ގެވެށި އަނިޔާއަށް ހުށައެޅޭ މީހުންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޝެލްޓަރއެއް އަޅަނީ
18 އޯގަސްޓް 2022 - 14:37
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހުޅުމާލޭގައި ޤާއިމްކުރާ ޑޮމެސްޓިވް ވަޔެލެންސް (ޑީވީ) ޝެލްޓަރގެ ބިމުގެ ޕަރޗޭސް އެގްރީމަންޓުގައި މިއަދު ސޮއިކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި ބޭއްވުނު މިރަސްމިއްޔާތުގައި ޕަރޗޭސް އެގްރީމަންޓުގައި ސޮއި ކުރެއްވީ ޖެންޑަރ މިނިސްޓްރީގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިންނެވެ.
މި އެގްރީމަންޓްގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީއެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އިބްރާހިމް އަމީރެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދެވެ.
ހުޅުމާލޭގައި ޤާއިމްކުރާ ޑީވީ ޝެލްޓަރ ފަސް އަހަރަށް ބަހާލެވިގެން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ “ސްޓްރެންތަނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވް” އަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ މަޝްރޫޢުގައި ހިމެނޭ ކޮމްޕޯނަންޓެއްގެ ތެރެއިން ހިމެނޭ ކަމެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށްވެގެން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން ލާމަރުކަޒީކޮށް ޚިދުމަތް ދިނުމުގައި މިންތީގެ ނަޒަރިއްޔާތު ހިމަނައިގެން ނަތީޖާ ޙާސިލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ތަންފީޒުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑީގައި ހިމެނޭ މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އަދި ސްޓެރިޓީޖިކް އެކްޝަން ޕްލޭން (ސެޕް)ގެ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރެވޭނެއެވެ.
ހުޅުމާލޭގައި ޤާއިމްކުރާ ޑީވީޝެލްޓަރއަކީ ސޭފް ހޯމް ކޮންސެޕްޓްގެ ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ރާއްޖޭގެ 3 ސަރަހައްދެއްގައި (ހުޅުމާލެ، ރ.އުނގޫފާރު، އައްޑޫ ސިޓީ ހިތަދޫ) ޤާއިމް ކުރުމަށް ކަނޑައަޅާފައިވާ 3 މަރުކަޒުގެ ތެރެއިން 1 މަރުކަޒެވެ.