މާލެ – ރާއްޖެތެރެ ގެދޮރުގެ މައްސަލައިގައި ކޮންމެހެން އެގެންޖެހޭ މުހިންމު 7 ކަމެއް

10 އޯގަސްޓް 2022 - 13:43

ދިވެހިރާއްޖޭގެ ރަށްރަށުން މަދު މީހަކަށް ނޫނީ ހިލޭ ގެދޮރު ނުދޭތާ ލައްކަ ޒަމާންވެއްޖެއެވެ. ގިނަ ރަށްރަށުގެ ހާލަތަކީ ރަށްރަށުގެ ބިންފުރި ގޯތި ގެދޮރު އިތުރަށް ބޭނުންވެފައިވާ ކަމެވެ.

މިހާރު ދެކެވޭ ވާހަކަ އަކީ މާލޭގެ ރަށްވެހިންނަށް 40 އަހަރަށް ފަހު ހިލޭ ބިންދޫކުރާ ވާހަކައެެވެ. އަދި ހުޅުމާލެއިން މާލެގެ އެންމެ 1،000 މީހަކަށް ހިލޭ 10 ބިލިއަން ރުފިޔާގެ އަގުހުރި ބިން ދިނުމަށް ނިންމުމާއެކު މާލެ – ރާއްޖެތެރޭގެ ނަސްލީ ތަފާތުކުރުންތަކުގެ ވާހަކަތަކުގެ އަޑު މިވަނީ ގަދަވެފައެވެ.

advertisement

ތިރީގައި މިވަނީ މިކަމާ ގުޅޭގޮތުން ކޮންމެހެން އެގެންޖެހޭ 7 ސުވާލާއި އޭގެ ޖަވާބެވެ.

1. ހިލޭ ބިންދެނީ ކޮންބަޔަކަށް ކޮންތަނަކުން އަދި ކިހާވަރަކަށް؟

ހިލޭ ދޫކުރަނީ ހުޅުމާލެއިން 1،000 ބިމާއި އަދި ގުޅީފަޅާއި ހިއްކަންވެސް ނުފަށާ ފަޅަކުން 4،000 ބިމެވެ. މީގެ ތެރެއިން ހުޅުމާލެ ފިޔަވައި އެހެން ސަރައްހަދުތައް ދިރިއުޅެވޭ ހާލަތަށް ގެނައުމަށް މަދުވެގެން 10 އަހަރު ނަގާނެއެވެ. ގިނަ ބައެއްގެ އަމާޒުހުރީ ހުުޅުމާލެއިން ދޫކުރާ 1،000 ގެވަޅަށެވެ.

2. މާލެ ރައްޔިތުންނަށް ބިން ހިލޭ ދޫކުރަނީ 40 އަހަރަށް ފަހުތަ؟

މާލޭގެ ރައްޔިތުންނަށް ހިލޭ ބިންދޫކުރަނީ 40 އަހަރަށްފަހު ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ. ދެހާސް އެގާރަވަނަ އަހަރު މާލޭގެ 250 މީހަކަށް 3 ބިލިއަނަށްވުރެ އަގުހުރި ބިންވަނީ ހިލޭ ދެވިފައެވެ. މިއީމާލޭގައި އޮންނަބިންކޮޅު ދައުލަތަށް ލިބޭގޮތަށް ހިންގި މަޝްރޫޢުއެއް ނަމަވެސް، ދައުލަތަށް މިބިންތަށް ލިބުނުކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނާކަށް ނެތެވެ.

3. ސަރުކާރުން ހިންގި ގެދޮރުވެރި ކުރުމުގެ މަޝްރޫޢުތަކުން މާލޭގެ ރައްޔިތުން ބާކީ ކުރެވުނުތަ؟

ވޭތުވެދިޔަ 20 އަހަރު ދައުަލަތުން ހިންގި އަސާސީ ގެދޮރު މަޝްރޫއުތަކުން އަބާދީގެ ނިސްބަތުން އެންމެ ގިނަ ބިމާއި ގެދޮރު ލިބުނީ މާލޭގެ ރަށްވެހިކަން އޮންނަ ރައްޔިތުންނަށެވެ. އަދި އެންމެ އަގުހުރި ބިމާއި ގެދޮރުވެސް ލިބުނީ މާލެގެ ރަށްވެހިކަން އޮންނަ ރައްޔިތުންނަށެވެ. ވުމާއެކު މާލޭގެ އެންމެނިކަމެތިންނަށް މިމަޝްރޫޢުތަކުން މިހާރު ހުންނަންވާނީ ބިމާއިގެދޮރު ލިބިފައެވެ.

4. ބޯހިޔާވަހިކަމުގެ ދަތިކަން އޮތީ މާލޭގެ ރައްޔިތުންނަށް އެކަނިތަ؟

މާލޭގެ ގެދޮރު އިމާރާތްތަކުގެ 50 އިންސައްތައަށް ވުރެ ގިނަ ޖާގަ ހުރީ ކުއްޔަށް ދެވިފައިކަމަށް ދިރާސާތަކުން ދައްކައެވެ. ސުވާލަކީ މާލެއަށް ދިމާވެގެން އުޅެނީ ގެދޮރުގެ ދަތިކަމެއްތޯ ނުވަތަ ކުއްޔަށްދީގެން އާމްދަނީ ހޯދާނެގޮތެއްގެ ދަތިކަމެއްތޯއެވެ؟ މިގޮތުން އެންމެ ފަހުން ދެވުނު ގިނަ ބިންތަކަކީ މިލިއަން ރުފިޔާގެ ކުލީގެ ވިޔަފާރި މިހާރު ހިނގަމުންދާ ބިންތައްކަމެވެ. އަދި ރާއްޖޭގެ ގިނަ ރަށްރަށުގައި ބިންދޫނުކުރާތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަން ފާހަނގަކުރެވެއެވެ.

5. މާލޭގެ ނިކަމެތިންނަށް ހިލޭ ބިންދީގެން ގެދޮރުވެރިކުރެވިދާނަތަ؟

މާލޭގެ ރައްޔިތުންގެ ތެރޭގައިވެސް ދަތި ހާލުގައި އުޅެމުންދާ ބަޔަކަށް ބިންދީގެން ގެދޮރު އިމާރާތްކުރާނީ ކިހިނަކުންތޯ ސުވާލު އުފެދެއެވެ. އަދި މިލިއަން ޑޮލަރުގެ ގެދޮރު އިމާރާތްކުރުމުގެ ޤާބިލްކަން ހުރިނަމަ އެއީ ނިކަމެތިން ހެއްޔެވެ؟ އަދި އެހެ މަޝްރޫއުތަކުން ގެދޮރު ގަންނަން ޖެހުނު މާލޭގެ ނިކަމެތިންނަށް އޮތް އިންސާފެއްތޯ މިއީވެސް އުފެދޭ ސުވާލެކެވެ. އަދި މިފަދަ ފަރާތްތަކަށް ހިޔާ މަޝްރޫއު ނުވަތަ ވިނަރެސް މަޝްރޫއުއިން ހިލޭ ނުވަތަ ހެޔޮ އަގެއްގައި ގެދޮރު ނުދިނުމުން ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތެވެ. އަދި 20000 ފްލެޓް އިމާރަތްކުރެވެން އޮތް ބިމެއްގައި މަދުބަޔަކަށް ގެވަޅު ދިނުމުން މާލެގެ ބާކީތިބި ރައްޔިތުން ގެދޮރުވެރި ކުރުވާނީ ކިހިނަކުންތޯ ސުވާލު އުފެދެއެވެ.

6. ރާއްޖެތެރެއިން މާލޭގެ މީހުންނަށް ގެވަޅު ނުލިބޭތަ؟

ރާއްޖެތެރެއިން އެންމެ ފަހުން ދޫކުރެވެނު ގެވަޅުތައް ލިބުނު ފަރާތްތަކުގެ ނިސްބަތުން ބަލާއިރު މާލޭގެ މީހުންގެ އަދަދެއް މަދެއް ނޫނެވެ. އަދި ދިވެހިރާއްޖޭގެ ރަށެއްގެ ރައްވެއްސަކަށް ވުމުގެ ޤާނޫނުގެ ދަށުން މާލެގެ ރައްޔިތަކުވެސް އެހެން ރަށެއްދިރިއުޅޭތާ 5 އަހަރުވުމުން އެރަށެއްގެ ރަޖިސްޓްރީއަށް ބަދަލުވެ، އެރަށަކުން ދޫކުރާ ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާނެއެވެ.

7. މާލޭގެ ރަޖިސްޓްރީއަށް ބަދަލުވާ ރަށްރަށުގެ ރައްޔިތުންނަށް ރަށުން ގެދޮރު ލިބޭތަ؟

ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމުގެ ޤާނޫނު އޮންނަގޮތުން އެއްވެސް ރަށެއްގައި ފަސް އަހަރު ދިރިއުޅެފިނަމަ، އަދި އެމީހަކު އެދެފިނަމަ ކުރީގެ ރަޖިސްޓްރީ އޮންނަ ރަށުގެ ރަށްވެހިކަން ދޫކޮށްލަންޖެހެއެވެ. ވުމާއެކު މާލެއިން ބޯހިޔާވަހިކަން ލިބޭ މިފަދަ ފަރާތްތަށް އެމީހެއްގެ ކުރީގެ ރަށުގެ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޝަރުތު ހަމަނުވާނެއެވެ. މާލޭގައި ކުލި ދައްކައިގެން އުޅޭ ގިނަ އާއިލާތަށް ރަށްރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބާކީވާ މައިގަނޑު ސަބަބަކީ ރަށުގައި ދިރިނޫޅޭތީވެ ބާކީވާ ބާކީވުމުވެ. މިފަދަ ފަރާތްތަކަށް ރަށުންވެސް އަދި ދިރިއުޅޭ މާލެއިންވެސް ބާކީވުމަކީ އެޕަރތައިޑް ސިޔާސަތު ނޫން ކޮން ކަމެއްތޯއެވެ.

ވީމާ، އުފަންވީ ތަނަށް ނުވަތަ ދާއިމީ އެޑްރެހަށް ބަލައިގެން ބޯހިޔާވަހިކަން ދިނުމަކީ ރައްޔިތުންގެ އެތަކެއް ހައްގުތަކެއް އެކަމުގެ ސަބަބުން ގެއްލިގެންދާ ޤާނޫނާ އަސާސީއާ ހިލާފު ކަމެކެވެ. އުފަންވީއްސުރެން މާލޭގައި ދިރިއުޅެމުން އަންނަ އެހެން ނަމަވެސް ދާއިމީ އެޑްރެސް އެހެން ރަށަކަށް ރަޖިސްޓްރީ ވެފައި ތިބި އެތައް ބަޔަކު މާލޭގައި އެބަ ދިރިއުޅެއެވެ. އެމީހުންނަކީ މާލޭގެ ރަށްވެހިން ނުވަތަ ވަޒަންވެރިން ކަމުގައި ސަރުކާރުން ބަލައިނުގަންނަނީ ކީއްވެތޯއެވެ؟ މިއީ ނަސްލީ ތަފާތުކުރުމެކެވެ. ރާއްޖެތެރޭ މީހުން ދެވަނަ ދަރަޖައިގެ ނިކަމެތިން ކަމުގައި ދުށުމެވެ.

ރިއެކްޝަންސް
0
29
1
2
1
2
13