އެންމެ ގިނައިން މާލެއަށް ހިޖުރަ ކުރާ ސަބަބު ނައްތާލަން ސަރުކާރުން ކުރީ ކޮންކަމެއް؟

22 އޯގަސްޓް 2022 - 18:57

2013 އިން ފެށިގެން 2018 އާއި ހަމައަށް މާލޭގެ ހިޖުރަވެރީންގެ ތެރޭގައި އެންމެ ގިނައީ ތައުލީމުގެ ބޭނުމަށް ހިޖުރަކުރި މީހުންނެވެ. 2019 ވަނަ އަހަރުގެ ސަބަބުތަކާއި އޭގެ ކުރީ ފަސް އަހަރުގެ ސަބަބުތަކާއި އަޅާބަލާއިރު މީހުން ހިޖުރަ ކުރާ ސަބަބުތަކަށް ބަދަލެއް ނާދެއެވެ. އެ އަހަރުވެސް ތައުލީމުގެ ބޭނުމަށް ހިޖުރަކޮށްފައިވާ މީހުންގެ އިންސައްތަ ހުރީ 31 ގައެވެ. ކުރީ ފަސް އަހަރު މި އިންސައްތަ ހުރީ 34 ގައެވެ.

މާނަ އަކީ ތައުލީމުގެ ބޭނުމަށް މީހުން ހިޖުރަކޮށް، އަމިއްލަ ގެދޮރާއި އާއިލާ ދޫކޮށް މާލެއަށް ބަދަލުވާން ޖެހޭ ސަބަބުތައް ނައްތާނުލެވޭ ކަމެވެ. ތައުލީމަށްޓަކައި ހިޖުރަކުރާ މިންވަރު އަންނަނީ މަތިވަމުންނެވެ. ތައުލީމު އުގެނި ނިމުމުން ދެން ވެސް އޮތީ ރަށަށް ދެވޭ ގޮތަކަށް ނޫނެވެ. ދެން އޮތީ ވަޒީފާ އަށްޓަކައި މާލޭގައި މަޑު ކުރުމެވެ.

advertisement

މާލޭގެ އާބާދީތެރޭގައި ތައުލީމުގެ ބޭނުމަށް ހިޖުރަކުރި ކުޑަ ކުދިން ގިނައެވެ. ޒުވާނުންގެ އާބާދީގައި ގިނައީ ރަށްރަށުން ވަޒީފާ ނުލިބޭތީ މާލެއަށް ހިޖުރަ ކުރި ޒުވާނުންނެވެ. އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ގިނައީ ދަރިންގެ ތައުލީމުގެ ބޭނުމަށް ނުވަތަ ބައްޔެއް ހުރެގެން ރަށުން ފަރުވާ ނުލިބޭތީވެ މާލޭގައި ދިރިއުޅޭ މީހުންނެވެ.

ބޭސްފަރުވާގެ ބޭނުމަށް މާލެއަށް ހިޖުރަ ކުރާ އާބާދީގެ އެވްރެޖް އުމުރަކީ 41 އަހަރެވެ. މިއީ 2019 ވަނަ އަހަރުގެ ހަޔަސް ސާވޭއިން ފެންނަ ހަގީގަތެވެ. މި ހަގީގަތުގެތެރެއަށް ވަދެ ބެލުމުން ފެންނަނީ ފަޅުވަމުން އަންނަ ރަށްތަކެވެ. ޒުވާނުން މަދުވުމުގެ ސަބަބުން އެކަނިވެރިވެފައިވާ މުސްކުޅި އާބާދީ ތަކެވެ. ވީރާނާވެ ފަޅުވަމުން އަންނަ ގެތަކެވެ. އެތަންތަނުން ފެންނަނީ ބަޔަކު ދިރިތިބެ އާރާސްތުކޮށްފައިވާ ދިރިއުޅުން އެތަނުން ލުހެލައިގެން ގޮސްފައިވާތަނެވެ. އެމީހުންވީ މާލޭގައެވެ. މަޖުބޫރީ ހާލަތެއްގައެވެ.

އެމްޑީޕީގެ ވައުދު

ތައުލީމާއި ބެހޭ ގޮތުން ރައްޔިތުންނަށް އެމްޑީޕީއިން ވައުދުތަކެއް ވެފައިވެއެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމަކީ ގިނަ ދަރިވަރުންނަށް ޑިގްރީ ހާސިލުކުރުމަށް ރަނގަޅު ފުރުސަތެކެވެ. ނަމަވެސް ޑިގްރީ އަށް ފަހު ދެން މި ޒުވާނުން ދާނީ ކޮންތާކަށް ތޯ އެއީ މެނިފެސްޓޯ އިން ސާފެއް ނުވެއެވެ. މައިގަނޑުގޮތެއްގައި ދެން ވެފައިވާ ވައުދުތަކަކީ ގޭގޭގައި ގެންގުޅޭ ކުދިންގެ ގޮތުގައި ތައުލީމު ހޯދަމުން އައި އުން ނިމުމަކަށް ގެނެސް ބޯޑިން ސްކޫލުތައް ހަދާނެ ވާހަކައެވެ.

މިއީ މާލެއަށް މީހުން ހިޖުރަކުރާ ސަބަބުތައް ނައްތާލެވޭނެ ކަމެއް ނޫނެވެ. ބޯޑިން ސްކޫލުތައް މާލޭގައި އަޅާ ވާހަކަ ދެއްކުމުން އެ ދެއްކެނީ މާލެއަށް މީހުން ޖަމާ ކުރާނެ ވާހަކައެވެ. ސަރަހައްދީ ދަނާލުތަކާއި ޖޫނިއާ ކޮލެޖުތައް ކޮބައިތޯއެވެ؟ ސިޔާސަތުތައް ހަދާ ހިސާބަށް ދިޔުމުން، މާލެއަށް މީހުން ތޮއްޖައްސާ ސިޔާސަތުތަކަށް އިސްކަން ދެނީ ކޮން ބޭނުމަކު ތޯއެވެ؟ ތައުލީމު ހޯދަން ގިނަ އަދަދެއްގެ ކުދިން މާލެއަށް ހިޖުރަކުރާކަން އެނގިތިބެ، މި ސަރުކާރުން ވަނީ މާލޭގައި އިތުރު 10 ސްކޫލު އެޅުމަށް ނިންމާފައެވެ.

މިއީ މާލޭގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ޓަކައި ކަމަށް މިނިސްޓްރީ އިން ބުނެފައި ވެއެވެ. މާލޭގެ ތޮއްޖެހުން ކުޑަ ކުރުމަށްޓަކައި މުހިންމީ މާލޭގައި ގިނަ ސްކޫލުތައް އެޅުން ތޯއެވެ؟ ނުވަތަ އާބާދީ އިން ބައެއް މާލެ ނޫން އެހެން ސަރަހައްދަކަށް ދިރިއުޅުން ބަދަލުކުރެވޭނެ ގޮތްތަކެއް ހޯދުން ތޯއެވެ؟

މިއަހަރުގެ ކިޔެވުން ފެށުނު އިރު މާލޭގެ ސްކޫލްތަކުގައި 92،000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން ދެއެވެ. ދައުލަތުގެ 217 ސްކޫލު މާލޭ ސަރަހައްދުގައި ވެއެވެ.

އޯލެވެލް އިމްތިހާނުގައި އެންމެ 3 ކުދިން

ރާއްޖޭގެ ރަށްތައް އުފެދިފައި އޮތް ގޮތުން ކޮންމެ ރަށެއްގައި އޯލެވެލް ހަދަން ބޭނުންވާ ވަސީލަތްތައް ގާއިމު ކޮށް، ސްކޫލު ހިންގުމަކީ އެންމެ އެދެވޭ ގޮތް ކަމުގައި ނުވާނެ ކަމަށް ދެކެވޭ ބަހުސަކީ އޭގައި ހަގީގަތް އެކުލެވޭ ބަހުސެކެވެ. ނަމަވެސް މިފަދަ ކުދި ރަށްތަކުގެ ދަރިވަރުން ނިޒާމުން ބާކީ ނުކޮށް ކުރިއަށް ގެންދެވޭނެ މަގެއް ސިޔާސަތުތަކުން ދައްކަން ޖެހެއެވެ.

މިސާލަކަށް، އއ. އަތޮޅު ރަށެއްގެ ސްކޫލުކައި މިދިޔަ އަހަރު އޯ ލެވެލް އިމްތިހާނު ހަދާފައިވަނީ އެންމެ 3 ކުދިންނެވެ. 3 ކުދިންވެސް ފާހެއް ނުވެއެވެ. ކިޔަވައި ދެނީ އޯލެވެލް ނިންމާފައި ތިބި ޓްރެއިނިން އެއް ނެތް މީހުންނެވެ. ރަށުގެ އިޖުތިމާއީ މައްސަލަތައް ގިނައެވެ. މަސްތުވާ ޓީޗަރުންނާއި މައިންބަފައިން ގިނައެވެ. އާމްދަނީ ހޯދުމަށްޓަކައި ރަށުން ބޭރުގައި އުޅޭ ބައްޕައިން ގިނައެވެ.

ރަށުގެ އާބާދީގައި ގިނައީ މުސްކުޅިންނެވެ. ޒުވާނުންގެ ތެރޭގައި މަސްތު ނުވާ މީހަކު ނެތޭ ވެސް ބުނެވިދާނެއެވެ. މިއީ މީސްކޮޅު މަދު ރަށްތަކުގެ ހާލަތެވެ. މިފަދަ ރަށްތައް ފަޅުކޮށްލުމަށްފަހު ފަތުރުވެރިކަމަށް ނެގުން އެއީ ސިޔާސަތުތަކުން ކޮށްފާނެ ކަމެއް ބާއެވެ؟ މިފަދަ ރަށްރަށުގެ ދަރިވަރުން މަސްތުން ސަލާމަތްކޮށް، ރަނގަޅު ތައުލީމީ ފުރުސަތުތަކެއް އެ ކުދިންނަށް ހޯދައި ދިނުމަށްޓަކައި ހުރީ ކޮން ސިޔާސަތުތަކެއް ތޯއެވެ؟ ކޮންމެ ސަރަހައްދަކަށް ދޭން ބުނި ޖޫނިޔާ ކޮލެޖު ކޮބައިތޯއެވެ؟ އޮންލައިން ކޮށް އޯލެވެލް ތައުލީމު ދެވޭތޯއެވެ؟ އުފާވެރި ފަހުރުވެރި އާއިލާ ކޮބައިތޯއެވެ؟

ރާއްޖެތެރޭގެ ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުން ރަނގަޅު ނަތީޖާ ހޯދައެވެ. ސަރަހައްދީ ބޮޑެތި ސްކޫލުތަކުން މާލޭގެ ސްކޫލުތަކާއި ވާދަ ކުރެއެވެ. ހާއްސަކޮށް އައްޑު އަތޮޅުގެ ސްކޫލުތަކާއި، ފުވައްމުލައް، ކުޅުދުއްފުށި، ލާމު އަދި ޅ އަތޮޅުގެ ސްކޫލުތަކުންނެވެ. ނަމަވެސް މި ކުދިން މި ނަތީޖާ ހޯދަނީ މާލޭގެ ސްކޫލުތަކުން ލިބޭ ފެންވަރުގެ ވަސީލަތްތައް ނެތިއެވެ. މައްސަލައަކީ ކޮބައިތޯއެވެ؟

މައްސަލައަކީ އެއް އިމްތިހާނަކުން އެއްވަރަކަށް ފާސްވި ނަމަވެސް، އުގެނޭ މިންވަރާއި ދަސްވާ މިންވަރު މިކުދިންގެ ތަފާތުވުމެވެ. ލައިބްރަރީ އާއި ލެބޯޓްރީތައް ރާއްޖެތެރޭ ސްކޫލުތަކުގައި ވަރަށް މަދެވެ. ހުއްޓަސްވެސް ފެންވަރު އެހާ ދަށެވެ. އޯ ލެވެލް އިމްތިހާނަށް ކިޔެވުން ނޫން ކަމެއް ކުރަން ބޭނުންވާ ދަރިވަރުންނަށް ފުރުސަތުތަކެއް އަމުދުން ނެތެވެ.

މިއުޒިކާއި، ކުރެހުމާއި، ލިޔުންތެރިކަމާއި، ވަޑާމާއި، މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ އާމްދަނީ ލިބޭ މަސައްކަތްތައް ދަސްކުރެވޭކަށް ނެތެވެ. ހުރިހާ ދަރިވަރުން އެއް އިމްތިހާނަކަށް ތައްޔާރު ކުރުމަށް ހިފާފައިވާ ހިފުމަކީ އެކަމުގެ ސަބަބުން އެތަކެއް ދަރިވަރުންނަށް ގިނަ ގެއްލުންތަކެއް ކުރިމަތިވާ ކަމެކެވެ. ނަފްސާނީ ގޮތުންވެސް މެއެވެ. ބާކީ ކަން އިހުސާސްވުމާއި، ފާސް ނުވުމަކީ ތިމާގެ ހަޔާތް ބަރުބާދުވުން ކަމަށް ކުދިންނަށް ވިސްނައި ދީ ދައުލަތުން ބޮޑު ހަރަދުކޮށް ޓޮޕް ޓެން ފާހަނގަ ކުރުމަކީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން އެތަކެއް ދަރިވަރުންނަށް ބާކީކަން އިހުސާސް ކޮށްދިނުމެވެ. މިއީ ބޮޑު ބޭ އިންސާފެކެވެ. ތައުލީމަކީ ހަމަ އެކަނި އިމްތިހާނަކުން ފާސްވުން ކަމަށް ދެކޭ ދެކުން ބަދަލު ވާން ޖެހެއެވެ.

އެއަށްފަހު ގިނަ ދާއިރާތަކުން އުގެނުމުގެ ފުރުސަތުތައް މާލޭގެ ސްކޫލުތަކެކޭ އެއްގޮތަށް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ހުޅުވާލަން ޖެހެއެވެ. މިހާރު ރާއްޖެތެރޭގެ ސްކޫލުތަކުން ކިޔެވެނީ ދެ ސްޓްރީމެވެ. ގިނައީ އެންމެ ސްޓްރީމެއް ކިޔަވައިދޭ ސްކޫލުތަކެވެ. މާނަ އަކީ ކުދިން ޝައުގު ހުރި ދާއިރާއަކުން އުގެނުމުގެ ފުރުސަތު ނެތް ކަމެވެ. އާޓް ސްޓްރީމް ކިޔަވަން މާލެ ދާން ޖެހުމެވެ. އެ ހާލިތެރޭގައި އަނިޔާ އަށް ހުށައެޅުމެވެ. ޔުނިސެފުގެ ދިރާސާ ދައްކާގޮތުން ކިޔަވަން މާލެއަށް ބަދަލުވާ ކުދިންގެ 40 އިންސައްތަ އަކީ އެކުދިންގެ ރަށަށް ނުވަތަ ވާހަކަ ދައްކާ ގޮތަށް ނިސްބަތްކޮށް ބުލީ ކުރެވޭ ކުދިންނެވެ. އަދި މައިންބަފައިންނާއި ވަކިން އުޅެން ޖެހުމުން އެތަކެއް ނަފްސާނީ އަދި ޖިސްމާނީ އަނިޔާއަށް ހުށައެޅޭ ކުދިން ގިނައެވެ.

ދައްކާ ވާހަކަ އަށް ވުރެ ބޮޑަށް ބަލަންވީ ލިޔާ ވާހަކަތަކެވެ. މެނިފެސްޓޯގައި ލިޔުނު ވާހަކަތަކަށެވެ. މިނިސްޓްރީ ތަކުގެ އެކްޝަން ޕްލޭންތަކުގައި ލިޔުނު ވާހަކަތަކަށެވެ. ދައްކާވާހަކަވެސް ދަނީ ފަނުފުލުންނެވެ. ލިޔުނު އަދި ލިޔާ ވާހަކަތައް ވެސް ދަނީ ހަމަ ފަނުފުލަށެވެ. ސިޔާސަތެއް އެބައޮތްތޯއެވެ؟ ރައްޔިތުންގެ ދިރިއުޅުމުން އެ ސިޔާސަތުތަކުގެ އަސަރު އެބަ ފެނޭތޯއެވެ؟ މަޖުބޫރީ ހިޖުރަކުރުން ހުއްޓުވުމަށްޓަކައި ހެދި އެންމެ ސިޔާސަތެއް ވެސް އެބައޮތްތޯއެވެ؟

ރިއެކްޝަންސް
0
0
0
2
0
0
1