތްކުރުުމަށް ފަސޭހަކަމާއެކު ލޯނު ލިބެއެވެ. އެހެން ކަމުން މިދެކަންތައް އަޅާ ކިޔުމަކީ އިންސާފާއި ހަމަ ގަބޫލުކުރާ ބަޔަކު ކުރާނެ ކަމެއް ނޫނެވެ.

ރާއްޖެތެރޭ މީހުންގެ ހައްގުގެ ވާހަކަ ދެއްކުމަކީ މާލޭ މީހުންގެ ހައްގު އުނިކުރާ ވާހަކައެއް ނޫން

ކަޅު ނަސްލުގެ މީހުންގެ ކަރުގައި ޗޭނު އަޅުވައި އަޅުންގެ ގޮތުގައި ދޮން ނަސްލުގެ މީހުން ގެންގުޅެފައިވެއެވެ. މިއަދު އެޗޭނެއް ނެތެވެ. އެކަމަކު އެޒަމާނުގައި އެ ހިންގި ލާއިންސާނީ އަނިޔާވެރި ތަފާތުކުރުންތަކުގެ ސަބަބުން މިއަދާއި ހަމައަށްވެސް ކަޅު ނަސްލުގެ މީހުން ތިބީ އެ ތަފާތުތައް ނެތް ނަމަ އެމީހުންނަށް ލިބެން އޮތް ކުރިއެރުމާއި ތަމައްދުންގެ މިންވަރަށްވުރެ ފަހަތުގައެވެ.

ތަފާތުކުރުންތައްވެސް އަދިވެސް އޮވެމެއެވެ. އެވާހަކަތައް އެމީހުން ދެއްކީމާ ބަލަގަ އަހަރެމެންގެ ހައްގުތައް ކޮބައިހޭ އަހާ ދޮންމީހުން ވަރަށް ގިނައެވެ. އެނގެން ޖެހޭ ހަގީގަތަކީ ވަކި ބައެއްގެ ހައްގުތަކުގެ ވާހަކަ ދެއްކުމަކީ ދެން ހުރި ބައެއްގެ ހައްގު އުނިވާ ސަބަބެއް ނޫންކަމެވެ.

މިސާލަކަށް ކުޑަކުދިންގެ ހައްގުގެ ވާހަކަ ދެއްކީމާ ބޮޑެތި މީހުން ނިކުމެ ބަލަ އަހަރެމެން ބޮޑެތިމީހުންގެ ހައްގުގެ ވާހަކަ ކޮބާހޭ އެހުންވާނީ ލަދުވެތިކަމަކަށެވެ. މާލެ ރާއްޖެތެރޭގެ މައްސަލައިގައި މި ނަޒަރުން ބަލާނަމަ، ރާއްޖެތެރޭމީހާގެ ހައްގުގެ ވާހަކަ ދެއްކުމަކީ މާލޭމީހާގެ ހައްގަށް އުނިކަން ލިބެންޖެހޭ ސަބަބެއް ނޫނެވެ.

ޕްރިވިލެޖްތައް ހުރިކަން ގަބޫލުކޮށް އެއްބަސްވުމަކީ ތިމާގެ ހައްގު އުނިވާނެ ކަމެއް ނޫނެވެ. އަދި ހާއްސަ އިމްތިޔާޒު ހުރުމޭ ބުނާ ބަހުގެ މާނައަކީ އެބައަކަށް ދަތިކަމެއް ހުރަހެއް ނެތޭ ބުނާ ބުނުމެއް ވެސް ނޫނެވެ. އޭގެ މާނައަކީ މިސާލަކަށް ރާއްޖެތެރޭ މީހަކަށްވީތީވެ މީހުންނަށް ހުރި ހުރަސްތައް ތިމާއަށް ނެތް ކަމަށް ގަބޫލުކުރުމެވެ.

މިސާލަކަށް މިއަދު ތިމާ ވަންނާނެ ގެދޮރެއް ނެތެއް ކަމަކު ތިމާ އުޅެ ބޮޑުވީ މާހައުލަކީ މައިންބަފައިންނާއި އާއިލާ ގާތުގައި ބޮޑު ގެއްގައި ކަމަށް ވެދާނެއެވެ. އެއީ ޕްރިވިލެޖެކެވެ. ކުޑައިރު ކިޔަވަން ރަށްދޫކޮށް ތިމާ ދާން ނުޖެހުން އެއީ މާލެ އުފަންވީތީވެ ލިބުނު ޕްރިވިލެޖެކެވެ. އޭގެ މާނައަކީ ތިމާގެ ހަޔާތުގައި އެހެން ހުރަސްތައް ނެތެކޭ އެއް ނޫނެވެ.

ޒުވާބުކުރަންވީ ރާއްޖެތެރޭ މީހުންނަކާ ނޫން، ދައުލަތާ

މާލެތޮއްޖެހެނީ އިއްތިފާގަކުން ނޫން ކަން ގަބޫލުކުރާށެވެ. އަދި ބިންވެރިންގެ ފައިދާއަށް އެމީހުން ކުރާ ކަންކަމުން އަހަރެމެން ދެރަށު މީހުންނަށްވެސް ޖެހެނީ އެއް ހާލެއް ކަން ގަބޫލުކޮށް ވަޒީފާއާއި އެހެނިހެން އަސާސީ ކަންކަން ރާއްޖެތެރޭގައި ގާއިމުކުރުމަށް ގޮވާލާށެވެ. ރަށަށްދާންވީ ނޫންހޭ ބުނުމުގެ ބަދަލުގައި ދައުލަތުގެ އިހުމާލު މިކަމުގައި އޮތްވާހަކަ ދައްކާށެވެ. ފުރުސަތުތައް ހުރި ނަމަ ދުނިޔޭގެ އެންމެ ބޮޑަށް ތޮއްޖެހިފައިވާ މާޔޫސީ ރަށުގައި ދިރިއުޅޭކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ.

މި މައްސަލައިގައި މާ ބޮޑޮ އޮޅުންބޮޅުންގަނޑެއް ނެތެވެ. މަދު ބަޔަކަށް މާލެ ސަރަހައްދުން އެތަށް ބިލިއަން ރުފިޔާގެ އަގުހުރި ގެދޮރު ހިލޭ ބަހާލާއިރު، މާލޭގެ ކޮންމެ މީހެއްގެ އުންމީދަކީ އެމީހަކަށް ލިބޭނެކަމުގެ އުއްމީދެކެވެ. ގެދޮރު ބޭނުންވާ އެތަށްހާސް ރައްޔިތުން ތިބިއިރު، މި 3000 ގޯތި ލިބޭނީ އަބަދުވެސް ކަން ހިނގާ އުސޫލުން ވެރިންގެ ގާތްތިމާގެ މީހުންނަށެވެ. ބޯހިޔަލެއް ނެތް ބައިލައްކަ މާލޭ މީހުން ގެދޮރު ލިބޭނެކަމުގެ އުއްމީދުގައި ތިއްބަސް، ކަންވެނިމޭއިރު މިކަންވެގެންދާނީ މަދުަބަޔަކު މިލިއަނަރުންނަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ހީލަތްތެރި ރޭވުމަކަށް ނުވެއްޖަނަމަ، ކިތަންމެހާވެސް ރަނގަޅެވެ.

ރިއެކްޝަންސް
0
0
0
7
0
0
1