ހިތުގެ ބަލި ހުންނަ މީހުން ފްލޫ ވެކްސިން ޖެހުން ވަރަށް މުހިއްމު: ދިރާސާ
23 އޯގަސްޓް 2022 - 8:32
ފްލޫއާއި ދެކޮޅަށް ވެކްސިން ޖެހުމަކީ ހިތުގެ ބަލިތައް ހުންނަ މީހުންނަށް ފުރާނަ ސަލާމަތް ކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ނޭޝަނަލް މެޑިކަލް އެކްޗްޕެންޑީޗަރ ޕެނަލް ސަރވޭއިން ދައްކާގޮތުގައި 2008 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް ހިތުގެ ބަލިތައް ހުންނަ މީހުންގެ ތެރެއިން ކޮންމެ 3 މީހަކުން އެކަކު ފްލޫއާއި ދެކޮޅަށް ވެކްސިން ނުޖަހައެވެ.
މާލީ ތަނަވަސްކަންނެތް މީހުންގެ މެދުގައި ވެކްސިން ޖެހުމުގެ ރޭޓު އުޅެނީ އަދި ވަކިން ބޮޑަށް ދަށުގައެވެ. މި މީހުންގެ ތެރެއިން %65 މީހުން ވެކްސިން ނުޖަހާކަމަށް ދިރާސާއިން ދައްކައެވެ.
މި ހޯދުންތަކުގެ އަލީގައި އެމެރިކާގެ ހާރޓް އެސޯސިއޭޝަނާއި، ލަންގް އެސޯސިއޭޝަން އަދި ޑައިބެޓިކް އެސޯސިއޭޝަނުން ދަނީ ހިތުގެ ބަލި ހުންނަ މީހުންގެ މެދުގައި ފްލޫ ވެކްސިން ޖެހުމުގެ މުހިންމު ކަމާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރަމުންނެވެ.
ވެކްސިން ނުޖެހުމުގެ ސަބަބުން އިންފްލޫއެންޒާ ޖެހިގެން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި މީގެތެރޭގައި އުމުރުން ދުވަސްވީ މީހުން ގިނައެވެ.
ހިތުގެ ބަލިތައް ހުންނަ މީހުންނަށް ސިއްހަތު ސަލާމަތުން ހުރުމަށް ކުރެވިދާނެ ބައެއް ކަންކަން:
- އެސްޕްރިން ބޭނުންކުރުން
- ކާންޖެހޭ އެހެން ބޭސްތައް ގަވައިދުން ކެއުން
- ކޮންމެ އަހަރަކު ޖަހަންޖެހޭ ފްލޫ ވެކްސިން ޖެހުން
ވެކްސިން ނުޖަހަނީ ކީއްވެ؟
ތަޖުރިބާކާރުން ބުނާގޮތުގައި ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވެފައިވަނީ އެކަމަށް އާންމުންގެ މެދުގައި އެހާބޮޑު ހޭލުންތެރިކަމެއް ނެތުމުގެ ސަބަބުންނެވެ. ވެކްސިން ޖެހުމަކީ އެހާ މުހިންމު ކަމެއްކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވިފައި ނެތުމަކީ ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވުމުގެ ސަބަބެއްކަމަށް ތަޖުރިބާކާރުން ބުނެއެެވެ.
ފްލޫއިން ރައްކާތެރިވާނީ ކިހިނެތް؟
އާންމުކޮށް ފެތުރޭ ފުލޫއިން ރައްކާތެރިވުމަށް ކުރެވޭނެކަމެއްގެ ގޮތުގައި ޑޮކްޓަރުން ބުނަނީ ވެކްސިން ޖެހުމާއި ސާފުތާހިރުކަމަށް ސަމާޅުކަން ދިނުމެވެ. އެގޮތުން ގިނަގިނައިން އަތްދޮވުން ހިމެނެއެވެ.