ރިޕޯޓު: ވަށައިގެން ކަނޑު، ހީކުރާ ވަރަށް ވުރެ ނުރައްކާ!
23 އޯގަސްޓް 2022 - 15:41
ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ މި ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެކެވެ. މުތީގެ ހާރެއްހެން ދުނިޔޭގެ މެދު ރޮނގުން އުތުރުން ދެކުނަށް ދެމިގެން ގޮސްފައިވާ މި ރާއްޖޭގެ މުހިންމުކަން ބޮޑު ވަނީ ވެސް ގައުމު އޮތްތަނުންނެވެ.
ދުނިޔޭގެ ހުޅަނގު ބިތުން އިރުމަތީ ބިތަށް ކަނޑު ހުރަސްކޮށް އުޅަނދުފަހަރު ދަތުރުކުރަންޖެހެނީ ރާއްޖެ ހިމެނޭ ސަރަހައްދުންނެވެ. ތަފާތު އެކި ބޭނުންތަކުގައި މާސިންގާ އެތައް އުޅަނދެއް ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކުރެއެވެ. ރާއްޖެ ނުރައްކަލުގެ ތެރެއަށް ހުށަހެޅެނީ މި ސަބަބަށްޓަކައެވެ.
ޑްރަގް ޓްރާންސިޓް ކުރުމާއި ގަވާއިދާ ހިލާފު އެތައް ކަމެއް ރާއްޖޭގެ ކަނޑުތަކުގައި
މި މާސިންގާ ކަނޑުގެ ބޭނުން އެތައް ގޮތަކަށް އެތައް ބަޔަކު އެބަ ހިފައެވެ. އެއްބަޔަކު ގަވާއިދާ އެއްގޮތަށް ހުއްދަތައް ނަގައިގެން އެކަންކުރާ އިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބައިނަލައްގުވަމީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެތައް ކަމެއް އެބަ ހިނގައެވެ. ގަވާއިދާ ހިލާފަށް ދާއަޅައިގެން މަސް ހިފުމާއި ހަތިޔާރު ސްމަގްލްކުރުމާއި މަސްތުވާތަކެތި ޓްރާންސިޓްކުރުމަކީ ގަބޫލުކުރަން ދަތިވި ނަމަވެސް ހިނގާ ކަންކަމެވެ.
ބައެއް ފަހަރު ފަޅާއަރައި އެފަދަ ފަރާތްތައް އަތުލައިގަނެފައި ވެސް ވެއެވެ. އެ ގޮތުން ކަނޑު އުޅަނދުފަހަރުގައި މަސްތުވާތަކެތި އުފުލަނިކޮށް ހިފަހައްޓަފައިވާ އިރު ކަނޑުގެ ސަރަހައްދަށް ފައްތާފައި ހުރި އެތައް ޓަނެއްގެ މަސްތުވާތަކެތި އަތުލައިގަނެފައި ވެއެވެ.
Canadian frigate #HMCSRegina makes major drug bust while on counter-terrorism duty in Indian Ocean. Kudos to women and men of the @RCN_MRC! #SriLanka #Maldives https://t.co/liHcHA3eke— David McKinnon (@McKinnonDavid) April 18, 2019
އަވަށްޓެރި ސްރީ ލަންކާގެ ދާހިލީ ހަނގުރާމަ ކުރިއަށް ދިޔަ ދުވަސްވަރު ހަތިޔާރު ސްމަގްލްކުރަން އުޅުނު އުޅަނދުފަހަރު ހިފަހައްޓައި ދިވެހި ސިފައިންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގައި ބޯޓު ފައްތާލުން ފަދަ ކަންކަން ހިނގާފައި އެބަ ހުއްޓެވެ. މަސްވެރިކަން ކުރުމަށް ވަދެ އުޅެނިކޮށް ބޭރުގެ އެތައް ބޯޓެއް ވަނީ އަތުލައިގެންފައެވެ.
ރާއްޖޭގެ ކަނޑުތައް ބަލަހައްޓަން އެހެން ގައުމުތަކުގެ އެހީ ބޭނުންވޭ
ކަނޑުގެ ސަރަހައްދު ބޮޑުކަމުން މިފަދަ ކަމެއް ފަޅާއަރަނީ ނިސްބަތުން މަދު ފަހަރަކުއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބިޔަ ބޮޑު ސަރަހައްދަކަށްވުމުން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަކީ ދިވެހިން ސިފައިންނަށް އެކަނިވާ ވަރުގެ ކަމެއް ނޫނެވެ. އެހެންކަމުން ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިއާ ސިފައިންގެ އެހީތެރިކަން ރާއްޖެ އަށް ވަރަށް ބޮޑަށް ލިބެއެވެ. އަދި އެހެން ބައެއް އެކުވެރި ދައުލަތްތަކުން ވެސް އެކަމުގައި އެހީތެރިވެއެވެ. އެހެންނަމަވެސް ރާއްޖެ އަށް އޮތް ބިރުވެރިކަން ކުޑައެއް ނޫނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ކުރެވޭ ދިރާސާތަކެއްގައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ މެރިޓައިމް ސެކިއުރިޓީ ޕްރޮފެސަރެއް ކަމަށްވާ ޑޭވިޑް ބްރުސްޓާ ދާދި ފަހުން ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ރާއްޖޭގައި ހިނގާ ކޮންމެ ކަމެއް ވެސް ކޮންމެވެސް ސިފައެއްގައި ގުޅިފައި ވަނީ ކަނޑާކަމަށާއި އެހެންކަމުން މެރިޓައިމް ސެކިއުރިޓީގެ މުހިންމުކަން ރާއްޖެ އަށް ވަރަށް ބޮޑު ކަމަށެވެ.
އެމެރިކާ އާއި ޗައިނާ އަދި އިންޑިއާ ފަދަ ބޮޑެތި ގައުމުތަކުގެ ވާދަވެރިކަމުގެ ތެރޭގައި، ހާއްސަކޮށް އިންޑިއާ އާއި ޗައިނާގެ ވާދަވެރިކަމުގެ ތެރޭގައި ރާއްޖެ ފަދަ ޖަޒީރާ ކުދި ގައުމުތަކަށް އަސަރުކުރާ ކަމަށާއި ނަމަވެސް އެއަށް ވުރެ ވެސް ބޮޑު ގޮންޖެހުމެއް ރާއްޖެ އަށް އޮތީ މޫސުމަށް އަންނަ ބަދަލުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ނޭޝަނަލް މެރިޓައިމް ސެކިއުރިޓީ ސްޓްރެޓެޖީ އަށް ލަފާ ދެއްވާ ޕްރޮފެސަރ ބްރުސްޓާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ވެސް ރާއްޖެ އަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ ބޮޑެތި އުޅަނދުފަހަރު ކޮންމެ ދުވަހަކު ރާއްޖެ ކަނޑުގެ ސަރަހައްދު ހުރަސްކުރަމުންދާ އިރު ހިނގާ އެކްސިޑެންޓަކުން ތެޔޮ ލީކުވުން ފަދަ ކަމެއް ވެއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި ގޮނޑުދޮށްތަކަށް ވަރަށް ބޮޑު ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.
އެފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ތިމާވެށީގެ އިތުރުން އިގްތިސާދަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށާއި ރާއްޖޭގެ އިގްތިސާދު ބިނާވެފައި ވަނީ މަސްވެރިކަމާއި ޓުއަރިޒަމަށް ކަމަށްވާއިރު މިއީ ވިސްނާލުން މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނުރައްކާތައް އެހާ ބޮޑު، އެކަމަކު އެކަންކަމުން އަރައިގަތުމުގެ ކެޕޭސިޓީއެއް ރާއްޖޭގައި ނެތް
އެފަދަ ހާދިސާއެއް މިހާތަނަށް ހިނގާފައި ނުވުމަކީ ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ނުހިނގާނެއޭ ބުނުމަށް އޮތް ފުރުސަތެއް ނޫނެވެ. އެއްވެސް ހާލަތެއްގައި އެފަދަ ކަމެއް ހިނގައިފި ނަމަ ކަންކުރާނެ ގޮތެއް ލިޔެވި އަދި ކެޕެސިޓީ އިތުރުކުރެވިފައި އޮތުން މުހިންމެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ތެޔޮ ލީކްވެއްޖެ ނަމަ އެކަމާ ކުރިމަތިލުމުގެ ގާބިލްކަމެއް ރާއްޖެ އަށް ލިބިފައެއް ނުވެއެވެ.
ޕްރޮފެސަރު ބްރުސްޓާ ވިދާޅުވީ އޭގެ އިތުރުން ރާއްޖެ އޮތީ މަސްތުވާތަކެތި ދައުރުކުރާ ރޫޓެއްގައި ކަމަށާއި އަފްޣާނިސްތާނުން އިރުމަތީ އޭޝިޔާ އާއި އެ ނޫން ވެސް ގައުމުތަކަށް މަސްތުވާތަކެތި ގެންދަނީ ރާއްޖެ ސަރަހައްދު ހުރަސްކޮށް ކަމަށެވެ. އަދި ރާއްޖެ ޓްރާންސިޓެއްގެ ގޮތުގައި ބޭނުންކުރާ އިރު އޭގެ ތެރެއިން ކުޑަ މިންވަރެއްގެ ނަމަވެސް ރާއްޖެ އަށް އެތެރެވުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ
މީގެ އިތުރުން ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް މަސްވެރިކަންކުރާ ގައުމަކަށް ވިޔަސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް އުޅަނދުފަހަރު ވަދެ މަސްވެރިކަން ކުރުމުގެ ސަބަބުން މަހުގެ ސްޓޮކަށް އަސަރުކުރާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މިއީ އިއްޔެއަކު މިއަދަކު ރާއްޖެ އަށް އޮތް ގޮންޖެހުންތަކެއް ނޫނެވެ. މިކަންކަން ރާއްޖެ އަށް ކުރިމަތިވެފައިވާތާ އެތައް ޒަމާނެއް ވެއްޖެއެވެ. ނަމަވެސް މިހާތަނާ ޖެހެންދެން ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި ނުވަތަ އެކަށީގެންވާ ވަރަށް މައުލޫމާތު އެއްކުރެވި، ތައްޔާރުވެވިފައެއް ނުވެއެވެ. ޕްރޮފެސަރު ބްރުސްޓާ ވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ.
“ހިތާމައަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ކަންކަމާ ބެހޭ އެކަށީގެންވާ މައުލޫމާތު ލިބިފައި ނެތުން. އަލަށް އެކުލަވައިލެވޭ ސްޓެރެޖީގެ މައިގަނޑު އެއް މަގުސަދު އެއީ އެ މައުލޫމާތުތައް ހޯދައި އެކަމަށް ފިޔަވަޅު އަޅާނެ ގޮތްތައް ދެނެގަތުން،” ޕްރޮފެސަރު ބްރުސްޓާ ވިދާޅުވިއެވެ.
ރާއްޖެއަކީ އިންޑިއާ ކަނޑުގައި ވަކިން އެކަހެރިކޮށް އޮތް ގައުމަކަށްވުމުން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަކީ އެކަނިކުރެވޭނެ ކަމެއް ނޫނެވެ. އެވަރުގެ ވަސީލަތްތަކެއް ވެސް ނެތެވެ. ކެޕޭސިޓީ އިތުރުކުރަން ޖެހެއެވެ. އެކަމުގައި ބޭރުގެ އެހީތެރިކަން ހޯދަންޖެހެއެވެ. ހާއްސަކޮށް އަވަށްޓެރިންގެއެވެ.
އެކަމުގައި ގުޅުން ބަދަހިކޮށް ރަނގަޅު ވިއުގައެއް ގާއިމުކުރުމަށް ތަޖުރިބާކާރުން އަބަދު ވެސް ލަފާ ދެއެވެ. އެކަހެރިވުމަށް ވުރެ ގުޅުންތައް ބަދަހިކޮށްގެން ލިބޭ ފައިދާ ބޮޑުވާނެއެވެ. އަދި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ވެސް ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ހަރުދަނާ ވާންޖެހެއެވެ. އެކަމަށްޓަކައި މެރިޓައިމް ސްޓްރެޓެޖީއަކީ މުހިންމު ފިޔަވަޅެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑެވެ. އެހެންކަމުން ނުރައްކާވެސް ހީކުރާ ވަރަށް ވުރެ ބޮޑެވެ.