ރިޕޯޓް: ޤާނޫނަކަށްފަހު ޤާނޫނެއް، ތަންފީޒެއް ނުކުރެވޭ!

16 އޯގަސްޓް 2022 - 14:57

ގާނޫނު ހެދުމަކީ ރާއްޖޭގައި ވަރަށް ފަރިތަކަމެކެވެ. ދިވެހިން ނިކަން ގަޔާވާ ވެސް ކަމެކެވެ. ކޮންމެ ކަމަކަށް ގާނޫނެއް އޮންނަންޖެހޭ ކަމަށް ދެކިގެން ރައްޔިތުންގެ މަޖިލީހުން ވެސް ގިނަ ގާނޫނުތަކެއް ހަދައެވެ. ސަރުކާރުން ވެސް އެކި ނަންނަމުގައި ބިލްތައް ފޮނުވައެވެ. ނަމަވެސް އެ ގާނޫނަކުން ނުކުންނާނެ ނަތީޖާއާ މެދު ގިނަ ފަހަރަށް ވިސްނާލުމެއް ނޯވެއެވެ.

އެ ގާނޫނެއް ތަންފީޒުކުރާނީ ކިހިނެއް ކަމެއް ގާނޫނުގައި ލިޔެވިފައެއް ނޯވެއެވެ. ނުވަތަ ލިޔެވިފައި އޮތަސް އެކަން ކުރެވޭނެ މަގެއް ދައްކައެއް ނުދެއެވެ. ނުވަތަ ނުހޯދެއެވެ.

advertisement

މަގު މައްޗަށް ކުޅުޖެހުމާއި ހަޑިކުރުމެއް ނުހުއްޓުވޭ

މަގު މައްޗަށް ކުޅުޖެހުމާއި ހަޑިކުރުމަކީ ވެސް ގާނޫނަކުން މަނާ ކުރާ ކަން ކަމެވެ. އާންމު ތަންތަނަށް ކުނި އެޅުމަކީ ބޮޑު ޖޫރިމަނާއެއް ވެސް ކުރަން އޮންނަ ކަމެކެވެ. އާންމު އިޖުތިމާއީ މިންގަނޑުން ބޭރުން އަމަލުކުރުމަކީ ވެސް މަނާ ކަމެކެވެ. ނަމަވެސް މިއީ ހައްތަހާ ވެސް “ކަރުދާސް ގާނޫނު”ތަކެވެ. އެކަން ބަލާނެ ބަޔަކު ނެތްތަނުގައި މަނާކުރާނެ ބަޔަކު ވެސް ނެތެވެ. ނުވަތަ އެ ގާނޫނު ތަންފީޒުކުރާނެ ބަޔަކު ވެސް ނެތެވެ.

އާއްމު ތަންތަނަށް ކުނި އެޅުމެއް ނުހުއްޓުވޭ | ފޮޓޯ: އެމް.ވީ.ޕްލަސް

ފެންފުޅި ހުސްކޮށްފައި މަގުމައްޗަށް އެއްލާލަނީ އެހެންވެ އެވެ. އަދަބެއް ނުލިބޭނެކަން ކަށަވަރުވާތީއެވެ. އެކަން ބަލާނެ ބަޔަކު ވެސް ނެތެވެ. އެކަން ނުކުރަންވީ މަނާ ކަމަކަށް ވާތީ ނޫން ކަމާއި އެއީ ފަރުދީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބައެއް މީހުން ބުނެފާނެއެވެ. ރަނގަޅެވެ. ފަރުދީ ޒިންމާއެކެވެ. ނަމަވެސް ގާނޫނެއްގައި ލިޔެގެން އަދަބު ކަނޑައަޅާފައި ވަނީ އެ ޒިންމާ ފަރުދީ ގޮތުން ނުނަގާތީއެވެ.

އެހެންވީމާ ތަންފީޒުކުރާނެ ބަޔަކު ވެސް ތިބެންވާނެތާއެވެ. އެހެން ނޫނީ ގާނޫނެއްގެ ބޭނުމެއް ކޮބައި ހެއްޔެވެ؟

އާންމު ތަންތަނުގައި ދުންފަތުގެ އިސްތިމާލުކުރުމެއް ނުހުއްޓުވޭ

އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ވެސް އެފަދައިން އޮތް ކަމެކެވެ.

ހޮޓާ ރެސްޓޯރެންޓްތަކުގައި ރޮނގެއް ދަމާލާފައި ދުންބޯ ވަކި ތަނެއް ހަދާފައި ހުންނަނީ ނަމަކަށެވެ. ކޮންމެ ތަނެއްގައި ވެސް އެކަން ކުރަންވީއެވެ. މަނާކަން އަންގައިދޭ ސްޓިކާއެއް ހުރީމާ އެކަން ފުރިހަމަވީއެވެ. ބަލާނެ ބަޔަކު ނެތެވެ. ނުވަތަ މިހާތަނާ ޖެހެންދެން ބެލިފައެއް ވެސް ނެތެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ބޯޑެއް | ފޮޓޯ: އިންޓަނެޓް

ތަންފީޒުކުރެވޭނެ ގޮތެއް ވެސް ހޯދިފައި ނެތީ ކަމަށް ވެދާނެއެވެ. ނަމަވެސް އެކަންކަން އިންތިޒާމު ނުކޮށް ހިރަފުސް އަރުވަން ފޮރުވާފައި ބާއްވަން ގާނޫނު ހަދަނީ ކީއްކުރަން ހެއްޔެވެ؟

އަގު ނަގައިގެން އެސައިންމަންޓް ހެދުމުގެ ވިޔަފާރި އަދިވެސް ދަނީ ކުރިއަށް

ދާދި ފަހުން ވެސް އެފަދަ ގާނޫނެއް ފާސްކޮށްފިއެވެ. އަގު ދީގެން އެސައިންމެންޓްތައް ހެދުން މަނާކުރާ ގާނޫނެކެވެ. އަދަބުތައް ކަނޑައަޅާފައި ވެއެވެ. އަދި އެކަން ހުއްޓުވުމަށް ކިޔަވައިދޭ ތަންތަނުގައި އިންތިޒާމްތައް ގާއިމުކުރަން ވެސް އޮވެއެވެ. އަދި ވިޔަފާރި އުސޫލުން އެކަން ކުރުން ހުއްޓުވުމަށް އިކޮނޮމިކް މިނިސްޓްރީން ވެސް އިންތިޒާމްތަކެއް ހަމަޖައްސަން ޖެހެއެވެ.

ހާމަކަން ބޮޑު ގޮތެއްގައި އެސައިންމަންޓް އަގު ނަގައިގެން ހެދުމުގެ ވިޔަފާރި އަދިވެސް ދަނީ ކުރިއަށް

ނަމަވެސް އެއީ ވެސް ނަމެއްގައި އޮތް ގާނޫނެކެވެ. މިހާތަނާ ޖެހެންދެން ވެސް އެ ގާނޫނުގައި އެ ބުނާ ފަދަ އިންތިޒާމްތަކެއް ހަމަޖެއްސިކަމެއް އެނގިފައެއް ނެތެވެ. ބަޔަކު އެކަމާ ކަންބޮޑުވެގެން އުޅޭތަނެއް ވެސް ނުފެނެއެވެ. އަގަށް ފިލާވަޅުތައް ހެދުމަކީ ބޮޑު ވިޔަފާރިއަކަށް ވަނީ ވެފައެވެ.

ފާޅުކަން ބޮޑު ގޮތެއްގައި އެކި ޕްލެޓްފޯމްތަކުގައި އިސްތިހާރުކޮށްގެން ވެސް އެކަން އެބަ ކުރެއެވެ. ނަމަވެސް ކުރިން ވެސް ބުނިހެން މިއީ ވެސް ނަމަކަށް އޮތް ގާނޫނަކަށް ވާތީ އެކަމާ ބަޔަކު އުޅޭތަނެއް ނުފެނެއެވެ.

މަގުމައްޗާއި ޓްރެފިކްގެ ގާނޫނު ހިނގަނީ ވަކި ބަޔަކަށް؟

ޓްރެފިކާ ބެހޭ ކަންކަން ވެސް ހުރީ އެކަހަލަ ގޮތަކަށެވެ. ގާނޫނު ހިންގަނީ އެއްބައެއްގެ މައްޗަށެވެ. އަނެއް ބައި ފަހަރު އެއީ ހަމަ ގަނޑެއްގައި ލިޔެފައި އޮންނަ ވާހަކަތަކެކެވެ. އެކަން ތަންފީޒުކުރާނެ ގޮތެއް ނެތެވެ. ދައުލަތަށް އާމްދަނީ ލިބޭ ކަމަކަށްވާތީ އިސްޓިކާ ޖެހެއެވެ. ނަމަވެސް އެއީ ވެސް ވަކި ބައެއްގެ ނުވަތަ ވަކި ތަންތަނުގައި ހުންނަ އުޅަނދުފަހަރުގައެވެ. އެކަމާ ގުޅުން ހުރި އެހެން ކަންކަމެއް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަކަށް ނުފެނެއެވެ.

އެހެން ހުރި އެތައް ގާނޫނުތަކެއް އެބަ ހުއްޓެވެ. ހުއްޓުވާނެ ބަޔަކު ނުވަތަ ތަންފީޒުކުރާނެ ބަޔަކު ނެތިފައެވެ. ނުވަތަ ތަންފީޒުކުރަންވީ ކިހިނެއް ކަމެއް ވެސް ކަނޑަނޭޅިފައެވެ. އެކަންކަން ކުރަން އުޅޭ ތަނެއް ވެސް މާ ބޮޑަކަށް ނުފެނެއެވެ.

މާލޭގެ މަގުތަކުގައި ހުރި އެފަދަ ކަންކަން ހުއްޓުވުމަށް ދާދި ފަހުން މާލޭ ސިޓީ ކައުންސިލާއި ފުލުހުންނާ ގުޅިގެން ވަނީ މަސައްކަތްތަކެއް ފަށައިފައެވެ. ރަނގަޅު ފެށުމަކަށް ވެދާނެއެވެ. ބައެއް ބަދަލުތައް ވެސް އަންނަތައް އެބަ ފެނެއެވެ. މަގުތަކުގައި ހުރި ބައެއް ކަންކަން މިހާރު އިސްލާހުކޮށްފައިވާ މަންޒަރު އެބަ ފެނެއެވެ.

ބާޒާރު މަތީގެ ޕޭމަންޓްތަކުގައި ހުރި މުދާތައް ނެގުމާއި މަގުމަތީގައި ހުރި ޕެލެޓްތަކާއި އެފަދަ ތަކެތި ނެގުން ފަދަ ކަންކަން އެބަ ކުރެއެވެ. އެ ގޮތަށް ހެދުމުން އާންމުންނަށް އެތައް ފަސޭހަތަކެއް ވާކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. ނަމަވެސް ސުވާލަކީ މިއީ ކިހާ ދުވަހަކަށް ދެމިގެންދާނެ ކަމެއްބާއެވެ؟ ދެ ހަފުތާއެހާ ދުވަހު ބަލަހައްޓާފައި އަނެއްކާ ވެސް އިހު ހުރި ގޮތަށް ޕޭމަންޓްތައް ބަންދުވާހެން މުދާ ބަހައްޓަން ފުރުސަތު ދޭ ނަމަ މި ފަދަ ޕްރޮގްރާމެއްގެ މަގުސަދު ހާސިލެއް ނުވާނެއެވެ. ކަންކަން ކުރަންވާނީ ދާއިމީ ގޮތެއްގައި އެކަމަށް ހައްލު ލިބޭނެ ގޮތަކަށެވެ.

ސިޓީ ކައުންސިލްގެ މި މަސައްކަތްތަކަށް ތައުރީފް ހައްގެވެ. މިހެން ހުރި އެހެން ގާނޫނުތައް ވެސް ތަންފީޒުކުރުމަށް އެކަމަކާ ގުޅުން ހުރި އިދާރާތަކުން މަސައްކަތް ކުރަންޖެހެއެވެ. މައްސަލަތަކަށް އޮތް ހައްލަކީ ގާނޫނު ހެދުމެއް ނޫނެވެ. އެ ގާނޫނެއް ތަންފީޒުނުވާ ނަމަ އެއީ ހަމައެކަނި ކަރުދާސްގަނޑެކެވެ. ނަމެއްގައި ގާނޫނެއް ހެދުމުގެ ބޭނުމެއް ނެތެވެ.

ރިއެކްޝަންސް
0
1
0
0
0
0
2