ދެމަފިރިން ވަރިވާން އުޅޭނަމަ ދަރިފުޅަށް ކޮންމެހެން ކިޔައިދެން ޖެހެން ވާހަކަތައް
20 ޖުލައި 2022 - 10:21
ދެމަފިރިން ވަރިވާން އުޅޭއިރު އެ ކައިވެންޏެއްގައި ދަރިން ތިބިނަމަ ދަރިންނަށް އެކަން ބުނެދޭނެ ގޮތެއް ނޭންގި ގިނަފަހަރު ހުއްޓުންއަރައެވެ. ދަރިފުޅަށް އެ ކުދިންގެ ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލެއް އަންނަން އުޅޭކަން ބުނެދޭންޖެހެއެވެ. ވަރިވާން އުޅޭއިރު ބެލެނިވެރިންނަށް ކުރަން އެންމެ އުނދަގޫ ކަމަކީ މިއީއެވެ. ސަބަބަަކީ މި ހަރަބަރުގެ ސަބަބުން ކުއްޖާއަށް ބޮޑު ހިތާމައެއް ލިބިގެންދާތީއެވެ. އެހެންކަމުން ދަރިފުޅު ކައިރީގައި ދެމަފިރިން ވަރިވާން އުޅޭވާހަކަ ބުނެވިދާނެ ބައެއް ގޮތައްތައް ހިމަނާލާނަމެވެ.
މިއީ ދަރިފުޅުގެ ކުށެއް ނޫންކަން ބުނެދީ
މަންމައާއި ބައްޕައާއި ވަރިވާން އުޅޭއިރު މިއީ އެ 2 މީހުންގެ އުފެދިފައިވާ މައްސަލައެއްގެ ސަބަބުން ކުރާކަމެއްކަން ބުނެދޭށެވެ. ކަންކަމުގައި މަންމައާއި ބައްޕައަށް އެެއްގަލަކަށް ނޭރޭކަމަށް ބުނާށެވެ. އަދި ދަރިފުޅުގެ ކަމެއްގައި ދުވަހަކުވެސް މަންމައާއި ބައްޕައާއި ޒުވާބުކުރަން ނުޖެހޭނެކަމަށާއި ވަރިވި ނަމަވެސް ދަރިފުޅުގެ ކަންކަމުގައި މަންމައާއި ބައްޕައާއި ބައިވެރިވާނެކަން ދަރިފުޅަށް އަންގަދޭށެވެ.
މަންމައާއި ބައްޕައާއި އަބަދުވެސް ވާނީ ދަރިފުޅުގެ ބެލެނިވެރިންނަށް
ވަރިވުމަށްފަހު ދިރިއުޅުން ކޮންމެ ގޮތަކަށް ބަދަލުވެގެން ދިޔަނަމަވެސް މަންމައާއި ބައްޕަ ވާނީ އަބަދުވެސް ދަރިފުޅުގެ ބެލެނިވެރިންނަށްކަން ބުނެދޭށެވެ. މަންމަގެ މަޤާމަށް އަދި ބައްޕަގެ މަގާމަށް އެހެން މީހަކު ނާންނާނެކަން ދަރިފުޅަށް ބުނެދޭށެވެ. ކޮންމެ ތަނެގައި އުޅުނު ނަމަވެސް ދަރިފުޅުގެ ކަންކަމުގައި 2 މީހުން އަބަދުވެސް ހުންނާނެކަން ބުނާށެވެ.
މިއީ ދިރިއުޅުމަށް އަންނަ ބަދަލެއްގެ ގޮތުގައި ބުނެދީ
ވަރިއަކީ ބައެއް ކުދިންނަށް ބިރުވެރި ބަހަކަށްވެސް ވެދާނެއެވެ. ނަަމަވެސް މިއީ އާއިލާއަށް އަންނަ ބަދަލެއްގެ ގޮތުގައި ދަރިފުޅަށް ބުނެދޭށެވެ. ކަންކަން ބަދަލުވުމަކީ އޯކޭ ކަމެއްގެ ގޮތުގައި އަންގަދޭށެވެ. ކަންކަން އަބަދުވެސް ބަދަލުވަމުން އަންނާނެކަން ބުނެދޭށެވެ. ދަރިފުޅަށް ވިސްނާލިކަމަށްވީނަމަވެސް ދުވަހަކުން ދުވަހަކަށް ދަރިފުޅުވެސް އަންނަނީ ބަދަލުވަމުންކަމާއި އުމުރާއި އިސްކޮޅުވެސް ބަދަލުވަމުން އަންނަކަމަށް ބުނާށެވެ.
ކަންކަން ބަދަލުވަމުން އައުމަކީ ކުރިން ކަންކުރަމުން އައިގޮތައް ބަދަލުތަކެއް އައުންކަމަށާއި އެއީ ގޯހެއް ނޫންކަން ދަރިފުޅަށް ކިޔާދޭށެވެ. ބަދަލު އައުމަކީ މަޖާ އެކްސައިޓިންކަމަކަށްވެސް ވެދާނެއެވެ.
ކަންކަން ރަނގަޅުވާނެކަމަށް ބުނޭ
ކަމެއް ކުރިން އޮތްގޮތްނޫން އެހެން ގޮތަކަށް ބަދަލުވެގެން އަންނައިރު ފުރަޔަމަ ބިރުގަންނާނެއެވެ. މިސާލަކަށް ދަރިފުޅު ފުރަތަމަ ބައިސްކަލު ދުއްވި ދުވަސް، ސްކޫލްގެ ފުރަތަމަ ކޭންޕް، ދަތުގެ ޑޮކްޓަރަށް ފުރަތަމަ ދައްކަންދިޔަ ދުވަސް ފަދަ ކޮންމެ ކަމެއްވެސް އަލަށް ކުރާ ދުވަހު ބިރުގަތްނަމަވެސް ފަހުން އެކަންކަން ހަމައަކަށް އެޅިގެން ދިޔަކަން ބުނެދޭށެވެ. އެހެންކަމުން މަންމައާއި ބައްޕައާއި ވަރިވާން އުޅޭއިރުވެސް ފުރަތަމަ ތަފާތުވި ނަމަވެސް ފަހުން ހުރިހައި ކަމެއްވެސް ހަމައަކަށް އެޅިގެންދާނެކަން އަންގަދޭށެވެ.
މަންމައާއި ބައްޕައާއި އަބަދުވެސް ލޯބިވާނެކަން ބުނެދީ
ދިރިއުޅުން ކޮންމެ ގޮތަކަށް ބަދަލުވެގެންދިޔަނަމަވެސް މަންމައާއި ބައްޕައާއި އަބަދުވެސް ދަރިފުޅުދެކެ ލޯބިވާނެކަން ދަރިފުޅަށް ބުނެދޭށެވެ. އެކަމަކަށް ބަދަލެއް ނާންނާނެއެވެ. އަދި އެކަން ދަރިފުޅު ހަނދާން ނައްތާނުލާން ބުނާށެވެ.