މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

22 އޯގަސްޓް 2022 - 19:16

ޤައުމު ބިނާކުރުން ދިރާސާތަކާ ގުޅުވާލަންޖެހޭ: ނައިބު ރައީސް

ސިޔާސަތުތައް އެކަަށައެޅުމާއި ހިންގުމުގައި ރަނގަޅު ޢިލްމީ ދިރާސާތަކުގެ ސަބަބުން ހޯދޭ ނަތީޖާ ރަނގަޅު ކަމަށާއި، ޤައުމު ބިނާކުރުމުގައި ދިރާސާތަކާ ގުޅުވާލަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވާ، “ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2022” އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

advertisement

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި އެ ސިޓީގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުވުން ކުރިއަށްދިޔައީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފޮރިން އެފެއާޒްގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ހުޅުމާލެ ގޯތި 10228 ޞަފާތު އަޙްމަދު ޒާހިރު، މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޞަފާތު އަޙްމަދު ޒާހިރު މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ.

ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް

ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމު ތޮށި ލުމުގެ މަސައްކަތް ވަނީ 21 އޮގަސްޓް 2022 ގައި ފުރިހަމަ ކުރެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ.

މި މަޝްރޫޢުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 1380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 35.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރއާއި އެޗްޑީސީ ބައްދަލުކުރައްވައިފި

ކުޅުދުއްފުށި ސިޓީގެ މޭޔަރ އަދި ކައުންސިލްގެ މެމްބަރުން އެޗްޑީސީއަށް ޒިޔާރަތްކޮށް، ދެފަރާތުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ މަޝްވަރާކުރެވިފައި ކަމަށް އެޗްޑީސީން މައުލޫމާތުދެއްވައިފި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0