ދައުލަތުން ހިންގި ގޯތި ގެދޮރު މަޝްރޫއުތަކުން ނިސްބަތުން އެންމެ ގިނަ ބިމާއި ގެދޮރު ލިބުނީ މާލޭގެ ރައްޔިތުންނަށް
6 އޯގަސްޓް 2022 - 12:36
ދިވެހިރާއްޖޭގެ ރަށްރަށުން މަދު މީހަކަށް ނޫނީ ހިލޭ ގެދޮރު ނުދޭތާ ލައްކަ ޒަމާންވެއްޖެއެވެ. ގިނަ ރަށްރަށުގެ ހާލަތަކީ ރަށްރަށުގެ ބިންފުރި ގޯތި ގެދޮރު އިތުރަށް ބޭނުންވެފައިވާ ކަމެވެ. މިހާރު ދެކެވޭ ވާހަކަ އަކީ މާލޭގެ ރަށްވެހިންނަށް 40 އަހަރަށް ފަހު ހިލޭ ބިންދޫކުރާ ވާހަކައެެވެ.
ނަމަވެސް 2011 އަހަރު މާލޭގެ 250 މީހަކަށް 3 ބިލިއަނަށްވުރެ އަގުހުރި ބިން ހުޅުމާލެއިން ހިލޭ ވަނީ ދެވިފައެވެ. މިއީ މާލޭގައި އޮންނަ ބިންކޮޅު ދައުލަތަށް ލިބޭގޮތަށް ހިންގި މަޝްރޫޢުއެއް ނަމަވެސް، ދައުލަތަށް މިބިންތަށް ލިބުނުކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނާކަށް ނެތެވެ. ވޭތުވެދިޔަ ވިހިއަހަރު ދައުަލަތުން ހިންގި ގެދޮރު މަޝްރޫއުތަކުން އެންމެ ގިނަ ބިމާއި ގެދޮރު ލިބުނީ މާލޭގެ ރަށްވެހިކަން އޮންނަ ރައްޔިތުންނަށެވެ.
2011 ވަނަ އަހަރު ހުޅުމާލެ ފޭސް އެކަކުން ހިލޭ ދެވުނު ބިމާއި ހިޔާ ފްލެޓް މަޝްރޫއު އަދި ވިނަރެސް މަޝްރޫއުއިންވެސް އެންމެ ގިނަ ގެދޮރު ނިސްބަތުން ހާއްސަކުރެވުނީ މާލެ ސަރައްހަދުގެ ރަޖިސްޓްރީ އޮންނަ ރައްޔިތުންނަށެވެ. މިއީ އެންމެ ނިކަމެތިންނަށް ހާއްސަކޮށްގެން ހިންގުނު މަޝްރޫތަކަށްވާއިރު، މާލޭގެ ނިކަމަތިންނަށް ހުންނަންވާނީ ބިމާއި ގެދޮރު ލިބިފައެވެ.
މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަމެއް ނެތް
މާލޭގެ ގެދޮރު އިމާރާތްތަކުގެ 50 އިންސައްތައަށް ވުރެ ގިނަ ޖާގަ ހުރީ ކުއްޔަށް ދެވިފައިކަމަށް ދިރާސާތަކުން ދައްކައެވެ. ސުވާލަކީ މާލެއަށް ދިމާވެގެން އުޅެނީ ގެދޮރުގެ ދަތިކަމެއްތޯ ނުވަތަ ކުއްޔަށްދީގެން އާމްދަނީ ހޯދާނެގޮތެއްގެ ދަތިކަމެއްތޯއެވެ؟ މިގޮތުން އެންމެ ފަހުން ދެވުނު ގިނަ ބިންތަކަކީ މިލިއަން ރުފިޔާގެ ކުލީގެ ވިޔަފާރި މިހާރު ހިނގަމުންދާ ބިންތައްކަމެވެ.
ހަޤީގަތަކީ މާލޭގެ ރައްޔިތުންގެ ތެރޭގައިވެސް ދަތި ހާލުގައި އުޅެމުންދާ ބަޔަކަށް ބިންދީގެން ގެދޮރު އިމާރާތްކުރާނީ ކިހިނަކުންތޯއެވެ؟ އަދި މިލިއަން ޑޮލަރުގެ ގެދޮރު އިމާރާތްކުރުމުގެ ޤާބިލްކަން ހުރިނަމަ އެއީ ނިކަމެތިން ހެއްޔެވެ؟ އަދި އެހެން މަޝްރޫއުތަކުން ގެދޮރު ގަންނަން ޖެހުނު މާލޭގެ ނިކަމެތިންނަށް އޮތް އިންސާފެއްތޯއެވެ؟
ހަޤީޤަތަށް ބަލާއިރު، ދެމަފިރިންގެ ތެރެއިން މާލެ މީހާއަށް ހުޅުމާލެއިން 2011 ވަނަ އަހަރު ހިލޭ ދޫކުރި ގެދޮރު ލިބި، ރާއްޖެތެރޭގެ މީހާއަށް ރަށުން ހިލޭގެދޮރު ލިބިފައިވާ ދެމަފިރިން އުޅޭކަމެވެ. އަދި މާލެއިން ގެދޮރަށް ޝަރުުތު ހަމަނުވާ ރާއްޖެތެރޭގެ ރައްޔިތުން ރަށުގެ ބިމަށްވެސް ރަށުގައި ނޫޅޭތީ ޕޮއިންޓް ނުލިބި ޝަރުތު ހަމަނުވާކަމެވެ. އަދި މާލެއިން ގެދޮރު ނުލިބި ރާއްޖެތެރެއިން ގެދޮރު ނުލިބޭ މާލޭގެ ރައްޔިތުންވެސް މަދެއް ނޫނެވެ. މިއީ މާލެ ރާއްޖެތެރޭ ބަހުސްއަކަށް ވުރެ ގެދޮރު ނެތް ރާއްޖެތެރެ މާލެ މީހުން ގެދޮރުވެރި ކުރުވާނެގޮތެއްގެ ބަހުސްއެކެވެ.
ސިޔާސީ ތަޖުރިބާކާރުން ޤަބޫލުކުރާގޮތުގައި މާލޭގެ ވޯޓަކީ ރަށްރަށުގެ ވޯޓު ފަދައިން ފުޓްސަލް ދަނޑާއި، ސްކޫލް ކްލާސް ރޫމާއި، އެމްބިއުލަންސްއަކުން ނުވަތަ ޤައުމީ ތަރައްޤީ އާއި އިޖްތިމާޢީ އަދާލާތުން ލިބޭނެ ވޯޓެއް ނޫނެވެ. ނަމަވެސް މަދު އާއިލާތަކަށް ސިޔާސީ މަޤާމުތަކާއި، ދައުލަތުގެ މުދަލުން ނުހައްޤު ހައްޤުތަކެއް ލިބޭނެގޮތަކަށް ސިޔާސަތު ބައްޓަންކޮށްގެން ނޫނީ އެއްވެސް އިރެއްގައި ހޯދޭނެ ވޯޓެއް ނޫންކަމެވެ.
މިގޮތުން މިފަދަ ނުފޫޒުގަދަ މަދު ބަޔަކަށް ބިމާއި ވަސީލަތްތަށް ދެވިއްޖެނަމަ، މަޖިލިސް އިންތިހާބާއި އަދި ރިޔާސީ އިންތިހާބުގައި އެބަޔަކަށް ކާމިޔާބު ލިބުން ދުރު ނޫންކަމެވެ. އަދި މިއީ ސިޔާސީ އެއްވެސް ޕާޓީއަކުން މިކަމާ ފާޅުކަން ބޮޑުގޮތެއްގައި ދެކޮޅު ނަހަދާ އެއް ސަބަބު ކަމަށެވެ. ހިތާމަޔަކީ ޑިމޮކްރޮސީގެ ބޮޑެތި ޗެމްޕިއަނުންވެސް އިޤްތިޞާދީ އަދާލަތުގެ ވާހަކަ ދައްކަންޖެހުމުން ބީރު ކަންފަތެއްދީ މާލެ ސުޕްރެމިސީ އިސްކުރާކެމެވެ.
ދާއިމީ އެޑްރެސް އުވާނުލެވި ނަސްލީ ތަފާތުކުރުމެއް ނުހުއްޓުވޭނެ
އުފެދޭ ބޮޑު ސުވާލަކީ، ދިރިއުޅުމަށް ބިން ލިބެން ޖެހެނީ ދާއިމީ އެޑްރެސް އޮންނަ ރަށަކުންތޯއެވެ؟ ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމުގެ ޤާނޫނު އޮންނަގޮތުން އެއްވެސް ރަށެއްގައި ފަސް އަހަރު ދިރިއުޅެފިނަމަ، އަދި އެމީހަކު އެދެފިނަމަ ކުރީގެ ރަށުގެ ރަށްވެހިކަން ދޫކޮށްލާގޮތަށް އެރަށަކަށް ރަޖިސްޓްރީ ކޮށްދެންވާނެއެވެ.
ވީމާ، އުފަންވީ ތަނަށް ނުވަތަ ދާއިމީ އެޑްރެހަށް ބަލައިގެން ބޯހިޔާވަހިކަން ދިނުމަކީ ރައްޔިތުންގެ އެތަކެއް ހައްގުތަކެއް އެކަމުގެ ސަބަބުން ގެއްލިގެންދާ ޤާނޫނާ ހިލާފު ކަމެކެވެ. އުފަންވީއްސުރެން މާލޭގައި ދިރިއުޅެމުން އަންނަ އެހެން ނަމަވެސް ދާއިމީ އެޑްރެސް އެހެން ރަށަކަށް ރަޖިސްޓްރީ ވެފައި ތިބި އެތައް ބަޔަކު މާލޭގައި އެބަ ދިރިއުޅެއެވެ. އެމީހުންނަކީ މާލޭގެ ރަށްވެހިން ނުވަތަ ވަޒަންވެރިން ކަމުގައި ސަރުކާރުން ބަލައިނުގަންނަނީ ކީއްވެތޯއެވެ؟ މިއީ ނަސްލީ ތަފާތުކުރުމެކެވެ. ރާއްޖެތެރޭ މީހުން ދެވަނަ ދަރަޖައިގެ ނިކަމެތިން ކަމުގައި ދުށުމެވެ. އަދި އިޤްތިޞާދީ އަދާލާތު އޮންނަ ތަހުޒީބު މުޖުތަމައެއް ޤާއިމުކުރުމަށް މަދުބަޔަކަށް އިޤްތިޞާދު ހާއްސަކުރުމުގެ މަސްތުން މާލޭގެ ރައްޔިތުން މިންޖުވާންވީ ވަގުތަކީ މިއީއެވެ.