ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރުމަށްފަހު އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް ރިޓަޔަރ ކުރައްވައިފި

24 އޯގަސްޓް 2022 - 12:40

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު، 25 އޮގަސްޓް 2022 އިން ފެށިގެން ވަނީ މަގާމުން ރިޓަޔަރކުރެއްވުމަށް ނިންމަވާފައެވެ. މިވޭތުވެދިޔަ އަހަރުތަކުގައި އެޗްޑީސީއަށް ގިނަގުނަ ހިދުމަތްތަކެއް ސުހައިލް ވަނީ ކޮށްދެއްވާފައެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ސުހައިލް އަހުމަދު އެ ކޯޕަރޭޝަނާއި ގުޅިވަޑައިގަތީ 2001 ވަނަ އަހަރު ހުޅުމާލޭގެ ބިން ހިއްކުމާއި ތަރައްޤީ ކުރުމުގެ މަސައްކަތްތަކަށް ވަކި އިދާރާއެއް އުފެއްދުމާއި އެކުގައެވެ.

އެގޮތުން، ހުޅުމާލެއަށް 200 އާއިލާ އެންމެ ފުރަތަމަ އާބާދުވިއިރުވެސް ސުހައިލް ދިޔައީ އެ ކުންފުނީގެ އިސް މަގާމުތަކުގައި މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން، ސުހައިލް އަކީ ހުޅުމާލެއަށް މީހުން ވަޒަންވެރިވަމުން ދިޔައިރު، ރައްޔިތުންނަށް އިތުރު ބޯހިޔާވަހިކަމަށް ބޭނުންވާކަން ފާހަގަކުރެވި، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުންއައި ބޭފުޅެކެވެ. އަދި ބިޔޯންޑް ހުޅުމާލެގެ ނަމުގައި އަތޮޅުތަކަށްވެސް އެޗްޑީސީގެ ތަޖުރިބާ ގެންދިއުމުގެ މަސައްކަތްވެސް ވަނީ ފައްޓަވައި ދެއްވާފައެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް އެސް.އޯ.އީ އަކަށް އެޗްޑީސީ ވީއިރު، ސުހައިލްއަކީ ފާއިތުވެދިޔަ 4 ވެރިކަމުގައިވެސްއެޗްޑީސީގެ އިސް މަގާމުތަކެއް ފުރުއްވާ އެކޯޕަރޭޝަނަށް ގިނަގުނަ ޙިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ސުހައިލްއަކީ އެންމެނާއި ގުޅިގެން މަސައްކަތްކުރާ ހިތްހެޔޮ، މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެކެވެ. އެޗްޑީސީން ވަނީ މި ފުރުޞަތުގައި އެޗްޑީސީގެ އިސްވެރިންނާއި ހުރިހާ މުވައްޒަފުންގެ ނަމުގައި ކޮށްދެއްވި ޙިދުމަތްތަކާއި ބެހެއްޓެވި ގާތްކަމަށް ނިހާޔަތަށް ޝުކުރު ދަންނަވާފައެވެ.

ރިއެކްޝަންސް
1
0
0
0
0
0
0