ރިޕޯޓް: ރައީސް ނަޝީދަށް އެމްޑީޕީގައި ރައީސް މައުމޫނަށް ޑީއާރުޕީގައި ވީގޮތް ވެދާނެތަ؟

22 އޯގަސްޓް 2022 - 11:36

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ހިންގި ކެމްޕެއިންގެ ތެރެއިން ވިދާލި އެންމެ އަލިގަދަ ތަރިއަކީ 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު ނަޝީދު (އަންނި) އެވެ.

ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިންގި އެންމެ ވަރުގަދަ އިސްލާހީ ހަރަކާތުގެ އެއް ބާނީ އަދި އެންމެ ހިތްވަރުގަދަ އެކްޓިވިސްޓަކީ ވެސް ރައީސް ނަޝީދެވެ. އެ ދަތުރުގައި އެމަނިކުފާނު ވަނީ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައެވެ. ހާއްސަކޮށް މިހާތަނާ ޖެހެންދެން އެމަނިކުފާނު ފާހަގަކުރެއްވިފައި ވަނީ އެމްޑީޕީގެ “ހިތު”ގެ ގޮތުގައެވެ.

advertisement

ނަމަވެސް ޑިމޮކްރަސީގެ ދަތުރަށް ވިއްސަކަށް އަހަރު ވެގެން ދިޔައިރު މިހާރު އެއީ އެމްޑީޕީގެ “ހިތް” ކަމުގައި މިހާރު ބުނުމުގެ ޖާގަ އެބަ އޮތް ހެއްޔެވެ؟ އަމިއްލަ ޕާޓީގައި ވެސް އިންތިހާބެއް ކާމިޔާބު ނުކުރެވޭ ވަރަށް ރައީސް ނަޝީދުގެ މަޤްބޫލްކަން ފަނޑުވެފައިވާކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.

ނަޝީދު ވެރިކަމަށް އައީ ގިނަ ބަޔެއްގެ ތާއީދު ނެތި

ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 44،000 ވޯޓެވެ.

އެއީ ވޯޓު ލީ މީހުންގެ އާބާދީގެ 25 ޕަސެންޓެވެ. އޭރު ވެސް ވާދަކުރެއްވި ހަ ބޭފުޅުންގެ ތެރެއިން ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ލީޑަރަކީ ރައީސް މައުމޫނެވެ. އެމަނިކުފާނަށް 71،000 ވޯޓު ނުވަތަ 40 ޕަސެންޓަ ލިބިވަޑައިގަތެވެ. ދެ ވަނަ ބުރުގައި ރައީސް މައުމޫނު ފިޔަވައި ދެން ތިއްބެވި ހުރިހާ ބޭފުޅުން ރައީސް ނަޝީދާ ކޯލިޝަން ހެދުމުން ވޯޓުލީ މީހުންގެ 54 ޕަސެންޓް ހޯއްދަވައިގެން ވެރިކަމަށް ވަޑައިގެންނެވުނެވެ.

ވެރިކަން ފެށިގެން މާ ގިނަ ދުވަހެއް ނުވެ، ކުރިން ބަޔަތު ހިތްޕެވި ބޭފުޅުން ތާއީދު އަނބުރާ ގެންދެވިއެވެ. އަދި އެއީ 25 ޕަސެންޓްގެ ސަރުކާރެއް ކަމަށް ބުނަމުން ދިޔައެވެ. ނަތީޖާއަކަށްވީ ތަފާތު އެކި ގޮންޖެހުންތަކާއި ހަލަބޮލިކަމުގެ ތެރޭގައި ހިފަހައްޓައިނުލެވި ދައުރުގެ މެދުތެރެއިން ދިމާވި އެކި ހާލަތްތަކަކާއެކު ވެރިކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް މަޖުބޫރުވުމެވެ.

ނަޝީދު: ވެރިއަކަށްވުރެ ބޮޑަށް އެކްޓިވިސްޓެއް

އެއްބަޔަކު ދެކޭ ގޮތުގައި ވެރިކަން ލިބިވަޑައިގެން ފަހުން ރައީސް ނަޝީދުގެ އަމަލުފުޅުތައް ބެހެއްޓެވި ގޮތުން އާންމުން މެދުގައި އެމަނިކުފާނަށް އޮތް ލޯބި ދިޔައީ ފަނޑުވަމުންނެވެ. އޭގެ މައިގަނޑު އެއް ސަބަބަކަށްވީ ދިވެހިންގެ ވިސްނުމާއި ފިކުރު ދެނެގަތުމުގައި ރައީސް ނަޝީދަށް ގޯސްތަކެއް ހެއްދެވިފައި ވުމެވެ. އަދި ވެރިކަން ލިބިވަޑައިގަތުމުން ވެސް ވެރިއަކަށް ވުރެ ބޮޑަށް އެކްޓިވިސްޓެއްގެ ގޮތުގައި އެމަނިކުފާނު ސިފަވެގެން ދިއުމަކީ ވެސް އޭގެ ސަބަބެކެވެ.

ވެރިކަމުން ވަޑައިގަތުމާއި އިސްތިއުފާ ދެއްވުމާ ދެމެދުގައި އެމަނިކުފާނުގެ މަގުބޫލުކަން ދިވެހިންގެ މެދުގައި އަދި ޕާޓީގެ މެންބަރުންގެ މެދުގައި ވެސް ވަރަށް ބޮޑަށް ކުޑަވެގެން ދިޔައެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާ ވެސް މަގުމައްޗަށް ނުކުމެ ވަޑައިގެން އާންމު މެންބަރުންނާ އެކު ކުރެއްވި މަސައްކަތަކާއި ދެން އައި ވެރިކަންތަކުގައި ދިވެހިންގެ ގެއްލެމުން ދިޔަ ހައްގުތައް ހޯދުމަށް ކުރި މުޒާހަރާތަކާއި މަސައްކަތްތަކާ އެކު އެތައް ބައެއްގެ ލޯބި އަނެއްކާ ވެސް އެމަނިކުފާނު ހޯއްދެވިއެވެ.

ޔާމީން ދައުރުގައި ނަޝީދު ހައްޔަރު ކުރުން | ފޮޓޯ: އޭ.އެފް.ޕީ

އެތައް ބައެއްގެ ހަމްދަރުދީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނަމަވެސް ޖެހިގެން އައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ލިބިވަޑައިނުގެންނެވި މައިގަނޑު ސަބަބަކީ ސިޔާސީ އެހެން ފަރާތްތަކުގެ އިތުބާރު ހޯދިފައި ނެތުންކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޖަލު ހުކުމާ އެކު ވަކި ހިސާބަކުން ގައުމުން ބޭރަށް ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ ހައްގުގައި އެތައް ބަޔަކު މަސައްކަތްކުރެއްވީ ހަމައެކަނި އެމަނިކުފާނަށްޓަކައެއް ނޫނެވެ. ރާއްޖޭގެ ކުރިމަގާއި ދިވެހިންގެ ހައްގުތަކުގެ ދިފާއުގައެވެ. ތަފާތު ހިޔާލުތަކުގެ ބޭފުޅުންނާ އެކު މަސައްކަތްކުރެއްވުމަކީ ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާ ކަމަކަށް ނުވި ނަމަވެސް އެމަނިކުފާނުގެ ޓީމުގައި އެކަމަށް ގާބިލު އެތައް ބޭފުޅުންނެއް ތިއްބެވިއެވެ.

މީހުންނާއެކީ މަސައްކަތް ކުރުމުގައި ނަޝީދާއި ސާލިހު ހާސްތަނުން ތަފާތު

ހާއްސަކޮށް ޅަ އުމުރުން ފެށިގެން މިހާތަނާ ޖެހެންދެން އެމަނިކުފާނުގެ މިތުރެއްގެ ގޮތުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ އެކަމަށް ކުޅަދާނަ ބޭފުޅެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު މިހާރުގެ ސަރުކާރަށް ކާމިޔާބުވުމުގެ މައިގަނޑު ސަބަބަކީ ރައީސް ނަޝީދަށް އެ އިންތިހާބުގައި ވާދަކުރައްވަން ފުރުސަތު ލިބިވަޑައިނުގަތުމެވެ.

ސާލިހާއި ނަޝީދަކީ ޅައުމުރުން ފެށިގެންވެސް ރަހްމަތްތެރިން | ފޮޓޯ: އިބްރާހިމް ސާލިހުގެ ޓުވިޓާ

އެމަނިކުފާނަށް އެ ފުރުސަތު ލިބިވަޑައިގެންނެވި ނަމަ އޭރު އުފެދިފައި އޮތް ކޯލީޝަން ރޫޅުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތެވެ. ނަމަވެސް ރައީސް ސޯލިހުއަކީ ތަފާތު ފިކުރުގެ ބޭފުޅުން ރުއްސެން އޮތްގޮތަކަށް ރުއްސައިގެން ދައުރު ނިންމަވާނެ ބޭފުޅެއްްކަންވަނީ ސާބިތު ކޮށްދެއްވާފައެވެ.

ކޯލިޝަން ސަރުކާރަކީ ރައީސް ނަޝީދު ގަބޫލުކުރައްވާ ކަމެއް ނޫނެވެ. އެފަދަ ސަރުކާރެއް އުފެއްދުމަށް އޮތް ހަމައެކަނި މަގަކީ ބަރުލަމާނީ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވައެވެ. ނަމަވެސް އަނެއް ބަޔަކު ދެކޭ ގޮތުގައި ބަރުލަމާނީގެ ވާހަކަ ރައީސް ނަޝީދު ދައްކަވަނީ އެމަނިކުފާނަށް ވެރިކަމަށް ވަޑައިގެންނެވޭނެ ކިރިޔާ ވެސް ހަނި ފުރުސަތެއް ވެސް މިހާރު އޮތީ އެ މަގުން ކަމަށް ވާތީއެވެ. އެފަދަ ވެރިކަމެއްގައި ވެސް އެމަނިކުފާނު ބޭނުންފުޅުވަނީ ހަމައެކަނި އެމްޑީޕީގެ ވެރިކަމެއް ކަމަށް ފާޅުގައި ދަނީ ވިދާޅުވަމުންނެވެ.

ނަޝީދުގެ ސަޕޯޓުދަށްވެ ސާލިހުގެ މަގުބޫލުކަން ދަނީ އިތުރުވަމުން

އެމްޑީޕީގެ އެތެރޭގައި މިހާތަނަށް އުފެދުނު ހުރިހާ ކޯޅުމެއްގައި ވެސް ޕާޓީއާ ދުރަށް ދާންޖެހިވަޑައިގަތީ ރައީސް ނަޝީދާ ޖަދަލު ކުރެއްވި ބޭފުޅުންނެވެ. އެއިން ކޮންމެ ފަހަރަކު ވެސް ޕާޓީގެ އާންމު މެންބަރުން ތިބީ ޕާޓީގެ ރައީސް ނަޝީދާ އެކުގައެވެ. ނަމަވެސް ރައީސް ސޯލިހާއި ދެކޮޅަށް ޕާޓީގެ ވެރިކަމާ ދެކޮޅަށް ކުރައްވަން ފެއްޓެވި މަސައްކަތްތަކާ އެކު ޕާޓީގެ އާންމު މެންބަރުންގެ ހިޔާލު ވެސް ބަދަލުވާން ފަށައިފިއެވެ.

ޕާޓީގެ ލާބައަށް ވުރެ އަމިއްލަފުޅު މަސްލަހަތު އިސްކުރައްވާކަން ޕާޓީގެ އާންމު މެންބަރުންނަށް ޤަބޫލުކުރުމުގެ ނަތީޖާ ފަހުން ބޭއްވުނު އިންތިހާބުތަކުން އަދި އެމްޑީޕީގެ ކޮންގްރެސް އިން ވަނީ ފެނިފައެވެ.

ޕާޓީގެ އެތެރޭގައި މި ފަހުން ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް ރައީސް ސޯލިހު ނަންގަވާ ފަޅިއެއް ވަނީ މޮޅުވެފައެވެ. މަޖިލީހުގައި 65 މެންބަރުން ތިއްބެވި އިރު ވަރަށް މަދު ބޭފުޅުން ކޮޅެއް ފިޔަވައި އެހެން މެންބަރުން ތިއްބެވީ ރައީސް ސޯލިހާއެކުގައެވެ. ގައުމީ މަޖިލީހުގެ އިންތިހާބުގައި ވެސް ކުރި ލިބުނީ ރައީސް ސޯލިހުގެ ޓީމަށެވެ. އޭގެ ފަހުން ބޭއްވި ޗެއާޕާސަންގެ އިންތިހާބުގައި ވެސް ކުރި ހޯއްދެވީ ރައީސް ސޯލިހެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި އެމްޑީޕީގެ މެންބަރުން މަގުމަތީގައި މުޒާހަރާކުރުމާއި އިދިކޮޅުގެ ރޯލް އަދާކުރުމުގައި މިހާރު އުޅެން ބޭނުމެއް ނުވެއެވެ. އަދި ސަރުކާރެއްގެ ބާރު އޮތުމުގެ ފޮނި މީރުކަންލިބި، ވަޒީފާތަކާއި، ޕްރޮޖެކްޓްތަކާއި އަދި ސަރުކާރުގެ ފައިސާ މުދަލަށް ހިނގާ ބާރުތަށް ދޫކޮށް މަގުމައްޗަށް ނިކުތުމަކީ މެންބަރުން މިހާރު ބޭނުންވާކަމެށް ނޫނެވެ.

ރައީސް ނަޝީދާއެކު ދެންވެސް އޮތީ މަގުމައްޗާއި މުޒާހަރާކުރުންކަމަށާއި އަދި މިގޮތުގައި ސަރުކާރު ދެމެހެއްޓުމަށް އޮތް ޗޮއިސްއަކީ ރައީސް ސޯލިހުކަމަށް ގިނަ މެންބަރުން ޤަބޫލުކުރެވޭ ކުރުންވެގެންދާނީ ރައީސް ނަޝީދަށް އެމްޑީޕީ ގެއްލުންކަމުގައި ވުންގާތެވެ.

ރިއެކްޝަންސް
0
0
0
0
2
0
0