ރިޕޯޓު: ގަދަ ދިހައެއް ހޮވުން: ހުއްޓާލަންޖެހޭ!
25 އޯގަސްޓް 2022 - 14:53
މި ދިރާސީ އާ އަހަރު ފެށުނު ދުވަހު އޮތް ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ދަރިވަރުންނާ މުހާތަބްކުރައްވައި ވާހަކައެއް ވިދާޅުވެދެއްވިއެވެ. މިއީ ކުރިން ވެސް އަޑުއަހައި އުޅުނު ވާހަކައެކެވެ. ވާހަކައިގައި ކިޔައިދެނީ ޖަންގަލީގައި އުޅުނު ކުދި ޖަނަވާރުތަކަށް ސްކޫލެއް ހުޅުވުމުން ދިމާވި ގޮތްތަކެވެ.
“މި ވީ ގޮތަކީ ފެތުމުގެ މުބާރަތުން މަހަށް އެއް ވަނަ ލިބުނުކަމުގައި ވިޔަސް އެ މަސް ހިނގުމުގެ އިމްތިހާނުން ފެއިލްވީ. ހިޔަޅަށް ދުވުމުން އެއް ވަނަ ލިބުނުކަމުގައި ވިޔަސް އުދުހުމުން ހިޔަޅުވީ ފެއިލް. ގަހަށް އެރުމުގެ ޓެސްޓުން ރާމާ މަކުނަށް އެއްވަނަ ލިބުނުއިރު ކުޑަކުޑަ އެތައް ގަހަށް އެރުމުން ލިބުނީ ހަމަ ސުމެއް. މި ގޮތަށް ގޮސް ހުރިހާ ޖަނަވާރެއް ވެސް އެ ސްކޫލުގައި ކިޔަވައިދިން ހުރިހާ މާއްދާ އިން ފާހެއް ނުވި،” މިނިސްޓަރު ވިދާޅުވިއެވެ.
ވާހަކަ އިތުރަށް ތަފްސީލްކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ނަތީޖާތައް ރަނގަޅުކުރުމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ޖަނަވާރުންގެ އެ ސްކޫލްގެ ނަތީޖާތައް އަހަރުން އަހަރަށް ދަށްވުމުން އެންމެ ފަހުން ޖެހުނީ ސްކޫލް ބަންދުކުރަން ކަމަށެވެ. އެ ދުވަހު މިނިސްޓަރު އެ ވާހަކަ ވިދާޅުވެދެއްވީ ހުރިހާ މާއްދާއަކުން ހުރިހާ ދަރިވަރުން މޮޅުނުވާނެކަން ދަރިވަރުންނަށް ވިސްނައިދެއްވުމަށްޓަކައެވެ.
“އެހެންކަމުން އެއްވެސް ކުއްޖެއް އެހެން ކުދިންނާ ވާދަކޮށްގެން މާބޮޑު ކުރިއެރުމެއް ނާންނާނެ. ކޮންމެ ކުއްޖެއް ވެސް ވިސްނަންވީ ކޮންމެ ކުއްޖެއްގެ ހުނަރާއި ގާބިލިއްޔަތާއި ކުޅަދާނަކަން އެކި ކަންކަމުގައި ތަފާތުކަން. އެ ކުއްޖެއްގެ ހަޔާތުގެ ކަންތައްތައް ދާނީ އެ ކުއްޖެއްގެ ތަބިއްޔަތާ އެއްގޮތަށް،” މިނިސްޓަރު އެ ދުވަހު ވިދާޅުވިއެވެ.
ގަދަ ދިހައެއް މިހާރު މި ހިތްވަރުދެނީ ދަރިވަރުން ޕްރެޝަރު ކުރުމުގެ ސަގާފަތަކަށް
ތައުލީމީ ސިޔާސަތު ބައްޓަންކުރެއްވުމުގައި އެންމެ އިސްދައުރެއް އަދާކުރަައްވާ ވަޒީރު ވިދާޅުވެދެއްވި މި ވާހަކައަކީ އިބުރަތުން ފުރިގެންވާ ވާހަކައެކެވެ. އެހެން ނަމަވެސް މި ވާހަކަ އިން އިބުރަތް ހާސިލްކުރަންޖެހޭ ބަޔަކީ ދަރިވަރުންނެއް ނޫނެވެ. މި ވާހަކައިން އެންމެ ބޮޑު އިބުރާތެއް ހާސިލްކުރަންޖެނީ ތައުލީމީ އޮނިގަނޑު އެކުލަވާލައި ނިޒާމު ބައްޓަންކޮށް ސިޔާސަތުތައް ކަނޑައަޅާ ވެރިންނާއި ސްކޫލްތަކުގެ މެނޭޖްމަންޓާއި ޓީޗަރުންނެވެ.
ނަމަވެސް ޒަމާނުއްސުރެ ރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަންވެފައި ވަނީ މިނިސްޓަރު ވިދާޅުވެދެއްވި “ޖަންގަލް ސްކޫލް”ގެ ސިސްޓަމަށެވެ. ސްކޫލްތަކުގައި ކިޔަވައިދެނީ ހުރިހާ ކުދިންނަކީ ވެސް މޮޅުވާންޖެހޭ ބައެއް ކަމުގައި ދެކިގެންނެވެ. މަތީ ވަނަތައް ހޯދުމަށް ސްކޫލްގެ މެނޭޖްމަންޓުންނާއި ޓީޗަރުންނާއި އަދި ބެލެނިވެރިން ވެސް ދަރިވަރުންނަށް ޕްރެސަރުކުރުން އިންތިހާ އަށް ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް މަތީ ފަންތިތަކުގައި ވާދަވެރިކަން އިންތިހާ އަށް ބޮޑުވެފައިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އޯލެވެލް އަދި އޭ ލެވެލްގެ “ޓޮޕް 10” އެވެ.
ގަދަ ދިހައެއް ހޮވުމުގެ” ޗަރުކޭސް” ރާއްޖޭގައި ފެށިގެން އައީ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅެވެ. އޭރު މަގުސަދަކަށްވީ ދަރިވަރުންގެ ނަތީޖާތައް ރަނގަޅުކުރުމަށް ހިތްވަރު ދިނުމާ އެކު ސަރުކާރުގެ އެހީގައި މަތީ ތައުލީމަށް ދަރިވަރުން ފޮނުވުމެވެ. އެހާތަނާ ޖެހެންދެން ސަރުކާރުގެ އެހީގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތަކީ ވަކި ބަޔަކަށް ނުވަތަ ވަކި އާއިލާތަކަކަށް ނުވަތަ އެއާއިލާތަކާ ގުޅުންހުރި ފަރާތްތަކަށް ނޫނީ ނުލިބޭ ނަސީބަކަށް އޮތީ ވެފައެވެ. އެހެންކަމުން ގަދަ ދިހައެއް ވީ އަދައިގެ ނިކަމެތި މީހާގެ ދަރިއަށް ވެސް މަތީ ތައުލީމު ހާސިލްކުރުމަށް ހުވަފެން ދައްކައިދިން ނިޒާމަކަށެވެ. ފުރަތަމަ ގަދަ ދިހައެއް ހޮވަން ފެށި އިރު އެ ލިސްޓުގައި ދިހަ ވަރަކަށް ދަރިވަރުން ވެސް ނުހިމެނެއެވެ.
ގަދަ ދިހައެއްގެ ފޯރި އާއި އެކު ސުކޫލުތަކުގައި ތަފާތުކުރުމުގެ ސިޔާސަތުތަކާއި ދަށު ގްރޭޑްތަކަށް އަޅާނުލެވުން
އަހަރުތައް ފާއިތުވިއިރު ގަދަ ދިހައެއްގެ ވާދަވެރިކަން ވަރަށް ބޮޑުވިއެވެ. އަދި އެ ނަތީޖާތަކަށް ބަލައިގެން ސްކޫލްތަކަށް ވަނަދޭން ފެށުމުން އެފަދަ ނަތީޖާތައް ނެރޭ ދަރިވަރުންނަށް ނޫނީ ފުރުސަތު ނުދިނުމުގެ ސިޔާސަތެއް ވެސް ބައެއް އަމިއްލަ ސްކޫލްތަކުން ގެންގުޅުނެވެ.
އެފަދަ ސްކޫލްތަކުން މަތީ ގްރޭޑްތަކުން ޖާގަ ދެނީ ހަމައެކަނި މޮޅެތި ދަރިވަރުންނަށެވެ. އަދި ސްކޫލްތަކުގެ ނަމުގައި އިމްތިހާނު ހެދެނީ ވެސް ފުރާނާލައިގެން ހޮވާ ވަކި ފެންވަރެއްގެ ދަރިވަރުންނަށެވެ. އަނެއް ބައި ދަރިވަރުން ބައިވެރިކުރުވަނީ އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައެވެ. ސަރުކާރުގެ ސްކޫލްތަކަށް ވެސް މީގެ އަސަރު ފޯރިއެވެ.
އެ ވާދަވެރިކަމުގައި ޖެހި ބައެއް ސްކޫލްތަކުގެ ފޯކަސް މުޅިން ވެސް އޯލެވެލް އިން ނަތީޖާ ރަނގަޅުކުރުމަށް އަނބުރައިލިއެވެ. އޭގެ ނަތީޖާއަކަށްވީ އޯލެވެލްގެ ގަދަ ދިހައެއްގައި ގިނަ ދަރިވަރުންތަކެއް ހިމެނުނު ނަމަވެސް ދަށު ގްރޭޑްތަކާ މެދު ފަރުވާކުޑަކުރެވި އެ ސިސްޓަމް ފެއިލްވުމެވެ. އެފަދަ ސްކޫލްތަކުގެ ނަތީޖާތައް މާ ގިނަ ދުވަހަކު ނުދެެމެހެއްޓެވެ. ދެތިން އަހަރެއްގައި ގަދަ ދިހައެއްގެ ކުރީގައި އޮތަސް ދަށު ގްރޭޑްތަކާ މެދު ވެވުނު އިހުމާލުން އެ ކުދިން މަތީ ގްރޭޑްތަކަށް އައި އިރު ނަތީޖާތައް ވީ ދަށެވެ.
ކުރިއާ ހިލާފަށް މިހާރު ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންގެ އަދަދު ގުނެނީ 100 އިންނެވެ. އެންމެ ފަހުން ބޭއްވި އިމްތިހާނުތަކަށް ބަލާއިރު އޯލެވެލްގެ ގަދަ ދިހައެއްގައި 750 އަށް ވުރެ ގިނަ ދަރިވަރުން ހިމެނުނެވެ. އަދި އޭލެވެލްގެ ގަދަ ދިހައެއްގައި 348 ދަރިވަރުން ހިމެނުނެވެ. އެއީ އެ ދެ އިމްތިހާނުގެ ވެސް 13 ވަރަކަށް ޕަސެންޓެވެ. އެހެންކަމުން މިހާރު ގަދަ ދިހައަކަށް އިނާމް ދިނުމަށް ބާއްވާ ޖަލްސާތައް ވެސް އިންތިހާ އަށް ބޮޑުވެގެން ދެ ރެއަށް ބަހާލަންޖެހޭ ފަހަރު ވެސް އާދެއެވެ.
ހުރިހާ މާއްދާއަކުން މޮޅު ނުވިޔަސް ބުރަ މަސައްކަތް ކުރާ ދަރިވަރުންނަށް ބޮޑު ބޭއިންސާފެއް
އަނެއްކޮޅުން ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންނަށް އިނާމް ދިނުމުގައި ވެސް މިހާރު ވަނީ ސަރުކާރަށް ނުކަތާ ވަރަށް ގޮަސްފައެވެ. މީގެ ކުރިން ގަދަ ދިހައެއްގައި ހިމެނުނު ހުރިހާ ދަރިވަރުންނަށް ސްކޮލާޝިޕްތައް ދިން ނަމަވެސް އެކަން ފަހުން ބަދަލުވީ ހަމައެކަނި އެއް ވަނަ ހޯދާ ދަރިވަރުންނަށް ދޭ ގޮތަށެވެ.
ނަމަވެސް އެ އަދަދު ވެސް އަހަރުން އަހަރަށް އިތުރުވާން ފެށުމުން އެއް ވަނަ ހޮވާ ގޮތް ބަދަލުކޮށް ހަމައެކަނި މާއްދާތަކުން އޭ ސްޓާ ހޯދާ ދަރިވަރުންނަށް އެ ވަނަ ދޭ ގޮތަށް ހަމަޖެއްސިއެވެ. އެހެންނަމަވެސް މިއީ ވެސް މިކަން ކުރެވޭނެ ގޮތެއް ނޫނެވެ. އޭ ސްޓާ ހޯދާ ދަރިވަރުންގެ އަދަދު ވެސް އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުން އިމްތިހާނުތަކުގެ ގަދަ ދިހައެއް ހޮވުމަކީ ބުރަ މަސައްކަތްކުރާ އެތައް ދަރިވަރުންނަކަށް ވެވޭ ބޭއިންސާފެކެވެ. ކޮންމެ ކުއްޖަކު ހުރިހާ މާއްދާ އިން މޮޅު ކުދިންނަށް ނުވުމުން އެ ކުދިން ބާކީވާ ގޮތަށް ކަންކަން ފާހަގަކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.
“ހުރިހާ ކުދިންނަކީ މޮޅު ކުދިންނެއް ނޫން. ވަރަށް ބުރަކޮށް މަސައްކަތްކުރާ ދަރިވަރަކަށް ވެސް ހަމަ ގަދަ ދިހަޔަކުން ފުރުސަތު ނުލިބިދާނެ. ނަމަވެސް ގަދަ ދިހަޔަކުން ފުރުސަތު ނުލިބުމުން އޭނާ ކުރި މަސައްކަތް އެއީ ބޭކާރު މަސައްކަތެކޭ ހީވާ ދަރަޖައަށް ކަންކަން އެބަ ދޭ. ބައެއް ސްކޫލްތަކުގައި ކިޔެވުމަށް ދަށްކުދިންނާ މެދު ވަރަށް އިހާނެތިކޮށް އެބަ ކަންކުރޭ،” ބެލެނިވެރިއަކު ހިޔާލު ފާޅުކުރިއެވެ.
ތަޖުރިބާކާރުން މިކަމާ މެދު ދެކެނީ ކިހިނެއް؟
ތައުލީމީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ގަދަ ދިހައެއް ހޮވައި އިނާމް ދިނުމުގެ ބަދަލުގައި ކޮންމެ ދަރިވަރަކަށް ވެސް ފުރުސަތު އޮންނަ ގޮތަށް މަތީ ތައުލީމުގެ ނިޒާމު ބައްޓަންކުރުން މާ ރަނގަޅު ކަމަށެވެ. އަދި މިހާރު ހުރި ފުރުސަތުތަކަށް ވުރެ ވެސް ގިނަ ފުރުސަތުތައް ތަނަވަސްކުރުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
“ހަމަ އެކަނި ވަކި ކުދިންތަކަކަށް ފުރުސަތުތައް ދިނުމުގެ ބަދަލުގައި ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖަކު ކުރިއަށް ދާން ބޭނުންވާ ރޮނގަކުން ކުރިއަށް ދާނެ ފުރުސަތު ތަނަވަސްކޮށްދޭންވީ. ސްކޮލާޝިޕްތަކާއި ކިޔެވުމުގެ ފުރުސަތަކީ ހަމައެކަނި މޮޅެތި ކުދިންނަށް އޮންނަ ކަމަކަށް ނުހަދައި، އެ ކުއްޖަކު ކިޔަވަން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދެވޭނެ މަގު ފަހިކުރުން މާ ރަނގަޅުވާނެ. މިސާލަކަށް މިހާރު ސަރުކާރުން ތައާރަފްކޮށްފައިވާ ލޯނުގެ ފުރުސަތުތަކާއި ހިލޭ ޑިގްރީ ޕްރޮގްރާމަކީ ފާހަގަކޮށްލެވޭ ކަންކަން. އެ ފުރުސަތުތައް އަދިވެސް ތަނަވަސްކުރަންވީ،” އޭނާ ވިދާޅުވިއެވެ.
ސްކޫލްތަކުގެ މެދުގައި ވާދަވެރިކަން އުފެއްދިއްޖެއެވެ. މޮޅު ކުދިންނަކީ ހަމައެކަނި ހުރިހާ މާއްދާއަކުން ވަނަތައް ހޯދާ ކުދިން ކަމަށް ބަލައިގެން އުނގަންނައިދިނުމުގެ ނިޒާމު މިހާރު ބަދަލުވެއްޖެއެވެ.
ކުޅިވަރުގެ ރޮނގުންނާއި ހުނަރުވެރިކަމުގެ ރޮނގުން ވެސް ކުރިއަށް ދެވޭނެކަން ދަރިވަރުން އެ ދަނީ ސާބިތުކޮށްދެމުންނެވެ. އެހެންކަމުން ގަދަ ދިހަޔަކަށް ބާރު އެޅުމުގެ ބަދަލުގައި ދަރިވަރުންގެ ހުނަރުތައް ތަރައްގީކޮށް ކުރިއެރުވޭނެ ގޮތައް ހޯދައި ފުރުސަތުތައް ތަނަވަސްކުރުން މާ މުހިންމެވެ. ގަދަ ދިހައެއް ހޮވުމަށް ބާއްވާ ބޮޑު ހަފުލާއަށް ހަރަދުކުރުމުގެ ބަދަލުގައި އެތައް ދަރިވަރުންނަށް މަތީ ތައުލީމު ހާސިލްކުރުމަށް ފުރުސަތު ހޯދައިދިނުން މާ ރަނގަޅުވާނެއެވެ.
މިނިސްޓްރީންނާއި ސްކޫލްތަކުގެ މެނޭޖްމަންޓުންނާއި ޓީޗަރުން އަދި ބެލެނިވެރިން ދަރިވަރުންނަށް ކުރާ ޕްރެސަރު ހުއްޓާލަންޖެހެއެވެ. “އިންކްލޫސިވް” ސިސްޓަމެއްގެ ދަށުން ކިޔަވައިދޭ ކަމަށް ބުނެފައި ގަދަ ދިހައަކާ ހަމައަށް ދިއުމުން ވަކި ބަޔަކު ބާކީވާ ގޮތް އިހްސާސްކުރެވޭ ނަމަ އެއީ އެ ސިސްޓަމާ ހިލާފަށް ކުރެވޭ ކަމެކެވެ. ކިޔަވައިދޭންވީ މިނިސްޓަރު ވެސް ވިދާޅުވި ގޮތަށް ކޮންމެ ކުއްޖެއްގެ ހުނަރާއި ގާބިލިއްޔަތާއި ކުޅަދާނަކަން އެކި ކަންކަމުގައި ތަފާތުކަން ދަނެގެންނެވެ.