ރިޕޯޓް: މަސްދަރު ނުހޯދިގެން ސަރުކާރަށް ލޮލުފިޔަ ނުޖެހިފައި، ސަރުކާރުގެ ކުންފުނިތަކުގެ މައުލޫމަތަށް އެދުމުން ނިދާފައި

27 ޖުލައި 2022 - 14:52

މައުލޫމާތު ލިބިގަތުގެ ހައްގަކީ ގާނޫނަކުން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގެކެވެ. އެކަމަށް މަގުފަހިކޮށްދިނުމަށްޓަކައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އޮފީހެއް ވެސް ވަނީ އުފައްދައިފައެވެ. އަދި ސަރުކާރުގެ ކޮންމެ އިދާރާއެއްގައި މައުލޫމާތު ދިނުމަށް ހާއްސަ އިންފޮމޭޝަން އޮފިސަރެއް ހުރެއެވެ.

މި ގާނޫނު ވުޖޫދަށް އައި ފަހުން އެކި ކަންކަމުގައި މައުލޫމާތު ހޯދުމަށް ގިނަ ބަޔަކު ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުށަހަޅައެވެ. އަދި އެ ކުންފުނިތަކުން އެ މައުލޫމާތު ނުލިބިއްޖެ ނަމަ އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅައިގެން ވެސް ހޯދައެވެ. މިއީ ކޮރަޕްޝަން ހުއްޓުވުމަށް މަގުފަހިކުރުމުގައި ވެސް ވަރަށް މުހިންމު ކަމަކަށް ވަނީ ވެފައެވެ.

advertisement

މައުލޫމާތު ނުދިނުމަށް ސަރުކާރު ކުންފުނިތަކުން ރެކެނީ

ގާނޫނު ވުޖޫދުވި ފަހުން ހެޔޮ ބަދަލުތަކެއް ވެސް އައިސްފައި ވެއެވެ. ހާއްސަކޮށް ސަރުކާރުގެ އެކި އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި ކުރިއަށް ވުރެ ޓްރާންސްޕޭރެންޓްކަން ފާހަގަކުރެވެއެވެ. އަދި މީގެ ކުރިން ހާމަނުކުރާ އެތައް މައުލޫމާތުތަކެއް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ސަބަބުން އާންމުކޮށްފައި ވެއެވެ.

ނަމަވެސް މި ގާނޫނު ރެކެގަތުމަށް އަދިވެސް ބައެއް ފަރާތްތަކުން މަސަައްކަތްކުރާކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހިއްސާވާ ކުންފުނިތައް ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް ފަހަކަށް އައިސް މައުލޫމާތު ފޯރުކޮށްދިނުމުގައި ކުންފުނިތަކުން ފަހަތު ފަޔަށް ބުރަވާކަން ފާހަގަކޮށްލެވެއެވެ. ތަފާތު އެކި ބަހަނާތައް ދައްކައި ކޯޓާ ހަމައަށް މައްސަލަތައް ގެންގޮސްފައި އެބަހުއްޓެވެ. އަދި ގާނޫނުގައި ކަނޑައެޅިގެން ބުނެފައިވާ ބައެއް މައުލޫމާތުތައް ވެސް ފޯރުކޮށްދޭން ބައެއް ކުންފުނިތަކުން ބޭނުންނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

ދާދި ފަހުން މީޑިއާއަކުން އެދިގެން އިންފޮމޭޝަން ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ސަރުކާރުގެ ކުންފުނިތަކުން މައުލޫމާތު ފޯރުކޮށްދޭން ދެކޮޅު ހަދާ މިންވަރު މި ވެރިކަމުގައި އިތުރުވެފައިވާކަން ހާމަވެއެވެ. އެގޮތުން 2020 ވަނަ އަހަރު ސަރުކާރުގެ ކުންފުނިތަކުން މައުލޫމާތު ހޯދުމަށް 10 މައްސަލައެއް ހުށަހަޅާފައިވާ އިރު އޭގެ ތެރެއިން އެ ކުންފުނިތަކުން މައުލޫމާތު ފޯރުކޮށްދީފައި ވަނީ އެންމެ ފަހަރަކުކަން އިންފޮމޭޝަން ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އޭގެ ތެރެއިން ފަސް މައްސަލައަކީ ގާނޫނުގެ ދަށުން ވެސް ހާމަކުރަން ނުޖެހޭ މައްސަލަތައް ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ނިންމަވާފައިވާ އިރު ތިން މައްސަލައެއް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވެއެވެ.

ނިމިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް ފެންނަނީ މި މަންޒަރެވެ. ނުވަ މައްސަލައެއްގައި ހުށަހެޅި އިރު ފަސް މައްސަލައެއް ހައި ކޯޓާ ހަމައަށް ގޮސްފައި ވެއެވެ. މި އަހަރުގެ މިހާތަނަށް ވެސް ދެ މައްސަލައެއް ހުށަހެޅިފައިވާ އިރު އަދިވެސް އެއަށް ޖަވާބެއް ލިބިފައެއް ނުވެއެވެ. މައުލޫމާތު ހާމަކުރަން ކުންފުނިތަކުން މިހާ ޖެހިލުން ވަނީ ކީއްވެބާއެވެ؟

“ކުންފުންޏަށް އިޔާދަ ނުކުރެވޭވަރަށް ގެއްލުން ވެދާނެތީ މުސާރައިގަ މައުލޫމާތު ހާމަ ނުކުރެވޭނެ”

ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ އެދިފައިވާ ގިނަ މައުލޫމާތުތަކަކީ ކުންފުނީގެ ވިޔަފާރި އާއި އަދި ޒާތީ ކަންކަން ހިމެނޭ މައުލޫމާތުތައް ކަމަށެވެ. އެފަދަ މައުލޫމާތުތައް އާންމުކުރުމުން ކުންފުންޏަށް ގެއްލުންތައް ވުމުގެ ފުރުސަތު އޮންނަ ކަމަށް މެނޭޖްމަންޓަށް ގަބޫލުކުރެވޭތީ އެ މައުލޫމާތު ހިފަހައްޓަނީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ފަހަރު މިފަދަ މައުލޫމާތު ނާޖާއިޒް ގޮތުގައި ބޭނުންކުރުމާއި ވަކި މަގުސަދެއްގައި މައުލޫމާތު ހޯދައި އެ މައުލޫމާތު އާންމު ރައްޔިތުންނަށް އޮޅޭ ގޮތަށް ބައެއް މީޑިއާތަކުން މަދުން ނަމަވެސް ބޭނުންކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

“ހޯދާ މައުލޫމާތުގެ ތެރެއިން އެއްބައި އާންމުކޮށްފައި އަނެއް ބައި ސިއްރުކޮށްގެން އާންމު ރައްޔިތުންނަށް އޮޅުވާލުމުގެ ކަންކަން ވެސް އެބަ ހިންގާ. އަދި ބައެއް މައުލޫމާތަކީ ހަމައެކަނި އެ މައުލޫމާތު ފޯރުކޮށްދިނުމުން އާންމު ރައްޔިތުންނަށް އޮޅުން އަރާ މައުލޫމާތު. އެ މައުލޫމާތާ ގުޅުން ހުރި އެހެން މައުލޫމާތު ނެތި ހަމައެކަނި އެ ވާހަކައެއް މީޑިއާތަކުން ތިލަކޮށްގެން ގަސްތުގައި އެއްބައި ފޮރުވައިގެން އެބަ ޚަބަރު ގެނެސްދޭ. އެހެން އެދީމާ ކުންފުނިތަކުގެ އިމޭޖަށް ވަރަށް ބޮޑު ގެއްލުމެއް އެބަ ލިބޭ،” މި ސަރުކާރުގެ މުހިންމު ކުންފުންޏެއްގެ އެމްޑީ ވިދާޅުވިއެވެ.

ބައެއް ކުންފުނިތަކުން ގަބޫލުކުރާ ގޮތުގައި އެ ކުންފުނިތަކަކީ ވިޔަފާރި ކުންފުނިތަކަކަށް ވުމުން ސަރުކާރުގެ އިދާރާއަކުން އަމަލުކުރާ އުސޫލުން އަމަލުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ގާނޫނުގައި އެކަން އޮންނަ ގޮތް ބަދަލުވާންޖެހޭ ކަމަށް ވެސް ބައެއް ކުންފުނިތަކުން ދެކެއެވެ. އަދި ސަރުކާރުގެ އިދާރާއަކާ އެއްގޮތަށް ކުންފުނިތަކާ މެދު އަމަލުނުކުރެވޭނެ ކަމަށާއި އެ ކުންފުނިތަކަކީ ވިޔަފާރި އާއި މާކެޓިންގެ ބޭނުމަށް އެ ކުންފުނިތަކުގެ އިމޭޖް ވަރަށް ބޮޑަށް ހިފަހައްޓަންޖެހޭ ކުންފުނިތަކަކަށް ވުމުން ހާމަކުރެވޭ މައުލޫމާތުތަކެއްގެ ސަބަބުން ވިޔަފާރި އަށް ހުރަސް އެޅިދާނެ ކަމަށް ބައެއް ކުންފުނިތަކުން ގަބޫލުކުރެއެވެ.

ކޮރަޕްޝަން ހުއްޓުވޭނީ ޓްރާންސްޕޭރެންސީ އޮވެގެން

އެއް ނަޒަރިއްޔާތަކުން ބަލާއިރު މިއީ ފަހަރުގައި ރަނގަޅު ވާހަކައަކަށް ވެސް ވެދާނެއެވެ. ނަމަވެސް ކޮރަޕްޝަން ހުއްޓުވުމަށާއި އެކަމަށް ހުރި ދޮރުތައް ބަންދުކުރުމަށް މައުލޫމާތު ހާމަކުރުމަކީ މުހިންމު ކަމެކެވެ. ހަމަ އެ ގޮތަށް ހާމަކުރެވޭ މައުލޫމާތު ރައްޔިތުންނަށް ނުވަތަ ކަސްޓަމަރުންނަށް އޮޅޭ ގޮތަށް ވަކި މަގުސަދެއްގައި މީޑިއާތަކުން ބޭނުންކުރުމަކީ ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ.

ނަމަވެސް އޭގެ މާނައަކީ ހޯދަން އެދޭ މައުލޫމާތުތައް ސިއްރުކޮށް ހިފެހެއްޓުމެއް ނޫނެވެ. އެކަން ހުއްޓުވުމަށް ނުވަތަ އޭގެ ގެއްލުން ކުޑަކުރުމަށް ކުންފުނިތަކަށް ވެސް މަސައްކަތްތަކެއް ކުރެވިދާނެއެވެ. އެގޮތުން އެފަދަ މައުލޫމާތެއް ހޯދަން މީޑިއާއަކުން ނުވަތަ އާންމު މީހަކު ހުށަހަޅައިފި ނަމަ އާންމުކޮށް އެއާ ގުޅުންހުރި އެހެން މައުލޫމާތުތައް ވެސް އަދި އޮޅުން އަރާނެހެން ހީވާ ނަމަ އެކަން ސާފުވާނެ މިންވަރަށް މައުލޫމާތު އާންމުކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

މައުލޫމާތު ސިއްރުކުރުމަކީ ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑު ކަމަކަށް އޮންނަނީ ވެފައެވެ. އަދި ކުންފުނިތަކުގެ އިމޭޖް ރައްކާތެރިކުރުމަށް އެޅޭ މިފަދަ ފިޔަވަޅެއްގެ ސަބަބުން އިމޭޖަށް ލިބޭ ގެއްލުން މާބޮޑުވާ ފަހަރު ވެސް އާދެއެވެ. ގާނޫނު މިވަގުތު އޮތް ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ސަރުކާރުގެ އިދާރާތަކެއް ނޫން ކަމަށް ބުނެ ފަރުޖެއްސޭކަށް ނެތެވެ. ކުންފުނިތައް ގާނޫނުގެ ތެރެއަށް ލުމުގެ މައިގަނޑު މަގުސަދާ ވެސް އޭރުން ހިލާފު ވެވެނީއެވެ. މައުލޫމާތަށް އެދުމުން ސަރުކާރުގެ އިދާރާއެއް ނޫނޭ ބުނެފައި, ކަމެއް ޖެހުމުން ސަރުކާރު ބަޖެޓުން ފައިސާނެގޭއިރު، ސަރުކާރުގެ ކުންފުނިތަކުގެ ނިޔަތް ގޯސްކަން ސާފުވެއެވެ. ނޫސްވެރިންގެ މަސްދަރު ނުހޯދިގެން ސަރުކާރަށް ލޮލުފިޔަ ނުޖެހިފައި, ސަރުކާރުގެ ކުންފުނިތަކުގެ މައުލޫމަތަށް އެދުމުން ސަރުކާރު އޮންނަނީ ނިދާފައިކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0