ތާރީހުގެ ތެރެއިން – ސިފައިން، ޖިނާއީ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ގާޒީ ހައްޔަރު ކުރުން
19 ޖުލައި 2022 - 15:51
ފޮޓޯ: ހަވީރު
އަބްދުﷲ ގާޒީ އަކީ ކާކު؟
2008 ގެ އައު ގާނޫނު އަސާސީ އާއި އެކު ދައުލަތުގެ ތިން ބާރު އެއްބާރު އަނެއްބާރާއި އެކު ނުވާނޭ ހެން ވަކިކޮށް މިނިވަން ކުރެވުނެވެ. ދައުލަތް ބިނާވެގެން ވާ ތިން ބާރަކީ ދައުލަތް ހިންގާ ބާރު (ރައީސުލް ޖުމުހޫރިއްޔާ އާއި ވަޒީރުން)، ރައްޔިތުންގެ މަޖިލީހާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު (ކޯޓުތަކާއި ފަނޑީޔާރުން) ނެވެ. އަބްދުﷲ މުހައްމަދު ނުވަތަ އަބްދުﷲ ގާޒީ 2008 އިން ފެށިގެން ހުންނެވީ ޖިނާއީ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައެވެ.
ސިފައިން، އަބްދުﷲ ގާޒީ ހައްޔަރުކުރީ 16 ޖަނަވަރީ 2012 ވަނަ ދުވަހުގެ ރޭގަޑުގެ ވަގުތެއްގައި އޭނާގެ ގޭގެ ދޮރު ހަލާކުކޮށްގެން ގަދަކަމުން ގެއަށް ވަދެއެވެ. އަބްދުﷲ މުޙައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަމުރު ކުރެއްވުމުން ކަމަށް އެ މައްސަލައިގައި ދައުލަތުން ކުރި ދައުވާ އަށް ޖަވާބުދާރީވަމުން އެމްއެންޑީއެފްގެ އޭރުގެ މާލޭ އޭރިއާ ކޮމާންޑަރު ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދުދީދީ ވިދާޅުވެފައިވެއެވެ.
އެއްވެސް ހާލަތެއްގައި މީހަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިނަމަ، އެމީހަކު ބަހައްޓާފައިހުރި ތަނެއް އޭނާގެ އާއިލާއަށާއި ގާނޫނީވަކީލަށް އެންގުމަކީ، ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ ސިޔާސީ އަދި މަދަނީ ހައްގުތަކާ ގުޅޭ މުައާހަދާއިން ދިވެހި ދައުލަތަށް ލާޒިމްކުރާ ކަމެއް ނަމަވެސް ގާޒީ ހައްޔަރުކުރުމަށް ފަހު ސިފައިން ވެސް ފުލުހުން ވެސް އޭނާ ހުރިތަނަކާއި ބެހޭ އެއްވެސް މައުލޫމާތެއް ވެސް އާއިލާއަކަށް ނާންގާކަމަށް އަބްދުﷲ ގާޒީގެ އާއިލާ އަދި ވަކީލުން އޭރު ނޫސްތަކަށް މައުލޫމާތު ދީފައިވެއެވެ.
ހައްޔަރުކުރީ ކީއްވެ؟
ދައުލަތް ހިންގުމުގެ ބާރުން، އަދުލުއިންސާފުގެ ބާރަށް އަތް ފޯރުވައި، ކޯޓެއްގެ ފަނޑިޔާރަކު ހައްޔަރު ކުރުމަކީ ޑިމޮކްރަޓިކް ހަމަތަކުން ބަލާއިރު ކުރެވިގެންވާނެ ކަމެއް ނޫނެވެ. ފަނޑުޔާރުންގެ މައްސަލަތައް ބެލުމުގެ ގާނޫނީ ޒިންމާ އޮންނަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާއި މަތިކޮށްފައެވެ. އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ އޭރުގެ ސަރުކާރާއި އިދިކޮޅު ސިޔާސީ ކުށްވެރިން ގާނޫނާއި ހިލާފަށް މިނިވަން ކުރާ ކަމަށާއި މުޖުތަމައަށް ނުރައްކާވާ ފަދަ ޖިނާއީ ކުށްވެރިން ހަމައެއް ލަމައެއް ނެތި މިނިވަންކޮށް މުޖުތަމައަށް ދޫކުރާ ކަމަށް ތުހުމަތުކޮށެވެ. މީގެ އިތުރުން، ގާނޫނާއި ހިލާފަށް ފުލުހުން ލައްވައި މައްސަލަތައް ތަހުގީގުކުރުވާ މައްސަލައާއި، ފުލުހުންނަށް ކޯޓު އަމުރު ނެރެ ނުދިނުމާއި، މަތީ ކޯޓު ތަކުގެ ނިންމުންތަކަށް އިހުތިރާމް ނުކުރުމާއި، މައްސަލަތައް ގަސްތުގައި ލަސްކުރާ ކަމުގެ ތުހުމަތާއި، އަމިއްލަފުޅަށް ބޭނުންވާ ގޮތްގޮތަށް ގާނޫނުތައް މާނަކުރުމާއި، ރިޝްވަތު ނެގުމުގެ ތުހުމަތުވެސް އަބްދުﷲ ގާޒީގެ މައްޗަށް ކޮށްފައިވެއެވެ. “މުޅި ޖުޑިޝަރީ ވަނީ އަބްދުﷲ ގާޒީގެ ގޮށްމުށުގެ ތެރޭގައި” ކަމަށް އޭރުގެ ހޯމް މިނިސްޓަރ ހަސަން އަފީފު ބުނެފައިވެއެވެ. އޭރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށާއި ސަރުކާރަށް ފާޑު ކިޔަމުން އައި ސިޔާސީ ފަރާތްތައް ފުލުހުން ހައްޔަރު ކުރުމުން ކްރިމިނަލް ކޯޓުން (އަބްދުﷲ ގާޒީ) ވަނީ ދޫކޮށްފައެވެ. އަބްދުﷲ ގާޒީ މިނިވަންކޮށްފައިވާ ސިޔާސީ މީހުންގެ ތެރޭގައި ރައީސް ނަޝީދު ޔަހޫދީ ދީން ފަތުރާ ކަމަށް ބުނެ ވާހަކަ ދެއްކި ޑރ. ޖަމީލު ވެސް ހިމެނެއެވެ. މީގެ އިތުރުން، މީހަކު މަލރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ޝަހުމްގެ މެޑިކޯ ލީގަލް ރިޕޯޓު ކޯޓަށް ލިބުން ލަސްވީ ހެލްތް މިނިސްޓަރުގެ ޒިންމާދާރުކަން ކުޑަކަމުން ކަމަށާއި، މިނިސްޓަރު ޒިންމާދާރުކުރުވުމަށް ކަމަށް ބުނެ އަބްދުﷲ ގާޒީ ވަނީ 17 ފެބްރުއަރީ 2011 ގައި ޝަހުމު ހައްޔަރުން މިނިވަންކޮށް މުޖުތަމައަށް ދޫކޮށްފައެވެ. ޝަހުމް ދޫކޮށްފައި ހުއްޓާ އޭނާ ވަނީ މާރިޗު 2011 ގައި ދެ ވަނަ މީހަކުވެސް މަރާލާފައެވެ.
ހައްޔަރަށް ފަހު ދެންވީ ކިހިނެތް؟
އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި، ގާޒީ ސިފައިންގެ ބެލުމުގެ ދަށުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ވެސް އަމުރުކޮށްފައި ވާއިރު އެ އަމުރަށް ތަބާ ނުވުމުން ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައިވާ ކަމަށް އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ބުނެފައިވެއެވެ. އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް އަމުރުކޮށް ހައިކޯޓާއި ސުޕްރީމް ކޯޓުން 2012 ވަނަ އަހަރު ހުކުމް ކުރިއެވެ. ނަމަވެސް ސިފައިންނާއި ފުލުހުން ވަނީ އެ އަމުރަށް ތަބާނުވެއެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރުމާއި ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ، 2012 ވަނަ އަހަރުގެ ޖަނަވަރީ 17 އިން ފެށިގެން ފެބްރުއަރީ 7 އާއި ހަމައަށް މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެއެވެ. މި މުޒާހަރާތައް ހޫނުވެ ފެބްރުއަރީ 7 ގައި ސިޔާސީ މަސްރަހު ހޫނުވެ، ރައީސް ނަޝީދު ރައީސުލްޖުމުހޫރިއްޔާ ކަމުން އިސްތިއުފާ ދީފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހުގައެވެ.
އެމަނިކުފާނުގެ އިސްތިއުފާ އަށް ފަހު ދެން ވެރިކަމާއި ހަވާލުވެވަޑައިގަތީ އޭރުގެ ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އޭގެ ފަހުން ދައުލަތުން ވަނީ އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމް ދައުވާކޮށްފައެވެ. އެ ދައުވާ ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއެވެ. ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންދަނިކޮށް ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ފޮނުވުމުން އެމަނިކުފާނު ވަނީ އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން ސިޔާސީ މަސައްކަތްތަކެއް ފައްޓަވާފައެވެ.
ގާނޫނާ ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ އަށް ރައީސް ނަޝީދު ވަނީ އިންކާރުކުރައްވާފައެވެ. ނަމަވެސް ދައުވާ ސާބިތުވެފައި ވަނީ ހެކީންގެ ހެކިބަހުންނެވެ. ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.2015 ވަނަ އަހަރު، ރައީސް ޔާމީނުގެ ވެރިކަމުގައި ގާނޫނު އަސާސީ އަށް ގެނައި ބޮޑު ދެ ބަދަލެއްގައި މަޖިލީހުގެ ތިން ބައިކުޅަ ދެބައި އަގުލަބިއްޔަތު ބޭނުންވި ހިނދު އެމްޑީޕީ އިން ވަނީ ރައީސް ޔާމީނާއި ބައިއަތު ހިފައި ޕާޓީ ވިޕް ލައިން ނެރެ، އެ ދެ ބަދަލުވެސް ފާސްކުރުމަށް ވޯޓު ދީފައެވެ. އެއީ ރައީސް ޔާމީނުގެ ނާއިބު ރައީސް ޑރ. އަބްދުﷲ ޖަމީލުގެ އިތުބާރު ނެތް ކަމުގެ ވޯޓު، ރައީސުން / ނާއިބު ރައީސުންގެ އުމުރު 30 އަހަރާއި 65 އަހަރާއި ދެމެދު ކަމަށް ކަނޑައަޅައި އިސްލާހު ކުރުމާއި އަދި ބިން ވިއްކުމާއި ބެހޭ އިސްލާހެވެ. ނަމަވެސް ރައީސް ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމް އެގޮތުގައި އޮވެ، އެމަނިކުފާނު ރާއްޖެ އަށް އެނބުރި ވަނޑައިގަތީ 2018 ވަނަ އަހަރުގެ އިންތިހާބުން ރައީސް ޔާމީނު ބަލިވުމާއި ގުޅިގެންނެވެ. 2018 ވަނަ އަހަރުގެ އިންތިހާބުގައި ރައީސް ނަޝީދު އަށް ވާދަ ނުކުރެވުނީ އޭރުގެ އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ނިންމުމާއި ގުޅިގެންނެވެ. ރައީސް ނަޝީދު ވަނީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅީ މެދު ދާއިރާ އަށް ހޮވިވަޑައިގެންފައެވެ.