ފިރިހެނުންގެ ހައްގުތަކުގެ ވާހަކަ ދެއްކުމަކީ އަންހެނުންގެ ހައްގު އުނިވާންޖެހޭ ސަބަބެއް ނޫން
27 ޖުލައި 2022 - 11:18
އަހަރެމެންގެ މިއަދުގެ މުޖްތަމައުގައި ޖިންސުގެ ހަމަހަމަކަމުގެ ވާހަކައަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެވެ. އަންހެނުންނާއި ފިރެހެނުންގެ ހަމަހަމަކަމެވެ. ވަކިން ޙާއްސަކޮށް އަންހެނަކަށް ވީތީ ލިބެންޖެހޭ ހައްގުތަކެވެ. މަސައްކަތުގެ މާހައުލާއި އަދި މުޖްތަމައުގެ ތެރޭގައިވެސް ހަމަހަމަކަމާއި އަންހެނުންގެ ހައްޤުތަކުގެ ވާހަކަ ވަރަށް ގިނައިން ދެކެވޭތަން ފެނެއެވެ.
ނަމަވެސް އަންހެނުންގެ ހައްޤުތަކުގެ ވާހަކަ މާގަދައަށް ދެކެވިގެންގޮސް ފިރެހެނުންގެ ހައްޤުތަކަށް އުނިކަން އަންނަނަމަ އެއީ ގޯހަކަށް ނުވާނެ ހެއްޔެވެ؟ ހައްޤުތަކުގެ ވާހަކަ ދައްކަންވީ ހަމައެކަނި އަންހެނުންގެ އެއްނޫނެވެ. ފިރެހެނުންގެ ހައްޤުތަކުގެ ވާހަކަ ދައްކައި އެމީހުންވެސް ބާރުވެރި ކުރުވަންޖެހެއެވެ.
މުޖްތަމައުގައި އަބަދުވެސް އަންހެނުންނަށް ލިބޭ އަނިޔާތަކާއި އަންހެނުންގެ ވާހަކަތައް ދެއްކުމުގެ ސަބަބަކަށްވަނީ އަނިޔާ ލިބޭ ފިރެހެނުންގެ އަދަދު އިތުރުވެ އެމީހުންނަށް އެ އަނިޔާގެ ވާހަކަވެސް ދައްކަން ނުކެރުމެވެ. އެވާހަކަ ދެއްކުމުން މުޖްތަމައު އެމީހުންނަށް ބްލޭމްކުރުން ނުވަތަ ޖޯކު ޖަހާފާނެކަމުގެ ބިރު އިހްސާސްކުރެވުމެވެ. ނުވަތަ އެއީ ފިރެހެނަކަށްނުވާ އަންހެނެއްގެ ގޮތުގައި މުޖްތަމައު ދެކިދާނެކަމަށް ބިރުގަތުމެވެ.
މުޖްތަމައުގައި ގިނަ ފިރެހެނުންތަކެއް އެމީހުންގެ ހައްޤުތައް ގެއްލި ވަރަށް ހާލުަގައި އުޅެމުންދެއެވެ. ނަމަވެސް މިއީ މިއަދު އަހަރެމެން އެހާ އާންމުކޮށް ނުދައްކާ އެހެންނަމަވެސް ހަޤީގަތެކެވެ. އާންމު ދިރިއުޅުމާއި، އާއިލާތެރެއިންނާއި، ވަޒީފާ މާހައުލުގެ އިތުރުންވެސް ރަހުމަތްތެރިންގެ ފުށުންވެސް ފިރެހެނުންނަށް އެމީހުންގެ ހައްޤުތައް ގެއްލޭ އެތައް ކަމެއް ދިމާވެއެވެ.
ނޭޝަނަލް ރަންއަވޭ ސޭފްލައިންއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންމެ 10 ފިރެހެނަކުން 1 ފިރެހެނަކު ދުވާލެއްގެ މައްޗަށް އެންޒައިޓީ ނުވަތަ ޑިޕްރެޝަންއާއި ކުރިމަތިލާންޖެހެއެވެ. %60 ފިރެހެނުން އެމީހުންގެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުވާ ކަމަކާއި ކުރިމަތިލާންޖެހެއެވެ. މިއީ އެވްރެޖްކޮށް އަންހެނުންނަށްވުރެ ނިސްބަތުން އިތުރު އަދަދެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ނަފްސާނީ އެކިއެކި ކަންތައްތަކާއި ހެދި އަހަރެއްގެ މައްޗަށް %75 ފިރެހެނުން އަމިއްލައަށް މަރުވެއެވެ.
މިއީ އާދައިގެ ގޮތަކަށް ބެލުމަށްވުރެ ބޮޑަށް ސީރިއަސްކަމެއްގެ ގޮތުގައި ބަލަންޖެހެއެވެ. އެންމެ ކައިރިން ބަލާލިނަމަވެސް އާއިލާގެ ތެރެއިންނާއި އަދި ބައިވެރިޔާގެ ފަރާތުންވެސް ފިރެހެނުންނަށް ނަފްސާނީ ގިނަ ކަންތައްތަކަކާއި ކުރިމަތިލާންޖެހެއެވެ. މިކަންތައްތައް މުޖްތަމައު ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ފިރެހެންވަންތަ ކަމަކީ ކޮބައިކަން މުޖްތަމައު ދެކޭގޮތް ވަރަށް ބޮޑަށްވެސް ބަދަލުވާންޖެހެއެވެ. ފިރެހެންވަންތަވުމަކީ ނަފްސާނީ މައްސަލަތަކާއި ޑިޕްރެޝަން ދިމާނުވާނެކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. އަދި ފިރެހެނުންގެ ހައްޤުތަކުގެ ވާހަކައަކީ އަބަދުވެސް ދައްކާ އެކަމާއި ގުޅޭގޮތުން މުޖްތަމައުވެސް ހޭލުންތެރިކުރުވަންޖެހޭ ކަމެކެވެ.