ޔޫރިން އިންފެކްޝަން: ސަމާލުކަންދޭންވީ ކޮންކަމަކަށް؟

28 ޖުލައި 2022 - 14:15

“ޔޫރިން އިންފެކްޝަން” އަކީ ބައެއް މީހުންނަށް ދިމާވާ ސިއްހީ މައްސަލައެކެވެ. މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. އެހެންކަމުން ބަލީގެ އަލާމާތްތައް ފެންނަން ފަށާ ހިސާބުން މިކަމަށް ފަރުވާ ހޯދަންޖެހެއެވެ. ޔޫރިން އިންފެކްޝަންއަށް ފަރުވާ ނުކޮށް ހުއްޓާ ކިޑްނީއާ ހިސާބަށް ބެކްޓީރިއާ ގޮސް، ސީރިއަސް ހާލަތަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މިކަމުގެ އަލާމާތްތަތަކީ ކޮބާ؟

  • ކުޑަކަމުދާއިރު ދިލަ ނެގުން
  • އަވަސް އަވަހަށް ކުޑަކަމުދާން ޖެހި، އެކަމަކު ކުޑަކަމުދާއިރު މަދު މިންވަރެއް ބޭރުވުން
  • ބުރަކަށީގައި ނުވަތަ ދަށްބަނޑަށް ބާރުވެފައި ހުރުން ނުވަތަ ތަދުވުން
  • ކުޑަކަމުދާ ތަކެތި ފުސްކޮށް، ކުލަ ގަދަކޮށް ނުވަތަ ލޭ ކުލާގައި ހުރުން ނުވަތަ އާދަޔާ ހިލާފް ވަހެއް ހުރުން
  • ވަރުބަލިވެފައި ތުރުތުރު އެޅުން
  • ހުން އައިސް ހީކެރުވުން (މިއީ އިންފެކްޝަންގެ އަސަރު ކިޑްނީއާ ހިސާބަށް ފޯރި ކަމުގެ ނިޝާނަކަށް ވެދާނެ)

ކޮންމެ ފަސް މީހަކުން އެކަކީ އެއް ފަހަރަށް ވުރެ ގިނައިން ޔޫރިން އިންފެކްޝަން ޖެހިފައިވާ މީހެކެވެ. އަދި ބައެއް މީހުންނަކީ އަބަދު މި ވޭން އުފުލަންޖެހޭ މީހުންނެވެ. އަދި ގިނަ ފަހަރަށް މިކަމުގެ ސަބަބަކަށް ވަނީ ތަފާތު ވައްތަރެއްގެ ބެކްޓީރިއާއެކެވެ. ބައެއް ވައްތަރުތައް ހަށިގަނޑުގެ ސެލްތައް ހިސާރުކޮށް އޭގެ ބޮޑު އާބާދީއެއް އުފައްދައި، އެންޓިބަޔޮޓިކާއި ދިފާއީ ނިޒާމުން އަސަރެއް ނުކުރާ ގޮތަށް “ފިލައި ތިބެ” އެވެ. މި ހާލަތުގައި ބެކްޓީރިއާތައް އެންޓިބަޔޮޓިކަށް ނުގުޑާ ގޮތަށް ބަދަލުވެ، ދޭތެރެދޭތެރެއިން ހަމަލާދެ އެވެ.

advertisement

ހަކުރު ބަލި ހުންނަ އަންހެނުންނަށް ޔޫޓީއައި ޖެހުމުގެ ނުރައްކާ ބޮޑެވެ. އަދި ދިފާއީ ނިޒާމު ބަލިކަށިވުމަކީ ވެސް ސަބަބެކެވެ. ބަލިވެއިނުމާއި ކިޑްނީގައި ހިލަ އުފެދުމާއި ކިޑްނީގެ އެކި މައްސަލަތަކާއި ސްޕައިނަލް ކޯޑަށް ލިބޭ އަނިޔާގެ ސަބަބުން ވެސް ޔޫޓީއައި ފަސޭހައިން ޖެހުމަށް މެދުވެރިދާނެ އެވެ.

ތަކުރާރުކޮށް ޔޫޓީއައި ޖެހޭ ނަމަ ހަދާނީ ކިހިނެއް؟

  • ކުޑަކަމުދާން ޖެހިއްޖެ ނަމަ ލަސް ނުކޮށް އެކަން ކޮށް، ބްލެޑާ ހުސްކުރާށެވެ.
  • ބޮޑުކަމުގޮސް ސާފުވާއިރު ކުރިމަތީފަރާތަށް ނަޖިހުގެ އަސަރު ނުކުރާނެ ގޮތަކަށް އެކަން ކުރާށެވެ.
  • ގިނައިން ފެން ބުއިން.
  • ބާތު ޓަބަށް އެރިގެން ފެންވެރުމުގެ ބަދަލުގައި ޝަވަރުން (ފެންތައް އޮހިގެންދާ ގޮތަށް) ފެންވަރާށެވެ.
  • ދެމަފިރިކަމުގެ ގުޅުމުގެ ކުރިން ރަނގަޅަށް ދޮވެ ސާފުކުރާށެވެ. އަދި ފަހުން ކުޑަކަމުދިއުން.
  • ބާރު ޖިންސް އަދި ނައިލޯން ޖަންގިޔަލުގެ ސަބަބުން ވެސް ޔޫޓީއައި އަށް މަގު ފަހިވެ އެވެ.
ރިއެކްޝަންސް
0
0
0
0
0
0
0