ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ދިފާއީ ބާރުގައި މަސައްކަތްކުރުން މަޖުބޫރުކުރަން ފެނޭތަ؟

30 އޯގަސްޓް 2022 - 10:01

ފުރާވަރުގެ ކުދިންނާއި އަދި ޒުވާނުންގެ މެދުގައިވެސް މިހާރަކަށް އައިސް ޖިސްމާނީގޮތުން ދުޅާހެޔޮ ބަޔަކަށް ވާން މާބޮޑު މަސައްކަތަކެއް ކުރެވޭ ތަނެއް ނުފެނެއެވެ. ޒުވާނުންނާއި ފުރާވަރުގެ ކުދިން ހެލިފެލިވެ އުޅޭ މިންވަރު ވަނީ ވަރަށް ބޮޑަށްވެސް މަދުވެފައެވެ. މިހެން ދެންނެވި ނަމަވެސް މީގެތެރޭގައިވެސް ޖިސްމާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ޤަވައިދުން ކަސްރަތުކުރާ މީހުންވެސް އުޅެއެވެ. ނަމަވެސް ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ހެލިވެލިވެ އުޅުމާއި ޤަވައިދުން ކަސްރަތުކުރުމަކީ ޒުވާނުންގެ މެދުގައި ކުރިއަރުވަން ޖެހިފައިވާ ކަމެކެވެ.

ސޯސަލް މީޑިއާގައި މިކަމާއި ގުޅޭގޮތުން އެކިއެކި މީހުން ޙިޔާލު ދަނީ ފާޅުކުރަމުންނެވެ. އެގޮތުން މީހަކު ފާޅުކޮށްފައިވާ ޙިޔާލެއްގައި ބުނެފައިވަނީ ސިއްހަތު ރަނގަޅު އަލި ހެލިފެލިވެ އުޅޭ ޖިސްމާނީގޮތުން ރަނގަޅު ޖީލެއް ބިނާކުރުމަށް ކުރަންވީ ކަމަކީ ސުކޫލް ނިންމާ ނިކުންނަ ޒުވާނުންނަށް 2 އަހަރު ދިފާއީ ބާރުގައި މަސައްކަތްކުރަންޖެހޭގޮތައް ކަނޑައެޅުންކަމަށެވެ. އެއިރުން އަހަރެމެން ބޭނުންވާފަދަ ދުޅަހެޔޮ ޖީލެއް ބިނާވެގެންދާނެކަމަށް ވަނީ ބުނެފައެވެ.

މި ޙިޔާލަށް ތާއީދުކޮށް ގިނަ ބަޔަކު ވަނީ އެމީހުންގެ ޙިޔާލު ފާޅުކޮށްފައެވެ. އެގޮތުން ބައެއް މީހުން ބުނެފައިވަނީ މިއީ ވަރަށް ރަނގަޅު ކަމެއްކަމުގައެވެ. ނަމަވެސް ގިނަ ބަޔަކު ބުނެފައިވަނީ 2 އަހަރުގެ ބަދަލުގައި 1 އަހަރު މިގޮތައް މަސައްކަތް ކުރުމަކީ ދުޅާހެޔޮ ޖީލެއް ބިނާކުރެވިދާނެ ކަމެއްކަމަށެވެ. އަދި މިއީ ކުއްޖާގެ އަޙްލާޤީ ފެންވަރު ރަނގަޅު ވެގެންދާނެކަމެއްކަމުގައިވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

މިކަމާއި ދެކޮޅަށްވެސް ބައެއް މީހުން ވަނީ ޙިޔާލުފާޅުކޮށްފައެވެ. އެގޮތުން މިއީ ބުރަދަނެއްނެތް ހިޔާލެއްކަމަށްވެސް ބައެއް މީހުން ވަނީ އެއްބަސްވެފައެވެ. އަދި ދިފާއީ ބާރުގައި މަސައްކަތް ކުރުމަކީ ބުނެލާހާ ފަސޭހަކަމެއް ނޫންކަމާއި އެއީ ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުންވެސް މީހާއަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމެއްކަމަށް ވަނީ ބުނެފައެވެ. ދިފާއީ ބާރުގައި މަސައްކަތްކުރަން މަޖުބޫރުކުރުމުގެ ބަދަލުގައި ސްކޫލްތަކުގައި ކުދިން ބައިވެރިވުން މަޖުބޫރުކޮށްގެން ކުޅިވަރުގެ ހަރަކާތްތައް ހިންގުން މާ ރަނގަޅުވާނެކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

ރިއެކްޝަންސް
0
4
0
0
0
0
1