އެޗް.ޑީ.ސީގެ “އެޕްރެންޓިސްޝިޕް ޕްރޮގްރާމް”ގައި ބައިވެރިވުމަށް 100 ފަރާތަކަށް ފުރުސަތު!
20 އޯގަސްޓް 2022 - 10:32
އެޗް.ޑީ.ސީގެ މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަގައި 100 (ސަތޭކަ) ފަރާތަކަށް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ.
މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ “ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް” ތަކާ އެއްގޮތަށެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރައްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ހާސިލްކުރުމާއިއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެއެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ 2022 ވަނަ އަހަރުގެ އެޕްރެންޓިޝިޕް ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވިފައެވެ. މި މިޕްރޮގްރާމް އިފްތިތާޙްކުރުމަށް ބެއްވުނު ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަޙްލޫފް ގެ އިތުރުން، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) ގެ ޑައިރެކްޓަރ އޮފް ޕްރޮގްރާމްސް އަލްފާޟިލް އާދަމް ޙަލީމް، އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް ސުޙައިލް އަހްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެޗް.ޑީ.ސީގެ އެޕްރެންޓެންސިޕް ޕްރޮގްރާމުގެ މަޤްޞަދަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ޤާބިލް މީހުން ބިނާކުރުމެވެ. އަދި ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވަލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި މަސައްކަތުގެ މާހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުމެވެ.
މި ޕްރޮގްރާމަކީ އެޗް.ޑީ.ސީން މިހާތަނަށް ހިންގާ 5 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
މި ޕްރޮގްރާމްގައި 10 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރެވޭނެއެވެ. މި ދާއިރާތަކަކީ ހެވީވެހިކަލް، ވެލްޑިންގ، މޭސަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް، ބިލްޑިންގ މެއިންޓެނަންސް، ކާޕެންޓްރީ، ޕްލަމްބިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާއެވެ.
އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި އެޗް.ޑީ.ސީ އިން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާ އެކު އެމް.އޯ.ޔޫ. އެއްގައި ސޮއިކޮށްފައެވެ. މި ޕްރޮގްރާމް ކުރިއަށް މި ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑް ބެންކްގެ ފަންޑް “ކޮވިޑް -19 އެމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް”ގެ އެހީއާއެކުއެވެ.
Minister @AhmedMahloof attends the Inauguration ceremony of HDC National Apprenticeship Program as the chief guest.@hdcmaldives @MvApprentices pic.twitter.com/AORzF4xF7B— Ministry of Youth,Sports and Community Empowerment (@MoYSCEmv) August 18, 2022
މި ޕްރޮގްރާމްގެ މަޤުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުމެވެ. އަދި ވަޒީފާގެ ބާޒާރުގައި އަޅުގަނޑުމެންގެ ޒުވާނުންނަށް، ކުރެވެން ހުރި ކަންތައްތައް، ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލައި އެކަމަށް އެކަށޭނެ މީހުން ތަމްރީން ކުރުމާއި، ޒުވާނުންނަކީ އެއްވެސްވަރަކަށް ފަސްނުޖެހޭ، އަމަލީ މަސައްކަތްތައް ދަންނަ ޤާބިލް ބަޔަކަށް ހެދުމެވެ.
3000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒުގައި އެޗް.ޑީ.ސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗް.ޑީ.ސީއިން ކުރާނެކަމުގައި އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް ސުޙައިލް އަހްމަދު ވިދާޅުވިއެވެ. އަދި ގިނަ ދާއިރަތަކަކުން ޤާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދޭން އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެކަން ފާހަގަކުރެއްވިއެވެ.