ރިޕޯޓު: ބިދޭސީ އާބާދީގެ ވާހަކަ

28 އޯގަސްޓް 2022 - 11:49

އެތަކެއް އަސާސީ އިންސާނީ ހައްގުތަކަކުން މަހުރޫމު ކޮށް “މަޖުބޫރީ” ހާލަތުގައި ބިދޭސީން ބައިތިއްބައިގެން އެމީހުން ލައްވައި ކުޑަ އުޖޫރައަށް ބުރަ މަސައްކަތް ކުރުވާ މައްސަލަ އަށް ހައްލު ހޯދައިގެން މެނުވީ ބިދޭސީން “ގިނަވާ” މައްސަލައަށް ހައްލެއް ނުލިބޭނެއެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ އެކި ސިނާއަތްތަކުގައި އުޅެން ފަށާފައިވަނީ ނުވަދިހައިގެ ކުރީކޮޅު ފެށުނު ލަގްޒަރީ ޓޫރިޒަމާއި ހަމައިންނެވެ. ރިޒޯޓުތައް އަވަހަށް ނިންމުމުގެ ބޭނުމުގައި، އަދި ކުޑަ އުޖޫރައަށް މަސައްކަތްކުރުވުމުގެ ބޭނުމުގައި އެހިސާބުން “ޗީޕް ލޭބާ” ނުވަތަ އަގުހެޔޮ މަސައްކަތްތެރިން އެމީހަކަށް ގެނެވުނު މަގަކުން ގެނެވެން އޮތް ގޮތަކަށް ގެންނަން ފެށީއެވެ.

advertisement

ކޮންމެ އަހަރު ބިދޭސީންގެ އާބާދީ 10% އިރުތު ވަމުން ދާނެ ކަމަށް އަންދާޒާ ކުރެވޭ | މަސްދަރު: ޔޫ.އެން.އެފް.ޕީ

އޭގެ ކުރިން ރާއްޖޭގައި އިމާރާތް ކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އައީ ދިވެހި ގްރޫޕްތަކުންނެވެ. އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑުތަކުން ފެންނަ ގޮތުގައި މިވަގުތު ރާއްޖޭގައި 281,000 ބިދޭސީން އެބަތިއްބެވެ. މި ހިސާބުތަކަށް ނުވަދެ އެތަކެއް ބިދޭސީން ތިބޭނެ ކަމަށް ލަފާކުރެވެއެވެ. ރާއްޖޭގެ ބޯހިމެނުމުގައި ރަސްމީކޮށް ބިދޭސީންގެ ބޯ ހިމަނަން ފަށާފައިވަނީ 2014 ވަނަ އަހަރުގައެވެ.

ބިދޭސީން ލައްވައި މަސައްކަތް ކުރުވުން – ފައިދާ ވަނީ ކޮންބަޔަކަށް؟

ބިދޭސީން ރާއްޖެއަށް ގެނައުން ބޮޑު ވިޔަފާރިއަކަށް ބަދަލުވެ، މިކަމުގެ ސަބަބުން މަދު ބަޔަކު މުއްސަނދި ވެފައިވާ ކަމަކީ ހަގީގަތެވެ. ނަމަވެސް ބިދޭސީން އަތުން ކޮމިޝަން ނެގުމަކީ ގާނޫނަކުން މަނާ ކަމެއް ނޫން ކަމުން، މިކަމުން މަދު ބަޔަކު މުއްސަނދިވަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ.

ބިދޭސީން އެތެރެ ކުރުން އޮންނަ ގޮތް

މަސައްކަތެއް ހޯދުމަށް މަޖުބޫރުވާ މަސައްކަތްތެރިއާ ރާއްޖެ އަށް އަންނަނީ ރާއްޖޭގެ އެޖެންޓަކާއި އެމީހާގެ ގައުމުގެ އެޖެންޓަކާއި ސަރުކާރާއި ގުޅިގެންނެވެ. ސަރުކާރުން ދެނީ ކޯޓާއެކެވެ. މިސާލަކަށް، ރިޒޯޓެއްގެ ކޮންސްޓްރަކްޝަން މަސައްކަތަށް 1000 ބިދޭސީން އެތެރެ ކުރުމަށް ބޭނުންވެއްޖެ ނަމަ އެ ކުންފުނިން ކޯޓާއަށް އެދެއެވެ. އިމިގްރޭޝަނުން ކޯޓާ ދޫކުރުމުން، ދެ ގައުމުގެ ދެ އެޖެންޓުގެ މަސައްކަތްފަށައެވެ. މަސައްކަތްތެރިން ރާއްޖެއަށް އައުމަށްޓަކައި، ކޮންމެ މީހަކު 6000 އާއި 12000 ދޭތެރޭގެ އަދަދަކަށް ޑޮލަރު ހޭދަކުރަން ޖެހެއެވެ.

ބިދޭސީން އަތުން ކޮމިޝަން ނެގުމާއި ބިދޭސީން އެތެރެ ކުރުމުން މަދު ބަޔަކު މުއްސަނދިވަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެ

ހާހަކަށް މީހުންގެ ކޯޓާ އެއް ނަމަ، އެ ކޯޓާގެ ދަށުން 6 މިލިޔަން ޑޮލަރާއި 12 މިލިޔަން ޑޮލަރާއި ދެމެދުގެ އަދަދަށް ފައިސާ ލިބެއެވެ. މި ފައިސާ ބެހިގެން ދަނީ މަސައްކަތްތެރިޔާގެ ގައުމުގެ އެޖެންޓަށާއި، ރާއްޖޭގެ އޭޖެންޓަށާއި، ކޯޓާ ދޫކުރާ މީހާއަށާއި، ބިދޭސީ މަސައްކަތްތެރިންގެ ލިޔެކިޔުން ދޫކުރާ ފަރާތްތަކަށާއި ދެންވެސް ކަމާއި ބެހޭ އިދާރީ މަސައްކަތްތައް ކުރަން ތިބޭ ފަރާތްތަކަށެވެ. މީގެތެރޭގައި ހެލްތް ކްލިއަރެންސް ދޫކުރާ ހެލްތް ޕްރޮފެޝަނަލްސް ވެސް ހިމެނެއެވެ.

ފައިދާ ބޮޑުކުރުމަށް ބިދޭސީ މުވައްޒަފުންނަށް ދިރިއުޅުމުގެ އަސާސީ ފެންވަރުވެސް ނުދޭ

މަސައްކަތުގެ އަގު ކުޑަ ކުރުމަކީ ވީ އެންމެ ބޮޑު މިންވަރަކަށް ވިޔަފާރި ފައިދާ ހޯދުމަށްޓަކައި ވިޔަފާރިތަކުން އިސްކަންދޭ ކަމެކެވެ. ޕެންޝަން ފައިސާ ނުދިނުމާއި، ސާވިސްޗާޖު ނުދިނުމާއި، ކެއުމާއި ނިދުމަށް ވީ އެންމެ ކުޑަ ވަރެއް ހޭދަކުރުމުގެ ގޮތުން އިންސާނުން އުޅެން ކަމުނުދާ ފަދަ ތަންތަނުގައި މަސައްކަތްތެރިން ނިންދެވުމާއި، ކާބޯތަކެތި ދިނުމުގައި މަސައްކަތްތެރިންގެ ދުޅަހެޔޮކަމަށް އެއްވެސް މިންވަރަކަށް ނުބެލުމާއި، ކުޑަ އުޖޫރަދިނުން އަދި އެކަކު ލައްވައި ދެ މީހުންގެ މަސައްކަތް ކުރުވުމަކީ ލޭބާ ކޮސްޓް ނުވަތަ މަސައްކަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ކުންފުނިތަކުން ކުރާ ކަންކަމެވެ.

އެހެން ކަމުން، މަދު ބަޔަކަށް މިކަމުން ބޮޑު ފައިދާ ނެގޭ ގޮތަށް އޮންނަހާ ހިނދަކު ބިދޭސީން ވަގަށް އެތެރެކޮށް އެމީހުންގެ ނާޖާއިޒު ފައިދާ ނެގުން ގިނަވާނެއެވެ. އެ އާބާދީވެސް ދާނީ ބޮޑުވަމުންނެވެ.

ކޮވިޑް ތެރޭ ބިދޭސީން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުން | ފޮޓޯ: އެމް.ޕީ.އެލް

މަސައްކަތު މާހައުލުގައި ނުރައްކަލަށް ހުށައެޅިގެން މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފަދަ ނިޒާމެއް އަދިވެސް ރާއްޖޭގައި ނެތެވެ. މި ދައްކަނީ ބިދޭސީ މަސައްކަތްތެރިންގެ ތެރޭގައި ހިމެނޭ އެންމެ ނިކަމެތި މީހުންގެ ވާހަކައެވެ.

އެއީ ދަރަނިވެރިވެގެން، ގެދޮރު ނުވަތަ އާއިލާގެ މީހަކު ރަހުނުކޮށްފައި ފައިސާ ހޯދައިގެން ވަޒީފާ ހޯދަން އަންނަ މީހުންނެވެ. އަނބުރާ ގައުމަށް ގޮސްފި ނަމަ މަސައްކަތެއް ނުލިބި ބަނޑަށް މަރުވާނެ ފަދަ ނިކަމެތިންނެވެ. ނުވަތަ ދަރަނި ނުދެއްކިގެން ބޯހިޔާވަހިކަން ގެއްލި މަގުމަތިވުމުގެ ފުރުސަތު ބޮޑޮ މީހުންނެވެ. ކިތަންމެ ބުރަކޮށް، ކިތަންމެ ނުރައްކަލުގައި ކިތަންމެ ގިނަ ވަގުތަކުވިޔަސް މަސައްކަތް ކުރަން މަޖުބޫރުވެފައި ތިބި އިންސާނުންތަކެއް މިގައުމުގައި އެ އަޅުވެތިކަމުގައި ތިބި އިރު، މައްސަލައެއްގެ ގޮތުގައި އެ އިންސާނުން ފެނިފައި، އެމީހުންގެ ހައްގުތަކުން މަހުރޫމުކުރުވި މީހުންގެ ވާހަކަ ދެކެވޭ ވަރު މަދީ ކީއްވެބާއެވެ؟

އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ އެދެވޭ ނަތީޖާއެއް ނުލިބޭ

ބިދޭސީން އެތެރެކޮށް، ނާޖާއިޒުފައިދާ ހޯދާ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ފަށާފައިވާ ރީ-ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން 43000 ބިދޭސީން (އަލުން ލިޔެކިޔުން ހަމަކޮށް) ރަޖިސްޓަރީ ކޮށްފައިވެއެވެ.  އޭގެ ތެރެއިން 24000 މީހުން ވަނީ އަމިއްލައަށް އެދިގެން ސަރުކާރުގެ ހަރަދުގަ އާއި އަމިއްލަ ހަރަދުގައި އެ މަސައްކަތްތެރިންގެ ގައުމަށް އަނބުރާ ގޮސްފައެވެ.

ރީ ރެގިއުލަރައިޒޭޝަން ޕްރޮގްރާމާއި އެކު ސަރުކާރުން ވަނީ ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް ގެނައުން މަނާކޮށްފައެވެ. ނަމަވެސް ޓޫރިސްޓު ވިޒާގައި ބަންގްލަދޭޝް މަސައްކަތްތެރިން އަދިވެސް ރާއްޖެއަށް އެތެރެކޮށް، ނާޖާއިޒުފައިދާ ހޯދާ ވިޔަފާރިވެރިން ނުހުއްޓުވެއެވެ.

ތާޑް ޕާޓީ މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންގެ ނާޖާއިޒު ފައިދާ ނެގުން ނުހުއްޓުވޭ | ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު

ވަކިވަކި މަސައްކަތްތެރިންނަށް ވަޒީފާ ދިނުމުން ވަޒީފާދޭ ފަރާތަށް މަތިވާ ޒިންމާތަކާއި ހަވާލުނުވުމުގެ ގޮތުން، ރިޒޯޓުތަކުންނާއި އެހެނިހެން ފަރާތްތަކުންވެސް މަސައްކަތްތަކަށް މީހުން ނެގުމުގެ ބަދަލުގައި ތާޑްޕާޓީ ކޮންޓްރެކްޓަރުންނާ މަސައްކަތް ހަވާލުކުރުމަކީ އާއްމު ކަމެކެވެ. އެހެންކަމުން ރިޒޯޓުތަކުގެ ގާޑެނިން މަސައްކަތާއި، ލޭންޑް ސްކޭޕިން، އަދި ކުނި ނައްތާލުމުގެ މަސައްކަތްތަކަކީ މިހާރު ކޮންޓްރެކްޓް އުސޫލުން އެކި ފަރާތްތަކަށް ދޭ މަސައްކަތްތަކެވެ.

މިފަދަ މަސައްކަތް ނަގާ ކުންފުނިތަކަކީ ދުވަހު މުސާރައަށް ބިދޭސީން “ވިއްކާ” ކުންފުނިތަކެވެ. މިއީ ވެސް ބިދޭސީ މަސައްކަތްތެރިންގެ ނާޖާއިޒު ފައިދާ ނަގާ އެއްގޮތެވެ. ސަރުކާރުގެ އިދާރާތަކުންވެސް މިފަދަ ކޮންޓްރެކްޓަރުންނަށް މަސައްކަތް އެވޯޑްކުރެއެވެ. މަސައްކަތް ކުރާ މީހުންނަކީ އެކްސްޕްލޮއިޓޭޝަންގެ ތެރެއިން އަންނަ ބައެއްތޯ ބެލުމެއް ނެތިއެވެ. އާ އުސޫލުތަކާއި ގަވާއިދުތައް ގިނަވިއެއް ކަމަކު މި މަސައްކަތްތެރިންނަށް ރައްކާތެރިކަމެއް ނެތެވެ. ވިޔަފާރިވެރިން އަންނަނީ އެކި ބާގަނޑުތަކުގެ ތެރެއިން ނާޖާއިޒުފައިދާ ހޯދަމުންނެވެ.

ސައުތު އޭޝިއާގެ އެކި ގައުމުތަކުގެ އަންހެނުން ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް އެތެރެކުރުމަށްފަހު، އޮޅުވާލައިގެން “ސެކްސް އެކްސްޕްލޮއިޓޭޝަންގެ” ތެރެއަށް ވައްދާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިއަހަރު ނެރެފައިވާ ޓްރެފިކިން އިން ޕާސަން ރިޕޯޓުގައި ވެއެވެ. މި ރިޕޯޓުގައި އިތުރަށް ފާހަނގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިއުމަންޓްރެފިކިން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެ ކުޑަ މިންވަރަށް ވެސް ރާއްޖޭގެ ސަރުކާރުން މަސައްކަތް ނުކުރާކަން ހިމެނެއެވެ.

އަދި، ލޭބާ ރިލޭޝަންސް އޮތޯރިޓީގެ މެންޑޭޓުގައިވާ “ބިދޭސީންގެ ކަންކަން ބެލުމަށް” އެލްއާރްއޭ ގަ ހުންނަން ޖެހޭ ކެޕޭސިޓީ ނެތް ކަމާއި، މުވައްޒަފުން ޓްރެއިން ވެފައި ނެތްކަން ވެސް ފާހަނގަކޮށްފައި ވެއެވެ.

އާންމުން ބިދޭސީންނާއި މެދު ދެކޭ ގޮތް ބަދަލު ނުވާ ހިނދު ހާލަތެއް ބަދަލެއް ނުވާނެ

އާއްމުންގެ ވިސްނުމަކީ ގާނޫނަކުން ގަވާއިދަކުން ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. ބިދޭސީ މަސައްކަތްތެރިންގެ ތެރޭގައި ތިބި ލޭބަރުން ނުވަތަ އެންމެ ދަށް މުސާރައަށް، ނަފްސަށާއި ހަށްޓަށް އެންމެ ބުރަ މަސައްކަތް ކުރާ މަސައްކަތްތެރިންނާއި މެދު އާއްމުން ދެކޭ ގޮތް ބަދަލު ނުވާހާ ހިނދަކު، އެމީހުންގެ ނާޖާއިޒު ފައިދާ ނަގާމީހުންނަށް ހިތްވަރުލިބޭނެ އެވެ.

އިންސާނަކަށް ވީތީވެ ތިމާއަށް އަރާމުކުރުމާއި، ރަނގަޅު އުޖޫރައާއި، އާއިލީ ދިރިއުޅުމާއި، ދުޅަހެޔޮކަން ހައްގުވާ ކަމަށް ދެކޭ ފަދައިން، ކޮންމެ ގައުމަކަސް، ކޮންމެ މަސައްކަތެއް ކުރިޔަސްވެސް ހުރިހާ އިންސާނުންނަކީ ވެސް ހަމަހަމައަށް އިންސާނީ ހައްގު ކަށަވަރުވާން ޖެހޭ ބައެއް ކަން ގަބޫލުނުކުރާ މީހުން މި މުޖުތަމައުގައި ގިނައެވެ.

ބިދޭސީން ގިނަވަނީ ބާރުގަދަ ނުފޫޒުގަދަ މަދު ބަޔަކު އެ މީހުންގެ ނާޖާއިޒު ފައިދާ ހޯދާތީ | ފޮޓޯ: އެމް.ވީ.ޕްލަސް

ބާރާއި ނުފޫޒު ހުރި މީހުން ހިންގާ އިންސާނީ ވަގުފާރި އާއި އިންސާނުން އަޅުވެތި ކުރުމުގެ ވިޔަފާރިތަކަކީ މައްސަލައެއް ކަމުގައި ގަބޫލު ކުރެވިގެން މެނުވީ، ބިދޭސީން ގިނަ ވުން ވެސް ނުހުއްޓުވޭނެއެވެ. ބިދޭސީން ގިނަވަނީ ބާރުގަދަ ނުފޫޒުގަދަ މަދު ބަޔަކު އެ މީހުންގެ ނާޖާއިޒު ފައިދާ ހޯދާތީއެވެ. އެއީ އިންސާނީ ހައްގަކީ އެންމެނަށް ހަމަހަމަ އަށް ލިބެން ޖެހޭ ހައްގެއް ކަމުގައި އެމީހުން ނުދެކޭތީވެއެވެ.

އެކަމާއި ދެކޮޅު ހަދާނެ އެހެން އިންސާނުން ނެތީމައެވެ. ހުރިހާ މަސައްކަތްތެރިން މިނިވަންވެ، ހަމަހަމައަށް ހައްގުތައް ލިބެން ފެށުމަކީ، ވަކި ބަޔަކަށް ނިކަމެތިކަން ދެވޭނެ މަގު ބަންދުވާނެ ދުވަހެވެ. ބިދޭސީ މަސައްކަތްތެރިންގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓޭނީވެސް އެދުވަހަކުންނެވެ. އެ އާބާދީ މިގައުމުގައި މިހާރު މަތިވެފައިމިވާ މިންވަރު ކުޑަވާނީ ވެސް އެ ދުވަހަކުންނެވެ.

ރިއެކްޝަންސް
0
0
0
1
0
1
1