ރިޕޯޓު: ރާޖަ ޕަކްސާ އާއިލާ — ދެވަނަ ފަހަރަށް ވެރިކަމަށް ގެނައުމުން ޤައުމު ފުނޑުފުނޑު

16 ޖުލައި 2022 - 11:19

އަވަށްޓެރި ލަންކާގެ ރައީސް ޤައުމުދޫކޮށް ރާއްޖެ މަގުން ސިންޤަޕޫރަށް އެތެރެވެ، އިސްތިއުފާ ދިނުން ވެގެންދިޔައީ ބާރުގަދަ ރާޖަޕަކްސަ އާއިލާގެ ވެރިކަމުގެ ނިމުމުގެ ސިއްކަޖެހި، މުޅި ދުނިޔެ ސިއްސުވާލި ކަމަކަށެވެ. އެންމެ ފަހުން ބޭއްވުނު އިންތިހާބުތަކުން ބޮޑު ކާމިޔާބާއެކު ރާޖަޕަކްސް އާއިލާ ރައީސްކަމާއި ޕާލަމެންޓު ކާމިޔާބު ކުރީ ދާދި ފަސޭހަކަމާއެކުއެވެ.

ހުރިހާ ބާރުތަކެއް މުށުލައިގެން، ބުދު ދީނުގެ ހަރުކަށި ހާމުދުރުން ރުއްސައިގެން ކުރި ވެރިކަން ނިމިގެންދިޔައީ ހީކުރިގޮތާ ހިލާފަށް ނިކަމެތި ލަދުވެތި ނިމުމަކުންނެވެ. ގިނަ ބަޔަކު ދެކޭގޮތުގައި، ފުރަތަމަ ދައުރުގައި ބޮޑެތި ވައްކަމާއި، ބިރުދެއްކުމާއި، އަނިޔާވެރިކަމުން ހައްދުފަހަނައެޅި ބަޔަކު ދެވަނަ ފަހަރަށް އިންތިހާބުކުރުމަކީ ރައްޔިތުން މިކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމެކެވެ.

ލަންކާ މިހާލަތަށް ވެއްޓުނީ ކިހިނެއް؟

ސްކޫލްތަކުގެ ޓެސްޓް ޕޭޕަރު ޕްރިންޓްކުރާނެ ކަރުދާހެއް ނެތެވެ. ކައްކައި ކެވޭނެ ގޮތެއް ނެތެވެ. ގޭސް ނެތީއެވެ. ބޭކަރީތައް ބަންދެވެ. ފުށާއި ހަނޑުލާއި އެ ނޫން ވެސް އެކަމަށް ބޭނުންވާނެ ސާމާނެއް ލިބެން ނެތީއެވެ. ކަރަންޓެއް ނެތެވެ. ލިބެނީ މަދު ވަގުތުކޮޅެއްގައެވެ. ވެހިކަލްތައް ހުއްޓިފައެވެ. އަޅާނެ ތެލެއް ނެތެވެ. މިހުރިހާ ކަމަކާ މެދު “ބޯގޭނޭކަށް” ވެސް ނެތެވެ. ބޮލުގަ ރިއްސައިގަނެފި ނަމަ ކާނެ ބޭސް ވެސް ގައުމުގައި ނެތީއެވެ. ސްރީ ލަންކާއަކީ ރާއްޖެ ފަދައިން އުފެއްދުންތެރިކަން ދަށް، ބޭރުން އެތެރެކުރާ ތަކެއްޗަށް ބަރޯސާވެފައިވާ ގައުމެކެވެ. ކާބޯތަކެތީގެ އިތުރުން ބޭހާއި، ތެލާއި އެ ނޫން ވެސް އެތައް ސާމާނެއް ބޭރު ގައުމުތަކުން އެތެރެކުރެއެވެ. ލަންކާ އަށް މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ އެތަކެތި އެތެރެކުރާނެ ބޭރު ފައިސާ ނެތީއެވެ. ވީ ކިހިނެއް ހެއްޔެވެ؟

ލަންކާގެ އިގްތިސާދުގެ ތެރެއަށް މައިގަނޑު ގޮތެއްގައި ބޭރު ފައިސާ ވަންނަނީ ޓުއަރިޒަމުންނާއި އެ ގައުމުން އެކްސްޕޯޓްކުރާ ސައިފަތާއި އެ ނޫން ވެސް މަދު ބާވަތްތަކަކުންނެވެ. ނަމަވެސް އިގްތިސާދު މެނޭޖްކުރުމުގައި މާޒީގައި ހެދިފައިވާ ބޮޑެތި ގޯސްތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު އަޑިއަޅާލައި ބޭރު ފައިސާ ލިބުން ދަތިވީއެވެ. އަދި ލިބޭ މަދު ފައިސާކޮޅު ވެސް ދައުލަތުގެ އެތެރޭގައި އޮތް ކޮރަޕްޝަންގެ ތެރެއިން ރައްޔިތުންނާ ހަމައަށް ނުފޯރުމަކީ ވެސް ލަންކާ މިހާލަތަށް ވެއްޓެން މެދުވެރިވި އެއް ސަބަބެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި މި ހުރިހާ ކަމެއް މެދުވެރިވީ ކޮވިޑްގެ ސަބަބުންނެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ކޮވިޑަކީ ރިހޭ ފައި މައްޗަށް ވެއްޓުނު ފޮޔެކެވެ. އޭގެ ކުރިން ވެސް މި ދުވަސް ދިޔައީ ކުރިމަތިވަމުންނެވެ. ސަރުކާރުތަކުގެ ފެއިލިއާގެ ސަބަބުންނެވެ.

ލަންކާގައި އާއިލީ ވެރިކަން

މިހާރު އޮތް ހާލަތަށް ބަލާ ނަމަ މި ކަމުގެ ޒިންމާ ގިނަ ބަޔަކު އަޅުވަނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިސްތަށިފުޅުގައެވެ. ބޮޑުވަޒީރުކަމަށް 2004 ވަނަ އަހަރު ވަޑައިގެން އަދި ޖެހިގެން އައި އަހަރު ރައީސް ކަމަށް ވަޑައިގެން 10 އަހަރު ވަންދެން ބާރުތައް މުށުތެރެއަށް ލައްވައިގެން ކުރެއްވީ އާއިލީ ވެރިކަމެއް ކަމަށް އެއްބަޔަކު ތުހުމަތުކުރެއެވެ. ސަބަބުތައް ވެސް ގިނައެވެ.

ވެރިކަމުގައި ވަޑައިގެން އާއިލާ ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކަށް ލެއްވިއެވެ. ކޮއްކޮއިންނާއި އާއި ދަރިންނަކީ ވަޒީރުންނެވެ. ރައީސަކަށް ހުންނެވީ ކޮއްކޮ ގޮތަބަޔާއެވެ. އިއްޔެއާ ޖެހެންދެން ފިނޭންސް މިނިސްޓަރަކަށް ހުންނެވީ ކޮއްކޮ ބަސިލް ރާޖަޕަކްސްއެވެ. ޔޫތު މިނިސްޓްރީގައި ހުންނެވީ ދަރިފުޅު ނަމަލްއެވެ. މިހެން ގޮސް ދުރުތާ ތިމާގެ މީހުންނަށް ދަންދެން ސަރުކާރުގެ އެކި މަގާމުތައް ފުރުއްވިއެވެ. ސަރުކާރުގެ މަޝްރޫއުތައް ލިބެނީ އާއިލާގެ ކުންފުނިތަކަށެވެ. ނުވަތަ ބައި އަޅާ ގޮތަށް ކަމަށް ތުހުމަތުކުރެވެއެވެ. ކޮރަޕްޝަންގެ ކަންކަން ބޮޑުކަމުން ބަސިލް އަށް ވަނަމެއްގެ ގޮތުގައި “މިސްޓަރ. ޓެން ޕަސެންޓް” ގެ ނަމުން ނަން ދީފައި ވެއެވެ.

ބޭރު ގައުމުތަކުން ލަންކާގެ ނާޖާއިޒު ފައިދާ ނެގި

ލަންކާ ވެއްޓެމުން ދިޔަ އަނދަވަޅުގެ ނާޖާއިޒް ފައިދާ ނަގަމުން ދިޔައީ މި ސަރަހައްދުގެ ބާރުވެރިކަމަށް ވާދަކުރަމުން އަންނަ ޗައިނާ އާއި އިންޑިއާ އިންނެވެ. ބޮޑެތި ލޯނުތައް ދީ ގައުމުގެ އިގްތިސާދާ ނުބައްދަލު އެތައް މަޝްރޫއެއް މި ގައުމުތަކުން ލަންކާގައި ހިންގިއެވެ. ހާއްސަކޮށް ޗައިނާ އިންނެވެ. މިއަދު އެ ގައުމުތަކަށް ލޯނު ދައްކަންޖެހިފައިވާ އިރު ލޯނު ދެއްކޭނެ ގޮތެއް ނެތުމުން ބިމުން ބައެއް ދޫކޮށްލުން ފަދަ ކަންކަން ކުރަން ލަންކާ އަށް ވަނީ މަޖުބޫރުވެފައެވެ.

މި މަޅިތަކުން ސަލާމަތްވުމަށް ފައިސާ ޗާޕްކުރުމުގައި އެ ނޫން ވެސް އެތައް ގޮތަކުން ލަންކާ އިން އައީ މަސައްކަތްކުރަމުންނެވެ. މި ހުރިހާކަމެއްގެ ތެރެއިން އީސްޓަރ ބޮންގޮއްވާލި ހާދިސާ އަދި 2020 ވަނަ އަހަރުގެ ކުރީކޮޅު ކުރިމަތިވި ކޮވިޑާ އެކު އަރައިނުގަނެވޭ ވަރުގެ އަނދަވަޅަކަށް ލަންކާ ވެއްޓުނެވެ. ބޭރު ފައިސާ ލިބެން އޮތް މަގުތައް ބަންދުވެ، ދައްކަންޖެހޭ ލޯނުތައް ދެއްކުމަށް އޮތް މަގުތައް ބަންދުވިއެވެ. އަނެއްކާ ވެސް ސަލާންޖަހަންޖެހި ލޯނުގެ މަޗަށް ލޯނު އިތުރުވިއެވެ. މުދާ އެތެރެކުރަން ބޭނުންވާ ވަރަށް ބޭރު ފައިސާ ނެތި ގައުމު ވަނީ ބަންގަރޫޓުވެފައެވެ. ލަންކާ ފައިސާގެ އަގު ދަނީ ވެއްޓެމުންނެވެ. ކޮވިޑްގެ ކުރިއާ އަޅާ ބަލާއިރު ލަންކާ ފައިސާގެ އަގު 200 ވަރަކަށް ޕަސެންޓް ދަށަށް ވަނީ ވެއްޓިފައެވެ.

ލަންކާ އަށް ބޭރުގެ އެހީ ލިބުން ލަސްވެގެންދިޔައީ ރާޖަޕަކްސަ އާއިލާ އިސްތިއުފާ ނުދެނީސް ބޮޑެތި ޤައުމުތަކުން އެހީވާން ދެކޮޅު ހެދުމެވެ. ހާއްސަކޮށް އިންޑިއާ އަދި އެމެރިކާގެ ނުފޫޒާއެކު ބޭރުގެ އެހީ ލިބޭނެ ދޮރުތަށް ބަންދުވެ ލަންކާ މުޅިން އެކަހެރިވިއެވެ. ޗައިނާގެ ދަރަނި ރީސްޓްރަކްޗަރ ކޮށްދިނުމަށް އެޤައުމުން ދެކޮޅު ހެދިއެވެ. ޤައުމު ސަލާމަތްކުރުމަށް އޮތް ހަމައެކަނި ގޮތަކީ ރާޖަޕަކްސް އާއިލާ އިސްތިއުފާ ދިނުން ކަމަށް ވެގެން ދިއުމާއެކު، ސަލާމަތްވެވޭނެ ގޮތެއް ހޯދުމަށް ރައީސް ގޮތަބަޔަ ދިޔައީ މަސައްކަތްކުރަމުންނެވެ.

އެންމެ ފަހުން ރާއްޖެ އަދި ސިންގަޕޫރުގެ މަދަދާއެކު ޤައުމު ދޫކޮށް ފިލައިންގެން ދިއުން ގިނަބަޔަކު ދެކެނީ މިވަގުތަށް ލަންކާއަށް އޮތް އެންމެ ސުލްހަވެރި ގޮތްކަމުގަައެވެ. އަދި މިގޮތަކީ ލަންކާ ދާހިލީ ހަނގުރާމައަކަށް ނުގޮސް ސުލްހަވެރި މަގަކަށް ގެންދެވޭނެ އެންމެ ބުއްދިވެރި ގޮތްކަމުގައެވެ. އަދި އިންތިހާއާށް ވައްކަން ކުރިކަމުގައި ވިޔަސް، ކުރިއަށް އޮތްތަނުގައިވެސް ރާޖަޕަކްސަ އާއިލާއިން އިންތިހާބެއް ކާމިޔާބުކުރުމަކީ ނުވުމަށްވުރުން ވުން ގާތްކަމެއްކަމަށް ސަރަހައްދީ ތަޖުރިބާކާރުން ދެކެއެވެ.

ރާއްޖޭގެ އިގްތިސާދު ވެސް މިހާރު އޮތީ ނާޒުކު ހާލަތެއްގައެވެ. ބޭރު ފައިސާ ލިބޭނެ މަގުތައް ކިރިޔާ ހަނިވިޔަސް މުޅި އިގްތިސާދު ކުޑަކަކޫ މައްޗަށް ތިރިވާ ފަދަ ހާލަތެއްގައެވެ. ބޮޑެތި މަޝްރޫއުތައް ހިންގަނީ ބޭރު ގައުމުތަކުގެ ލޯނުތަކުންނެވެ. އެހެންކަމުން އެ ލޯނުތައް ނުދެއްކޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ގައުމުގެ ސިޔާސަދަތަށް ނުރައްކާވާނެއެވެ. މުދާ އެތެރެކުރެވޭނެ މަގު ބަންދުވެ ބަނޑަށް ޖެހުމުގެ ބިރު އަބަދު ވެސް އޮވެއެވެ. ބަޖެޓް ފޫބައްދަނީ ބޭރުގެ އެހީ އާއި ލޯނު ނަގައިގެންނެވެ. މިފަދަ ހާލަތެއްގައި ގައުމު އަބަދު ބޭއްވުމަކީ ނުރައްކާތެރި ކަމެކެވެ. ލަންކާ އިން އިބްރަތް ހާސިލްކޮށް ލިބޭ މިންވަރަކުން ހޭދަކުރާ ސިޔާސަތެއް ކުރިއަށް ނެރެންޖެހެއެވެ. ކޮރަޕްޝަނަށް ހުރި މަގުތައް ބަންދުކޮށް ދައުލަތަށް ލިބޭ އާމްދަނީ ހެޔޮ ގޮތުގައި ބޭނުންކުރެވެންޖެހެއެވެ. ނޫން ނަމަ ލަންކާ އަށް ޖެހުނު ހާލު ކޮންމެ ދަނޑިވަޅެއްގައި ވެސް ރާއްޖެ އަށް ތަހައްމަލްކުރަންޖެހިދާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0