ހުޅުމާލެގައި އަންހެނުންނަށް ޙާއްސަކޮށްގެން “ވެލްނެސް ފޮ ވިމެން” ކިޔާ ހަރަކާތެއް ބާއްވަނީ
15 އޯގަސްޓް 2022 - 10:00
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ހުޅުމާލެގައި އަންހެނުންނަށް ޙާއްސަކޮށްގެން “ވެލްނެސް ފޮ ވިމެން” ގެ ނަމުގައި 18 އޮގަސްޓް 2022 އިން 19 އޮގަސްޓް 2022 އަށް ހަރަކާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައިވާ ކަމަށް އެޗް.ޑީ.ސީން އިއުލާންކޮށްފި އެވެ.
މިއީ، އެޗްޑީސީ އާއި ޝަލޫ ދި ޓްރެއިނަރ އާއި ގުޅިގެން ކުރިޔަށް ގެންދެވޭ ހަރަކާތެކެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި ލިންކް (https://forms.gle/GYJjqxHofTC2h1K79) މެދުވެރިކޮށް ރެޖިސްޓަރ ކޮށްލެވޭނެއެވެ. އަދި އެއްވެސް ފީ އަކާއި ނުލާ ހުރިހާ އުމުރުފުރައެއްގެ އަންހެނުންނަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
Free indoor and outdoor sessions on Wellness for Women, ranging from pregnancy and postpartum and walking the crowd through healthy eating, with an added incentive for all women to join, an outdoor boot camp! pic.twitter.com/vSL44SqiMZ— HDC (@hdcmaldives) August 14, 2022
މިގޮތުން، މި މަހުގެ 18 ވަނަ ދުވަހު ވޯކްޝޮޕް އަދި އެވެއަރނެސް ސެޝަންއެއް ހުޅުމާލެގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ސިއްޙަތައް ފައިދާ ހުރި ކެއުންތަކާއި މާބަޑު މީހުންގެ ސިއްޙަތާއި އަދި އަންހެނުންނާއި ގުޅުންހުރި ގިނަ ކަންތައްތަކުގެ މައުލޫމާތު މި ސެޝަންގައި ކުރިޔަށް ގެންދެވިގެންދާނެއެވެ. މީގެއިތުރުން، މި މަހުގެ 19 ވަނަ ދުވަހު އަންހެނުންނަށް ހާއްސަކޮށްގެން ބޫޓް ކޭމްޕެއް ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިޔަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ބައިވެރިވުމަށް އެދި ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 18:00 ގެ ނިޔަލަށެވެ.
އެޗްޑީސީން ވިދާޅުވީ އެ ކޯޕަރޭޝަނުން ގަބޫލުކުރާ ގޮތުގައި، މިފަދަ ހަރަކާތްތައް ބޭއްވުމުން ރައްޔިތުންގެ ގުޅުން ބަދަހިވެ، އާންމުންގެ ސިއްޙީ މައުލޫމާތު މުއްސަދިވެގެން ދިޔުމަށް މަގުފަހިވެގެންދެއެވެ. އަދި މުސްތަގުބަލުގައި ވެސް މިފަދަ ހަރަކާތްތައް ވީހާވެސް ގިނައިން ބޭއްވުމަށް މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރަމުންދާނެއެވެ.