ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު އެކަނި ނުފުދޭ
24 ޖުލައި 2022 - 13:27
ރަނގަޅު ސިއްހަތެއްގައި ހުރުމަށް ހަމައެކަނި ބޭނުންވާ އެއްޗަކީ ރަނގަޅު ކާނާއެއް ނޫނެވެ. މިއީ އަހަރެމެން އެންމެންނަށްވެސް އިނގޭ ހަޤީގަތެކެވެ. ރަނގަޅު ކާނާގެ އިތުރުން ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ގިނަ ކަންކަން ބޭނުންވެއެވެ. މި އާޓިކަލްގައި މި ބަލާލަނީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.
ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ހޯދުން
ކޮންމެ ދުވަހަކު މަދުވެގެން ހަތް ގަޑިއިރާއި އަށްގަޑި އިރާ ދެމެދުގެ ވަގުތަކަށް ނިދުމަކީ ފުރާވަރުގެ ކޮންމެ މީހަކަށް ވެސް ވަރަށް މުހިއްމު ކަމެކެވެ. ސިކުނޑީގެ ދުޅަހެޔޮކަމަށާއި، ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށާއި އުފާވެރިކަންމަތީ ދިރިއުޅުން ވޭތުކުރުމަށް މިއީ ވަރަށް މުހިއްމު ކަމެކެވެ.
ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓަން މަސައްކަތް ކުރުން
ހަށިގަނޑުގެ އެހެން މައި ގުނަވަންތަކެކޭ އެއްފަދައިން އިންސާނާގެ ސިކުނޑި އަށް ވެސް ކަސްރަތު ބޭނުންވެ އެވެ. ސިކުނޑިއަށް ބޭނުންވާ ކަސްރަތަކީ ކަންކަމާ ވިސްނައި ސިކުނޑި ބޭނުންކޮށްގެން ކުރެވޭ ތަފާތު މަސައްކަތްކުރުމެވެ.
ކެއުމަށް ބެލުން
ހަށިގަނޑަށް ފައިދާ ހުރި ކާނާއަކީ ދުޅަހެޔޮ ސިއްހަތަށް ވަރަށް މުހިއްމު ބައެކެވެ. ހާއްސަކޮށް ގިނައިން ހަކުރާއި ލޮނު ހިމެނޭ ކާނާ ދޫކޮށްލައި ރަނގަޅު ކާނާ ހިޔާރު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތައްޔާރީ ކާނާ (މިސާލަކަށް ފުޅީގައި، ޕެކެޓްގައި، ނުވަތަ ދަޅުގައި ބަންދުކޮށްފައި ހުންނަ ކާބޯތަކެތި) ވީހާވެސް މަދުން ބޭނުންކުރާށެވެ. އެންމެ ރަނގަޅު ގޮތަކީ އެފަދަ ކާބޯތަކެތި އެއްވެސް ވަރަކަށް ކެއުމުގައި ބޭނުން ނުކުރުމެވެ.
މޭވާ ހިޔާރުކުރުމުގައި އެ ތަކެތީގެ ޖީއައި އާއި ޖީއެލްގެ އަދަދަށް ބަލައިގެން ވަކި ހަމައެއްގައި މޭވާ ކައި އުޅޭށެވެ. ގަސްގަހާގެހިން ލިއްބައިދޭ ކާނާގެ ބާވަތްތައް ކެއުމުގެ 90 ޕަސެންޓް އަދި އަނެއް 10 ޕަސެންޓް ޖަނަވާރުން ލިއްބައިދޭ ކާނާގެ ބާވަތުން މުއްސަނދިކުރުން މުހިއްމެވެ.
ގަވައިދުން ޑޮކްޓަރުގެ އިރުޝާދު ހޯދުން
ހާއްސަކޮށް މެދު އުމުރަށް ދިއުމުން ހަށިގަނޑުގެ ލޭގެ ހަކުރުގެ މިންވަރާއި، ކޮލެސްޓްރޯލް، ލޭގެ ޕްރެޝަރު ފަދަ ކަންކަން ދެނެގަތުމަށް، މަދުވެގެން އަހަރަކު އެއް ފަހަރު ގަވައިދުން ތަހުލީލުތައް ހެއްދުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިއީ ހަށިގަނޑުން ބަލިތަކުގެ އަލާމާތް ނުފެނުނު ނަމަވެސް ދުޅަހެޔޮކަންމަތީގައި ދެމިހުންނަން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.
ދިރިއުޅުމުގައި މެދު މިންގަނޑެއް ހިޔާރުކުރުން
ކެއުން، ކަސްރަތުކުރުން، އޮފީހުގައި މަސައްކަތްކުރުން، މަޖާކުރުން ފަދަ ކޮންމެ ކަމެއްގައި ވެސް ހައްދުފަހަނަޅާ ދިއުމުގެ ބަދަލުގައި މެދު މިންގަނޑު ހިޔާރުކުރަން އާދަކުރާށެވެ. މިއީ ދުޅަހެޔޮ ސިއްހަތަށް އަދި އުފާވެރި ދިރިއުޅުމަކަށް ކޮންމެހެން ވެސް މުހިއްމު ކަމެކެވެ.